އިންޑިއާގައި ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަގުވާމީ ސްކޭޓް ބޯޑިން މުބާރާތް، ޖުގާޑް ސްކޭޓްބޯޑިން ގޭމް އޮފް ސްލޭޓް ކޮންޓެސްޓުން ރާއްޖޭގެ ސްކޭޓް ބޯޑަރަކު ފަހުރުވެރި ވަނަތަކެއް ހޯދައިފި އެވެ.
އިންޑިއާގައި ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަގުވާމީ ސްކޭޓް ބޯޑިން މުބާރާތް، ޖުގާޑް ސްކޭޓްބޯޑިން ގޭމް އޮފް ސްލޭޓް ކޮންޓެސްޓުން ރާއްޖޭގެ ސްކޭޓް ބޯޑަރަކު ފަހުރުވެރި ވަނަތަކެއް ހޯދައިފި އެވެ.
އުމުރުން 17 އަހަރުގެ އަލީ ޝާހިލް ވަނީ މި މުބާރާތުގެ އެއް ވަނައިގެ އިތުރުން މުބާރާތުގެ އެކްސްްޕްރެޝަން ސެޝަންގެ ތިން ވަނަ ވެސް ހޯދައިފަ އެވެ.
ދުނިޔޭގެ އެކި ގައުމުތަކުން ބައިވެރިވާ މި މުބާރާތުގައި ޝާހިލްގެ އިތުރަށް ރާއްޖެއިން ބައިވެރިވީ އަހުމަދު އަރުޒަން، 25، އެވެ.
ރާޅުގަނޑު ސްކޭޓް ޕާކްގެ ރައީސް އަހުމަދު ހަމްދާން ހަމީދު (ހަމްބެ) ބުނި ގޮތުގައި މިއީ ސްކޭޓް ބޯޑިންއިން ރާއްޖެ އަށް ލިބުނު ބައިނަލްއަގުވާމީ މިފަދަ ފުރަތަމަ ކާމިޔާބީ ކަމަށާއި އެއީ ވަރަށް ބޮޑު ޝަރަފެކެވެ.
"ސްކޭޓް ބޯޑުކުރާ ކުދިންނަށް އަސްލު މި ލިބެނީ އަހަރަކު އެންމެ މުބާރާތެއް އެ ކުދީންގެ ހުނަރު ދައްކާލަން. އުންމީދަކީ މިފަދަ އިތުރު ފުރުސަތުތަކެއް އެ ކުދީންނަށް ލިބުން،" ހަމްބެ ބުންޏެވެ.
ހަމްބެ ބުނިގޮތުގައި މި ލިބުނު ކާމިޔާބީ އަށް ފަހު، ސްކޭޓްބޯޑިންއިން ޕްރޮފެޝަނަލީ ކުރިއަށް ދިއުމަށް ކުދީންނަށް ވަރަށް ބޮޑު އެހީތަކެއް ވަނީ ބޭނުންވެފަ އެވެ.
"އަސްލު ހަގީގަތުގައި އަދިވެސް ކުދިންނަށް ޓްރެއިންވާނެ ރަނގަޅު ފެސިލިޓީސްތަކެއް ނެތް. ސްކޭޓް ކުރާ ތަނަކަށް ވެސް މި އޮންނަނީ އެ ކުދީން އަމިއްލަ އަށް ހެދި ސްކޭޓް ޕާކެއް،" ހަމްބެ ބުންޏެވެ.
ރާއްޖެއާ އެކު މި މުބާރާތުގައި ވާދަކުރި ގައުމުތަކުގެ ތެރޭގައި ނޭޕާލް، ޖަރުމަން، ފްރާންސް އަދި އިންޑިއާ ހިމެނެއެވެ. މި ލިބުނު ކާމިޔާބީއާ އެކު ޒުވާން ޝާހިލް ހުރީ މި ދާއިރާއިން ކުރިއަށްދާން ކަމަރު ބަނދެެގެންނެވެ.
"އަސްލު އެއްވެސް ވަރަކަށް އުންމީދެއް ނުކުރަން މިކަހަލަ ވަނައެއް ލިބޭނެ ކަމަކަށް. އިންޑިއާ އަށް ދިޔައިރު ފައި ވެސް ހަލާކުވެގެން އުޅުނީ. ހަމަ ނަސީބު މިއީ،" ޝާހިލް ބުންޏެވެ.
ކަލާފާނު ސްކޫލުން ތައުލީމު ހާސިލްކުރުމަށް ފަހު ޝާހިލް މިހާރު މުޅިން ހުސްވެގެން ހުރީ ސްކޭޓް ބޯޑިން އިން ކުރިއަށް ދިއުމަށެވެ.
"ކޮންމެ ދުވަހަކު ވެސް ދަން ސްކޭޓް ކުރަން. އެކަމަކު އެއީ ކޮންމެހެން މުބާރާތަށް ތައްޔާރު ވާކަށެއް ނޫން. ހަމަ ޕެޝަން މިއީ،" ޝާހިލް ކިޔައިދިނެވެ.
ޝާހިލްގެ އިތުރުން މި މުބާރާތުގައި ރާއްޖެ ތަމްސީލްކުރި އަރުޒަން މުބާރާތާ ވަކިވީ ސެމީ ފައިނަލުންނެވެ.
މިއީ ރާއްޖެއިން މި މުބާރާތުގައި ބައިވެރިވި ދެ ވަނަ އަހަރަށް ވާޢިރު، ފާއިތުވެދިޔަ އަހަރު ރާއްޖެ އަށް ވަނީ މުބާރާތުން ދެވަނަ ލިބިފަ އެވެ. މި މުބާރާތަށް ދިޔަ ރާއްޖޭގެ ބައިވެރިންނަށް ފަންޑް ކޮށްދީފައިވަނީ ސްކޭޓް ބޯޑިންގެ ސާމާނުތައް ވިއްކުމަށް ހާއްސަ ވުލްްފް ފިހާރައިންނާއި ރެޑްބުލްގެ ފަރާތުންނެވެ. ރާއްޖޭގެ ޓީމްގެ މެނޭޖަރެއްގެ ގޮތުގައި ބައިވެރިންނާ އެކު މުބާރާތަށް ދިޔައީ އަހުމަދު ނާއިޝް އެވެ.