28 Jan 2018

މޭނާ ހައްސާނަށް ލަވަކިޔުން ހުއްޓާނުލެވުނީ ކީއްވެ؟

އަލުން ލަވަކިޔުނީތީ ހައްސާނު ހުރީ ވަރަށް ދެރަވެފައި. އޭނާ ބުނަނީ ސްޓޭޖުން ފޭބިތަނުން އެއްފަޅިން ވާގި ވެސް ނެތިއްޖެ ކަމަށް.

އަލުން ލަވަކިޔުނީތީ ހައްސާނު ހުރީ ވަރަށް ދެރަވެފައި. އޭނާ ބުނަނީ ސްޓޭޖުން ފޭބިތަނުން އެއްފަޅިން ވާގި ވެސް ނެތިއްޖެ ކަމަށް.

By: Ahmed Nadym

މޭނާ ހައްސާނަކީ ދިވެހި މިއުޒިކީ އިސްޓޭޖުގައި ނެތް ވަރުގެ ބޮޑު ލެޖެންޑެކެވެ. ދިވެހި އޮރިޖިނަލް މިއުޒިކަށް ފަހުރުވެރިވާ އެންމެން ވެސް އެދެނީ ހައްސާނު އެގޮތުގައި ކުރިއަށް ދާށެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް، ކޮންމެވެސް ސަބަބަކާ ހެދި އޭނާ ލަވަ އާއި މިއުޒިކާ ދުރަށް އަމިއްލަ އަށް ދަނީ އެވެ. އެކަމަކު އެ ބާރު މިނުގައި ކޮންމެފަހަރަކު އަލުން އެނބުރި ވެސް އާދެ އެވެ. މި ސުވާލެއް އުފެދޭ ހިސާބަކީ މިއީ އެވެ. – މޭނާ ހައްސާނަށް ލަވަކިޔުން ހުއްޓާނުލެވުނީ ކީއްވެ ހެއްޔެވެ؟ އަމިއްލަ އަށް އެވަރަށް އެކަން ކުރަން ބޭނުންވެ މަސައްކަތްކުރާއިރު ވެސް، ކުރީގެ މަޝްހޫރު އެހެން ލަވަކިޔުންތެރިން ފަދައިން ލަވަ އާއި މިއުޒިކާ ދުރަށް އޭނާ އަށް ނުދެވުނީ ކީއްވެގެން ހެއްޔެވެ؟

އަލީ ރަމީޒާއި އެ އާއިލާއިން ދެން އެންމެ ގަދަ އަށް ވިދައި ބަބުޅަމުން ދިޔަ އިބްރާހިމް ރަމީޒު ވެސް ލަވަ ކިޔުން ހުއްޓާލާފައި ލަވައިގެ ދުނިޔެ އަށް އަލްވަދާއުކީ އެވެ. އަބްދުލްބާރީ އާއި ޓްރިއޯ އަލީ ޝިފާއު ވެސް ލަވައިގެ ދުނިޔެއާ ދުރަށް ދިޔަ ގޮތަށް އެގޮތުގައި އަދިވެސް ދެމިތިބީ އެވެ. މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. އެކަމަކު މޭނާ ހައްސާނު ވެފައި ވަނީ މި ލިސްޓަށް އަރައި ގެއްލޭ، އަބަދުވެސް އަލުން ސްޓޭޖަށް އެނބުރި އަންނަ ނަމަކަށެވެ. އެގޮތުން އޭނާ އެންމެފަހުން، ވައުދާ ހުވާތައް އުވާލުމަށް ފަހު ލަވަކިޔުންތެރިއެއްގެ ގޮތުގައި އަނެއްކާވެސް އެނބުރިއައީ މި އަހަރުގެ އާ އަހަރުގެ ބޮޑު ޝޯގެ ތެރެއިންނެވެ.

މޭނާ ހައްސާނުގެ އިލަސްޓްރޭޝަން: ލަހޫ

މި އެނބުރި އައުމަށް އެއްބަޔަކު ފާޑުކީއިރު މޭސާ ހައްސާނު މިސްވެގެން އުޅުނު ގިނަ ބަޔަކު އޭނާގެ އެނބުރި އައުމަށް ތައުރީފުކޮށް އަތްޖަހައި ފިނިފެން މައު އުކި މަންޒަރު ވެސް ފެނިގެން ދިޔަ އެވެ. އެކަމަކު މީގައި ފާހަގަކޮށްލަން ޖެހޭ ވަރަށް މުހިންމު އެއް ކަމެއް އެބައޮތެވެ. – މޭނާ ހައްސާނު، މޭނާ ހައްސާނުގެ މި އެނބުރި އައުންތަކާ އެކު އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭ ކަމެވެ. ފަހުރުވެރިނުވާ ކަމެވެ. އޭނާ މި ވާހަކައެއް ކިޔައިދިނީ "ދޯ" އަށް ދިން އާ އިންޓަވިއުއެއްގަ އެވެ.

އޭނާ ބުނަނީ ލަވައިގެ ދުނިޔެ އަށް އެނބުރި އައި ކޮންމެ އެނބުރި އައުމަކީ ވެސް ފަހުން އެކަމަކާ މެދު އޭނާ ހިތާމަކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އަދި މިފަހަރުގެ އެނބުރިއައުމުގައި ވެސް ވަނީ އޮތީ އެ ވޭނެވެ.

އެނބުރި އައިސް ލަވަކިޔުނީތީ މިހާރު ދެރަވޭ!

"މޯލްޑިވްސް ފެންޓަސީ" ގެ ނަމުގައި ނެރުނު ދިވެހިވަންތަ އަލަތު އަލްބަމަކާ އެކު ރާއްޖެ ފަތަހަކޮށްލި މި ހުނަރުވެރި ލަވަކިޔުންތެރިޔާ އެންމެ ފުރަތަމަ ލަވަ އާއި މިއުޒިކާ ދުރަށް ދިޔައީ އޭނާގެ ރަންޒަމާނުގައި ކަނޑުމަތީގައި ހިނގި ބިރުވެރި ހާދިސާއަކަށް ފަހު އެވެ. ހައްސާނު ބުނެފައި ވަނީ އޭނާ ލަވައާ ދުރަށް ފެށި ދަތުރުގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ އިނގިރޭސި ވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކެޓް ސްޓީވަންސް ނުވަތަ ޔޫސުފް އިސްލާމެވެ.

މޭނާ ހައްސާނުގެ އިލަސްޓްރޭޝަން: ލަހޫ

"އޭނާ ރާ ބޮއެގެން ކެލިފޯނިއާގެ މޫދަށް އެރި އުޅެނިކޮށް ޣަރަގުނުވީ ކިރިޔާ. (މާތް ރަސްކަލާނގެ އަށް ފުރައްސާރަކޮށް އުޅެނިކޮށް) އަޅުގަނޑު ވެއްޓުނީ ކާށިދޫ ކަނޑަށް. ދެން (ކެޓް ސްޓީވަންގެ) ވާހަކަ އަޑުއިވުނީމަ އަޅުގަނޑަށް ކިހާ އަސަރެއް ކުރާނެ،" އިންޓަވިއުގައި ހައްސާނު ބުނެފައިވެ އެވެ.

"އެހިސާބުން ތައުބާވީ. ﷲ ދެއްވި މެސެޖަކީ ކަލެއަކީ އެއްވެސް މީހެއް ނޫން ކަމުގެ މެސެޖު. ދެން ދުއާކުރަން ފެށީ. އޭގެ އިރުކޮޅެއް ނުވެ މީހުންތައް އައިސް އަޅުގަނޑު ނަގައިފި. އެހިސާބުން ހަ މަސް ވަންދެން އުޅުނީ ރިސޯޓްގައި ވެސް ބާތަކަށް ނުވަދެ. ހަ މަސް ވަންދެން ހިނގީ މިސްކިތާއި އޮފީހާ ދެމެދު. ދެން އެއަށް ފަހު އަނެއްކާވެސް އޭގެ ތެރެއަށް ވަދެގެން ދިޔައީ."

އެ ހިސާބުން އަލުން ލަވަކިޔަން ފަށައިގެން 2000ގެ ކުރީކޮޅު ވެސް ލަވަކިޔުން ހުއްޓާލި އެވެ. ދެން އަނެއްކާވެސް އެނބުރިއައިސް މި އަހަރުގެ ޝޯ އަށް އެނބުރި އައުމުގެކުރިން ލަވަކިޔުން ހުއްޓާލީ 2014 ވަނަ އަހަރު މާލޭގެ ރާޅުގަނޑުގައި ބޭއްވި ވަދާއީ ޝޯއަކުންނެވެ.

ނަމަވެސް ދެން ވެސް ހައްސާނަކަށް ލަވަ އާއި މިއުޒިކާ ދުރަކު ނުހުރެވުނެވެ. އެކަމަކު އޭނާ ބުނަނީ އާ އަހަރާ ދިމާކޮށް އަނެއްކާވެސް ލަވައިގެ ތެރެއަށް އެނބުރި އާދެވުމަކީ މިހާރު ވަރަށް ދެރަވާ ކަމެއް ކަމަށެވެ.

"މިހާރު މިއިނީ (ލަވަކިޔުނީތީ) ރިގްރެޓުވެފައި މިހާރު. މިހާރު މި އިނީ އޭގެ ހިތި އަސަރު އައިސްފަ އަމިއްލަ އަށް. ވަރަށް ބޮޑަށް ދެރަވެފައި މިއިނީ،" މިދިޔަ ބުރާސްފަތި ދުވަހު ދިން އިންޓަވިއުގައި ހައްސާނު ބުންޏެވެ.

"އަޅުގަނޑެއް ދެނެއް ނުބުނާނަން (ލަވަ) ނުކިޔާނަމެކޭ ވެސް ކިޔާނަމެކޭ ވެސް. އެހެން ބުނެވޭކަށް ނެތެއް ނޫންތޯ؟ އެކެއް، ދޭއް ތިނެއް ވެސް މި ދަނީ މިހާރު،" ލަވަކިޔުން ހުއްޓާލި ފަހަރުތައް އަދަދުތަކުން ކިޔަމުން ހައްސާނު ބުންޏެވެ.

މި އަހަރު އަލުން އެނބުރި އައުމުގެ ކުރިން 2014 ވަނަ އަހަރު ހައްސާނު ދިން ވަދާއީ ޝޯގެ ތެރެއިން.

"އެހެންވީމަ ދެން ލަވަކިޔާނަމެކޭ ވެސް ނުކިޔާނަމެކޭ ވެސް ނުބުނާނަން. އެކަމަކު ލަވަކީފަހުން އަޅުގަނޑު ސިއްހީގޮތުން ބަލިކަށިވެއްޖެ. ވަރަށް ބޮޑަށް ބަލިކަށިވެއްޖެ."

ޝޯ އަށް ފަހު ސްޓޭޖުން ފޭބިތަނުން ވާގިނެތިއްޖެ!

"މިއީ ސަމާސާ ވާހަކައެއް ނޫން. ލަވަކިޔާފައި ސްޓޭޖުން ފޭބިތަނުން އަޅުގަނޑުގެ މުޅި ހަށިގަނޑު އެއްކޮށް ދަމައިގަތީ. ދަމައިގަނެގެން އެގޮތަށް އުޅެފައި އެރޭ ގާތްގަނޑަކަށް ފަހެއް ޖަހަން އުޅެނިކޮށް ރަނގަޅުވީ. ރަނގަޅުވެފަ އަނެއްކާވެސް ދެ ވަނަ ޝޯއަކަށް އަރައިފިން. އެ ޝޯއިން ފޭބިތަނުން އަތުގެ ކުޑަވާއިނގިއްޔާއި އެއާ ޖެހިގެން ހުރި އިނގިލިން އެކުގައި ވާގިދަނީ. އެއަށް ފަހު އޭގެ އަނެއް ދުވަހު އޮފީހަށް ގޮސް އެތަނުގެ ބޭރުގައި ހުރި ޖޯއްޔެއްގައި އޮއްވައި ފައިގެ ދެފަރާތުގެ ފަލަ މަސްގަނޑު ދަމައިގަތް ގޮތަށް ދެން ހަމަ ގުޑައިވެސް ނުލެވުނު،" ހައްސާނު ކިޔައިދިނެވެ.

މިއީ މި އާ އަހަރާ ގުޅުވައިގެން އޭނާ އެނބުރިއައިސް ދިން ދެ ޝޯއަކަށް ފަހު ދިވާމި ސިއްހީ މައްސަލަތަކެއްގެ ވާހަކަ އެވެ. އެއަށް ފަހު އިމަޖެންސީގައި އޭނާ އައިޖީއެމްއެޗަށް ގެންގޮސް ހެދި ޓެސްޓްތަކަށް ފަހު ޑޮކްޓަރު ބުނީ "މާ ލޭމަތީއޭ" ކަމަށެވެ. ނަމަވެސް ހައްސާނު ގަބޫލުކުރަނީ އެހެން ގޮތެކެވެ.

މޭނާ ހައްސާނުގެ އިލަސްޓްރޭޝަން: ލަހޫ

"ޓެސްޓްތަކަށް ފަހު ޑޮކްޓަރު ބުނީ ލޭމަތީއޯ. އެކަމަކު އަޅުގަނޑަށް އިހްސާސްކުރެވެނީ މިއީ ހައްތަހާ ވެސް ލަވަކީމަ އަޅުގަނޑަށް މެދުވެރިވާ ގޮތްގޮތް ކަމަށް. މިހާރު ވެސް މުޅިން ރަނގަޅެއް ނޫން. އަތުގެ އިނގިލިތަކެއް ރަނގަޅެއް ނުވޭ އަދިވެސް،" ހައްސާނު ބުންޏެވެ.

އެހެންވީމަ ހައްސާނު ގަބޫލުކުރާ ފަދައިން މިހުރިހާ "ފިލާވަޅެއް" ލިބޭއިރު ވެސް ކޮންމެ ފަހަރަކު ލަވަކިޔަން އެނބުރި އަންނަނީ ކީއްވެގެންތޯ ސުވާލުކުރުމުން އޭނާ ބުނީ މީހުންނަށް "ނޯ" ބުނަން ހަމަ އުނދަގުލީ ކަމަށެވެ. ނުވަތަ އޭގައި އުޅެނީ އޭނާގެ އީމާންތެރިކަމުގެ މައްސަލައެއް ކަމަށެވެ.

"ދެން މީގައި މި ވާގޮތަކީ އީމާންތެރިކަމުގެ މައްސަލަ. ވެދާނެ (އަލީ ރަމީޒުމެން) ކަހަލަ ލަވަކިޔުން ހުއްޓާލާފައި ތިބި ލަވަކިޔުންތެރިން އެއީ އަޅުގަނޑަށް ވުރެން އީމާންތެރިކަން މާ ބޮޑު ބައެއް ކަމަކަށް. އަޅުގަނޑުގެ ކިބައިގައި ދުނިޔަވީ ތަންކޮޅެއް ވަރުގަދަވެއްޖެއްޔާމު އަޅުގަނޑު އަނެއްކާވެސް ފަސޭހައިން އެއަށް ދެމިގަންނާނެ،" ހައްސާނު ކިޔައިދިނެވެ.

"އަޅުގަނޑުގެ ލައިފުގައި ކަންކަމަށް ނޯ ބުނުން އެއީ ވަރަށް އުނދަގޫ ކަމަކަށް ވެފައި ހުންނަނީ. އެންމެ ދުވަހަކުން، އެއް ދުވަހުން (ލަވަކިޔަން) އެއްބަހެއް ވެސް ނުވަމޭ އިނގޭތޯ. އެތައް ދުވަހަކުންނޭ މިގޮތަށް ކިޔަން އެއްބަސްވަނީ. އެންމެ ފުރަތަމަ މަދަހައެއް ކިޔަން އެއްބަސްވަނީ. ދެން އެގޮތަށް ދަމުންދަމުން ގޮސް މި ދަނީ މިހެން"

މޭނާ ހައްސާނުގެ 2014 ވަނަ އަހަރުގެ ޝޯގެ ތެރެއިން.

"ދެން މީގައި އެބަހުރި އެހެން މައްސަލަތަކެއް ވެސް. މިސާލަކަށް އަޅުގަނޑު މި ދިރިއުޅޭ މާހައުލާއި (ލަވަކިޔުން ހުއްޓާލި އެހެން ލަވަކިޔުންތެރިން) ދިރިއުޅޭ މާހައުލު ތަފާތުވުން. މިސާލަކަށް ދުނިޔަވީ ގޮތުން ބައެއް ގޯސްކަންތައްތައް ކުރާ ތަނެއްގައި މީހަކު އުޅެންޏާމު އެމީހަކު ގޯސްކަންތަކުގެ ތެރެއަށް ދިއުމުގެ ބައި ބޮޑުވާނެ ކަމަށް ގަބޫލުކުރަނީ"

"އެއްވެސް ހާލެއްގައި އަޅުގަނޑު ނުބުނާނަން (ލަވަކިޔުމަކީ) ރަނގަޅުކަމެކޭ، މިގޮތަށް ކުރެވިދާނެ ކަމެކޭ ވެސް."

މޭނާ ހައްސާން

Popular