ދިވެހި އެތައް ކުންފުންޏެއްގެ "ފޭސް" އަކީ މިހާރު ކައިޒީން އެވެ. ބްރޭންޑް އެމްބެސެޑަރުކަން ކުރާ ކުންފުނިތައް ވަރަށް ގިނަ އެވެ. އިއްޔެ އެކްސްޓްރީމް އިމްޕީރިއަމް ޖިމްގެ ބްރޭންޑް އެމްބެސެޑަރުގެ ގޮތުގައި ވެސް ކައިޒީން ވަނީ ހަމަޖައްސާފަ އެވެ. އޭގެ އިތުރުން ރާއްޖޭން ބޭރުގެ ބްރޭންޑްތައް ވެސް އޭނާ އަންނަނީ ތަމްސީލުކުރަމުންނެވެ. އަދިވެސް އިއުލާނު ނުކުރާ ތަންތަން ވެސް އެބަހުއްޓެވެ. އެކަމަކު އަދިވެސް ކައިޒީން ކަންބޮޑުވާ ކަމެއް އެބަ އޮތެވެ.
"ބައެއް މީހުންނަށް ހީވަނީ އެންމެ ތަނެއްގެ ބްރޭންޑް އެމްބެސެޑަރުކަމޭ ކުރެވޭނީ. އެހެންވެ އެޕްރޯޗުނުކޮށް އެބަހުރޭ. އެކަމަކު އަސްލު ބައިވަރު ތަންތަނުގެ އެމްބެސެޑަރުކަން ކުރެވޭނެ. މިހާރުވެސް ބައިވަރު ތަންތަނުގެ އެމްބެސެޑަރުކަން ކުރަމުން މިދަނީ. އަދިވެސް ހަމަ ނަގާނަން އެތަނަކީ މިހާރު ވޯކްކުރާ ތަންތަނުގެ ކޮމްޕެޓެޓިވްތަނެއް ނޫންވިއްޔާ،" ކައިޒީން ބުންޏެވެ.
"ބައެއް މީހުންނަށް އަދިވެސް ހީވަނީ ކައި މިއީ ނޯޓްގެ އެމްބެސެޑަރޭ. އެކަމަކު މިހާރު ކައި ދޫކޮށްލައިފިން ނޯޓުގެ އެމްބެސެޑަރުކަން."
ކައިޒީން މިއީ މިވަގުތު ރާއްޖޭގައި ހުރި އެންމެ އަގުބޮޑު އަދި އެންމެ ބިޒީ މޮޑެލް އެވެ. ނަމަވެސް ވަގުތު ހޯދައިގެން ސޯޝަލް މީޑިއާގައި ކައިޒީން މިއީ ހަމަ ކުއީން އެވެ. އިންސްޓްގްރާމްގައި އެކަނި ވެސް 59،000 އަށް ވުރެ ގިނަ ފޮލޯވާސް އެބަތިއްބެވެ.
މީގެ ފަސް ވަރަކަށް މަސް ކުރިން އޭނާގެ އިސްތަށިގަނޑުގެ ކުލަ ބަދަލުކޮށްލައިގެން ވެސް ކައިޒީން ވަނީ އިތުރު ސަމާލުކަމެއް ހޯދައިފަ އެވެ. އޭނާގެ "ލުކް" އަށް ބަދަލެއް ގެންނަން އޭރު ގެނައި ކުޑަ ބަދަލާއެކު ގިނަ ބަޔަކު ދިޔައީ ކައިޒީން އާއި ރިއަލިޓީ ޓީވީގެ ދުނިޔޭގައި ރަނިކަން ކުރަމުން އަންނަ، ކައިލީ ޖެނާއާ ވައްތަރުކަމަށް ބުނަމުންނެވެ. އަނެއްކާ ވެސް ކައިޒީން މިވަނީ އޭނާގެ އިސްތަށިގަނޑުގެ ކުލަ ބަދަލުކޮށްލައިފަ އެވެ.
ކައިޒީން އަންނަނީ އޭނާގެ ފޮޓޯތަކުން ފޭނުން ހިތްހަމަޖައްސައިދެމުންނެވެ. އޭނާއަށް ފާޑުކިޔާ މީހުންގެ އަޑު މަޑުވެފައިވަނިކޮށް އަނެއްކާވެސް އަޑުގަދަކޮށްލީ ކައިޒީންގެ އުފަންދުވަހުގެ ފޮޓޯތަކާއެކުގަ އެވެ. ބައެއް މީހުން ކައިޒީން އަށް ފާޑުކިޔާ އެއްޗެހި ކިޔަސް ލިބޭ ލޯތްބާއި ތަރުހީބު ބޮޑެވެ. "މީީހުން ދެކޭ ގޮތަކަށް ނޫން ކައި ބަލަނީ. ކައި އަށް ކަމުދާ، ހިތްހަމަޖެހޭ ގޮތަކަށް އުޅެވޭތޯ ބަލަނީ. އޭރަކު ޓްރެންޑްވާ ފެޝަން ސްޓައިލްތަކަށް ވެސް ވަރަށް ބަލައިގެން އުޅެނީ. އެގޮތަކަށް ޑްރެސްކުރެވޭތޯ ބަލަނީ ވެސް އެހެންވެގެން. އެކަމަކު އާންމުންގެ ތެރެއަށް ބޭރަށް ނުކުމެ އުޅޭއިރަކު އެހާ ކުރު އެއްޗިއްސެއް ނުލަން،" މީގެކުރިން "ދޯ" އަށް ދިން އިންޓަވިއުއެއްގައި ކައިޒީން ބުންޏެވެ.
ކައި ބުނީ އޭނާ ސޯޝަލް މީޑިއާގައި ފެންނަ ގޮތާއި އާންމު ދިރިއުޅުމުގައި ތަފާތުވާނެ ކަމަށެވެ.
މޮޑެލްކުރުމުގެ ދާއިރާ އަށް ކައިޒީން ވަނީ 2011 ވަނަ އަހަރު މާލޭގައި ބޭއްވި ފެޝަން ޝޯއަކުންނެވެ. އެ ހިސާބުން ފެށިގެން މިހާރު ވެސް އޭނާ އަކީ ގަވައިދުން ފެޝަން ޝޯތަކުގެ ރަންވޭތައް ފަޅުފިލުވައި އިސްތިހާރުތަކުން ޓީވީ އާއި ބިލްބޯޑުތައް ވެސް ސަމާލުކަމަށް ގެނެސްދޭ މަޝްހޫރު މޫނެކެވެ.
ފިލްމު ޕްރޮޑިއުސަރުންގެ ލެންސު ކައިޒީންއަށް ހުއްޓި ގިނަ ހުށަހެޅުންތައް ވެސް ކައިޒީން އަށް އަންނަނީ ލިބެމުންނެވެ. އެކަމަކު ފިލްމު ކުޅުމުގެ ވިސްނުމެއް އަދި ކައިޒީންގެ ނެތެވެ.