By: Ahmed Nadym
ރަވީ ފާރޫގް އޭނާގެ އަމިއްލަ ނަފުސަށް ކުރާ އިތުބާރު އެހެން ހުރިހާ ބާރަކަށް ވުރެން ބޮޑެވެ. އަމިއްލަ ނަފުސަށް އޮތް މި އިތުބާރާއި، ލޯތްބާއި، އިހްތިރާމުގެ ފޮނިމީރުކަން އޭނާ އަށް އެހީނުވާ ދުވަސްވަރެއް ހަޔާތުގައި ނާދެއޭ ބުނުން ވާނީ އޭނާއާ ގުޅުވައިގެން މިގޮތަށް ލިޔެވޭނެ އެންމެ ބޮޑު ހަގީގަތަށެވެ. ގަޓުހުރި ދިވެހި އާޓިސްޓަކަށް އޭނާ ބަދަލުކޮށްލި ސިއްރަކީ މިއީ އެވެ. އަދި އެހެން ހުރިހައި ގޮންޖެހުންތަކެއްގެ ކުރިމަތީގައި ވެސް އޭނާ ނުވެއްޓި ދެމިހުރި ސަބަބަކީ މިއީ އެވެ. އޭނާގެ މި އާދަޔާހިލާފު ކެރިއަރު ފެށިގެން އަންނަނީ އެ އިތުބާރާއި ޔަގީންކަމުގެ ތެރެއިން ނެގި ޑާންސް ސްޓެޕަކުންނެވެ.
އެ ދުވަސްވަރަކީ މާލޭގައި ޓެކްނޯ މިއުޒިކަށް ޒުވާން ފުރައިގެ ދެ ޖިންސު އެކުގައި ނަށައި، ޑާންސް ގްރޫޕުތައް އެކި ގޯޅިގޯޅި ކަންމަތީގައި ބާރުގަދަކޮށްލައިގެން އުޅުނު 90ގެ ރަންޒަމާނެވެ. އޭރުގެ އެންމެ މަޝްހޫރު އެއް ގްރޫޕް ކަމަށްވާ ޒެފްރޯލްއާ ގުޅެން ރަވީ ގެއިން ނުކުމެގެން ދިޔައީ އެ ގްރޫޕުގައި ތިބި މުހިންމު މެމްބަރުތަކެއް ގްރޫޕާ ވަކިވުމާ ގުޅިގެން އާ މެމްބަރުންތަކެއް ރެކްރޫޓް ކުރަމުންދާ ޚަބަރު ހޭޔަމްބޯ ޝޯއިން ލިބިގެންނެވެ. ޓީވީ ދޫކޮށްލާފައި ޒެފްރޯލާ ގުޅެން ނުކުމެގެން ދިޔައިރު ވެސް އެ ގްރޫޕުން ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަން ރަވީ އަށް އޮތެވެ. އެ އިތުބާރާއެކުގައި ގޮސް އޭނާ އަށް އެންމެފަހުން ޒެފްރޯލުން ފުރުސަތު ލިބިގެން ދިޔައީ އެވެ.
"އެކަމަކު އަހަންނަށް ޖެއްސީ ފެން އުފުލަން. އެ މީހުން ނަށާއިރު އެ މީހުންނަށް ބޭނުންވާ ކަންތައް ކުރުވައި ފެން އުފުލަން ބެހެއްޓީ. ދެން އެއްގޮތަކަށް ވެސް ސްޓޭޖަށް އަރައި ޕާފޯމްކުރާނެ ފުރުސަތެއް ނުދޭތީ އެންމެފަހުން އެއް ދުވަހަކު އަމިއްލަ އަށް ސްޓޭޖަށް އަރައި ނަށާލީމަ އެ ގްރޫޕުން ބޭރުކޮށްލީ."
ސްޓޭޖުން ނަގައި އެއްލާލި ދުވަހު ވެސް ތަޅައިގެން ނުދިޔައީ ރަވީގެ ހިތްވަރާއި އަޒުމެވެ. އޭނާ ބޭނުންވީ ރާއްޖޭގައި ނެތްވަރުގެ ހުނަރުވެރި ޑާންސަރަކަށް ބަދަލުވާށެވެ. ޒެފްރޯލުން ބޭރުކޮށްލުމުން ރައްޓެއްސަކާ އެކު އޭނާ އުފެއްދީ ކޮމެޓްސް ނަމަކަށް ކިޔާ ގްރޫޕެކެވެ. އޭނާގެ އެ ގްރޫޕު ދެ ފަޅިވެގެން ގޮސް އެންމެފަހުން މުޅި ރާއްޖެ ދަންނަ ފެންވަރުގެ މޮޅު ނެށުންތެރިޔަކަށް ރަވީ ބަދަލުވެގެން ދިޔައީ އޭނާގެ އެންމެ ކާމިޔާބު "ގޯސްޓް" ގްރޫޕާ އެކުގަ އެވެ.
އޭނާގެ ކެރިއަރުގައި މި ފިޔަގަނޑު ފަޅުވައިދިނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަމިއްލަ ނަފުސަށް ކުރި، އެ އިތުބާރެވެ. ދެން މި އޮތީ ޑާންސްކުރަން އުޅުނު އެ ސްޓޭޖުން އުދުއްސާލައިގެން ގޮސް ފިލްމީ ޖައްވަށް ވަދެ އެންމެ މޮޅު ޑައިރެކްޓަރުންގެ ގޮނޑިއެއްގައި އޭނާ ހަމަޖެހިލި ވާހަކަ އެވެ. އެ ވާހަކައިގައި ވެސް އެންމެ ބޮޑު ކްރެޑިޓަކީ އަމިއްލަ ނަފުސާ މެދު އޭނާ ދެކުނު ގޮތާއި ގަބޫލުކުރި ގޮތެވެ. އެކަމަކު މި ވާހަކަ ރަވީގެ މި ކުރު ތައާރަފަށް ލައިގެން ދިގުކުރުމުގެ ބޭނުމެއް ނެތެވެ. ރާއްޖޭގައި ނެތްވަރުގެ ފިލްމު ޑައިރެކްޓަރަކަށް އޭނާ ބަދަލުވި ގޮތް ވެސް ފުރަތަމަ މި ކިޔައިދިން "ސްޓޭޖުން ވެއްޓުނު ސްޓޯރީއާ" ހަމަ އެއްވެސް ތަފާތެއް ނެތީމަ އެވެ.
ދެން މިއޮތީ މިހުރިހާ ކާމިޔާބީތަކާ ބެހޭ ގޮތުން ރަވީ ކިޔައިދޭން ބޭނުންވާ ވާހަކަތަކެވެ.
ފިލްމު ޑައިރެކްޓަރެއްގެ ގޮތުގައި ރަވީ އަކީ މިވަގުތު ރާއްޖެއިން ނެގޭނެ އެންމެ ކުޅަދާނަ އެކަކޭ ބުނެވިދާނެ. އެކަމަކު މި މަސައްކަތުގައި އާދެވިފައި ހުރި ހިސާބު އަމިއްލަ އަށް ކިޔައިދޭ ނަމަ ރަވީ ބުނާނީ ކީކޭ؟
ރަވީ: މި ހިސާބަށް އާދެވުނީ ވަރަށް ބޮޑެތި ސްޓްރަގްލްތަކެއް ކޮށްގެން. އެއީ އައިޑިއާއެއް ހިފައިގެން އައިސް ވަކި ގޮތަކަށް އޭގައި މަސައްކަތްކުރަން ބެލިޔަސް މަސައްކަތްކުރަން ތިބޭ މީހުން (ފިލްމީ ދާއިރާގައި މިތިބީ) އެހެން ގޮތަކަށް ފޯމެޓްކޮށްފައި. ދެން އެހެންވީމަ އެބަޖެހޭ އެ މީހުން ވެސް ބަދަލުކުރަން. އެކަމަކު ރަވީ މި ބުނަނީކީ ރަވީއަކީ އެންމެ މޮޅު މީހާއެއް ނޫނޭ. އެކަމަކު ވެސް ބައި ދަ ބުކް ފޮލޯކޮށްގެން ކުރިއަށް ދެވޭތޯ މި ބަލަނީ. މި މަސައްކަތް ފުރަތަމަ ފަށައިިގެން އެއް ދުވަހަކު ލައިޓިން ހަދާނެ ގޮތަކާ މެދު ހިޔާލެއް ހޯދާލީމަ ވެސް ދާއިރާގެ ތަޖުރިބާކާރުންގެ އެހީއެއް ނުލިބުނު. ދެން އަމިއްލަ އަށް ދަސްކުރަން ޖެހުނީ އެކަންތައް ވެސް. އެހެންވީމަ މިހާރު މިހުރި ހިސާބަކީ ވަރަށް ހިތްދަތި ހިސާބެއް. މަސައްކަތްކުރާ ގޮތާއި ބައެއް ކަންތައްތައް ބަދަލުކުރެވިފައި ވިޔަސް، މީހުން އަހަރެން ދައްކާ ވާހަކަ ގަބޫލުކުރާ ހިސާބަކަށް އާދެވިފައި ވިޔަސް އެގޮތަށް ފިލްމު ހަދަން ލާރިއެއް ނެތް. ފިލްމު ހަދަން އައިޑިއާސްތައް ވަރަށް ގިނަ، ސަޅި ޕްލޮޓްތަކެއް ވެސް އެބަހުރި. އެކަމަކު ލާރި ނެތީ.
ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، ހަނި، އުނދަގޫ ފުރުސަތުތަކެއް ލިބިގެން އެހާމެ އުނދަގުލާ އެކުވެސް ރަވީ ތިވަނީ ރަވީގެ މަސައްކަތް ސާބިތުކޮށްދީފައި. އެ ކާމިޔާބީގެ ސިއްރަކީ ކޮބާ؟
ރަވީ: މިސާލަކަށް ނެށުމުގައި ނަމަ، މަށަކީ މިހާރު ވެސް ސްޓޭޖަށް އަރާއިރު ސްޓޭޖް ފްރައިޓް ހުންނަ މީހެއް. ވަރަށް ނާވަސްވޭ ހަމަ. އެކަމަކު އެއީ އެނާޖީއެއް. އޭތި އެބަ ބޭނުންކުރެވޭ ސްޓޭޖުމަތީގައި (ޕާފޯމްކުރަން). ފިލްމީ ދާއިރާގައި ނަމަ ވާގޮތަކީ ފިލްމެއްގެ މަސައްކަތް ފަށާއިރު ފުދޭވަރެއްގެ ބިރެއް ވެސް ގަނޭ. އާ ކަމެއް ކުރަން އުޅޭއިރު އެ ގަންނަ ބިރު އިނދެއޭ. އަދި ހަމައެއާ އެކު އަމިއްލަ މީހާ އަށް އޮންނަ ކޮންފިޑެންސް ވެސް ވަރަށް ވަރުގަދައޭ. ބިރު ވެސް މަސައްކަތުގެ ތެރެއަށް ލައިގެން މަސައްކަތްކުރަނީ. ދެން އެންމެ މުހިންމު ކަމަކީ، ފުރަތަމަ ވެސް، އަމިއްލަ ހިތްހަމަޖެހުމަށޭ ފިލްމު މި ހަދަނީ. އަމިއްލަ އަށް ގަބޫލުކުރެވޭ ފެންވަރެއް ހޯދަން މި މަސައްކަތްކުރަނީ. އެހެންވީމަ (ކާމިޔާބީގެ ސިއްރަކީ) ތެދުތެދަށް ބުނަނީ ނަމަ ގޮތްދޫނުކުރުން.
އެހެން ގައުމުތަކެއްގެ އާޓިސްޓުންނާ ވާދަކޮށް ދިވެހި ސިނަމާގެ ދެ އެކްޓަރަކަށް (ރިޝްމީ އާއި ކޮޕީ އިއްސެ އަށް ސާކް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުން) ލިބުނު ފުރަތަމަ އަދި އެންމެ ބޮޑު ކާމިޔާބީގެ ފަހަތުގައި ރަވީގެ ހިއްސާ ވަރަށް ބޮޑު. އެކަމުން ލިބުނު އުފަލާއި ދެން ހިތަށް އެރި އެއްޗެހި ކިޔައިދީބަލަ؟
ރަވީ: އިނގިލި ފިލްމު ހިފައިގެން ދިޔައިރު ފުރުމުގެ ކުރިން ދިން އިންޓަވިއުއެއްގައި، އެވޯޑެއް ގެންނާނަންތޯ ސުވާލުކުރުމުން ބުނި ހަނދާން އެބަހުރި ތިން ވަނަ ގެންނާނަމޭ. އެކަމަކު އެންމެ ސަޕްރައިޒިން ކަމަކަށްވީ އެ ފިލްމުން ކޮޕީ އިއްސެ އަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވެސް ލިބުނީމަ. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔަ ކަމެއް. ދެން ރިޝްމީގެ ފިލްމުގައި ވެސް ބުނިން ރިޝްމީ އަށް އެވޯޑް ލިބޭނެއޭ ވެސް. ކޮންމެވެސް (އެވޯޑެއް) ހޯދާނެއޭ ތި ފިލްމު، ގެރެންޓީއޭ. އެކަމަކު ބުނެފައި ވަނިކޮށް އެވޯޑް ލިބުނީމަ އެންމެ ފުރަތަމަ ގަބޫލެއް ވެސް ނުކުރެވުނު އެކަން. އެއްގޮތަކަށް ވެސް ރިޝްމީ އާއި ކޮޕީ އިއްސެ ދަށްވެގެންނެއް ނޫން. އަހަރެންގެ މަސައްކަތުން އެ އެވޯޑްތައް ލިބުނީމަ ހިތަށް އެރީ މިއީ ހަމަ އަސްލަށް ވެސް ވަމުންދާ ކަމެއް ހެއްޔޭ. ދެން ހިތަށް އެރީ މިއޮތީ ގޭޓްވޭއެކޭ ހުޅުވިފައި. އެހެން ކެޓެގަރީތަކަށް ވެސް މަސައްކަތްކުރަންވީއޭ.
ކޮޕީ އިއްސެ އާއި ރިޝްމީ އަށް ސާކް ފެސްޓިވަލްގައި ލިބުނު ދެ އެވޯޑަކީ ޑައިރެކްޓަރެއްގެ ގޮތުގައި ރަވީގެ ކުޅަދާނަކަން ވަރަށް ބޮޑަށް ސާބިތުކޮށްދިން ކަމެއް. އެ ފެސްޓިވަލަށް ދާ ނަމަ ދެން އެންމެ ބޭނުންވާ އެވޯޑަކީ ކޮބައިތަ؟
ރަވީ: ހަގީގަތުގައި މިހާރު މި މަސައްކަތް މިކުރެވެނީ އަމިއްލަ މީހާގެ ހިތްހަމަޖެހުމަށާއި ބަޔަކަށް އެއްޗެއް ޕްރޫވްކޮށްދޭން. އެހެންވީމަ ދެން ދެކެން ބޭނުންވާ ދުވަހަކީ ސިނެމެޓޯގްރެފީގެ އެވޯޑެއް ރާއްޖެ ގެންނަ ދުވަސް. (ރާއްޖޭގެ ރީތިކަން) ރަނގަޅުގޮތަކަށް ދައްކައިގެން ސިނެމެޓޯގްރެފީގެ އެވޯޑެއް ގެންނާނެ ދުވަހެއް ދެން ބަލަން ބޭނުންވަނީ.
ރަވީގެ ދެ ފިލްމަކަށް އެކްޓިން ކެޓަގަރީގައި އެ ލިބުނު މުހިންމު ދެ އެވޯޑާއި "އިނގިލި" އަށް ލިބުނު ބްރޯންޒް މެޑަލް އަށް ފަހު އަމިއްލަ އަށް މިހާރު ގަބޫލުކުރެވޭތަ އެއަށް ވުރެ ދުރަށް ރަވީ އަށް ދެވިދާނެހެން؟
ރަވީ: އެއަށް ވުރެން ދުރަށް ދެވޭނެ. (ޖަޕަނީސް ފިލްމު ޑައިރެކްޓަރު) އަކީރާ ކުރޮސާވާ ވެސް ބުނެފައި އޮންނާނެ އައި އޭމް ސްޓިލް އަ ލާނާއޭ. އެހެންވީމަ ދަސްކުރަން ތައްޔާރަށް ހުރި ކަމުގައިވާ ނަމަ ކުރިއަށް ދާން އޮތް މަގު ވަރަށް ވެސް ދިގު.
އެކްޓަރުންގެ މޮޅުކަން އޮން ސްކްރީނުގައި ދެއްކުމަށް ޑައިރެކްޓަރުންގެ މުހިންމުކަން ވަރަށް ބޮޑުވޭ. އެންމެ މޮޅެތި އެކްޓަރުންނާއި އެންމެ އާދައިގެ އެކްޓަރުންނާ އެކު ރަވީ މަސައްކަތްކުރާގޮތަކީ ކޮބައިތަ އެމީހުންގެ ބެސްޓް ނެރެން؟
ރަވީ: ރާއްޖޭގައި ނަމަ އެންމެ އާދައިގެ އަކީ އޮފީސް ޓެލެ ޑްރާމާ. އޮފީސް ޑްރާމާގައި އަހަރެން ޓްރެއިންކޮށްދިން އެކްޓަރަކު އެ ހޯދީ ޖެހިޖެހިގެން ތިން އަހަރު އެންމެ މޮޅު އެކްޓަރުގެ އެވޯޑް. އަހަރެންގެ މިފަދަ ކޮންމެ މަސައްކަތަކުން ވެސް ހުންނާނެ އެކްޓިން އެވޯޑް ގެނެސްފައި. މީގަ ޕޮއިންޓަކީ ހަގީގަތުގައި އެންމެ ފުރަތަމަ ވެސް މިކިޔައިދެނީ ކެރެކްޓާއަކީ ކާކުކަން. ލިޔެފައި ނެތަސް އެ ކެރެކްޓާއެއްގެ ބެކްގްރައުންޑް މައުލޫމާތު ވެސް އެކްޓަރަށް އެބަދޭން ޖެހޭ. އުމުރަކީ ކޮބައިކަން ވެސް އެނގެންޖެހޭ. އަދި ސްކްރިޕްޓްގައި ލިޔެފައި އޮންނަ އެއްޗެއް ނަގައިގަތުމުގެ ގާބިލުކަން އެކްޓަރުގެ ކިބައިގައި ވެސް ހުންނަން ޖެހޭ. އިމްޕްރޮވައިޒްކުރުމުގެ ގާބިލުކަން ވެސް އެކްޓަރުންގެ ކިބައިގައި ހުންނަން ޖެހޭނެ. ވަރަށް ބޮޑަށް ކެރެކްޓާއަށް ސަމާލުކަން ދީގެން އެކްޓަރުންނަށް މިކަހަލަ ވޯކްޝޮޕްތަކެއް ހިންގަން ޑްރާމާގެ ކުރިން. މިގޮތަށް ކަންތައް ކޮށްގެން ހަގީގަތުގައި ކާމިޔާބު އެ ލިބެނީ.
ރަވީމެން ކަހަލަ ހުނަރުވެރި އާޓިސްޓުން ކުރިއަށް ދާން ޖެހޭ ސްޕީޑުގައި ކުރިއަށް ނުދެވުމުގެ ސަބަބަކަށް ދިވެހި ސިނަމާގެ ފެންވަރު ވެދާނެތަ؟ އަބަދުވެސް ފިލްމީ ދާއިރާ ވަރަށް ހާލުގައި އޮންނަ ވާހަކަ އަޑުއިވެނީ. އެކަމަކު މޮޅު މީހުން އެބަތިއްބޯ؟
ރަވީ: އެއްވެސް އިރަކު ހިތަކު ނޯވޭ އޮލިމްޕަހުގައި ފިލްމެއް އަޅުވާކަށް އެތަނުގައި އެހެރަ ޕްރޮޖެކްޓިން ސިސްޓަމް ހުއްޓަކައެއް. އެ ސިނަމާ ފަހުން ހުޅުވިއިރު ވަރަށް ވާހަކަ ދެކުވުނު ފެންވަރު ރަނގަޅުކުރާނެ ކަމަށް ބުނެ. އެކަމަކު އެކަން އެގޮތަށް ވެގެން ނުދިއުމަކީ ފިލްމުތަކުގެ ފެންވަރު ވެސް ވަރަށް ދަށްވެގެން ދިޔަ ކަމެއް. އޮލިމްޕަހަކީ ސިނަމާއެއް ތޮށިގަނޑު. ފިލްމު އަޅުވަން ވެސް އެތަނުގައި އެ ހުންނަނީ އޮފީސް އޮފީހުގައި ގެންގުޅޭ ކަހަލަ ޕްރޮޖެކްޓަރެއް. އެކަމަކު މިކަހަލަ ފެންވަރު ނެތް ތަންތަން ދޫކޮށްފައި ފެންވަރު ހުރި ތަންތަނަށް ބަދަލުވާން ގިނަ ޕްރޮޑިއުސަރުން ބިރުގަނޭ. އެހެންވީމަ ފިލްމީ ދާއިރާ މިކަމުގައި ބްލޭމްވާނީ. ހުރިހާ ކަމެއް އަދިވެސް ކުރަން ބޭނުންވަނީ އެންމެ މީހެކޭ. އެއީ މައްސަލައަކީ.
ކްރިޓިކަލީ ރަނގަޅު ރަވީގެ ފިލްމުތަކަކީ ބޮޑަށް އާޓް ޖޮންރާގެ ފިލްމުތައް. މެއިންސްޓްރީމް އޯޑިއެންސަށް ހާއްސަ ކޮމާޝަލް ފިލްމެއް ރަވީ އަށް އެ ފެންވަރުގައި، މި ބުނީ ތައުރީފު އޮހޭ ފެންވަރުގައި ގެނެސްދެވިދާނެތަ؟
ރަވީ: ކަށަވަރުކަމެއް. އެއީ ހަމަ ކަށަވަރުކަމެއް. އެ ސްކްރިޕްޓެއްގައި އޮށްޓަރެއް ހުރެއްޖެއްޔާމު އޭތި ނެރެވޭނެ ހަމަ.
ބޮޑެތި އޯޑިއެންސްތަކަށް ނުވަތަ ދިވެހިންގެ އާންމު އޯޑިއެންސަށް ރަވީގެ ފިލްމުތައް ކަމުނުދަނީ ކީއްވެގެން ކަމަށް ގަބޫލުކުރަނީ؟
ރަވީ: މީގައި ވާގޮތަކީ މިސާލަކަށް ދިވެއްސަކު ކިޔަވަދެންޏާ ވެސް ދިވެހިންނެއް ނުދާނެ. މިތަނުގައި މި ތިބި އެއްވެސް ބަޔަކީ ހަގީގަތެއް ގަބޫލުކުރަން ބޭނުންވާ ބައެއް ނޫން. އެކަމަކު މުޖުތަމައުގައި ހުރި ކަންކަމުގެ ވާހަކަ މި ގެނެސްދެނީ. އޭތި ގަބޫލުކުރަން ބައެއް މީހުން ބޭނުންނުވަނީ. މިސާލަކަށް ވިޝްކާގައި (އަވަގުރާނަ) ވަރަށް ބޮޑުވާނެ. އެއީ އޭގައި އުޅޭ ވަކި ކެރެކްޓާއެއްގެ ސަބަބުން. އޭގައި އުޅޭ އެހެން ހުރިހާ ކެރެކްޓާއެއް އެގޮތަކަށް ވާހަކައެއް ނުދައްކައޭ. މީގައިމިވާގޮތަކީ ރިއާލިޓީ ގަބޫލުކުރަން މީހުން ބޭނުންނުވަނީ. ދެން ރަވީގެ ފިލްމުތަކުގައި ލަވަ މަދުވީމަ ވެސް ބައެއް މީހުންނަށް ކަމުނުގޮސްދާނެ.
ދުވަހަކު ވެސް ބޮޑެތި އޯޑިއެންސްތަކަށް ފިލްމު ހަދާ ޑައިރެކްޓަރަކަށް ރަވީ ބަދަލުވެދާނެތަ؟ ރަވީ ބޭނުންވޭހޭ "މިއީ ލޯތްބަކީ" ނުވަތަ އެކަހަލަ އެހެން ރަހަތަކެއްގެ އެކަމަކު އޯޑިއެންސާ ރައްޓެހި ފިލްމުތައް ޑައިރެކްޓްކުރަން؟
ރަވީ: ލޯބީގެ ފިލްމުތައް ވެސް ހެދޭނެ ހަމަ ވަރަށް ރިއަލިސްޓިކްކޮށް. އަބަދަކު ނުޖެހޭ ފެންޓަސީއެއް ދައްކުވައިދޭކަށް. ލޯބީގައި ވެސް އެބަހުރި ވަރަށް ރިއަލިސްޓިކް އިވެންޓްތަކާ އެއްޗެހި ވެސް. ލޯބީގެ ފިލްމުތައް ވެސް ހަދާނަން. މިހާރު ވެސް މަސައްކަތްކުރަމުން އެބަދަން ލޯބީގެ ފިލްމެއްގައި. އަދި 100 ޕަސެންޓް ގެރެންޓީ އެބައޮތް އޭތި ވެސް މީހުންނަށް ކަމުދާނެ ކަމުގެ. ބުނަން ބޭނުންވަނީ އެއްގޮތަކަށް ވެސް ބޭނުމެއް ނޫނޭ (ރަވީ އަކީ ހަމައެކަނި އާޓް ފިލްމުތައް) ހަދާ މީހެކޭ ބުނާކަށް. އަހަރެން ވަރަށް ބޮޑަށް ފޮލޯކުރާ ޑައިރެކްޓަރެއް ރޮބަޓް ޒެމިކްސް އަކީ. އޭނައަކީ ވަރަށް ބައިވަރު، އެކި ވައްތަރުތަކުގެ ފިލްމުތައް ޑައިރެކްޓްކުރާ މީހެއް. އެކަހަލަ ސްޓައިލަކަށް މަސައްކަތްކުރަން ބޭނުންވަނީ.
ރަވީގެ ފިލްމުތަކަކީ ވިޔަފާރީގެ ގޮތުން މާ ބޮޑު ފައިދާތަކެއް ލިބޭ ފިލްމުތަކެއް ނޫނޭ އަމިއްލަ އަށް ވެސް ބުނޭ. މި ސެޓްބެކާއެކު ވެސް އިތުރު ފިލްމުތައް ޑައިރެކްޓްކޮށް ތިގޮތުގައި ކުރިއަށް ދާން ލިބޭ އެންމެ ބޮޑު ހިތްވަރަކީ ކޮބައިތަ ނުވަތަ ސަބަބަކީ؟
ރަވީ: އެންމެ ބޮޑު ހިތްވަރަކީ ޑިޓާމިނޭޝަން. އަމިއްލަ ޑިޓާމިނޭޝަން. ދެން އެންމެ ބޮޑު ހިތްވަރަކީ ހޭޓާސް އިން. ހާއްސަކޮށް ފިލްމީ ދާއިރާގެ ތެރޭގައި ތިބި މީހުން. އެކަމަކު އެއްވެސް ހާލެއްގައި އޭތި އަންހެލްތީކޮށް ނަގަނީކީއެއް ނޫނޭ. ނަމަވެސް އެމީހުންދޭ ނެގެޓިވް އެނާޖީ އައިސް ވަރަށް ބޮޑު އެއްބާރުލުމެއް ދޭ ރަވީގެ މަސައްކަތުގައި. އެމީހުން ކޮންމެ އެއްޗެއް ކިޔަސް މަސައްކަތްކުރެވިދާނެ ނޫން ހެއްޔޭ. އެގޮތަށް. ދެން ކޮންމެ ގޮތެއްވިޔަސް ފައިނޭންޝަލީ ބަލަނީ ނަމަ ފުރަތަމަ ފިލްމަށް ވުރެން ދެ ވަނަ ފިލްމުގައި އެބައި ރަނގަޅުވި. އެހެންވީމަ ގަބޫލުކުރަނީ ދެން އަންނަ އެއްޗެއްގައި ވެސް އެކަން ރަނގަޅުވާނެ ކަމަށް. ކުރިއަށްއޮތްތާނގައި މިއީ ފައިނޭންޝަލީ ވެސް ރަނގަޅު ޑައިރެކްޓަރެއް އިރާދަކުރެއްވިއްޔާމު.
ފިލްމު ޕްރޮޖެކްޓެއް އަތަށް އަރާ ހިސާބުން ޑައިރެކްޓަރެއްގެ ގޮތުގައި ރަވީ މަސައްކަތް ފަށައިގެން ކުރިއަށް ދާ ގޮތް އަހަރެމެންނަށް ކިޔާލަދީބަލަ؟
ރަވީ: އެންމެ ފުރަތަމަ ކަމަކީ ޕްރިޕްލޭންކުރުން. ކޮން ބައެއްތޯ މީތި ކުޅޭނީ. ސްކްރިޕްޓަށް ބަދަލު ގެންނަން ޖެހޭތޯ. އެގޮތަށް ބަލައި ފުރަތަމަ ވެސް ސްކްރިޕްޓް ފައިނަލްކުރަނީ. ދެން އެކްޓަރުން ހޯދަނީ. އެއަށް ފަހު ސަމަރައިޒް ލިސްޓެއް ހަދައި ހުރިހާ ހަރަދުތަކެއް ކަނޑައަޅައި ލޮކޭޝަންސް ވެސް ބަލާފައި އެންމެ ފަހަށޭ ފިލްމުގެ ޝޫޓިން ފަށަނީ. އެއީ ޕްރިޕްރޮޑަކްޝަން. އެކަމަކު މިތަނުގައި ގިނަ ފަހަރަށް ދާނީ ޕްރޮޑަކްޝަނަށް ސީދާ. ޕްރިޕެއާ ނުވެ ތިބެ. ޕްރީޕްރޮޑަކްޝަން ނިންމާފައި ދެން މި ދަނީ ޕޯސްޓް ޕްރޮޑަކްޝަނަށް. ދެން މާކެޓިން އަށް. ފިލްމީ ދާއިރާގައި މިހާރު އެންމެ ނިކަމެތިކޮށް އޮތީ މާކެޓިންގެ ބައި. މިބަޔަށް ފޯކަސްކުރުން މިފަހަރު އޮތީ.
ރަވީ އަކީ ވަރަށް ގިނަ ހުނަރުތަކެއް ލިބިފައިވާ އާޓިސްޓެއް. ޑައިރެކްޝަންގެ އިތުރުން ކޮރިއޯގްރާފަރެއްގެ ގޮތުގަ އާއި އެކްޓަރެއް އަދި ފިލްމު އެޑިޓަރެއްގެ ގޮތުގައި ވެސް ވަރަށް ކުޅަދާނަ. މި ހުރިހާ ޓެލެންޓްތަކެއް ބެލެންސްކޮށްގެން މަސައްކަތްކުރާ ގޮތަކީ ކޮބައިތަ؟
ރަވީ: އަސްލު އެންމެ ބޮޑަށް މިހާރު ފޯކަސްކުރެވޭ ކަމަކީ ޑައިރެކްޝަން. އެޑިޓް ވެސް ކުރަން. އެކަމަކު އެޑިޓްކުރަމުން ޑައިރެކްޓްކުރާ ނަމަ ފުދޭވަރަކަށް އުނދަގޫވާނެ. އަބަދުވެސް އެއް ކަމެއް ކޮށްފައި އަނެއް ކަމަކަށް ދަނީ. އެންމެ ބޮޑު އުނދަގުލެއް ދިމާވީ ވިޝްކާ ފިލްމުގެ މަސައްކަތުގައި. އެއީ އެ ފިލްމު ޑައިރެކްޓްކުރަމުން އެ ކުޅެން ވެސް ޖެހުނީމަ. ކެމެރާގެ ކުރިމަތީގައި ހުރެފައި އެ ޝޮޓް ނެގުނު ގޮތް ފަހަތަށް ގޮސް ބަލަން ޖެހުނީމަ އެކަހަލަ ގޮތަކަށް އުޅެން ޖެހުނީމަ ވަރަށް އުނދަގޫވި. އެކަމަކު އެ ކަންތައް ވެސް ރަނގަޅަށް ގެންދެވުނުހެން ހީވަނީ. ދެން އަހަންނަކީ ވަރަށް ސްލޯކޮށް މަސައްކަތްކުރާ މީހެއް. ޕްރެޝާއާ ނުލައި މަސައްކަތްކުރާހިތްވާ މީހެއް. އެހެންވީމަ ހުރިހާ ކަމެއް ވެސް ކުރިއާލައި ޕްލޭންކޮށްލާފައިހުރީމަ އެނގޭނެ ކުރަން ޖެހޭ ގޮތް.
ފިލްމީ ދާއިރާގައި އެންމެ ބޮޑަށް ހިތްމަރުވެ މި ދާއިރާއާ ދުރަށް ދިއުމުގެ ވިސްނުމެއް އައިތަ ދުވަހަކުވެސް؟ އެކަހަލަ ކަމެއް ދިމާވެފައިވާ ނަމަ ކިޔައިދީބަލަ؟
ރަވީ: ހިތްމަރުވީ އެންމެ ބޮޑަށް ޑިވޯސްވި ދުވަސްކޮޅު. އެކަމަކު އޭގެ މާ ބޮޑު ތަފްސީލަކަށް ދާން ބޭނުމެއް ނޫން. އޭރު ދިޔައީ ހަތަރު ހަޅައިގެ ސެގްމަންޓެއްގައި މަސައްކަތްކުރަމުން. ޑިވޯސް އަށް ފަހު ވަރަށް ބޮޑަށް ފަހަތަށް ޖެހިލައި ލައިމްލައިޓުން ދުރަށް ޖެހިލައި އެކަނިވެލިން. އޭގެ ފަހުން އަނެއްކާވެސް ދެން އައީ.
ރަވީގެ މަސައްކަތަށާއި ޑިސިޕްލިން އަށް ބައެއް ފަހަރު ފާޑުކިޔުން އަމާޒުވޭ. ފާޑުކިޔުމާއި ކްރިއޭޓިވް ޑައުންފޯލްތަކުން އަރައިގަތުމަށް ރަވީގެ ވިސްނުން ގެންގުޅޭ ގޮތަކީ ކޮބައިތަ؟
ރަވީ: ތިކަހަލަ ކަމެއް ދިމާވެއްޖެ ނަމަ ނުވަތަ މީހަކު އެއްޗެކޭ ބުނެފި ނަމަ އެމީހަކާ ބެހޭ މައުލޫމާތު އޮޅުންފިލުވާލަނީ. ފިލްމީ ދާއިރާގައި ނުހުންނާނެ ރަވީ ވާހަކަ ނުދައްކާ. އެކަމަކު އެގޮތަށް ފާޑުކިޔާ ހިސާބުން އެނގޭނެ އެމީހަކާ ވަކި ދުރުމިނެއް ބަހައްޓައިގެން އުޅެން. އެންމެނާ ވެސް ވާހަކަ ދައްކަން ޖެހޭނެ. އެކަމަކު އުޅޭނެ ވާހަކަ ދައްކަން ހެޔޮނުވާވަރުގެ މީހުން ވެސް. އެމީހެއްގެ ގޮތުގައި ރަވީ އެމީހަކާ ޑީލްކުރާނީ.
ރަވީ ކުރިން ބުނެފައި އެބަހުރި އަގަށް ވުރެ އަބަދުވެސް ރަވީ އަށް މުހިންމުވަނީ ކުރާ މަސައްކަތް ރަނގަޅަށް ނިންމުމޭ. ބުނެވިދާނެތަ މަސައްކަތެއް ފަށައިފި ނަމަ ރަވީ އަކީ އެކަމަކަށް ގޮސް ހުސްވާ މީހެކޭ، އެންމެ ޕާފެކްޓް ރިޒަލްޓް ނެރެން؟
ރަވީ: އެންމެ ފުރަތަމަ ކުރަން ފެށި ކަމަކީ ނެށުން. ނެށުމުގައި ވެސް އިންނަ ޓެކްނީކަކީ، ނަށަމުންދާއިރު އެ ލަވައިގެ ތެރެއަށް މީހާ ގެއްލޭށޭ. ގޮސް ހުސްވާށޭ. ހުސްވީމައޭ، އޭނަގެ އަތެއް މޫވްކޮށްލިޔަސް އެ ސައުންޑެއް އެ އަންނަނީ މިއުޒިކުން. އެވަރަށް ފީލްވާން އެބަޖެހޭ އޭގައި ވެސް. އެހެންވީމަ އަހަރެންގެ ޓެކްނީކަކީ މަސައްކަތެއްކުރަމުންދާއިރު އެ މަސައްކަތަކަށް އެއްކޮށް ހުސްވުމޭ. އެކަމަކަށް ގޮސް ހުސްވީމަ އޭގެއިން އިތުރު ކުރިތައް މި ފަޅަނީ. އެގޮތަށް އެންމެ ބޮޑަށް އުޅެވުނީ ފިލްމު އިނގިލީގައި. މިކޮއެ ބައްޕަ ބައެބައެ ގައި ވެސް އުޅުނީ އެހެން. ވިޝްކާގައި ވެސް އުޅެވުނީ އެހެން. ރިޝްމީ ފާހާނާގައި ހުންނައިރު އަހަރެން އެބަ ހުންނަން ސްކްރިޕްޓް ހިފައިގެން ދޮރުކައިރީގައި ވެސް.
ބައިނަލްއަގުވާމީ ސިނަމާގެ ޗާޓަށް ދިވެހި ސިނަމާ އާއި ފިލްމުތައް ގެންދަން ބޭނުން ނަމަ ރަވީގެ ނަޒަރުގައި މިހާރުން މިހާރަށް ކުރަން ޖެހޭ ކަންކަމަކީ ކޮބައިތަ؟
ރަވީ: ސްކްރީންރައިޓިން. ދެން ރަނގަޅު ޑައިރެކްޓަ އޮފް ފޮޓޯގްރެފީއެއް. ރަނގަޅަށް ވިޝުއަލް ނެރޭޝަން ޕްރެޒެންޓްކޮށްދިނުން. މިތަނުގައި އެބަތިބި ހަގީގަތަށް ބުނަންޏާމު ވަރަށް ރަނގަޅު އެކްޓަރުން. އެހެންވީމަ އެމީހުންގެ ބޭނުން ރަނގަޅުގޮތުގައި ހިފަން ޑައިރެކްޓަރަކަށް އެނގެން ޖެހޭނެ. އެމީހުންގެ ހުނަރު ނެރެދޭން އެނގެން ޖެހޭނެ. އެކަން ހަމަ ވާނެ އޭރަށް.
މީހުން ބުނޭ ފުރަތަމަ ފިޔަވަޅުން ގޮސް ބޮންތީގައި ނުހިފޭނެއޭ. ރަވީ ވެސް ގަބޫލުކުރަނީ މިގޮތްތަ ނުވަތަ ކާމިޔާބު ހޯދަން ރަވީ ދާ ގޮތަކީ ކޮބައިތަ؟
ރަވީ: އެންމެ ފުރަތަމަ ބަލަން ޖެހޭނީ ބޮންތީގައި ގޮސް ހިފަން ހުރީ ކިހާ ދުރުމިނެއްތޯ. ތަންކޮޅެއް ތިރީގައި ހުރެއްޖެއްޔާމު ތަންކޮޅެއް އަވަސްވާނެ ގޮސް ހިފޭލެއްވެސް. އެއްވެސް މީހަކު ނުބުނޭ އަބީޝެކް ބައްޗަން ފިލްމު ކުޅެން ނުކުތީމަ ކީއްކޮށްގެންތޯއޭ ވެސް އެ ނުކުތީ. އަމީތާބު އެކްޓްކުރަން ނުކުތީ، ކިހާ ހިސާބަކުން ގޮސްކަން އޭނަ ބޮންތީގައި ހިފީ، އޭނަ އެ ކުރި ކަމަކުން ބޮންތި ވަރަށް ތިރިވެފައި އޮތީ އަބީޝެކް ބައްޗަން އަށް. މިކަހަލަ ކަމެކޭ އެއީ. އަހަރެން އަދި ގަބޫލެއް ނުކުރަން ބޮންތީގައި ހިފިއްޖެ ކަމަކަށް. ބޮންތީގައި ހިފުމަކީ ރާއްޖެ މީހުންނަށް އެކަނި އަހަރެންނާއި އަހަރެންގެ މަސައްކަތް އެނގުމެއް ނޫން. ކޮންމެވެސް އެހެން ބަޔަކަށް ވެސް އެނގެން ޖެހޭ އަހަރެން އުޅޭކަން. އަދި އެހެންވީމަ ނުދެވޭ އެހިސާބަކަށް.
ކުރިއަށް އޮތްތާނގައި ވެސް ފިލްމު ޑައިރެކްޓްކުރާ ނަމަ ރަވީގެ މި ކެރިއަރުގައި ހާސިލުކުރަން ބޭނުންވާ ކަންކަމަކީ ކޮބައިތަ ދެން؟
ރަވީ: މިހާރު އަސްލު އިނީ އެންމެ ކަމެއް ހާސިލުކުރަން ބޭނުންވާ. އުފައްދާ ފިލްމެއް މި ރީޖަން އިން ބޭރުގައި، މި ސާކް ރީޖަން އިން ބޭރުގައި ޕްރިމިއާކުރެވޭނެ ދުވަހެއް ފެނުން. މަޝްހޫރު ފެސްޓިވަލެއްގައި އެ ފިލްމެއް ޕްރިމިއާކުރެވޭނެ ދުވަހަކީ ދެން އެންމެ ހިތްހަމަޖެހޭނެ ދުވަސް. އަމިއްލަ އަށް ޑައިރެކްޓްކުރާ ފިލްމަކަށް ނޫން އެހެން މީހެއްގެ ފިލްމަކަށް އެ ފުރުސަތު ލިބުނަސް ވަރަށް އުފާވާނެ.