ފިރިހެނުންގެ ނުފޫޒާއި ބާރު އޮތް މި އިންޑަސްޓްރީގައި ތިބީ އަތުން ގުނާލެވޭހާ މަދު އަންހެނުންނެވެ. އޭގެ ތެރެއިން ވެސް ސިވިލް އިންޖީނިއަރިންގައި އަސްރާރަށް ލިބުނު ކާމިޔާބީ ވަރަށް ބޮޑެވެ.
ފިރިހެނުންގެ ނުފޫޒާއި ބާރު އޮތް މި އިންޑަސްޓްރީގައި ތިބީ އަތުން ގުނާލެވޭހާ މަދު އަންހެނުންނެވެ. އޭގެ ތެރެއިން ވެސް ސިވިލް އިންޖީނިއަރިންގައި އަސްރާރަށް ލިބުނު ކާމިޔާބީ ވަރަށް ބޮޑެވެ.
މީގެ 13 އަހަރުކުރިން ސިވިލް އިންޖީނިއަރެއްގެ ގޮތުގައި މަސައްކަތްކުރަން ފެށީއްސުރެ އަސްރާރުގެ އޮތީ އެއް ހުވަފެނެކެވެ. އެއީ ޗާޓާޑް ސިވިލް އިންޖީނިއަރަކަށް ވުމުގެ ޝަރަފު ހޯދުމެވެ. މީގެ ހަތަރު އަހަރު ކުރިން އޭނާ އެކަން ހާސިލްކޮށްފި އެވެ.
ރާއްޖޭގައި އެ ލައިސެންސް ހޯދާފައި ތިބި ދެ މީހުންގެ ތެރެއިން ފުރަތަމަ އަންހެނަކީ އަސްރާރެވެ. ދެ ވަނަ މީހަކީ ހައުސިންގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޮއާމް މުހައްމަދެވެ.
އަސްރާރު، ސައިޓެއްގައި މަސައްކަތްކުރަނީ..-- ފޮޓޯ: ހައުސިން މިނިސްޓްރީ
އިންޑިއާގެ އައިސީސީއާރުގެ ސްކޮލަޝިޕެއްގައި ޑިގްރީ ހާސިލްކުރި އަސްރާރު ބުނީ ސިވިލް އިންޖީނިއަރިންއާ މެދު ދެކޭ ގޮތް ތަފާތު ވިއަސް، އޭނާ މިހާ ހިސާބަށް އައުމުގައި ލިމިޓޭޝަނެއް ނެތް ކަމަށެވެ.
ހަމައެކަނި އޮތް ގޮންޖެހުމަކީ އަސްރާރު، 39، ބުނި ގޮތުގައި އެ ފީލްޑުގެ ތަޖުރިބާކާރުން މަދުވުމެވެ.
"..ސްކިލް ސެޓް ޑިވެލޮޕްވެފައި ތިބި އިންޖީނިއާސް މަދުވުމަކީ މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުން. މިވީ މުއްދަތުގައި އަޅުގަނޑު އަމިއްލަ ނަފްސަކަށް ނެތް އެގޮތަށް ގޮންޖެހުމެއް ދިމާވެފައެއް،" ހައުސިން މިނިސްޓްރީގެ ޕްރޮޖެކްޓް އިންޖީނިއަރަކަށް މީގެ ހަތަރު އަހަރު ގުޅުނު އަސްރާރު ބުންޏެވެ.
"ސްޕެޝަލައިޒްޑް ސިވިލް އިންޖީނިއަރުން މަދުވުމުން ބޭރުގެ ފަރާތްތަކަށް ބަރޯސާވާން ޖެހޭ. އެކަމަކު، ލޯކަލް ނޮލެޖް ނެތުމުން ބޮޑު ރިސްކަކަށް ވެސް ދިމާވޭ."
އިންޖީނިއަރުންނަށް އެވޯޑު ދިނުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްުޔާތުގައި ރައީސް ޑރ. މުއިއްޒު، 'ވިމެން އިން އިންޖީނިއަރިން'ގެ އެވޯޑު، އަސްރާރަށް އަރުވަނީ.-- ފޮޓޯ: ރައީސް އޮފީސް
ހަތަރު އަހަރުގެ ކިޔެވުމަށްފަހު އޭނާ އެންމެ ފުރަތަމަ ގުޅުނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ)ގެ ކޯޓު އިންފްރަސްޓްރަކްޗާގެ މަސައްކަތާ އެވެ. އެ ތަނުގައި ފަސް އަހަރު މަސައްކަތްކުރުމަށް ފަހު ދެން ދިޔައީ މާސްޓާސް ޑިގްރީ ހަދާށެވެ.
އަސްރާރު ބުނީ އޭނާގެ ކެރިއަރުގައި މިހާތަނަށް އެންމެ ހިތްހަމަޖެހުނު އެއް މަސައްކަތަކީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހެދުމުގެ ޕްރޮޖެކްޓެވެ. މެލޭޝިއާއިން ކިޔަވައި ނިންމުމަށް ފަހު އޭނާ ވަނީ ޓާމިނަލްގެ އޮނިގަނޑު މަސައްކަތުގައި ދެ އަހަރު އުޅެފަ އެވެ.
އަސްރާރު، ހައުސިން މިނިސްޓްރީގެ މީޓިންއެއްގައި. އޭނާއަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޗާޓާޑް ސިވިލް އިންޖީނިއަރު.-- ފޮޓޯ: ހައުސިން މިނިސްޓްރީ
އެ ދާއިރާގައި ކުރި މަސައްކަތްތަކުގެ އަގުވަޒަންކޮށް، ހައުސިން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އިންޖީނިއާސް އެވޯޑުގައި އަސްރާރަށް ވަނީ 'ވިމެން އިން އިންޖީނިއަރިން'ގެ އެވޯޑު ލިބިފަ އެވެ.
"މި ފީލްޑަކީ ވަރަށް ޕޮޓެންޝަލް ހުރި ފީލްޑެއް. ޖެންޑާއަކަށް ބަލާފައި، އަންހެން ކުއްޖެއް ވިއަސް ފިރިހެން ކުއްޖެއް ވިއަސް އެ އިންޓްރެސްޓް ހުރިއްޔާ ވަރަށް ޕޮޓެންޝަލް ހުރި ފީލްޑެއް. ކުރިއާ ބަލާއިރު މި ފީލްޑުން ކުރިއަށް ދެވޭނެ ދާއިރާތަކާއި ޕޮޓެންޝަލް ހުރި ވަރަށް ބައިވަރު ސްޕެޝަލް ފީލްޑުތައް އެބަހުރި،" އަސްރާރު ބުންޏެވެ.