6 Oct 2026

By: Asima Nizar

އެއީ  އެއް ރެއެއްގެ މެންދަމުން އަލިވި ފަހުންނެވެ. ޖައްޔިދާ ބަދްރީ (ޖައި)ގެ ސިކުނޑިއަށް ވެރިވީ ރާއްޖޭގެ ކަނޑާއި މޫދުން އާއްމުކޮށް ފެންނަ އެކި ވައްތަރުގެ މަސްމެހާމެހީގެ ޑިޒައިނަށް ފައްކާކޮށްފައިވާ ރީތި ޝޯލްތަކެކެވެ. އެ ހިޔާލު ކުރެހުނުލެއް ސާފުކަމުން، އެއީ ވިޔަފާރިއެއް ފަށަން އެތައް ވިސްނުމެއް ގެންގުޅުނު ޒުވާނާ ހޯދަން އުޅުނު އަސްލު ޖަވާބުކަމަށް އަމިއްލައަށް ވެސް ގަބޫލުކުރެވުނެވެ. 

އެ ފޯރީގައި، މިދިޔަ އަހަރު ނިމުނުއިރު ހުރިހާ ޝޯލެއްގެ ޑިޒައިން ނިންމި އެވެ. އަދި އެ މަސައްކަތަށް އަހަރެއް ވަނިކޮށް "ރިން" ބްރޭންޑުގެ ދަށުން މިދިޔަ މަހުގެ 25 ގައި ވަނީ ހަތަރު ޑިޒައިނެއްގެ ޝޯލް ނެރެފަ އެވެ.

ވެލާގެ ތޮށިގަނޑުންނާއި މަޑި އާއި ފެހުރިހީގެ ނިޝާންތަކާއި ނާށީގެ ޓެކްސްޗާ އަދި ކުދި ބޮލިން އިންސްޕަޔާ ވެގެން ޖައިގެ ކޮންސެޕްޓަށް އެ ޝޯލްތައް ޑިޒައިންކުރީ ދިވެހި އާޓިސްޓެކެވެ. 

ހަމައެކަނި ވެލައެއް ނުވަތަ ކާއްޓެއްގެ ތަސްވީރެއް ފޮތިގަނޑެއްގައި ޖެހުމުގެ ބަދަލުގައި، އޭނާގެ ވިސްނުމަކީ އެ ސިފަތަކާއި ޓެކްސްޗާތައް އެއްކޮށްލައި، ޕްރިންޓްތަކެއްގެ ގޮތުގައި ނެރުމެވެ. 

މިސާލަކަށް، ވެލާގެ ޑިޒައިންގައި ތޮށިގަނޑުގެ ވަކި ހަމައެއްނެތް ޖިއޯމެޓްރިކް ބައްޓަންތަކާއި ގުދުރަތީ ކުލަތައް ހިމެނޭ ޕެޓާނަކަށް ބަދަލުކޮށްފައިވެ އެވެ. ކަނޑުގެ ދިރުންތަކުން އިންސްޕަޔާ ވެގެން އަޅާ ޝޯލްތައް ގިނައިން ފެންނަނީ މާ އޮމާން އަދި އެބްސްޓްރެކްޓް އެއްޗެއްގެ ގޮތުގަ އެވެ.

މިއީ، އެއްރޭގެ ކުލަ ހުވަފެނަކަށް ވިއަސް މިކަން ގޮސް ކުޅެނީ ޖައި ބުނި ގޮތުގައި އޭނާގެ ކުޑައިރުގެ މާޒީއަށެވެ. 

ފުރަތަމަ ފެނުނީ ފަހާފޮށި، އެކަމަކު ދިޔައީ އެހެން ތަނަކަށް

އުޅެ ބޮޑުވީ މަންމަ އާއި ބައްޕަ އަދި ކާފަ ފަހަން އިންނަ މަންޒަރުގެ ތެރޭގަ އެވެ. ގޭގައި ހުރެގެން މަންމަ ފަހާތީ، ޖައި ބޭނުން ޑިޒައިނެއްގެ ހެދުން ލާން ލިބުނެވެ. އަދި އުމުރުން 16 އަހަރުގައި ބުރުގާ އެޅުމުން މައިންބަފައިން ދިން ނަސޭހަތަކީ ވެސް އެހެން މީހުން ކޮޕީ ނުކޮށް އަމިއްލަވަންތަ ސްޓައިލެއް ގެންގުޅުމެވެ. 

"އެ ބަސްތައް މިއަދާ ހަމައަށް ވެސް ސިކުނޑީގައި ހަރުލާފައި މި ހުރީ،" 

"ހިޖާބު އެޅުމަކީ މުޅިން އަމިއްލަ ނިންމުމަކަށް ވިއަސް އެކަމުގައި ދަތިތަކާ ކުރިމަތިވި ދުވަސްވަރެއް ވެސް އައި. އެންމެ ފަހުން ބުރުގާ އަޅައިގެން ހިތްހަމަޖެހިގެން އުޅެވޭގޮތްވުމުގެ ބޮޑު ބަޔަކީ ހަގީގަތުގައި އަޅުގަނޑަށް ކަމުދަނީ ކޯއްޗެއްކަން އެނގެންދެން ތަފާތު ފޮތިތަކާއި ކުލަތަކާއި ޕްރިންޓުތަކާއި ސްޓައިލްކުރާނެ ގޮތްތައް ދަސްކޮށް އެއީ އަމިއްލަ ގޮތްކަމުގައި އިހުސާސްކުރަން ދަސްވުން،" ބައެއް ކުންފުނިތަކުގެ މާކެޓިންގައި ވެސް މަސައްކަތްކުރި ޒުވާނާ ބުންޏެވެ. 

އެކަމަށް، ހިތްޖެހުނަސް ސްކޫލް ނިންމުމަށްފަހު އޭނާ އިހުތިޔާރުކުރީ ފެޝަންގެ ދާއިރާއާ މުޅިން ތަފާތު ކަމެކެވެ. މާކެޓިން އަދި ކޮމިއުނިކޭޝަންގެ ރޮނގުން ޑިގްރީ އަދި މާސްޓާސް ނިންމިއިރު ވެސް ހިތުން ފިލައިގެން ނުދިއުމުން އޭނާއަށް ޔަގީންވި ކަމަކީ ހިތުގެ އެއް ފަޅީގައި ފެޝަނަށް އޮތް ލޯބި އޮތްގޮތަށް އޮތް ކަމެވެ.

އެ ލޯބީގައި، މޮޑެސްޓު ޑިޒައިންގެ ވިޔަފާރިއެއް ފަށަން 2021 ވަނަ އަހަރު މާކެޓް ސްޓަޑީއެއް ވެސް ހެދި އެވެ. ޖެހިގެން އައި އަހަރުތަކުގައި އޭނާ ހޭދަކުރީ ފޮތީގެ ވައްތަރުތައް ދަސްކުރުމާއި ދުނިޔޭގެ އެކި ހިސާބުތަކުގައި އެ ތަކެތި އުފައްދާ މީހުންނާ ވާހަކަދެއްކުމާއި ސާމްޕަލްތަކަށް އޯޑަރުދީގެން އަމިއްލައަށް އެ ފޮތިތައް ތަޖުރިބާކުރުމުގަ އެވެ. 

އެކަމަކު، ވަޒީފާގެ ބުރަކަމާ ހެދި ވަކި ހިސާބަކުން އެ ހުވަފެނުގައި ބުރަކި ޖެހެނީ އެވެ. ކުރިއަށްދެވޭ ގޮތެއް ނުވެ އެވެ. 

ކޯޕަރޭޓް ވަޒީފާއިން ދުރަށް ގޮސް، ކުޑަކުޑަ އާއިލާއަށް ވަގުތު ދޭން ފެށުމުން، މީގެ ކުރިން ހުއްޓުނު ކަންކަމަށް ވަގުތު ލިބެން ފަށައިފި އެވެ. 

ރިން: ދަރިފުޅާއެކު ފުރަތަމަ ލޯބި

ޖައި ބުނީ ރިން އުފެއްދަން އުޅުނުއިރު ވެސް ސިކުނޑިއަށް އައީ އެންމެ ހިޔާލެއް ކަމަށެވެ. އެއީ ނިވާކަން ބޮޑުކޮށް ހެދުން އެޅުމަކީ އަމިއްލަވަންތަކަން ގެއްލިގެންދާންޖެހޭ ކަމެއް ނޫންކަމެވެ.

އެ ހިޔާލުގައި އޭނާ ފުރަތަމަ މަސައްކަތްކުރީ ވެސް އަމިއްލަ ޑިޒައިންގެ އަބާޔާ ވިއްކާށެވެ. ނަމަވެސް، އޯޑަރު ދިން މުއްދަތަށް ނުލިބުމުން ޝޯލުން އެކަނި އެ މަސައްކަތް ފެށީ އެވެ.

"މިއީ ހަމައެކަނި ހިޖާބު ވިއްކާ ފިހާރައެއްގެ ގޮތުގައި ހެދި ތަނެއް ނޫން. "މޮޑެސްޓް ވެއާ" ބްރޭންޑެއް ބިނާކުރުމުގެ ފުރަތަމަ ފިޔަވަޅަކީ ހިޖާބު،"

"ޝޯލުން މިކަން ފެށީ އަޅުގަނޑަށް އަމިއްލައަށް ވަރަށް ރަނގަޅަށް ދަންނަ އުފެއްދުމަކަށް ވާތީ. އުމުރުގެ ބޮޑުބައި މި ހޭދަކުރީ ބުރުގާ އަޅައިގެން. އެހެންވީމަ، އެ މީހަކު އަޅާ ޝޯލެއްގެ ފޮއްޗާއި އެ އަޅާލެވޭ ގޮތާއި ރާއްޖޭގެ މޫސުމާ ގުޅޭގޮތުން ވައި ދައުރުވާ އަދި ފަސޭހަ އެއްޗަކަށް ވާންޖެހޭ މިންވަރާއި އަދި ހިޖާބު އަޅައި ސްޓައިލް ކުރުމުން ޕްރިންޓެއް ފެންނަ ގޮތް ކިހާ ތަފާތުވާނެކަން އަމިއްލައަށް ވިސްނޭ،"

ޖައިގެ ދަރިފުޅު، އައިރިންގެ ނަމާ ގުޅުވާލައިގެން ބްރޭންޑަށް 'ރިން'ގެ ނަން ދިނީ ވެސް، ކުރިއަށް އޮތް ތަނުގައި އެ ކުޑަ އާއިލާއާ އެއްކޮށް ބޮޑުވާނެ ކަމަށް އުންމީދުކޮށްގެން ބިނާކުރި އެއްޗަކަށް ވާތީ އެވެ. އަދި ޖަޕާނު ބަހުން ރިންއަކީ، ގަދަރާއި ޝަހުސިއްޔަތާ ގުޅިފައިވާ މާނަތަކެއް އެކުލެވޭ ނަމަކަށް ވުމަކީ ވެސް، ރިންގެ ނަމުން ވިޔަފާރި ގެންދަން ބޭނުންވި ސަބަބެވެ. 

"އަމިއްލަ އަމިއްލަވަންތަކަމުގައި ސާބިތުވެ ހުންނަ އަންހެނެއްކަން ވެސް މި ބްރޭންޑުން ދައްކުވައިދޭނެ،" އޭނާ ބުންޏެވެ.

"އަޅުގަނޑު ދެކޭގޮތުގައި ނިވާކަން ބޮޑުކޮށް ހެދުން އެޅުމާއި އަމިއްލަ ސްޓައިލަކީ ތަފާތު ދެކަމެއް ނޫން. ނިވާކަން ބޮޑުކޮށް ހެދުން އަޅައިގެން ވެސް އަމިއްލަ ހިޔާލާއި އިހުސާސްތައް ފާޅުކުރެވިދާނެ. ވަރުގަދަ ސްޓައިލެއް ގެންގުޅެ، ފުރިހަމައަށް އަމިއްލަވަންތަކަން އިހުސާސްކުރެވިދާނެ. އަޅުގަނޑު ބޭނުންވީ މި ބްރޭންޑުން މަޑުމައިތިރި އަމިއްލަ ރަމްޒެއް ގެނެސްދޭން،" 

ގޮންޖެހުން ބޮޑު

ޖައި ބުނީ ރައްކާކޮށްފައި ހުރި ފައިސާއިން ވިޔަފާރި ފެށިއަސް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

އެންމެ ފުރަތަމަ އޭނާ އުއްމީދުކުރި ގޮތާ ހިލާފަށް ހަމައެކަނި ޝޯލް ވިއްކަން ފެށުމާއި މި ވިޔަފާރި ފެށުމުގައި ދިމާވި ކަންކަމާ ހެދި އިތުރަށް ސަމާލުކަން ދޭން ޖެހުނެވެ.

"އަމިއްލަ ހަރަދުގައި ފަށައިގަންނަ ކުޑަ ވިޔަފާރިއަކަށް މިއީ ކުރީކޮޅު ލިބުނު ހިތި ފިލާވަޅެއް،" ޖައި ބުންޏެވެ. 

އޭނާ ބުނީ މިކަމުގައި ދަސްވި އެންމެ ބޮޑު އެއް ކަމަކީ، ކަންކަމުގައި މާ ބޮޑަށް ފަރުވާތެރިވާންވީ ވަގުތާއި ދޫދޭންވީ ވަގުތު ދެނެގަތުން ކަމަށެވެ.

ހާއްސަކޮށް، އުފެއްދުމުގެ ފެންވަރު ފަދަ މާ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަންކަން ހުއްޓަސް ވަކި ހިސާބަކުން އިތުރަށް ފުރިހަމަކުރަން އުޅުން ހުއްޓާލައި އުފެއްދުން އާންމުންނާ ހަމައަށް ގެނެސް އަދި އަމިއްލަ މީހާއާ އެކު ވިޔަފާރި ބޮޑުވުމަށް ފުރުސަތު ދޭންޖެހޭ ކަމަށް ޖައި ގަބޫލުކުރެ އެވެ. 

"އަނެއް ގޮންޖެހުމަކީ ތެދަށް ބުނާ ނަމަ އަޅުގަނޑުގެ އަމިއްލަ ސްޓައިލް. މާކެޓިން ދާއިރާގެ ތައުލީމާއި ތަޖުރިބާ ހުރުމުން ހުރިހާ ކަމެއް ވެސް އެންމެ ފުރިހަމައަށް ކުރަން ބޭނުންވަނީ. ބްރޭންޑިން އާއި ޕެކޭޖިން އާއި ކޮންޓެންޓު އަދި ކަސްޓަމަރުންގެ ތަޖުރިބާ ފަދަ ހުރިހާ ކަމެއް ވެސް އެންމެ ފުރިހަމައަށް."

ފަހަރަކު ފިޔަވަޅެއް ކުރިއަށް

ޖައި ބުނީ ފުޅާކޮށް ވިޔަފާރި ފަށައިގަތުމުގެ ބަދަލުގައި އޭނާ ބޭނުންވީ މަޑުމަޑުން ކުރިއަށްދާން ކަމަށެވެ. އޭގެ ތެރެއިން، ފަހަރަކު ކަލެކްޝަނަށް ސަމާލުކަން ދީފި ނަމަ ނުކުންނާނެ ނަތީޖާ ރަނގަޅުކަމަށް އޭނާ ގަބޫލުކުރެ އެވެ. އޭގެ ސަބަބުން ބްރޭންޑު ފުޅާކުރަން މާ ބޮޑު އިންވެސްޓްމަންޓެއް ކުރުމުގެ ކުރިން މާކެޓް ދެނެގަތުމާއި ލޯޔަލް ކަސްޓަމަރުންގެ ކައިރިން ކަންކަން ދަސްކުރުން އަދި ކާމިޔާބުވަނީ ކޮން ކަމެއްކަން ބަލައި ދެނެގަތުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ބުންޏެވެ.

"އަމިއްލަ ހަރަދުގައި ވިޔަފާރިއެއް ފަށާއިރު މިއީ ހާއްސަކޮށް މުހިއްމު ކަމެއް. ވިޔަފާރި ގެންދަން ބޭނުންވާ ހިސާބާ މެދު ވަރަށް ބޮޑު ތަސައްވުރެއް އޮތަސް ފަށައިގަންނައިރު ވިސްނުންތެރިކަމާއި އުސޫލު ހިފަހައްޓަންޖެހޭނެ،"

"ދުނިޔޭގެ މޮޑެސްޓް ފެޝަން ބްރޭންޑްތަކާއި ފެޝަންގެ އާއްމު އޮއިވަރަށް އަންނަ ބަދަލުތައް ވަރަށް ކައިރިން އެބަ ބަލަން. މި ދާއިރާ މިސްރާބު ޖަހަމުންދާ ގޮތް ދެނެގަތުމަކީ މުހިއްމު ކަމެއް ކަމަށް ދެކެން. ނަމަވެސް، ދުނިޔޭގައި މަގުބޫލުވާ ކޮންމެ އެއްޗެއް ހަމައެގޮތަށް ރިންއިން އަލުން އުފައްދާކަށް ބޭނުމެއް ނޫން. އަމިއްލަ ސްޓައިލްގައި އެކަން ކުރަން ބޭނުންވަނީ،" 

ޖައި ބުނީ މި މަސައްކަތުގައި ލިބުނު އެންމެ އުފާވެރި ވަގުތަކީ ޝޯލްގެ ޑިޒައިން ނިންމައި ފުރަތަމަ ފަހަރަށް ޒުވާން އަންހެނުން އެ ލައިގެން ފޮޓޯ ނަގާތަން ފެނުނު ވަގުތު ކަމަށެވެ. އެ ވަގުތު، ހުރިހާ ކަމެއް ހަގީގަތަކަށް ވި ކަމުގެ އިހުސާސެއް ކުރެވުނު ކަމަށް އޭނާ ބުންޏެވެ. 

"މި ޑިޒައިންތައް އެ ހިސާބަށް ދިޔައިރު ހުރީ އަޅުގަނޑު އަހަރެއްހާ ދުވަސް ވަންދެން ބަލަމުން އައި ހިޔާލުތަކާއި ސްކެޗްތަކެއްގެ ގޮތުގައި. ހަގީގަތުގައި ވެސް މީހުން އެ ތަކެތި އަޅައިގެން ތިއްބާ ފެނުމުން ވަރަށް އުފާވި،"

"މި ވަގުތަށް އެންމެ ބޮޑު ކާމިޔާބީއަކީ ގިނަ އަހަރުތަކެއް ވަންދެން މި ސިކުނޑީގައި ގެންގުޅުނު ކަމެއް އެންމެ ފަހުން ހަގީގަތަކަށް ވެ، އެއަށް މީހުންގެ ތަރުހީބު ލިބުން،"

ކުރިއަށް އޮތް ތަނުގައި ރިންގެ ކުޑަ ދަށުން އިތުރު އުފެއްދުންތައް މާކެޓަށް ނެރޭނެ އެވެ. އަދި ލޯތްބާއި އަމިއްލަވަންތަކަމާއި ބިނާކުރި އެ ރިން ރާއްޖޭގެ ޗާޓުން ބޭރަށް ދިއުމަކީ ވެސް ޖައިގެ ހުވަފެނެކެވެ.

ފެޝަން

Popular