30 Apr 2024

އިންތިޒާރުގައި - 24

ފޯނު ބޭއްވި އިރު އަހަރެންގެ ހިތުގައި އެތައް ސުވާލެއް އުފެދިއްޖެއެވެ. އިއްމަ އާއި ސަޖުނާ އާއި މައްސަލަ ޖެހުނީހޭ ހިތަށް އެރި ވަގުތު ގޮތް ނޭނގޭ އުފާވެރިކަމެއް އަހަންނަށް އިހުސާސް ވެގެން ދިޔައެވެ.

އެރޭ ނޫރާ ނިންދަވަން އޭނާ ކައިރީގައި އޮށޯވެގެން އޮތްއިރު އަހަރެންގެ ހިތް ވަނީ އާދަޔާ ޚިލާފަށް އަވަސްވެފައެވެ. އިއްމަ ސަޖުނާދެކެ ހިތްހަމަ ނުޖެހިގެން އެއުޅެނީ ކޮންކަމަކާތޯ އޮޅުން ފިލުވާހިތުން ކެތްމަދުވެފައެވެ. ނޫރާ ނިންދަވާފައި ގޮސް ސްޓޫޑިޔޯ ދޮރު ހުޅުވާފަ ބަލާއިއިރު އޭނާ ހުރީ ކުރަހާށެވެ. އަހަރެން ކާކަށް ނުވޭހޭ އަހާލުމުން އިހަށް އައިސްބަލާށޭ ބުނެލިއެވެ. މޭޒު ކައިރިއަށް ދިޔުމުން އޭނާ ކުރަހާފައިވާ މަންޒަރު އަހަންނަށް ދައްކާލިއެވެ.

އެކުރެހުމުގައި އެވަނީ ފުރިހަމަ ހަނދެއް އަރައިގެން އަންނަ ގޮނޑުދޮށެއް ކަމުގައި އޭނާ ކިޔައިދިނެވެ. "ލިޔު ބުނީމެންނު އެކަހަލަ ރީތި ހަނދުވަރުދޭ ރެއެއް ކުރަހައިދޭށޭ!" އޭނާ ބުނެލިއެވެ. އަހަރެން ހިނިތުންވެލަމުން އާނއެކޭ ބުނެލީމެވެ. އެއީ ރިސޯޓްގައި ތިބިރޭ އަހަރެން އޭނާ ގާތު ބުނި ވާހަކައެކެވެ.

"އެހެންވީމާ އެންމެ ފުރަތަމަ ޓީޝާޓު ލިއު އަށް ދޯ... ކަޅު ޓީޝާޓެއް ބޭނުމީ!"

"އޮފް ކޯޒް.. ދިސް ވަން އިޒް ފޯ ޔޫ!" އެގަނޑު މޭޒު މަތީގައި ބާއްވާފައި އައިސް އަހަރެންގެ ގައިގަ ބައްދާލިއެވެ.

ކާން އިނދެފައި އަހަރެން އެވާހަކަ ފެށީ ސަލީނާގެ ފޯނުކުރި ވާހަކައިންނެވެ. އެއާއިއެކު އިއްމަ ވެގެން އުޅޭގޮތް އަހަންނަށް ކިޔައިދިނެވެ. ކުރިން މާލޭގައި ދިރިއުޅެން އަންނަން ބޭނުން ނުވި ސަޖުނާގެ ޚިޔާލު މިހާރު ބަދަލުވީއެވެ. އޭނާ މިހާރު ބޭނުންވަނީ މާލޭގައި ދިރިއުޅެން އަންނާށެވެ.

"ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިން ވަޒީފާ ވެސް ލިބެން އެބައޮތޯ!.... އަހާވެސް ނުލާ އެހިސާބަށް ކަންތައް ދުއްވާލީތީ އަހަރެން ހިތްހަމަ ނުޖެހުނީ!" އިއްމަ ކިޔައިދިނެވެ. އަދި ދެން އޭނާ މާލެ ގެންނަން ބޭނުން ނޫންކަމުގައިވެސް ބުނެލިއެވެ. ސަޖުނާ ކިޔެވީ ބޭންކިން ދާއިރާއިން ކަމާއި މިހާރު އުޅެނީ އެއަވަށުގެ ބޭންކެއްގެ އެސިސްޓަންޓު މެނޭޖަރަކަށް ކަމުގައި އަހަންނަށް އެގުނީ އެރޭ އިއްމަ ކިޔައިދިނީމައެވެ.

އަހަރެން ހަނުހިމޭން ކަމާއިއެކު އިއްމަގެ ވާހަކަތައް އަޑުއަހަމުން ގެންދިޔައީމެވެ. އޭރު އަހަރެން ކައިކައި އިން ބަތްތަށި މަތިންވެސް ފޫހިވެއްޖެއެވެ. ސަޖުނާ މާލެ އަންނާކަށް އަހަންނެއްވެސް ބޭނުމެއްނޫނެވެ.

އިއްމަ އިތުރަށް ދެއްކި ވާހަކައިން އޭނާ އަހަންނާއި އޭހާ އަވަހަށް ކައިވެނި ކުރަން ނިންމީ ސަޖުނާއަށް ދައްކަންކަން އަހަންނަށް ދޭހަވިއެވެ. އެހެންވީމާ އޭރު ސަލީނާއާއި އިއްމަ އާއި ދެމީހުން ކުޑަކޮށް ދެބަސް ވެގެން އެއުޅުނީވެސް އެމައްސަލައިގަ ތާއޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެންނަށް ހިންދިރުވާލެވުނެވެ. އޭނާ ސަޖުނާ ދެކެ އެއްއިރަކުވެސް ލޯތްބެއް ނުވެޔޭ އެބުނީ އެއީ ހަމަ ތެދުވާހަކައެއް ބާވައޭ ހިތަށް އެރިއެވެ. އެހެންނަމަވެސް އަހަރެން އެ ސުވާލު ކުރާކަށް ބޭނުމެއްނޫނެވެ.

ކޮންމެއަކަސް އޭގެ ފަހުން އަހަރެންގެ ބޭސް ހުސްވާން ކައިރިވީއިރުވެސް އިއްމަ އިންޑިޔާއަށް ދާ ވާހަކައެއް ނުދައްކައެވެ. އެންމެފަހުން އަހަރެން ކަންބޮޑުވެގެން ބޭސް ހުސްވަނީއޭ ބުނީމެވެ.

"ސަލީނާ ދައްތަ ކައިރީ ބުނެފިން މިދުވަސްކޮޅު ދެވޭކަށް ނެތޭ އެހެންވީމާ މީހަކު އަތުގައި ފޮނުވާ ދޭށޭ!" އިއްމަ ޖަވާބު ދިނެވެ. ކުރިންވެސް ބައެއް ފަހަރު ފަހަރު އެގެއަށް ބޭސްކުރަން ދާ މީހުންގެ އަތަށް ދީފައި ސަލީނާ ބޭސް ފޮނުވާފައި އެބަހުއްޓެވެ.

އެކަމަކުވެސް މިފަހަރު އަހަރެންގެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ. ސަލީނާއަށް ބޭސް ނުފޮނުވިގެން އުޅެނިކޮށް އަހަރެންގެ ބޭސް ހުސްވެއްޖިއްޔާ ދެންވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ދިފާއީ ބާރު ދައްވެ ބަލިވާން ފަށާފާނެތީ އަހަރެން ވަރަށް ބިރުގަނެއެވެ.

އޭގެ ފަހުން ދުވަހަކުވެސް އަހަރެން އިއްމައަށް ބޭސް ހުސްވާކަން ހަނދާން ކޮށްދިނީމެވެ. އެއާއިއެކު ދެދުވަހެއް ފަހުން އަންނަ ބަޔަކާއި ބޭސް ހަވާލު ކޮށްފި ކަމުގައި ސަލީނާ ބުނިވާހަކަ އިއްމަ ބުނެދިނެވެ. އެކަމަކު އެ ބޭސްކޮޅު އަތަށް އެރީމާ ނޫނީ އަހަރެންނަކަށް ހިތްހަމައެއް ނުޖެހެވޭނެއެވެ.

އެފަހަރު ސަލީނާ ފޮނުވާފައި ހުރީ އެންމެ ދެ ހަފްތާގެ ބޭހެވެ. އެކަމާ އިއްމަ ވަރަށް ހިތްހަމަ ނުޖެހިގެން ހުރެ ސަލީނާއަށް ގުޅިއެވެ.

"އެމީހާ އަށް އެހާގިނަ ބޭސްތަކެއް ގެންދާކަށް ނުކެރޭނެޔޯ ބުނީ!" އިއްމަ ފޯނުގެ ސްޕީކަރުން ސަލީނާގެ އަޑު އައެވެ. އިއްމަ އަދިވެސް ހަމަ އެހާ ބިޒީތޯ އަހާފައި ބޭސް ހުސްވާންވާއިރަށް އަންނާށޭ ބުނެލިއެވެ.

"އިއްމައަށް ވެސް އެނގޭނެ މިއީ ކޮންމެ ކޮންމެ މީހެއްގެ އަތުގައި ފޮނުވަން ކެރޭ ކަހަލަ ބޭހެއް ނޫންކަން.. އަނެއްހެން ބުނަންޏާ މިއީ އިލީގަލް ބޭސް، އެކަން އިނގޭނަމަ އެއްވެސް މީހަކު ނުގެންދާނެ!" ސަލީނާގެ ރާގުން އޭނާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައިކަން ކިތަންމެ ރީއްޗެއްކޮށްވެސް އެނގުނެވެ.

"ދެން ދޭ އިއްމާ!" އެ ފޯނު ނިންމާލީމާ އަހަރެން ބުނީމެވެ. "އިޓްސް ނޮޓް ފެއަރ ފޯ ސަޖުނާ، އެއީވެސް ހަމަ މިހާރު ވައިފެއްނު!" އަހަރެން އިއްމައަށް ވިސްނައިދޭން މަސައްކަތް ކުރީމެވެ. އެވަގުތު އޭނާ ބޮޑު ޗޮކެއް ކަނޑާފައި އެތަނުން ނުކުމެގެން ދިޔައީއެވެ.

އޭޕްރިލް ހަތަރެއް އެއީ އަހަރެންގެ އުފަން ދުވަހެވެ. އެދުވަހު މެންދުރުފަހު އޮފީހުގައި އޮތް މީޓިންއެއް ނިންމާލާފައި ގެއަށް އައިރު ކާމޭޒު ކައިރީ ބާތުޑޭ ޑެކަރޭޝަން ހަދަން ނޫރާ އާއި އިއްމައާއި ދެމީހުން އުޅެއެވެ. އެ އަކުރުތަކުގައި ކުލަޖެއްސީ ނޫރާ ކަމުގައި އޭނާ ވަރަށް ފަޚުރު ވެރިވެލާފައި ބުނެލިއެވެ. އެކި އަކުރުގައި އެކި ކުލަ ޖައްސާފައި ހުރީ ވަރަށްވެސް ރީތިކޮންނެވެ.

ނޫރާ ކައިރީގައި އިއްމަ ސިއްރު ސިއްރުން އެއްޗެއް ބުނެލުމުން އޭނާ އައިސް މައްމީ އިހަށް ރޫމްއަށް ދޭބަލާށޭ ރެޑީ ވީމާ ނޫރާ ގޮވާނަމޭ ކިޔާފައި އަހަރެން ފޮނުވާލީއެވެ.

އަހަރެން ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލީމެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް އަހަރެން ފާރިޝް މަތިން ހަނދާންވިއެވެ. އޭނާގެ އުފަން ދުވަހަކީ އޯގަސްޓު މަހުގެ ހަތަރު ވަނަ ދުވަހެވެ. އޭނާއާއި އަހަންނާ އުފަން ވެފައިވަނީ އެއް އަހަރަކުއެވެ. އެހެނަސް އޭނާ ދުނިޔެއަށް އައީ އަހަރެންނަށް ވުރެ ހަތަރު މަސްދުވަސް ފަހުންނެވެ.

އޭނާގެ ހާލަކީ ކޮބައިބާވައޭ އަހަރެން އަނެއްކާވެސް ހިތަށް އެރުމާއިއެކު ނުތަނަވަސްވެގެން ދިޔައެވެ. އޭނާ މިބަލީގެ ޝިކާރައަކަށް ވެ، މިހާރު ގުނަމުންދާނީ އޭނާގެ އެންމެ ފަހު ދުވަސްކޮޅު ބާވައެވެ؟. އަހަރެން ދެން ދިރި ހުންނާނީ ކިތައް އަހަރުބާވައޭ ހިތަށް ވަނުމުން އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

"އޭތް! އާދޭ!" ކޮޓަރި ދޮރުން ބޯ ދިއްކޮށްލީ އިއްމައެވެ. އޭނާއަށް އަހަރެން އޮތް ގޮތް ފެނިފައި ކޮޓަރި ތެރެއަށް ވަނެވެ. އެނދުން ތެދުވަން އެހީވުމަށް އަތް ދިއްކޮށްލިއެވެ. އަހަރެންގެ ގައިގަ ބައްދާލާފައި ކޮލަށް ދޮނެއް ހެޕީ ބާރތުޑޭ އޭ ބުނެލިއެވެ.

ބޭރަށް ނުކުތްއިރު ދޮންތައާއި ދޮންތަބެވެސް އައިސް ތިއްބެވެ. މޭޒުމަތީގައި ކޭކަކާއި ހެދިކާ އަތުރާފައި ހުއްޓެވެ.

"މައްމީ ޔޫ އާރ ޓޫ އެންޑް ފޯ އިޔާރސް ދޯ!" ނޫރާ އިނގިލިތަކުން ދޭއް އަދި ހަތަރެއް ދައްކާލިއެވެ. "ޓުވެންޓީ ފޯ" އެވަގުތު އަހަރެން ރަނގަޅުކޮށް ދިނީމެވެ.

ކޭކު ފެޅީ ނޫރާއައި ދެމީހުންވެގެންނެވެ. އެންމެން އެކީގައި އުފާވެރި މާހައުލެއްގައި ތިބެ ސައިބޮއެ ހެދީމެވެ.

ދޮންތަމެން ގޮސް އަހަރުމެން ދެމީހުން އެކަނި ވީމާ އަހަރެން ފިކުރު ކުރަނީ ކޮންކަމަކާތޯ އިއްމަ ސުވާލުކުރިއެވެ. އެޔާއިއެކު އަހަރެން ކަންބޮޑުވަނީ ބޭސް ނުލިބި ދާނެ ތީ ކަމުގައި ބުނީމެވެ.

"އޯކޭ އަހަރެން ދާނަން .. އެއްދުވަހު ގޮސްފައި އަނެއްދުވަހު އަންނަގޮތަށް" އިއްމަ ނިންމިއެވެ.

"އޭރުން ސަޖުނާ ޔޯ؟" އަހަރެން އަހާލީމެވެ. އަދި އޭނާއަށް އެހެން ހަދާކަށް ނުވާނެ ނޫންހޭ ބުނެލީމެވެ.

"އަހަރެން ދާ ޚަބަރު ލިބޭ އިރަށް އޭނާ އަންނާނެ އެގެއަށް!" އިއްމަ ވަރަށް ފަރުވާ ކުޑަގޮތަކަށް ބުނެލިއެވެ. އޭނާ އަދިވެސް އެހެރީ ސަޖުނާ ދެކެ ހިތްހަމަ ނުޖެހިފައިކަން އެއިން ދޭހަވިއެވެ.

އަނެއްދުވަހު އަހަރެން އޮފީހުން އައި ތަނާ ދޮންބެމެން ޗުއްޓީއަކަށް މާލެ އަންނަން ވެގެން ދެކޮޓަރީގެ ތަނެއް ހޯދައި ދީބަލަށޭ ގުޅާފައި ބުނި ވާހަކަ އިއްމަ ބުންޏެވެ.

އެމީހުންނާއި އެކީގައި ސަޖުނާ ވެސް އަންނަނީ ކަން އަހަންނަށް ވިސްނުނީ ކީއްކުރާ ދެކޮޓަރިއެއްހޭ އަހާލެވުނު ފަހުންނެވެ.

"ސޮރީ ލިޔު! މިއީ އަހަރެން އެއްގޮތަކަށްވެސް ބޭނުންވި ގޮތެއްނޫން!" އިއްމަ ވަރަށް މާޔޫސްވެލާފައި ވާހަކަ ދެއްކިއެވެ.

"އިޓްސް އޯކޭ.. އޭރަކު ދިމާވާ ގޮތަކަށް އެޖަސްޓުވާން ޖެހޭނެ އެއީ ދިރިއުޅުމަކީ!" އަހަރެން ބޭނުންވީ އިއްމަ ހިތްހަމަ ޖައްސައި ދޭށެވެ. އަހަރެންގެ އިހުސާސްތައް ހިންދާލާފައި ހިނިތުންވެލީމެވެ. އެއީ އޭނާ އަހަރެން ކައިރީ މައާފަށް އެދެންޖެހޭ ކަމެއް ނޫންކަމުގައި ބުނަމުންނެވެ.

އެހެންނަމަވެސް އެރެއަކު އަހަންނަކަށް ނިދޭ ގޮތެއްނުވިއެވެ. ސަޖުނާ އައީމާ ދެން ވާނީ ކިހިނެތްބާވައެވެ؟ އިއްމަ ކޮންމެރެއަކު އޭނާގެ ކައިރިއަށް ދާކަން އިނގުނީމާ އަހަންނަށް ކެތްވާނެ ހެއްޔެވެ؟ ސަލީނާގެ މަގްސަދަކީ ސަޖުނާ ގެނެސް މާލެއަށް ގަދަ ކުރަން ބާވައޭ ހިތަށް އަރަން ފެށިއެވެ. އެހެންވިއްޔާ ދެން އަހަރެން ހަދާނީ ކިހިނެތް ހެއްޔެވެ؟ ދާނީ ވަކި ކޮންތާކަށް ހެއްޔެވެ؟ ވަކިން ޚާއްސަކޮށް އަހަރެންގެ މި ބައްޔާއި އެކީގައި ގޮސް ކޮންމެ ކޮންމެ ތަނެއްގައި ދިރިއުޅޭނީ ކިހިނަކުން ހެއްޔެވެ؟

ވަރަށް ވިސްނުމަށް ފަހު އަނެއްދުވަހު އަހަރެންގެ މަންމައާއި ގުޅީމެވެ. މިވީހާތަނަށް އަހަރެންގެ މަންމަގެ ވާހަކަ ނުދައްކާ މިހުރީ އަހަންނާއި މަންމައާއި މާ ބޮޑު ގުޅުމެއް ނުއޮންނާތީއެވެ. އަހަންނާއި މަންމައާއި އެންމެފަހުން ބައްދަލުވީ ކިޔަވާ ނިންމާފައި ރަށަށް ދިޔަ ދަތުރުގައެވެ. އޭރު މަންމަގެ އިތުރު ތިން ކުދިން ތިބެއެވެ. އެންމެ ހަގު ކޮއްކޮއަށް އަހަރުވެސް ނުވެއެވެ. މަންމައަކަށް އަހަންނަށް ދޭނެ ވަގުތެއް ނުލިބުނެވެ. އަހަންނަކީ މަންމަގެ ދަރިއެއްކަން ގިނަ ފަހަރަށް ހަނދާން ހުންނަހެނެއް ހިޔެއްނުވެއެވެ. އެހެންކަމުން އެދަތުރުން އެނބުރި އައުމަށްފަހު މަންމަ ހޯދާކަށް އަހަންނެއް ނޫޅެމެވެ. މަންމައެއްވެސް އަހަރެންގެ ހާލަކީ ކޮބައިތޯ ބަލާކަށް މާ ބޮޑަކަށް ނޫޅެއެވެ. އެހެން ދަމުން ދަމުން ގޮސް އިއްމަ އާއި ކައިވެނި ކޮށްގެން ދިރިއުޅުމެއް ފެށިއިރު އަހަރުން ދެމީޙުންގެ ގުޅުން ވަނީ އެއްކޮށް ހީނަރުވެގެން ގޮސްފައެވެ. އެކަމަކު ދޮންބައްޕަ ދޭތެރެއަކުން މާލެ އަންނަފަހަރަކު އަހަންނާއި ބައްދަލު ކުރަން އާދެއެވެ. އެހެންކަމުން ސީދާ ވާހަކަ ނުދެއްކިއަސް މަންމަގެ ޚަބަރު ދަބަރު އަހަންނަށް ލިބެއެވެ. ހަމަ އެގޮތަށް އަހަރެންގެ ހާލުވެސް ދޮންބައްޕަގެ ފަރާތުން މަންމައަށް އެނގޭނެއެވެ.

އަހަރެންގެ އަޑު ޖެހުމުން މަންމައަށް ލިބުނީ ކުއްލި ސިހުމެކެވެ.

"ދަރިފުޅާ ކިހިނެއްވީ އަނެއްކާ؟" މަންމަ އެހެން އަހާލުމުން އަހަރެންގެ ދެލޮލުން ކަރުނަ ހިލުނެވެ.

"ކަމެއްނުވޭ.. ހަމަ ކުއްލިއަކަށް މަންމަ މަތިން މާބޮޑަށް ހަނދާންވީ.. ދޮންބައްޕަގެ ޚަބަރެއްނުވާތާ ވެސް ތަންކޮޅެއް ގިނަ ދުވަސް ވީމާ ހަމަ ޚަބަރު ބަލާލީ" އަހަރެން ބުނެލީމެވެ.

އަހަރެން ގުޅީމާ މަންމަ ވަރަށް އުފާވިއެވެ. އަހަރެން ނުގުޅާތީ މަންމައަށްވެސް ގުޅަން ނުކެރެނީ ކަމުގައި ބުންޏެވެ. ކޮންމެއަކަސް ވަރަށް ގިނައިރު ވަންދެން މަންމަ އާއި ވާހަކަ ދެއްކީމެވެ. އަހަރެން ނޫރާގެ ވާހަކަ ކިޔައިދިނީމެވެ. މަންމަވެސް އަހަރެންގެ ތިން ކޮއްކޮގެ ވާހަކަ ކިޔައިދިނެވެ.

އެފޯނު ބޭއްވިއިރު އަހަރެންނަށް ކުރެވެމުން ދިޔައީ ވަރަށް އެހެންކަހަލަ އިހުސާސް އެކެވެ. ހަޔާތުގެ އެންމެ މުހިއްމު މީހާއާއި ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަލުން ގުޅުން އިއާދަ ކުރެވުނީތީ އަހަރެނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. ނޫރާ ގޮވައިގެން އަހަރެންގެ މީހުންކައިރިއަށް ދާން ހިތަށް އަރަންފެށީ އެހިސާބުންނެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: އިންތިޒާރުގައި

Popular