6 Nov 2019

By: Ifraz Ali

ދ.މީދޫ އަށް އުފަން ޒުވާން މަސްވެރިއެއް ކަމަށްވާ، މުހައްމަދު އިސްމާއިލް (މޯޑު)ގެ ވަކިވެ ދިއުމަކީ މިދިޔަ މަހުގެ އެންމެ ހިތާމަވެރި އެއް ޚަބަރެވެ. މީދޫގެ އެތައް ބައެއްގެ ހިތުން ލޯބި ލިބުނު މޯޑު ވަކިވެދިޔައީ ކެންސަރު ބަލީގައި ގިނަ ދުވަސްތަކެއް ވަންދެން ވޭނުގައި އުޅުމަށް ފަހުގަ އެވެ.

މޯޑު ވަކިވެދިޔައިރު އޭނާގެ އަންބަކާއި އަހަރު ނުވާ ދަރިއަކު އެބަހުއްޓެވެ. މޯޑު ކެންސަރާ ކުރި ހަނގުރާމާގައި އެންމެ ހިތްވަރުކުރި އެކަކީ އޭނާގެ އަންހެނުން އައިމިނަތު ޝަނާ އެވެ. މިދިޔަ އަހަރެއްހާ ދުވަހު ތެރޭގައި މޯޑާ އެކު ޝަނާ ހޭދަކުރި ކޮންމެ ވަގުތެއް އެއީ އެ ދެމަފިރިންގެ އެންމެ ފަހުގެ ހަނދާންތަކަށް ވެދާނެކަން ނޭނގި ހުރެ ވެސް ޝަނާ ރައްކާކޮށްފައި އެބަހުއްޓެވެ.

މި ފޮޓޯތަކުން، ޝަނާ ކުރި ހިތްވަރާއި މޯޑަށް އޭނާގެ ހިތުގައި އޮތް ލޯބި ފެނެ އެވެ.

ޒުވާން މަސްވެރިޔާ، މުހައްމަދު އިސްމާއިލް (މޯޑު) އަށް ހޮސްޕިޓަލުގައި ފަރުވާ ދިން އިރު އޭނާގެ އަނބިމީހާ ޝަނާ، މޯޑުގެ މަގަތުގައި ދަރިފުޅު ބައިންދާގެން.
މުހައްމަދު އިސްމާއިލް (މޯޑު) އޭނާގެ އަންހެނުން ޝަނާ އާއި ދަރިފުޅާ އެކު
މުހައްމަދު އިސްމާއިލް (މޯޑު) އޭނާގެ ދަރިފުޅު އުރާލައިގެން އިނދެ އަންހެނުންނާ އެކު ފޮޓޯއަކަށް ހުއްޓިގެން
ޒުވާން މަސްވެރިޔާ، މުހައްމަދު އިސްމާއިލް (މޯޑު) އޭނާގެ އާއިލާއާއެކު.--

ޝަނާ "މިހާރު" ނޫހަށް ކިޔައިދިން ގޮތުގައި މޯޑަށް އާދަޔާ ހިލާފު ގޮތްތަކެއް ވާން ފެށިކަން ފުރަތަމަ އެނގުނީ މިދިޔަ ޑިސެމްބަރު މަހު އެވެ. ފުރަތަމަ އަލާމާތްތަކަށް ފެންނަން ފެށީ މާ ގިނައިން ފާހާނާ އަށް ދެވުމާއި ހޮޑުލެވުމެވެ. އޭރު ޝަނާ ހުރީ، ދެމަފިރިންގެ އަލަތު ދަރިފުޅު ވިހަންވެގެން މާލޭގަ އެވެ. ފިރިމީހާގެ ހާލަތު އެނގުމާއެކު، މާލެ ގެނެސް އައިޖީއެމްއެޗުގައި ޓެސްޓްތައް ވެސް ހެދި އެވެ.

ފުރަތަމަ ހެދި ޓެސްޓުތަކުން އެއްވެސް މައްސަލައެއް އުޅޭ ކަމަކަށް ނުދެއްކި އެވެ. އެހެންވެ އޭނާ ވިހައި ގަދަވުމާއެކު، އެ ދެމަފިރިންގެ ކައިވެންޏަށް ނުވަ އަހަރު ފަހުން ލިބުނު ތުއްތު ދަރިފުޅާ އެކު އެނބުރި ރަށަށް ދިޔަ އެވެ. އެއީ އެ ދެމަފިރިންގެ ހަޔާތުގައި އާ އުއްމީދުތަކެއް އުފެދި، އުފާވެރިކަން ބޮޑުވި ހަދިޔާއަކަށް ވިޔަސް، މޯޑުގެ ހާލަތު އިތުރަށް ގޯސްވި އެވެ.

މުހައްމަދު އިސްމާއިލް (މޯޑު) އާއި އަންހެނުން ޝަނާ އެ މީހުންނަށް އެތައް އަހަރެއް ފަހުން ލިބުނު ދަރިފުޅާ އެކު ސްޓޫޑިއޯއެއްގައި ނަގާފައިވާ ފޮޓޯއެއް
މުހައްމަދު އިސްމާއިލް (މޯޑު) ފަރުވާ ހޯދަން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް އިރު ދަރިފުޅާ ވާހަކަ ދައްކަނީ
މުހައްމަދު އިސްމާއިލް (މޯޑު) ފަރުވާ ހޯދަން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް އިރު ދަރިފުޅާ އުރާލައިގެން

ހޮޑުލުމާއި ފާހާނާއަށް ދިއުން އާދަޔާ ހިލާފަށް ގިނަވުމުން، އަނެއްކާ ވެސް މާލެ އައިސް ދެން ދެއްކީ އޭޑީކޭ އަށެވެ. އޭޑީކޭ އިން ހެދި ޓެސްޓްތަކަށް ފަހު ޑޮކްޓަރުން ލަފާ ދިނީ ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގޮސް، އިތުރު ޓެސްޓްތައް ހެދުމަށެވެ.

ކެންސަރާ ހަނގުރާމަ ކުރަން ޖެހިފައިވާކަން އެނގުނީ އޭޑީކޭގެ ޑޮކްޓަރުގެ އިރުޝާދުގެ މަތިން އިންޑިއާގެ ކޮޗިންއަށް ގޮސް، އަމްރީތާ ހޮސްޕިޓަލްގައި ހެދި ޓެސްޓްތަކަށް ފަހު އެވެ. އޭނާގެ ސިއްހީ މައްސަލަ އަކީ ގޮހޮރުގެ ކެންސަރެވެ. މިއީ ވަރަށް މަދުން ނޫނީ ނުޖެހޭ ބާވަތެއްގެ ކެންސަރެއް ކަމަށްވެ އެވެ.

ކެންސަރާ ހަނގުރާމަކޮށް، އަށެއްކަ މަސް ދުވަހު ވޭނުގައި އުޅުމަށް ފަހު މޯޑު ދުނިޔެ ދޫކުރި މިދިޔަ މަހު 26 ގަ އެވެ. އޭރު އޭނާގެ ދަރިފުޅަށް އަދި އެންމެ 10 މަހެވެ.

ޒުވާން މަސްވެރިޔާ، މުހައްމަދު އިސްމާއިލް (މޯޑު) އޭނާގެ އެކުވެރި މަސްވެރިންނާ އެކު
މުހައްމަދު އިސްމާއިލް (މޯޑު) ދޯންޏެއްގައި
މަހެއް ހިފައިގެން މުހައްމަދު އިސްމާއިލް (މޯޑު) ދޯންޏެއްގައި
ޒުވާން މަސްވެރިޔާ، މުހައްމަދު އިސްމާއިލް (މޯޑު) އޭނާގެ އެކުވެރި މަސްވެރިޔަކާއެކު.--

މީދޫ މަސްވެރިންގެ ފޭސްބުކް ޕޭޖްގައި ބުނި ގޮތުގައި މޯޑަކީ ޒުވާން ހީވާގި މަސްވެރިއެކެވެ. އަދި އޭނާ އަކީ މަޑުމައިތިރި، އަހުލާގު ރަނގަޅު އެންމެންނާ ވެސް ގުޅޭ އެންމެންގެ އެކުވެރިއެއް ކަމަށް ބުނެފައިވެ އެވެ. ކުރިން އެ ޕޭޖުގެ އެޑްމިން އަކީ ވެސް މޯޑެވެ.

މީދޫގެ ބައެއް މީހުން "މިހާރު" އަށް ކިޔައިދިން ގޮތުގައި އެ ރަށުގައި ތިބި ކުޅަދާނަ މަސްވެރިންގެ ތެރޭގައި ވެސް މޯޑު ހިމެނެ އެވެ. އަދި މޯޑު ފާހަގަކުރަނީ ނަމޫނާ ޒުވާނެއްގެ ގޮތުގައި ކަމަށް އެ މީހުން ބުންޏެވެ.

މަސްވެރިން ރ. މީދޫ ކެންސަރު މަރު

Popular