15 May 2020

By: Ifraz Ali

ސައުތު ކޮރެއާގެ ފެންޓަސީ ރޮމޭންސް ޑްރާމާ "ދި ކިންގް: އެޓާނަލް މޮނާކް" ގައި ދައްކަނީ ދެ ޔުނިވާސެއްގެ މާހައުލެވެ. އެއިން އެއް ޔުނިވާސްގައި އޮންނަނީ ކޮރެއާގެ ރަސްކަލެއްގެ ވެރިކަމެވެ. އަދި އަނެއް ޔުނިވާސްގައި ދައްކަނީ އަދުގެ ދުނިޔެ އެވެ. މައްސަލަގަނޑު ފެށެނީ ރަސްކަމުގެ ދުނިޔޭގެ ނުބައި ބަޔަކު، އަދުގެ ދުނިޔެ އަށް ދެވޭ ޕޯޓަލެއް ހުޅުވާ ހިސާބުންނެވެ؛ ލޯތްބާއި އަނިޔާގެ ރަހަތައް ހިމެނޭ މި ޑްރާމާ ރާއްޖޭގެ ނެޓްފްލިކްސްގެ ގަދަ ދިހައެއްގެ އެންމެ ކުރީގައި އޮންނަތާއި ދެތިން ހަފުތާވެއްޖެ އެވެ.

ކޮންމެ ހަފުތާއަކު އެޕިސޯޑެއް ދައްކަމުން އަންނަ މި ޑްރާމާގެ ފުރަތަމަ ސީޒަންގެ 8 އެޕިސޯޑެއް މިހާރު ސްޓްރީމް ކުރެވެ އެވެ. މިއަދު އާ އެޕިސޯޑެއް ދޫކޮށްލާނެ އެވެ. ޖުމްލަ 16 އެޕިސޯޑެއް ނުކުންނާނެ އެވެ.

ލީ މިން ހޯގެ އެނބުރި އައުން

މި ޑްރާމާ އެންމެ ހާއްސަވި ސަބަބަކީ މީގެ ލީޑުން ފެންނަ، ކޮރެއާ ޑްރާމާ ފޭނުންގެ މެދުގައި އެންމެ މަގުބޫލު އެކްޓަރު ލީ މިން ހޯގެ އެނބުރި އައުމަށް ވުމުންނެވެ. ކޮރެއާ ޑްރާމާތަކުގެ އެންމެ ރީތި މޫނުގެ ގޮތުގައި ގަބޫލުކުރާ، ލީ މިން ހޯ އެ ގައުމުގެ މިލިޓަރީއަށް ހިދުމަތް ކުރުމަށް ދެ އަހަރު ވަންދެން ހުރީ ފިލްމީ ދާއިރާއާ ދުރުގަ އެވެ.

ކޮރެއާ ޑްރާމާ ފޭނުންގެ ވަރަށް ބޮޑު ލޯތްބެއް ލިބުނު ކުރީގެ ޑްރާމާތައް ކަމަށްވާ "ދި އިންހެރިޓާސް" އަދި "ގޮބްލިން" ގެ ލިޔުންތެރިޔާ ކިމް އިއުން ސޫކް މި ޑްރާމާގެ ވާހަކަ ލިޔުންވީ އަދި ޝައުގުވެރިކަން އިތުރުކޮށްލި ސަބަބަކަށެވެ. "ދި އިންހެރިޓާސް" ގެ ވާހަކައާ އެކު އޭގެ ވިޒުއަލް އިފެކްޓްސް އަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.

"ދި ކިންގް: އެޓާނަލް މޮނާކް" ގެ ޓްރެއިލާ.

ހިތްހަމަނުޖެހުންތަކެއް ވެސް އެބަހުރި

ލިބޭ ތަރުހީބާ އެއްވަރަށް މި ޑްރާމާގެ ބައެއް މަންޒަރުތަކާ ގުޅިގެން ކޮރެއާގެ ބެލުންތެރިންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް ވެސް ވަނީ އުފެދިފަ އެވެ. ސަބަބެއް ކަމަށް ވަނީ މީގެ އެޕިސޯޑްތަކެއްގައި ޖަޕާނުގެ ހަނގުރާމަ މަތީ ބޯޓުތަކެއް ދެއްކުމެވެ. އެއީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަޕާނުގެ މީހުން ކޮރެއާ ހިސޯރުކޮށް އެ ގައުމު އަޅުވެތިކުރި މައްސަލާގައި އަދިވެސް އެ ދެ ގައުމުގެ މެދުގައި އޮންނަ ހަމަނުޖެހުންތަކުގެ ސަބަބުންނެވެ.

މި ބޯޓުގައި ޖަޕާނުން ކޮރެއާ ހިސޯރުކޮށްގެން އުޅުނުއިރު ބޭނުންކުރި ދިދައާ ވައްތަރު ދިދައެއް ފެންނަން ހުރުމުން ވެސް ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވި އެވެ. އަދި ޑްރާމާ ބަލާ މީހުންގެ އަދަދު ވެސް އެ ގައުމުގައި މަދުވި އެވެ. އެކަމަކު މި ޑްރާމާގެ ޕްރޮޑިއުސަރު، ބެއިކް ސޭންގް ހޫން މިކަމަށް މައާފަށް އެދުމުން މިހާރު މަޑުމަޑުން މި ބަލާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ސައުތު ކޮރެއާ ޓީވީ ސިލްސިލާ

Popular