29 Jan 2018

ސްކިން ކޭންޑީ: ލުބްނާ އޮމާން ދުނިޔެއަކަށް

ސްކިން ކޭންޑީ: ލުބްނާ އޮމާން ދުނިޔެއަކަށް

By: Asiyath Mohamed Saeed

ވަކީލުކަމުގެ ސަނަދު ހިފައިގެން ލުބްނާ ޒާހިރު ހުސެއިން ހަޔާތުގެ 15 ވަރަކަށް އަހަރު ހޭދަކުރީ އާއްމު ޚިދުމަތުގަ އެވެ. ދައުލަތުގެ ވަކީލެއްގެ ގޮތުގައި، ރައްޔިތުންގެ މަޖިލީހާއި ގާނޫނުއަސާސީ ހެދި ޚާއްސަ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި، އަދި ސަރުކާރު އިސް ބައެއް މަގާމްތައް ފުރުމާއި ސިޔާސީ މަސައްކަތްތަކުގަ އެވެ. އެކަމަކު ސްޓޭޓް މިނިސްޓަރެއްގެ ވަޒީފާ ގެއްލުމަށް ފަހު، މީގެ ތިން އަހަރު ކުރިން ވިޔަފާރިއެއް ފެށި އިރު، މުޅިން ތަފާތު އެއްޗެއް ވިއްކަން ކުރި ފިކުރުތަކުގެ ނަތީޖާއެއްގެ ގޮތުން ލުބްނާގެ ދުނިޔެ މުޅިން ބަދަލުވެގެންދިޔަ އެވެ. މިހާރު އޭނާއަކީ ހަންގަނޑު ބެލެހެއްޓުމާ ބެހޭ މާހިރެކެވެ. އެކަމަށް ބޭނުންވާ އެތަކެއް ބައިވަރު އެއްޗެހި ރާއްޖޭގައި އޭނާގެ އަމިއްލަ ދެ އަތުން އުފައްދައިގެން ވިއްކަމުން އަންނަ ވިޔަފާރިވެރިއެކެވެ.

"އަހަރެން ބޭނުންވީ މިކަހަލަ އަމިއްލަ ކަމެއްގެ ތެރޭގައި އުޅެން. ދަރިފުޅާ އެކު ގިނަ ވަގުތުތަކެއް ހޭދަކުރެވޭ ގޮތަށް ކުރެވޭ މަސައްކަތެއްގެ ތެރޭގައި އުޅެން،" އޭނާ ބުންޏެވެ.

އެއްވެސް ކަހަލަ ކެމިކަލެއް ބޭނުން ނުކޮށް ލުބްނާ އުފައްދާ 100 ޕަސެންޓް އޯގެނިކް ބާވަތްތަކާ އެކު ސްކިން ކޭންޑީ އުފަންވީ ކުޑައިރު އެކި އެއްޗެހި މިކްސްކޮށްގެން އޭނާގެ އަމިއްލަ ގައިގައި ހާކައި އުޅުނު އާދަ އަލުން ދިރިގެން ކަމަށް ވެސް ވެދާނެ އެވެ. އެންމެ ފުރަތަމަ ސޯޝަލް މީޑިއާގައި ސްކިން ކޭންޑީ ތައާރަފްކޮށް، ހަމައެކަނި ދެތިން ބާވަތެއްގެ އެއްޗެހި ގޭގެ އަށް ގެންގޮސްދިނީ އެވެ. މިހާރު 200 އަށް ވުރެ ގިނަ އިންގްރީޑިއެންޓް ބޭނުންކޮށްގެން އުފައްދާ 50 އަށް ވުރެ ގިނަ ބާވަތް، މާލޭގައި ހުންނަ ސްކިން ކޭންޑީގެ ފިހާރައިންނާއި ރަށްރަށުގައި ތިބި ޑިސްޓްރިބިއުޓަރުން ނުވަތަ ޕޯސްޓު މެދުވެރިކޮށް އަދި ބައެއް ރިސޯޓުތަކުގައި، ލުބްނާ ވިއްކަނީ އެ އެއްޗެހި އުފައްދާނެ ގޮތް އުނގެނި ދަސްކޮށްގެންނެވެ. އޭނާ ވަނީ ނިއު ޔޯކް އާއި ލަންޑަންގެ ތިން ކޯހެއް މި ދާއިރާ އިން ހަދައިފަ އެވެ.

އެކަމަކު 2014ގައި ވުޖޫދަށް އައި ސްކިން ކޭންޑީގެ ވާހަކަ އެ ހިސާބަކުން ނުނިމެ އެވެ. ކިތަންމެ ކުޑަކޮށް ފެށިޔަސް ބޮޑު ތަރުހީބަކާ އެކު ކުރު މުއްދަތެއްގެ ތެރޭގައި ފުޅާވެގެންދިޔަ ވިޔަފާރީގައި ވަރަށް ތަފާތު ކަންތައްތަކެއް ލުބްނާ މިހާރު ވަނީ ހިމަނައިފަ އެވެ. ފޭޝަލް އާއި ޕެޑިކިއޯ އަދި މެނިކިއޯ ހަދައިދިނުމާއި މަސާޖުގެ ޚިދުމަތް ދޭ ސްޕާއެކެވެ. ލުބްނާގެ ސްކިން ކޮންސަލްޓޭޝަނާއި ހަންގަނޑަށް އަޅާލަންވީ ގޮތް ބުނެދިނުމެވެ. ހަމުގެ ދުޅަހެޔޮކަމަށް ކެއުން ބަހައްޓަންވީ ގޮތް ކިޔައިދިނުމަށް ޑައިޓީޝަނެއްގެ ޚިދުމަތެވެ. ޑިސްޓްރިބިއުޓަރުން ހަމަޖެއްސުމަށާއި ސްކިން ކޮންސަލްޓޭޝަންތަކަށް އަދި ވޯކްޝޮޕްތައް ހިންގަން ލުބްނާ އަންނަނީ ރަށްރަށަށް ދަތުރު ވެސް ކުރަމުންނެވެ. އޭނާ ބުނިގޮތުގައި ކަސްޓަމަރުންނާއި އޭނާއާ ދެމެދު އޮންނަނީ ވަރަށް ގާތް، އަދި ކޮންމެ މީހަކަށް ވަކިވަކިން ސަމާލުކަން ދިނުމުގެ ގުޅުމެކެވެ.

"މި ތަނުން އެއްޗެއް ގަންނަ ނުވަތަ ކޮންސަލްޓޭޝަން ހަދާ ކޮންމެ މީހަކާ ގުޅުން އޮންނާނެ ވައިބާ އިން. ސީދާ އޭނަގެ މައްސަލައަށް ފޯކަސްކުރާނީ. ސްކިން ޓައިޕް ބަލައިދިނުން އަދި ކޮންސަލްޓޭޝަން ވެސް އެއީ ހިލޭ ކޮށްދޭ ކަމެއް. މިހާރު އަހަރެންގެ ދަރިވަރުންގެ ގޮތުގައި ތިން ކުއްޖަކު އެބަ ތަމްރީން ވެސް ކުރަން ކޮންސަލްޓޭޝަނަށް،" މި ދާއިރާ އިން ޕޮލިޓެކްނިކްގައި ވެސް ކިޔަވައިދެމުން އަންނަތާ ދެ އަހަރު ވެފައިވާ ލުބްނާ ބުންޏެވެ.

އޭނާ ފާހަގަކުރާގޮތުގައި ހަންގަނޑަށް އަޅާލުމަކީ ހަމައެކަނި ޒީނަތްތެރިވުމަށް ވުރެ ފުޅާކޮށް ނަގަން ޖެހޭ ކަމެކެވެ. އަވީގައި ގިނަ ވަގުތު ހޭދަކުރަން ޖެހޭ ރާއްޖެ ފަދަ ގައުމުތަކުގައި ހަންގަނޑު ރައްކާތެރިކުރުން މުހިއްމެވެ. އަދި މީހާގެ ހަމުގެ ބާވަތާ ގުޅޭ އެއްޗެހި ބޭނުންކުރުމާއި ހަމަށް ގެއްލުންހުރި އާދަތަކާ ދުރުވުން ވެސް މުހިއްމެވެ. ލުބްނާ އަށް ފެންނަނީ ދިވެހިންނަށް އެފަދަ ކަންކަމާ އަޅާނުލެވުމުގެ ސަބަބުން ގިނަ ބަޔަކަށް ހަމުގެ މައްސަލަތައް ދިމާވަމުންދާ ކަމެވެ.

"ގިނަ މީހުންނަށް ބިޒީކަމުން ހެނދުނު ފަސް މިނިޓް، ރޭގަނޑު ފަސް މިނިޓް ނުދެވޭ [ހަންގަނޑަށް އަޅާލާން]. ކެއުން ބަހައްޓަނީ އެހާ އަންހެލްތީކޮށް،" ލުބްނާ ބުންޏެވެ.

"ގިނަ މީހުން ބުނަނީ ރަށުގައި އުޅޭ އިރު ހަންގަނޑު ވަރަށް ބޮޑަށް އަނދައޭ. ރާއްޖޭގައި އެންމެ ބޮޑު މައްސަލައަކީ ސަން ޕްރޮޓެކްޝަން ބޭނުން ނުކުރުން. އެހެންވީމަ ވާ ގޮތަކީ ތިރީހުގެ އަހަރުތަކަށް އަޅާލާ އިރު މޫނުގައި ކަޅު ލައްގަނޑުތަކެއް ޖަހަނީ. އަނެއް ކަމަކީ، ވަރަށް ގިނަގިނައިން ހަންގަނޑު ބްލީޗްކުރާނެ. އެއީ ހަމުގެ ކެންސަރަށް މަގުފަހިވާ ކަމެއް އަދި އުމުރުން ތަންކޮޅެއް ދުވަސްވާ އިރު ހެވީ ޕިގްމެންޓޭޝަން އަންނާނެ އޭގެ ސަބަބުން. ރީތިވާން ބޭނުންކުރަން ޖެހޭނީ ހަންގަނޑަށް ރައްކާތެރި އެއްޗެހި."

މި ދާއިރާ އަށް އުފެދުނު ބޮޑު ޝައުގުވެރިކަމުގައި ލުބްނާ މިހާރު ވަނީ ސްކިން ކޭންޑީ ބްރޭންޑުގެ ދަށުން ދިރާސާތައް ހަދަން ވެސް ފަށައިފަ އެވެ. ސްކިން ކޭންޑީ އިންސްޓިއުޓިއުޓް އޮފް ބިއުޓީ އެންޑް ރިސާޗުގެ އެއް މަގްސަދަކީ ދިވެހިންނަށް ދިމާވާ މި ބާވަތުގެ އެކި ކަހަލަ މައްސަލަތައް ދެނެގަތުމެވެ. ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ އެ އިންސްޓިޓިއުޓްގެ ފުރަތަމަ ހޯދުންތައް ޑިސެމްބަރު މަހު ނެރޭނެ އެވެ. އަންނަ އަހަރު އެ އިންސްޓްޓިއުޓްގެ ދިރާސާތައް ބޮޑަށް އަމާޒުކުރާނީ ދިވެހިންނަށް އާއްމުކޮށް ދިމާވާ ދެ މައްސަލައެއް ކަމަށްވާ ހަމުގައި ލައް ޖެހުމާއި އެކްޒީމާ އަށެވެ.

އަށް ގައުމަކުން އެއްޗެހި އެތެރެކޮށްގެން ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ސްކިން ކޭންޑީގެ އުފެއްދުންތައް ހަދައި ބަންދުކުރަނީ ވެސް ރާއްޖޭގަ އެވެ. މިދިޔަ އަހަރުން ފެށިގެން ސްކިން ކޭންޑީއަކީ ބައިނަލްއަގުވާމީގޮތުން ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކެކެވެ. އަދި ސަރުކާރުން ބާއްވާ ކްރިއޭޓިވް އެކްސްޕޯގައި 2015 ވަނަ އަހަރު އެ ބްރޭންޑް ރާއްޖޭގެ އެއްވަނަ އަށް ހޮވި، އެކްސްޕޯގެ އެންމެ ޝަރަފްވެރި އިނާމް ވަނީ ލިބިފަ އެވެ. އެ އެކްސްޕޯގެ ބިޒްނަސް ކެޓެގަރީގެ އެއްވަނަ އާއި އެންމެ ރަނގަޅު ބިޒްނަސް ޕްރޮޑަކްޓްގެ އެވޯޑް ވެސް އެ ފަހަރު ގެންދިޔައީ ސްކިން ކޭންޑީ އެވެ. ލުބްނާ ބުނިގޮތުގައި އެއީ ވިޔަފާރި ކުރިއަށް ގެންދަން އޭނާ އަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

ސްކިން ކޭންޑީއާ އެކު ލުބްނާ ކުރަމުންދަނީ އޭނާގެ ކުރީގެ ކެރިއަރާ މުޅިން ތަފާތު، ކްރިއޭޓިވް މަސައްކަތެކެވެ. އެކި އެއްޗެހި މިކްސްކޮށްގެން ޕްރޮޑަކްޓްތައް ސީދާ އޭނާގެ ދެ އަތުން ހަދަނީ، ފުޅިތަކާއި ދަޅުތަކަށް އެޅުމާ ހަމައަށް، އެހެން އެއްވެސް މީހަކު ބައިވެރިނުކޮށެވެ. އޭނާގެ އަމިއްލަ ރެސިޕީތަކަށް އެ އެއްޗެހި ތައްޔާކުރާ ގޮތް ކިޔައިދޭ އިރު ސިފަވަނީ ސައިންސްވެރިއަކު ލެބޯޓްރީއެއްގައި މަސައްކަތްކުރާ މަންޒަރެވެ. ލުބްނާ ބުނިގޮތުގައި ސީދާ ވަކި މައްސަލައަކަށް އަމާޒުކޮށްގެން އެންމެ އެކަށީގެންވާ އިންގްރީޑިއެންޓްސް މިނެކިރައި އެ ކަމަކަށް ފަރުވާއެއް ލިބޭ ކަހަލަ އުފެއްދުމެއް ތައްޔާރުކުރުމަކީ ވަރަށް ޓެކްނިކަލް ކަމެކެވެ. އަދި ސްކިން ކޭންޑީގެ އުފެއްދުންތަކުގައި ބޭނުންކުރަނީ އެހެން ގައުމުތަކުގައި ވެސް އެންމެ މަގްބޫލު، ޒަމާނީ އަދި ފެންވަރު ރަނގަޅު އިންގްރީޑިއެންޓްސްކަން އޭނާ ފާހަގަކުރެ އެވެ.

މުޅިން ތަފާތު ހުނަރަކާ އެކު ސްކިން ކޭންޑީ އަށް ޖެހުނު ލޯތްބާއި ވިޔަފާރީގެ ކާމިޔާބީގައި ލުބްނާ އުޅެނީ މުޅިން އެހެން ދުނިޔެއެއްގަ އެވެ. އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ "މުޅިން އެހެން ލެވެލްއެއްގައި" މީހުންނާ ބައްދަލުވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުން ރަހުމަތްތެރިކަމުގެ ގުޅުންތައް ބަދަހިވަމުންދާ ކަމެވެ. ރަށްރަށުގައި ޑިސްޓްރިބިއުޓަރުން ހަމަޖައްސާ އިރު އަންހެނުންނަށް އިސްކަންދިނުމުގެ އުސޫލަކާ އެކު ސްކިން ކޭންޑީ ކުރިއަށް ގެންދަނީ އަންހެނުންގެ ބާރުވެރިކަމަށް އެހީތެރިވުމުގެ ވިސްނުމުގަ އެވެ.

"މީހުންނަށް އުފާވެރިކަން ލިބޭ ކަހަލަ އަދި މީހުންގެ ދިރިއުޅުމަށް ރަނގަޅު ކަމެއް ކޮށްދެވޭ ކަހަލަ ޚިދުމަތެއް ދިނުން މިއީ މާ ހިތްހަމަޖެހޭ ކަމެއް. ސްކިން ކޭންޑީގެ ޕްރޮޑަކްޓެއް ބޭނުންކޮށްގެން ރަނގަޅުވިއޭ ބުނީމަ އެއީ އަދި މާ އުފާވާ ކަމެއް. ރާއްޖޭގެ އެކި ހިސާބުތަކުން ވަރަށް ބައިވަރު ރައްޓެހިން ލިބި ވަރަށް ގިނަ މީހުންނާ އެޓޭޗް ވެވިއްޖެ،" ލުބްނާ ބުންޏެވެ.

"އަމިއްލަ އަށް އެއްޗެއް އުފައްދައިގެން އަމިއްލަ ވިޔަފާރިއެއްގައި އުޅެފައި ބައިވަރު މީހުންނާ ވާހަކަދައްކައި ބޮޑެތި ނެޓްވޯކްތަކެއް ހުރުން މިއީ މާ ބޮޑު އުފަލެއް. މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް ބެލިޔަސް މިކަން މާ ރަނގަޅު. މާ ހިތްމަޖަހޭ."

އަލަށް ލިބުނު ފޮނި ދުނިޔެއާ ދުވަހަކު ވެސް ވަކިވާކަށް ލުބްނާ ބޭނުމެއް ނުވެ އެވެ. ކުރީގެ ކެރިއަރަށް ނުވަތަ އާއްމު ޚިދުމަތަށް އެނބުރި ދިޔުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. ލުބްނާ ބުނަނީ މިހާރުގެ މަސައްކަތް "ހުރިހާ ގޮތަކުން ވެސް މާ ރަނގަޅު" ކަމަށެވެ.

އަންހެނުން ބިއުޓީ އަންހެނުން ބާރުވެރިކުރުން މީހުން

Popular