By: Aishath Maaha
އިލްޔާސް ވަހީދު (އިއްލެ)ގެ "ބަވަތި" ރިލީޒްކޮށް އަށް ޝޯ ދައްކައިފި އެވެ. ގިނަ ޝޯތައް ހައުސްފުލް އެވެ. އަނެއްބައި ޝޯތަކަށް ވެސް ގާތްގަނޑަކަށް އޮލިމްޕަސް ފުލް އެވެ. ފިލްމުގެ ތަރިންނާއި، ޑައިރެކްޓަރަށް އަދި މުޅި ޓީމަށް ތައުރީފް ނޫން އެއްޗެއް އަޑެއް ނީވެ އެވެ.
"ބަވަތި" ވީ ދިވެހިން ބަލަން ބޭނުންވި ސްޓައިލްގެ ފިލްމަކަށެވެ. ނުވަތަ އެ ފިލްމުގެ މަންޒަރުތައް އަތުރާލާފައި އޮތްގޮތް ކަމުދިޔައީ އެވެ. ކޮންމެއަކަސް އެންމެ ފިލްމަކުން ޑައިރެކްޓަރު އިއްލެ ދިވެހި ފިލްމު ބަލާ އޯޑިއަންސްގެ ހިތުން ޖާގަ ހޯދައިފި އެވެ. އިއްލެ މި ކިޔައިދެނީ އެވާހަކަ އެވެ.
1 ފިލްމީ ދާއިރާ އަށް މިހާ ޝައުގުވެރިކަން ހުންނަކަން އަމިއްލަ އަށް ފާހަގަކުރެވުނީ ކޮންއިރަކު؟
"ވަރަށް ކުޑައިރު ގްރޭޑް ތިނެއްގައި ކަންނޭނގެ އުޅެނިކޮށް ބަލިވެގެން ތްރީ މަންތުސްގެ ބެޑްރެސްޓް ނަގަން ޖެހުނީ. އޭރު އިއްލެ މަޑުން އޮވޭތޯ ބަލަން އަބަދުވެސް ފިލްމު އަޅުވާފަ ހުންނާނީ. އޭރު ފިލްމު ބަލާއިރު ވެސް ހިތަށް އަރާ ކިހިނެއްބާއޭ އެ ޝޮޓް ނަގާފަ އެ އިންނަނީ ކިހިނެއްހޭ އެވީ. އޭރުއްސުރެ އިންޓްރެސްޓް ހުރޭ. އޭރު ކުޑައިރު ބަލާނީ ހިންދީ ފިލްމު. ފަނަރަ ވަރަކަށް އަހަރު ވި ފަހުން އިނގިރޭސި ފިލްމު ބަލަން ފެށީ. ދެން ގޭގައި ދައްތަމެން ވެސް ވަރަށް ފިލްމު ބަލާނެ މެގަޒިންތައް ގެންގުޅޭނެ.
އެކްޓްކޮށް ވެސް ހަދަން ސްކޫލްގައި އުޅުނުއިރު. ފަހުން އެކަމަކު އުޅުނީ ލިޔުމުގައި. އޭރު ވެސް ޓީޗަރު ބުނި އިއްލެގެ އެބަހުއްޓޭ ވާހަކަ ލިޔުމުގެ ޓެލެންޓް. ފީލްޑަށް ނުކުތުމުގެ ކުރިން ވެސް ދެވާހަކަ ލިޔުނުން އެކަމަކު ނޭނގެ ކީއްވެ ކަމެއް ޕަބްލިޝް ނުކުރީ"
ބަވަތިގެ ރެޑްކާޕެޓް ހަފްލާގައި އިލްޔާސް ފިލްމުގެ ލީޑް ދެތަރިންނާއެކުގައި -- ދޯ ފޮޓޯ/ ހުސެން ވަހީދު
2. ދެން ކީއްވެތަ މިހާ ދުވަސްނެގީ އިއްލެގެ ޑްރީމް ހާސިލްކޮށް ފިލްމެއް ހަދަން؟
"ސްކޫލް ނިންމި ގޮތަށް އެމްއެންޑީއެފަށް ވެސް ވަންނަން އުޅުނިން ޑްރާމާ ހަދަން ބޭނުންވެގެން. އެކަމަކު ބަލިވެގެން ޖޮބެއް ނުލިބުނު. ދެން އޭގެ ފަހުން އިމިގްރޭޝަންގައި އުޅުނު އިރު ޓީވީއެމަށް ޕްރޮޑިއުސަރަކަށް އެޕްލައިކުރިން ތިން ފަހަރަށް. އެކަމަކު އެކްސްޕީރިއަންސް ނެތީމަ ނުހޮވުނީ. އަށް އަހަރު ފަހުން ލަންކާއަށް ކިޔަވަން ގޮސްފަ އެއްކޮށް ނުނިންމާ އައިސް ވީޓީވީގައި ވޯކް ކުރަން ފެށީ. އެތާ ތިން އަހަރު އުޅެފަ އަނެއްކާ ލަންކާ އަށް ގޮސްފަ ވީޑިއޯ ޕްރޮޑަކްޝަން ހަދައިގެން އައިސް ވީޓީވީގައި އުޅުނީ. ދެން އެކޮޅުން ވަކިވި ފަހުން ސްޓޫޑިއޯއެއްގައި މަސައްކަތް ކުރިން. އޭގެ ފަހުން ވާހަކަ ލިޔެ ބަޖެޓަކާއި އެއްޗެހި ހޯދައިގެން ފެށީ. މަޝްހޫރު ބިޒްނަސް މަނުން ކައިރިއަށް ވެސް ދިޔައިން. އެކަމަކު ނުވީ. ދެން ސިމްބެ (ރައްޓެއްސެއް) އާއި ދޮންބެ އާއި އިއްލެ އާއި ތިން މީހުން އިންވެސްޓްކޮށްފަ ފިލްމުގެ މަސައްކަތް ފެށީ."
3. ބަވަތިގެ މަސައްކަތް ފެށުނީ ކޮންއިރަކު؟ ކިހިނެއް އައި ހިޔާލެއް މިއީ؟
"ބަވަތީގެ ސްޓޯރީ ހިޔާލު އައީ ވީޓީވީގައި އުޅެނިކޮށް ހެދި ކުށުގެ ހަފަރާތް ކިޔާ ޕްރޮގްރާމެއް ހެދީ ޕޮލިހާ ގުޅިގެން. އޭރު އެނގުނީ މިކަހަލަ ބައިވަރު މައްސަލަ ރާއްޖޭގައި އެބަހުރިކަން. އެކަހަލަ ބައިވަރު ކޭސެސްއާ ދިމާވީމަ މީތި ޑިވެލޮޕް ކުރަމުން އައީ."
4. ބަވަތިގެ ވާހަކަ އާއި ސްކްރީންޕްލޭ ލިޔުމާއި މި ހުރިހާ ކަމަކަށް ކިހާ ދުވަހެއް ހޭދަވި؟
"ވާހަކަ ލިޔުމުން ފެށިގެން ޕްރިމިއާ ކުރުމާ ހަމައަށް އެއް އަހަރު އެއީ. މިިދޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެއްޓީ. ތިން މަސް އެއީ ސްކްރީންޕްލޭ އާ އެއްޗެހި. އޭރުވެސް އިފްނާޒް އާ ޑިސްކަސް ކުރަމުން އައީ."
5. މުޅިން އަލަށް ބޮޑު ފިލްމެއްގެ މަސައްކަތް ކުރީ، އެވެސް ގާތްގަނޑަކަށް މުޅިން އާ ޓީމަކާ އެކީގައި. ކިހާވަރެއްގެ ޔަގީންކަމެއް އޮވެގެން ފެށީ؟
"ވަރަށް ބޮޑު ޔަގީންކަމެއް އޮތް ފިލްމަށް. އެކަމަކު ކުޑަކޮށް ޖެހިލުންވި އާ މީހުން ލައިގެން ދިވެހި ސިނަމާގައި ނުދައްކާ ކަހަލަ ޓޮޕިކަށް ނުވަތަ ނުގެންނަ ކަހަލަ ސްޓައިލަކަށް ގެނައީ. ވަރަށް ގިނަ މީހުން ބުނި ތީތި ބަލައެއް ނުގަންނާނޭ ދިވެހިންނަށް. އެކަމަކު އިއްލެ އާއި ޓީމަށް އޮތް ޔަގީންކަން."
ބަވަތިގެ ޝޫޓިންގެ ތެރެއިން -- | ފޮޓޯ: އައިއޭ ފިލްމްސް
6. އިއްލެ ވެސް މުޅިން އަލަށް ފިލްމެއް ހެދީ. އާ ބަޔަކަށް ބޮޑު ފުރުސަތު ދީ ރިސްކެއް ނެގީ ކީއްވެ؟
"އެއީ އިއްލެ ވެސް ސްޓަރަގަލްކުރީ. ވަރަށް ސްޓްރަގަލްކޮށްގެން މިހިސާބަށް އައީ. އިފްނާޒް ވެސް ވަރަށް ސްޓްރަގަލްކުރޭ. އޭނަ ދާއިރާގެ މީހުންގެ ގާތަށް ވެސް ގޮސްފަ އެބަހުރި ފުރުސަތެއް ހޯދަން. ދެން އިއްލެއަށް މީހަކަށް ފުރުސަތެއް ދޭން ފުރުސަތު ލިބުނީމަ ހިތަށް އެރި ދޭނީއޭ. އެއީ ވަރަށް ޓެލެންޓެޑް މީހެއް."
7. ފުރަތަމަ ފިލްމު ވީމަ ވަރަށް ގިނަ ޗެލެންޖެސްތަކާއި ދިމާވާނެ. ކޮން ކަހަލަ ޗެލެންޖެސްތަކެއް ކުރިމަތިވީ؟
"އަސްލު ޗެލެންޖަކަށްވީ ފިލްމު އިންޑަސްޓްރީގައި ކަންކަން ކުރިއަށް ގެންދާނެ ގޮތެއް ނޭނގުނީ. އަލަށް ފިލްމު ކުންފުންޏެއް ރަޖިސްޓްރީކުރަން ކިހިނެއްތޯ ހަދާނީ. ކޮން ސިނަމަޓޮގްރާފަރެއް ކައިރިއަށް ތޯ ދާނީ. އެކަހަލަ ކަންކަން. ދެން އިއްލެއަކީ ކުރިން ވެސް މީހުން ކައިރިއަށް ގޮސް ހަދަން ކެރޭ މީހެއް ނޫން އެގޮތަށް. އެކަމަކު ފަހުން ކުރީމަ މީހުން އައިސް ހެލްޕް ވެސް ވި. އެކަމަކު ޝަފީގު އާއި ޝާއްކޮ އައްމަޑޭ ހުރި އަބަދުވެސް ވަރަށް ހެލްޕްވި."
8. ކިހާވަރެއްގެ ޔަގީން ކަމެއް އޮތް މިހާ މޮޅު ފިލްމެއް ހެދިދާނެ ކަމަށް؟ ހީކުރިވަރަށް މަސައްކަތް ކުރެވުނުތަ؟
"އިއްލެގެ މަސައްކަތަށް އިއްލެއަށް ޔަގީންކަން އޮތް. އެކަމަކު އިއްލެ ވެސް ސަޕްރައިޒް މީހުން މީތި އެކްސެޕްޓްކުރިވަރު. ވަރަށް ސަޕްރައިޒް މީހުންނަށް މީތި ކަމުދިޔަވަރު."
9. އާންމުކޮށް ދިވެހި ސިނަމާއަށް ގެންނަ ކޮންމެ ދިވެހި ފިލްމެއް ގެންނަމުން އުފެއްދުންތެރިން ބުނާނެ މިއީ ވަރަށް ތަފާތު ފިލްމަކަށް ވާނޭ. އެކަމަކު އެ ތަފާތެއް ނުފެނޭ. ބަވަތި ތިމީހުން ގެނެސްދިނީ "ތަފާތު" ވާނެ އޭ ނުބުނެ އެކަމަކު މިފަހުން އެންމެ ބޮޑު ތަފާތެއް ފެނުނު ފިލްމަކީ މީ. އެއީ ކިހިނެއްވީ ކަމެއް؟
"އެއީ އެންމެން ވެސް ޔޫސްކުރާ އެއްޗެއް. އަނެއްކާ އިއްލެމެން އާ މީހުންވީމަ މީހުން ގަބޫލެއްވެސް ނުކުރޭ އިއްލެމެންނަށް މޮޅު ފިލްމެއް ހެދޭނެ ކަމަކަށް. މީހުން އެބަހުރި ފިލްމު ބަލަން ގޮސް ކޮމެންޓްކޮށްފަ. ތިމަންނަމެން އާ ބަޔަކު ހެދީމަ އެހާ ދާހިތުންނެއް ނޫނޭ ދިޔައީ އެކަމަކު ވަރަށް ރީއްޗޭ ފިލްމު."
10. އިއްލެގެ މިކަހަލަ ތަފާތު ފިލްމެއް ދެން ފެންނާނީ ކޮން އިރަކުން؟ ޑްރީމް ހާސިލްކުރެވުނީމަ ދެން އިތުރު ފިލްމެއް ނަހަދާނަންތަ؟
"ނޫން. މި އަންނަ އަހަރު އަންނާނެ ފިލްމެއް އިރާދަކުރެއްވިއްޔާ. ވާހަކަ އެބައޮތް. ކާސްޓުވެސް ރެޑީ. ބަވަތި ރަށްރަށުގައި ވެސް އަޅުވާ ނިންމާފަ އެ ފިލްމުގެ މަސައްކަތް ފަށާނަން."
11. އިއްލެ ގަބޫލުކުރާ ގޮތުގައި ބަވަތި ބެލުންތެރިންނަށް މިހާ ކަމުދިޔާއީ ކީއްވެކަމަށް އިއްލެ ގަބޫލުކުރަނީ؟
"އަސްލު ހީވަނީ ސޮސައިޓީގައި ހިނގާކަމެއް ގެނެސްދެވުނީމަ ކަންނޭނގޭ. ނޫނީ އިއްލެއަށް ގެނެސްދެވިފަ އިން ގޮތް ކަމުދިޔައީ. މި ޓޮޕިކަކީ މީހުން ނަގާފަ އޮތް ޓޮޕިކަށް. އެކަަމަކު ގެނެސްދެވިފަ މި އިންގޮތް ތަފާތުވީމަ ކަންނޭނގެ މަގުބޫލުވީ،"