21 Jul 2019

By: Aishath Maaha

މިދިޔަ ހަފްތާގެ އެންމެ ބޮޑު ޚަބަރަކަށްވީ ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާން އޭނާގެ އާއިލާއާ އެކު ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައި ހަބަރެވެ. މި ހަފްތާގައި އެއަށްވުރެ ބޮޑު ހަބަރެއް އެބައޮތެވެ. އެއީ ދިވެހި އާއިލާ އަކާއި ޝާހްރުކް ބައްދަލުކުރަން ބޭނުންވެގެން އެ އިންތިޒާމުތައް ހަމަޖައްސައި، ފުރުމުގެ ކުރިން އެމީހުންނާ ބައްދަލުކުރި ވާހަކައެވެ. އެއީ ޝާހްރުކްގެ ނަމްބާ ވަން ފޭން ކްލަބް "އެސްއާރްކޭ ޔުނިވާސް" ހިންގާ މުހައްމަދު އަޝްރަފްގެ އާއިލާ އެވެ.

އަޝްރަފް ބުނީ އޭނާގެ އާއިލާ އާއި ޝާހްރުކް ބައްދަލުކުރީ ޝާހްރުކް އަމިއްލައަށް ބޭނުންވެގެން އެއާއިލާއަށް އިހްތިރާމް އަދާކޮށް ޝުކުރު އަދާކުރަން ކަމަށެވެ. އަޝްރަފް އާ ބައްދަލުކޮށް ޝާހްރުކް ބުނެފައިވަނީ ރާއްޖެ އާދެވުމުން އުފާވާ ކަމަށާއި ހާއްސަކޮށް "މި އެކުވެރިޔާ އާ ބައްދަލުވުމުން" އުފާވާ ކަމަށެވެ. އަދި ރާއްޖެ ވަރަށް ރީތި ކަމަށާއި އަދިވެސް ރާއްޖެ އަންނާނެ ކަމަށެވެ.

ޝާހުރުކް ހާން އޭނާގެ ސުޕަފޭން އަޝްރަފްއާ ބައްދަލުކޮށް ރިކޯޑްކޮށްފައިވާ ވީޑިއޯ މެސެޖު.

ޝާހްރުކްވަނީ އަޝްރަފާއި އޭނާގެ އަންހެނުންނާއި ދެ ކުދިންނާ ވެސް ބައްދަލުކޮށްފަ އެވެ. އަޝްރަފްގެ އާއިލާއިން ވަނީ ޝާހްރުކްގެ އާއިލާއަށް ހާއްސަ ހަދިޔާއެއް ވެސް ދީފަ އެވެ.

އަޝްރަފާއި މީގެކުރިން ވެސް ޝާހްރުކް ވަނީ ބައްދަލުކޮށްފަ އެވެ. އެއީ ޝާހްރުކްގެ 50 ވަނަ އުފަން ދުވަހަށް ހާއްސަކޮށް މުމްބާއީގައި އަޝްރަފްގެ ޓީމުން ޝާހުރުކަށް ޓްރިބިއުޓެއް ދިނުމަށް ބޭއްވި ޕާޓީއެއްގެ ތެރެއިންނެވެ. އެޕާޓީގައި ޝާހުރުކް އެމީހުންނަށް ސަޕްރައިޒެއް ދީ އޭނާގެ އެންމެ ބޮޑު ފޭންގެ ގޮތުގައި އަޝްރަފް ވަނީ ހޮވާފަ އެވެ.

ޝާހްރުކް ރާއްޖެ އައިސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ޖުމައިރާ ވިޓަވެލި ރިސޯޓުގައި އޭނާ ޗުއްޓީހޭދަކުރި އިރު އެ ރިސޯޓުން ޝާހްރުކްގެ އަތުން އެއްވެސް އަގެއް ނުނަގާ ކަމަށްވެ އެވެ. މޫސުމް ގޯސްވެފައި އޮތް ޗުއްޓީއެއް ލިބުނަސް ޝާހުރުކް ބުނެފައި ވަނީ ރާއްޖެއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ވާރޭ ވެހުނަސް ރާއްޖެ ވަރަށް ރީތި ކަމަށެވެ.

ޝާހްރުކް އަޝްރަފްގެ ދަރިފުޅާއެކު. --

އަޝްރަފަކީ ކާކު؟

އަޝްރަފަކީ ޝާހްރުކްހާންގެ އެންމެ ބޮޑު ފޭންޕޭޖް ހިންގާ މީހާ އެވެ. އެ ޕޭޖަށް މިހާތަނަށް ލިބިފައިވާ ލައިކްސްގެ އަދަދު 3.4 މިލިއަނަށް އަރަ އެވެ. "އެސްއާރްކޭ ޔުނިވާސް" ގެ ޓްވިޓާ ހެންޑްލް ފޮލޯކުރާ މީހުންގެ އަދަދު 400،000 އަށްވުރެ ގިނަ އެވެ. އިންސްޓަގްރާމުގައި 384،000 ވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ.

މި ޕޭޖު ހަދައިގެން އަޝްރަފް އުޅޭތާ މިހާރު ހައެއްކަ އަހަރުވީ ނަމަވެސް މި ޕޭޖު ފުރަތަމަ ފެށީ "ހޮބީއެއްގެ ގޮތުން" ކަމަށެވެ.

"ފޭސްބުކުން އެންމެ ފުރަތަމަ ޕޭޖެއް ހަދާލީ ވާ ގޮތެއް ބަލައިލަން. ހޮބީއަކަށް ފެށި ކަމެއް މިއީ،" މީގެކުރިން ދިން އިންޓަވިއުއެއްގައި އަޝްރަފް ކިޔައިދިނެވެ. އަޝްރަފް ބުނީ ޝާހްރުކްގެ ފޭންޕޭޖެއް ހަދައިގެން މަޝްހޫރުވާން ބޭނުންނުވާ ކަމަށެވެ. އަދި "އެސްއާރްކޭ ޔުނިވާސް" ގެ ނަމުގައި ފޭން ޕޭޖުތައް ފެށީ ޝާހުރުކް އެހެން ހުރިހާ ފޭނުންގެ ކުރިއަށް އެރުމަށް ކަމަށެވެ. މި "ޔުނިވާސް" އާ އެކު ޝާހުރުކްގެ ފޭނުންގެ ޔުނިވާސްގެ އެންމެ ނުފޫޒުގަދަ އެކަކަކީ މިހާރު ޔަގީނުން ވެސް އޭނާ އެވެ.

"އޭނާގެ ދިރިއުޅުމުގެ ބުރަ މަސައްކަތަށް އަޅުގަނޑު ޝައުގުވެރިވަނީ. އިންޑިއާ އަކީ އެތައް މިލިއަން ބައެއް ދިރިއުޅޭ ތަނަކަށްވާއިރު މަދު ބަޔަކު މިވަރުގެ މަޝްހޫރުކަމެއް ހޯދަނީ ކިހިނެތްތޯ އެއީ އަޅުގަނޑު ވަރަށް ޝައުގުވެރިވި ކަމަކަށްވީ. ޝާހުރުކްގެ ފަހަތުން ދެވުނީ އެގޮތަށް އެއްކުރަން ފެށި މައުލޫމާތުތަކާ އެކު." އަޝްރަފް އޭނު ބުނެފައިވެ އެވެ.

އޭނާގެ ބެލުމުގެ ދަށުގައި އޮތް ޓީމުގައި ޝާހުރުގް 50 ސުޕަ-ފޭނުން އެބަތިއްބެވެ.

އަޅުގަނޑު ހިތަށް އެރީ ޗެލެންޖަކަށްވާ ވަރުގެ ޕޭޖެކޭ އަޅުގަނޑު ފަށާނީ. މުޅި ދުނިޔެ އަށް ފެތުރިގެންދާ ވަރުގެ ޕޭޖެކޭ ހަދާނީ، އެގޮތަށް ވިސްނާފަ އެސްއާރްކޭ ޔުނިވާސްގެ ނަން ދިނީ. ދެން މިއަށް ވުރެ ބޮޑު ފޭން ޕޭޖެއް ނާންނާނެތާ އޭރުން." އަޝްރަފް ބުންޏެވެ.

މި ޕޭޖު އޭނާ ހިންގަނީ ކުންފުނި ވެސް ހިންގާ އުސޫލުންނެވެ. ދުނިޔޭގެ އަކި ކަންކޮޅުތަކުގައި ތިބި ޝާހުރުކްގެ ފޭނުންގެ ތެރެއިން 50 މެމްބަރުންގެ ޓީމެއް އެކުލަވައިލީ ވެސް އެންމެ ވަފާތެރި ފޭނުން ބަލައި އެތައް ދުވަހެއްގެ ދިރާސާތަކަށް ފަހު އެވެ. މި ހުރިހާ ފޭނުންނާއެކު ގަަވައިދުން ބައްދަލުވުންތައް ބާއްވާ ފޭންޕޭޖް ހިންގާނެ ގޮތާ ބެހޭގޮތުން މަޝްވަރާކުރެ އެވެ. އެތައް ވަގުތެއް މިކަމަށް އަޝްރަފް ހުސްކުރެ އެވެ.

"ވަޒީފާ ނިންމާލާފައި ގެއަށް ގޮސް އިޝާ ނަމާދުކޮށް ނިމިގެން ދަރިއަށް ޓިއުޝަން ދީފައި ދެން ހުސްވާނީ އެސްއާރްކޭ ޔުނިވާސްގެ މަސައްކަތަށް. އެއީ ގާތްގަނޑަކަށް ރޭގަނޑު ނުވައެއް ޖަހާއިރު. ނުވައެކުން ރޭގަނޑު އެކެއް ޖަހަންދެން އޮންލައިން މީޓިންތައް ކުރިއަށް ދާނީ ޕްރޮމޯޝަންތަކާ ގުޅޭގޮތުން،" އޭނާ ބުންޏެވެ. އެސްއާރްކޭ ޔުނިވާސްއާ އެކު އޭނާގެ ދިރިއުޅުން ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށް ވެސް އޭރު އަޝްރަފް ބުނެފައިވެ އެވެ.

އަޝްރަފް ވަނީ އޭނާއަށް އެންމެ ރީތި ޝާހްރުކްގެ ފިލްމުތައް ވެސް ކިޔައިދީފަ އެވެ.

"ޝާހުރުކްގެ ފިލްމުތަކުގެ ތެރެއިން އެންމެ ރީތީ ދިލް ތޯ ޕާގަލް ހޭ އާއި ކަބީ ޚުޝީ ކަބީ ގަމް. ކަބީ ހުޝީ ވަރަށް ގިނައިން ބެލުނު. އޭރު އަޅުގަނޑު އުޅެނީ ރިސޯޓްގައި އާއިލާއާ ދުރުގައި."

އަޝްރަފް ބުނީ އެ ފިލްމު ބަލާފައި އެތައް ފަހަރަކު ރޮވުނު ކަމަށެވެ. އޭނާ ބުނާ ގޮތުން ނަމަ ޝާހުރުމަށް މިގޮތަށް މަރުދިނަސް އޭނާ އަކީ ހަމައެކަނި ފޭނެއް ނޫނެވެ. އެއަށް ވުރެން ބޮޑަށް ސީދާ ޝާހުރުކްގެ ޓީމާ ގުޅިގެން މަސައްކަތްކުރާ އޭނާގެ ބޮޑު ވަފާތެރިއެކެވެ.

ޝާހުރުކްގެ ސޯޝަލް މީޑިއާ ގްރޫޕަށް ނިސްބަތްވާ އިސް މީހެއްގެ ގޮތުގައި އަޝްރަފް މަސައްކަތްކުރަމުން އަންނައިރު އޭނާގެ ރަސްމީ ވަޒީފާ އަކީ ވެސް މިހާރު ގާތްގަނޑަކަށް މި މަސައްކަތެވެ. އޭނާ އަށް މިކަމުން ބޮޑު އާމްދަނީއެއް ލިބޭއިރު މި އާމްދަނީ ބޭނުންކޮށްގެން އިންޑިއާގައި ގިނަ ހަރަކާތްތަކެއް ހިންގާކަން ވެސް ފާހަގަކޮށްލެވެއެވެ.

Popular