13 Sep 2019

By: Ifraz Ali

އުމުރުން 21 އަހަރުގެ މުސްތަފާ މުހައްމަދު، އޭނާއަށް ލިބިފައި ހުރި އާޓްގެ ހުނަރު އެހެން މީހުންނަށް ދައްކައިލުމަށް، ފުރަތަމަ އެ އެއްޗެހި ޕޯސްޓުކުރަން ފެށީ އިންސްޓަގްރާމުގަ އެވެ. އޭރު އޭނާ ބޭނުންކުރި ނަމަކީ "ޕެއިންޓް ބްރަޝް" އެވެ. އެކަމަކު ފަހުން އެ ނަން ދިވެއްސަށް ބަދަލުކޮށްލައި، މިހާރު އެންމެން ދަންނަ ނަމުން ނަމަ މިއީ "ކުލަ ފިހި" އެވެ.

"ކުރެހުމަށް ބޭނުންކުރާ އެންމެ މުހިންމު އެކަތި، ދެން އަހަރެން އެންމެ ގިނައިން ބޭނުންކުރާ އެކަތި،" ނަމެއްގެ ގޮތުގައި، ކުލަ ފިހި ބޭނުންކުރަން ފެށި ސަބަބު ކިޔައިދެމުން މުސްތަފާގެ އިންޓަވިއު ފެށުނެވެ.

ނަން ބަދަލުކުރި ފަހުން މުސްތަފާ އަށް ފޮލޯކުރާ ބޭރުގެ ބައެއް މީހުން ވެސް ކުލަ ފިއްސަކީ ކޯއްޗެއްތޯ އޭނާ ގާތުގައި އަހަ އެވެ. އެމީހުންނަށް އެއީ ކޯއްޗެއްކަން ބުނެދިނުމަކީ ވެސް އޭނާއަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ.

View this post on Instagram

A post shared by Musthafa Mohamed (@kula_fihi) on

މުސްތަފާގެ އިންސްޓަގްރާމް ޕޯސްޓެއްގައި އޭނާ ކުލަޖައްސަން ބޭނުންކުރާ ފިހިތަކެއް ހިފައިގެން.

އާޓްގެ ދުނިޔެ އަށް މުސްތަފާގެ ލޯ ފުރަތަމަ ހުޅުވުނީ އާއިލާގެ ތެރެއިންނެވެ. އެއީ އޭނާގެ އުފަން ރަށް ހދ. ކުޅުދުއްފުށީގައި އުޅުނުއިރު އެވެ.

"ބޮޑަށް އިންޓްރެސްޓް އުފެދުނީ ބައްޕަ ވަރަށް އެ ކަހަލަ ކަންކަމުގައި އުޅޭތީ. ފިލާ އެއްޗެހީގައި ކުރަހައި، އިސްތިހާރުތައް ހަދައި، އެ ކަހަލަ ގޮތަކަށް ބައްޕަ އުޅުނީ،" އެހެންވެ ބައްޕަ ފަހަތުން ގޮސް، ގޭގެ ފާރުތަކުގައި ކުރަހާ ވެސް ހެދި ކަމަށް ބުންޏެވެ.

މުސްތަފާގެ ބޭބެމެންނަކީ ވެސް މި ކަހަލަ ކްރިއޭޓިވް ތަފާތު މަސައްކަތައްކުރާ ބަޔަކަށް ވާތީ އެމީހުން ކުރާ ކަންކަމަށް ވެސް އޭނާގެ ޝައުގުވެރިކަން ދަމައިގަތެވެ. އޭނާގެ ބޭބެމެން ކުރަނީ ވަޑާމުގެ މަސައްކަތްތަކެވެ. މި ވާހަކަ ގޮސް ގުޅެނީ ވެސް އޭނާ މާލެ އަންނަން މެދުވެރިވި ސަބަބާ އެވެ.

މުސްތަފާ މާލެ އައީ އަކިޓެކްޗާ ކިޔެވުމަށެވެ. ޕޮލިޓެކްނިކްގައި އޭނާ މިހާރު އަންނަނީ އެ ދާއިރާއިން ޑިޕްލޮމާ އަށް ކިޔަވަމުންނެވެ.

View this post on Instagram

A post shared by Musthafa Mohamed (@kula_fihi) on

ކޮފީ ބޭނުންކޮށްގެން ކެންވާސެއްގައި ބަކަމޫނެއް ކުރަހަނީ.

"އެހެންވީމަ [އާއިލާގެ ސަބަބުން] ހުރޭ އެއްޗެހި އުފައްދާ ކަންކަން ކުރުމަށް ވެސް ވަރަށް ޝައުގުވެރިކަން. އެކަމަށް ސިކުނޑި އިންނަނީ ވަރަށް ބޮޑަށް ގޮސްފަ،" އާޓްގެ މަސައްކަތްތަކާއެކު، އާކިޓެކްޗާއަކީ ވެސް އޭނާ ކުރިއަށް ދިއުމަށް ކުރެވިދާނެ ކަމެއްކަން ވިސްނުނެވެ.

އާޓިސްޓެއްގެ ގޮތުގައި އޭނާ މަސައްކަތް ފެށީ މީގެ ހަތަރުވަރަކަށް އަހަރު ކުރިންނެވެ. ފުރަތަމަ ފެށިއިރު، ޕެއިންޓިންތައް ހަދައި ވިއްކާކަށް ވެސް ނޫޅެ އެވެ. އެކަން ކުރީ އަމިއްލަ ހިތްހަމަޖެހުމަށެވެ. މުސްތަފާ ބުނީ ޕެއިންޓިންތައް ވިކެން ފެށީ ވެސް އަދި މާ ފަހުން ކަމަށެވެ.

View this post on Instagram

A post shared by Musthafa Mohamed (@kula_fihi) on

އެންމެ ފުރަތަމަ އަންވެއިލިން ވިޝަންއަށް އޮއިލް ޕެއިންޓް ބޭނުންކޮށްގެން މުސްތަފާ ތައްޔާރުކުރި އާޓްވޯކް. މީގައި ދައްކުވައިދެނީ ވާރޭ ވެހެންމުން ދިޔަ ގަޑިއެއްގައި މާލޭގެ ތޮއްޖެހިފައި އޮތް ޓްރެފިކް.

އާޓްގެ އެކި މީޑިއަމްތައް ބޭނުންކުރަމުން އަންނަ މުސްތަފާ، އެންމެ ޝައުގުވެރިކަން ހުންނަނީ އޮއިލް ޕެއިންޓަށެވެ. އޮއިލް ޕެއިންޓްގެ އިތުރުން، އެހެން މީޑިއަމަކަށް އޭނާ އެންމެ ގިނައިން ބޭނުންކުރަނީ އެކްލެރިކް އަދި ޑިޖިޓަލް ޕެއިންޓެވެ.

"އެކި މީހުންނަށް ފަސޭހަ ވާނީ އެކި ގޮތް ގޮތަށް. އެމީހެއް ކުރަހާ އެއްޗަކާ އެ ބޭނުންކުރާ މީޑިއަމެއް މި ގުޅެނީ. އޮއިލް ޕެއިންޓްގައި ވާ އެއްޗަކީ އެ ވަރަށް ސޮފްޓުވީމަ އަހަންނަށް ވަރަށް ފަސޭހަ ބޭނުންކުރަން،" އޭނާގެ ގިނަ އާޓްވޯކްތައް ތައްޔާރުކޮށްފައި ހުރީ އޮއިލް ޕެއިންޓުންނެވެ.

ފުރަތަމަ ފަހަރަށް އެގްޒިބިޝަނެއްގައި އޭނާގެ އާޓްވޯކެއް ދައްކާލަން ފުރުސަތު ލިބުނީ، މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީން 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު މިހާރު ބާއްވަމުން އަންނަ އަންވެލިން ވިޝަންގެ ފުރަތަމަ އެގްޒިބިޝަންގަ އެވެ. އެ އެގްޒިބިޝަންވީ އޭނާއަށް ލިބުނު ކެރިއާ ބޫސްޓަކަށެވެ. އެ އެގްޒިބިޝަނަށް އޭނާ ތައްޔާރުކުރި ޕެއިންޓިން ވިއްކާ ވެސް ލި އެވެ.

View this post on Instagram

A post shared by Musthafa Mohamed (@kula_fihi) on

މި އަހަރު ބޭއްވި އަންވެލިން ވިޝަންއަށް މުސްތަފާ ތައްޔާރުކުރި އާޓްވޯކް.

މި އަހަރު ބޭއްވި އަންވެލިން ވިޝަން އެގްޒިބިޝަންގައި ވެސް މުސްތަފާ ބައިވެރިވި އެވެ. މިފަހަރު އޭނާ ދައްކާލި އާޓްވޯކަށް ބޮޑު ސަމާލުކަމެއް ވެސް ލިބުނެވެ.

އެ އާޓްވޯކުން ފެންނަނީ ފާހާނާ ތައްޓެއްގެ ތެރެއަށް ފޮތްތަކެއް އެޅީމާ ފައިސާ ނިކުންނަ ތަނެވެ. ރީނދޫ ކުލައިން މި އާޓްވޯކް ދައްކާ ދީފައި އިނީ ޕްރެޒެންޓް ޑޭ ނުވަތަ މި ވަގުތުގެ ހާލަތު ދައްކައިދިނުމަށެވެ. އެއީ އެއްވެސް ގޮތަކަށް ސިޔާސީ ކުރަންވެގެން ނޫން ކަމަށް މުސްތަފާ ބުންޏެވެ.

"އެއީ ޕްރެޒެންޓް ޓައިމް ދައްކަން ވެގެން. މިއަދު މުޅި ރާއްޖެއަކީ ދޮން ކުލަ ނުވަތަ ރީތި ކުލައިގެ ތަނެކޭ،" މި އާޓްވޯކްގައި ވާ ގޮތް ކިޔައިދެމުން އޭނާ ބުންޏެވެ.

View this post on Instagram

A post shared by Musthafa Mohamed (@kula_fihi) on

މިވެސް ކޮފީ ބޭނުންކޮށްގެން އޭނާ ތައްޔާރުކުރި އާޓްވޯކެއް.

މި އާޓްވޯކްގައި އަސްލު ބުނާ ވާހަކައަކީ އަހަރަމެންނަށް ލިބިފައިވާ އިލްމުގެ ބޭނުން ހެޔޮގޮތުގައި ނުހިފައި، ވަގުތީ އުފަލަކަށްޓަކައި ނުވަތަ ފައިސާ ކޮޅެއްގެ ދަހިވެތިކަމުގައި، އެ ހާސިލުކުރި ހުރިހާ އިލްމަކީ ބޭކާރު އެއްޗަކަށް ހަދާލާ ކަމެވެ.

"ރުފިޔާ ނިކުންނައިރު ވަރަށް ނަޖިސްވެފައި މި ހުންނަނީ ވެސް. މިހާރު މި ބޭނުންކުރާ ރުފިޔާއަކީ ވޯޓާ ޕްރޫފް އެއްޗެއްތާ ދޯ. އެހެންވީމަ މި ކިޔާ އުޅޭ ޑާޓީ މަނީ، ކްލީން މަނީ އަށް ވެސް އެބަ ބަދަލުކޮށްލެވޭ މިހާރު ވަރަށް ފަސޭހައިން،" މި އާޓްވޯކް ރާވާލައިފައި އިން ގޮތް ކިޔައިދިނެވެ.

View this post on Instagram

A post shared by Musthafa Mohamed (@kula_fihi) on

މިވެސް އަންވެލިން ވިޝަންގެ ފުރަތަމަ އެގްޒިބިޝަނަށް އޭނާ ތައްޔާރުކުރި އާޓްވޯކެއް.

އޮއިލް ޕެއިންޓުން ތައްޔާރުކުރި މި އާޓްވޯކަކީ މިހާތަނަށް އޭނާ އަށް އެންމެ ގިނަ ފާޑުކިޔުން ލިބުނު ވެސް އާޓްވޯކެވެ. ނަމަވެސް މިއަށް ލިބުނު ސަމާލުކަމާއި މެދުގައި އޭނާ އުފާވެ އެވެ. މިހާރު މުސްތަފާ ތައްޔާރުވަމުން އަންނަނީ މި މަހު ފަހުކޮޅުގައި އޮންނަ ސާކް އާޓް ކޭމްޕަށެވެ. އަދި އިންޓަނޭޝަނަލް އާޓް ކޭމްޕެއްގައި އޭނާ ބައިވެރިވާން ލިބުނު މިއީ ފުރަތަމަ ފަހަރެވެ.

އާޓް އެގްޒިބިޝަން އާޓިސްޓް

Popular