By: Ifraz Ali
ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލު، އެމެރިކާގެ ކޮމީޑިއަން ހަސަން މިނާޖްގެ ޓޯކް ޝޯ "ޕެޓްރިއޯޓިކް އެކްޓް ވިތު ހަސަން މިނާޖް"، މި ޝޯ ގެނެސްދޭ ނެޓްފްލިކްސް އިން ހުއްޓާލަން ނިންމިކަން މި އިއުލާންކުރީ ހަމަ ކުއްލިއަކަށެވެ. މިނާޖް ކުރި ޓުވީޓެއްގައި ވަނީ، އެވޯޑުތައް ވެސް ކާމިޔާބުކޮށްފައިވާ މި ޝޯ ދެން ނުގެނެސްދޭނެކަން ކަށަވަރުކޮށްދީފަ އެވެ. މި ޝޯ މި ނިންމާލަނީ ހަ ސީޒަން ދެއްކުމަށް ފަހު އެވެ. -- މި ޚަބަރާ އެކު މި ޝޯގެ ފޭނުންނަށް ލިބުނު ކުއްލި ޝޮކާ އެކު ހަމަ ރޮނީ އެވެ.
މިނާޖްގެ ޓުވީޓްގައި ބުނެފައި ވަނީ މިދިޔަ އަހަރުތަކުގެ ތެރޭގައި މި ޝޯގެ ތެރެއިން ވަރަށް ރަނގަޅު ލިޔުންތެރިންނާއި ޕްރޮޑިއުސަރުންނާއި ރިސާޗަރުންނާއި އަދި އެނިމޭޓާސްއާ އެކު މަސައްކަތް ކުރެވުނު ކަމަށެވެ.
"އަހަންނަށް ދެ ކުދިން ލިބި އެ ކުދިން ވެސް އެ ބޮޑުވީ މި ޝޯ ކުރިއަށް ދަނިކޮށް،" ނެޓްފްލިކްސް އަށާއި މި ޝޯ ބެލި އެންމެނަށް މިނާޖް ޝުކުރު އަދާކުރި އެވެ.
ކުއްލިއަކަށް ޝޯ ހުއްޓާލަން ނިންމުމާ އެކު ފޭނުން އެކަމާއި ހިތްހަމަނުޖެހި، އަލުން މި ޝޯ އާ ސީޒަނެއް ގެނެސްދިނުމަށް އެދި "ޗޭންޖް އޯގް" ގައި މިހާރު ވަނީ ޕެޓިޝަނެއް ވެސް ދައުރުކުރަން ފަށައިފަ އެވެ. މިހާތަނަށް 2،000 އަށް ވުރެ ގިނަ މީހުން ވަނީ މި ޕެޓިޝަނުގައި ސޮއިކޮށްފަ އެވެ.
ނެޓްފްލިކްސް އިން ގެނެސްދޭ ޝޯތައް ހުއްޓާލުމުގައި އެމީހުން ބަލަނީ މީހުން ބަލާ އަދަދާއި ޕްރޮޑަކްޝަނަށް ދާ ޚަރަދަށެވެ. ނެޓްފްލިކްސްގެ ޓޯކް ޝޯގެ ކެޓަގަރީގައި މި ޝޯ ވަނީ ވަނީ ނާކާމިޔާބުވެފައި ކަމަށް ފޯބްސް އިން ރިޕޯޓްކުރި އެވެ. ބާލަ މީހުން މަދުވެ، ދާ ޚަރަދު އަނބުރާ ނުލިބޭތީ، ނެޓްފްލިކްސް އިން މިފަހުން ވަނީ ވަރަށް ގިނަ ޓޯކް ޝޯތައް ހުއްޓާލަން ނިންމައި، އެކަން އިއުލާންކޮށްފަ އެވެ.