5 May 2024

އިންތިޒާރުގައި - 26

އަދި މިއުޅެނީ ގެ ހެދުމައްޓަކައި ކުރެހުމުގެ ޚިޔާލު ކުރުމުގެ މަރުހަލަގައެވެ. މިހާ އަވަހަށް ސަޖުނާއަށް ބައެއް ދިނީތާއެވެ. ހަދާ ނިމުނީމާ ކިހާވަރަކުން ދާނެ ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ.

ގެ ހަދާ ދުވަސްކޮޅު އަހަރުމެން އުޅޭނީ ކޮންތާކުތޯ އަހަރެން އަހާލީމެވެ. އެޔާއިއެކު އެޕާރޓުމެންޓެއް ހޯދާށޭ ޖެހޭނީ ނޫނީ ލިޔު ބުނަންވީ ނޫންހޭ ދޮންތަ ކައިރީގައި އިއްމަ ބުނެލިއެވެ. ލިޔު ބުނެފިއްޔާ ދޮންތަ ގޭގައި އަހަރުމެން ބަހައްޓާނެކަން އޭނާއަށް ހަމަ ޔަގީން ކަމުގައި ބުނެލިއެވެ. އަހަރެން ބޭނުމީ އެގޮތެވެ. ދޮންތަބައިގައި ހުސްކޮޓަރީގައި ހުރެވޭނެއެވެ. އެކަމަކު އިއްމަގެ މަސައްކަތް ކުރާ އެއްޗެތި ބަހައްޓާނީ ކޮންތާކުބާވައެވެ؟

"އެ އަހަރެން ގެންދާނަން ސަޖޫ އެއުޅޭ އެޕާރޓުމެންޓަށް .. ދޮންބެ މެން ފުރީމާ އެކޮޓަރި ހުސްވާނެ އެތަން ބޭނުންކުރާނީ ވަގުތީ ގޮތުން" އިއްމަ އޮޅުން ފިލުވައި ދިނެވެ.

އެހިސާބުން އަހަންނަށް އުނދަގޫވާން ފެށިއެވެ. މިހާރުވެސް އަހަރެންގެ ފިރިމީހާގެ ފަރާތުން ކުދި ކުދި ބަދަލު ތަކެއް ފެންނަން ފަށައިފިކަން އަހަންނަށް އިހުސާސް ކުރެވެން ފަށައިފިއެވެ. އޭނާ ކުރިން ދައްކާހެން އަހަންނާއި ވާހަކަ ދެއްކުން، ވަކިން ޚާއްސަކޮށް ލޯބިން އެބުނެލާ އެއްޗެތި ބުނުން މަދުކަން ފާހަގަ ކުރެވެން ފެށިއެވެ. އަހަރެން ކިތަންމެ ބޭނުން ނޫނަސް ދެން ކަންވާނީ އެހެންކަން އަހަރެން ގަބޫލު ކުރީމެވެ. އާއެކެވެ. ސަޖުނާއާއި އެކީގައި ހޭދަކުރާވަގުތު އޭނާ އަށް ލިބޭ ހިތްހަމަ ޖެހުން ބޮޑުވާނެއެވެ.

ހަވީރު ގަޑީގައި ނޫރާ ގޮވައިގެންވެސް އިއްމަ އެގެއަށް ދެއެވެ. އެންމެ ފުރަތަމަ ދުވަހު ދިޔުމުގެ ކުރިން އަހަރެން ކުރެން ނޫރާ ގޮވައިގެން 'ދޮންބެ' ދިޔަޔަސް ހެޔޮތޯ އެހިއެވެ.

"ތިއީ މަގޭ އެކަނި ދަރިއެއް ނޫންދޯ... އިއްމަ ބޭނުންތާކަށް ގެންދަން އަހަރެން ކައިރިން ހުއްދަ ނަގާކަށް ނުޖެހޭނެ.. އެކަމަކު ބުނެލިއްޔާ ރަނގަޅުވާނެ ... އޭރުންތާ އަހަންނަށްވެސް ވާނުވާ އެނގޭނީ!" އަހަރެންގެ ޖަވާބު އެވަރަށް ދިގުވެގެން ދިޔައީ އަސްލު އަހަރެން ހިތްހަމަ ނުޖެހިގެންނެވެ. އޭނާ ދޮންބެއޭ ބުންޏަސް ނޫރާ އެގެންދަނީ އޭނާގެ ދޮންމަންމަ ކައިރިއަށްކަން އަހަންނަށް އިނގެއެވެ. ސަޖުނާ އާއި ނޫރާއާއި ގުޅުން ބަދަހިވާކަށް އަދި އަހަންނެއް ބޭނުމެއް ނޫނެވެ. އަހަރެން މިދުނިޔެ ދޫކުރި ދުވަހަކުން އެކަން ކުރާށޭ އަހަރެންގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އޭގެ އިރުކޮޅެއް ފަހުން އަހަރެން އަމިއްލެއަށް ދެރަވެ، ނަފްސު ކުށްވެރި ކުރީމެވެ. އަހަންނަކީ ހާދަ އަމިއްލަ އެދުން ބޮޑު މީހެކޭ ހިތަށް ވަނީއެވެ.

ނޫރާ އެގެއަށް ގޮސްފައި އައިސް އަހަންނަށް ކިޔައިދެއެވެ. އެގެއިން ސަޖޫ ދައްތަ ދިން އެއްޗެއް، އެވެނި ކަމެއް، ސަޖޫ ދައްތަ މިވެނި އެއްޗެއް ބުނި .. އެހެން ކިޔައިދޭނެއެވެ. އަހަރެން އަޑުއަހަން އޮންނައިރު ހިތުތެރޭގައި ހަސަދައިގެ ކަނި ބުރާލަ ބުރާލަ ހުއްޓަސް އެއަށް އަހަންނަށް ކުރެވޭނެކަމެއް ނެތްކަން އަހަންނަށް އިނގެއެވެ.

އޭރުވެސް އަހަރެން ގެންދިޔައީ މަންމަ އާއި އަދިވެސް އަހަރެންގެ ގާތް ތިމާގެ މީހުންނާއި އަލުން ގުޅުން ބަދަހި ކުރަމުންނެވެ. މަންމަމެން ކައިރއަށް ރަށަށް ދާ ގޮތަށް ދެން އެނބުރި ނާންނަން ވެސް ބައެއް ފަހަރަށް ހިތަށް އަރައެވެ. އެކަމަކު އެންމެ ފުރަތަމަ އަހަރެން ބޭނުމީ އެއީ އަހަންނަށް އުޅެވިދާނެ މާހައުލެއްތޯ ބަލާށެވެ. އެހެންކަމުން ދެން އެންމެ އަވަހަށް ލިބޭ ބޮޑު ޗުއްޓީގައި މަންމަމެން ކައިރިއަށް ދާން އަހަރެން ނިންމީމެވެ. އެވާހަކަ އިއްމަ ކައިރީ ބުނީ އޭގެ ފަހުންނެވެ.

"ތިއީ ވަރަށް ސަޅި ކަމެއް... މަވެސް ދާނަން! ލިޔުގެ ދޮންބައްޕަ ނޫން މީހަކު އަހަންނަކަށް ނުފެނޭ ވިއްޔާ!" އިއްމަ އެހެން ބުނުމުން އަހަންނަށް ލިބުނު އުފަލެއް ބުނެދޭންވެސް ނޭނގުނެވެ. އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ.

"އޭ ކިހިނެއް ތިވީ؟" އިއްމަ ސުވާލުކުރިއެވެ.

އަހަރެން ކަމެއްނުވެޔޭ ބުނަމުން ބޯ ހޫރާލީމެވެ. އެކަމަކު އިއްމަ ކުރެއްނުކުރިއެވެ.

"ހީ ކުރީ މިހާރު އިއްމަ އަހަންނަށް ކެއަރ އެއް ނުކުރޭކަމަށް!" އެންމެފަހުން އަހަރެން ބުނީމެވެ.

"ލިޔޫ!..... ހެޔޮނުވާނެ ތިހެން ހީކުރަން" އިއްމަ ދެރަވިއެވެ. " އަހަރެން މިހުރިހާ ގުރުބާނީއެއް މިވަނީ ހަމަ ލިޔުއަށްޓަކާ!" އޭނާ ބުނެލިއެވެ.

އެހިނދު އޭނާގެ މޫނަށް އަހަރެން ބަލާލީމެވެ. ހަތަރު ކަޅި ހަމަވެގެން ދިޔަވަގުތު އޭނާ އެހަދަނީ ތެދުކަން އަހަންނަށް ގަބޫލު ކުރެވުނެވެ.

އެއްދުވަހަކު މެންދުރު އަހަރެން އޮފީހުން އައިއިރު އިއްމަ ކައިރީގައި ޒުވާން ފިރިހެން ކުއްޖަކު ހުއްޓެވެ.

"ލިޔު މިއީ ލޫކް އިނގޭ، އަހަރެންގެ ވަޒީފާއަށް އޭނާ މިގެނައީ!" އިއްމަ އޮޅުން ފިލުވައިދިނެވެ. "އޭނާ ކައިރީ ބުނިން ބޭނުން އިރަކު ބަދިގެއަށް ވަދެ ކޮފީއާއި އެއްޗެތި ހަދާށޭ" އިއްމަ އިތުރަށް ބުނެދިނެވެ.

"ޔެސް ހަމަ އޯލްވޭޒު ވެލްކަމް!" އަހަރެން އެކުއްޖާއަށް ހިނިތުންވެލަމުން މަރުހަބާ ކީމެވެ.

ސަޖުނާ މާލެ އައި ފަހުން އިއްމަގެ މަސައްކަތަށް ދޭން ޖެހޭ ވަރަށް ވަގުތު ނުދެވޭކަން އަހަންނަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން އޭނާ އެކަމަށް ހައްލެއް ލިބުނީތާއޭ އަހަރެންގެ ހިތަށް އެރިއެވެ. އެހެންވީމާ ދެން އޭނާއަށް ސަޖުނާއާއި އެކީގައި މިހާރަށް ވުރެވެސްގިނަ ވަގުތު ހޭދަކުރެވޭނެތާއޭ ހިތަށް އެރުމާއިއެކު އަހަންނަށް ކުޑަކޮށް އުނދަގޫވާން ފެށިއެވެ.

އެދުވަހުގެ ހަވީރު އިއްމަ ބޭރަށް ދިޔަ ވަގުތު އެ ކުއްޖާއާއި އަހަރެން ވާހަކަ ދައްކާލީމެވެ. އޭނާ އަކީ އިހަކަށް ދުވަހު އޯލެވެލް ނިންމި ކުއްޖެކެވެ. އަސްލު ނަމަކީ ލޫތުއެވެ. އޭނާ އަކީ ކުރެހުމުގެ ދާއިރާއިން ކުރިއަށް ދާން ޝައުގުވެރިވަ ކުއްޖެއްކަމުން އިއްމަ ކައިރިއަށް މަސައްކަތް ކުރަން އައީ ކަމުގައި އޭނާ ކިޔައިދިނެވެ.

ސަލީނާމެން ފުރައިގެން ދިޔަ ފަހުންވެސް އިއްމަ ނޫރާ ގޮވައިގެން އެގެއަށް ދެއެވެ. އެގޮތުން އެއްދުވަހަކު ނޫރާ ގެއަށް އައިސްފައި އޭނާގެ ބައްޕި މިއަދު މާބާރަށް ސަޖޫ ދައްތަ "ސްކުއީޒް" ކޮށްލީމާ ސަޖޫ ދައްތަ އަށް ތަދުވެގެން "އައޫ" އޭ ބުންޏޭ ކިޔާފައި ބޮޑު ވާހަކައެއް ކިޔައިދިނެވެ. އަހަރެން އެކަމާ ވަރަށް ހިތްހަމަ ނުޖެހުނެވެ.

އޭގެ ދެރެއެއްވަރު ފަހުން އަހަރުމެން ދެމީހުން ސައިކަލު ދުއްވާލަން ނުކުމެފައި ކޮފީއެއް ބޯލަން ތަނަކަށް ވަނީމެވެ. އެތާނަގއި އިނދެފައި ސަލީނާ ވަރަށް އަވަހަށް އެބައާދެއޭ އިއްމަ ބުންޏެވެ. އަދި މާ ރަނގަޅެއް ނޫންހޭ ބޭސް ބަލާ އެކޮޅަށް ދާކަށް ނުޖެހޭނެޔޭ އޭނާ ބުނެލިއެވެ. ސަލީނާ މިކޮޅަށް ބޭސް ގެނައުމުގެ މަސައްކަތް ފަށަން ޚިޔާލު ކުރާ ވާހަކައެއް ދެއްކި ކަމަށް ވެސް ކިޔައިދިނެވެ.

ސަލީނާއަކީ ކުރިން މާލޭގަ އާއި ކުޅުދުށްފުށީ ހޮސްޕިޓަލުގައި ނަރުހަކަށް އުޅެފައިވާ މީހެއްވީމާ އޭނާގެ ބައިވަރު ރައްޓެހިން ރާއްޖޭގައި ތިބެއެވެ. އެހެންކަމުން އޭނާއަށް އެކަހަލަ މަސައްކަތެއް ކުރާކަށް އެހާ އުނދަގުލެއް ނުވާނެއެވެ.

"ހާދަ އަވަހަކަށް ސަލީނާ ތި އަންނަނީ.. އަދި ދިޔަފަހުން މަސްދުވަސް ވެސް ނުވޭ ކަންނޭގެ" އަހަރެން ބުނީމެވެ.

"ހުމް އެކަމާ ކަންނޭގެ އެއަންނަނީ... އަހަރުމެންނަށް ރަނގަޅެއްނު!" އިއްމަ ބުނެލިއެވެ.

ކުރީ ދުވަހު ނޫރާ ބުނި ވާހަކަ އަހަރެންގެ ހަނދާނަށް އައީ އެވަގުތުއެވެ. އަހަރެން އެވާހަކަ ބުނީމެވެ. އަދި މީގެ ފަހުން ނޫރާ ގެ ކުރިމަތީގައި އެކަހަލަ ކަމެއް ނުކުރައްޗޭ ބުނެލީމެވެ. އޭރު އަހަރެން ދެރަވެއްޖެއެވެ. އިއްމައަށް އެކަން ފާހަގަ ކުރެވުނެވެ. އޭނާ އަހަރެންގެ އަތްމަތީގައި އަތް ބާއްވާލިއެވެ.

"ލިޔު!" އޭނާ މަޑުމަޑުން ބުނެލިއެވެ. އަހަރެން އިސްދަށަށް ޖެހީމެވެ. އޭނާގެ އެއަމަލުން އަހަރެން އިތުރަށް ދެރަވީއެވެ.

" ލިޔު ހިތަށް އަރާދޯ އިއްމަ މިއުޅެނީ ވަރަށް ހަމަ ޖެހިގެންނޭ .... ސަޖޫއާއި އެކީގައި އެކަން ކޮށްލާފައި، މިހެން އުޅޭތީ!................އެކަމަކު .. އައި ސްޓިލް މިސްޔޫ، އައި ވޯންޓު ޔޫ ލިޔު!"

އެއަޑު އިވުމުން އަހަރެން އިސް އުފުލާ އޭނާގެ މޫނަށް ބަލާލީމެވެ. އޭތާނގައި ދިއްލާފައިވާ ބޮކީގެ އަލީގައި އޭނާގެ ދެލޯ ތެރެއިން ކަރުނަ ހިލިފައިވާ ހެން އަހަންނަށް ހީވިއެވެ.

"އިރާދަ ކުރެއްވިއްޔާ ލިޔު ރަނގަޅު ވާނެ! އަހަރެން ކޮންމެ ދުވަހަކު ވެސް އެކަމަށް އެދި ދުޢާ ކުރަން" އިއްމަ ބުނެލިއެވެ.

***

ސަލީނާ މާލެއައީ ގޮތަށް އަހަރެންގެ ބޭސްކޮޅު ހިފައިގެން ގެއަށް އައެވެ. އޭރު އަހަރުމެން ތިބީ އިއްމަ ރިސޯޓަށް ނައްޓާލުމުގެ ކުރިން ކޮފީއެއް ބޯށެވެ. ސަލީނާ ނުވެސް ގުޅާލާ، އައިތީ އަހަރެން ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. އަހަންނާއި އިއްމައާއި އެކީގައި ހޭދަކޮށްލަން ލިބުނު އެ އުފާވެރި ވަގުތުކޮޅަށް ސަލީނާގެ ހިޔަނި އެޅި ތަގައްޔަރުވީއެވެ.

އޭނާ ކުރެން ކޮފީ ބޯނަންތޯ އަހަރެން އަހާލީމާ މިއައީ ރައްޓެހިގެއަކަށް ވަދެ ސައިބޮއެގެން ކަމުގައި ބުނެލަމުން ބޭސް ކޮތަޅު މޭޒު މަތީގައި ބެހެއްޓިއެވެ. މިފަހަރު އޭނާ ގެނައީ އެންމެ ދެބޭހެވެ. މިހާރު އަނެއްބޭސް ތައް ނުކެޔަސް އެންމެ ރަނގަޅު ވާނެ ކަމުގައި އެމީހުން ބުނި ކަމަށް އޭނާ ބުނެލިއެވެ.

އިއްމަ ކޮފީތަށި ހުސްކޮށްލާފައި ތެދުވިއެވެ. އޭނާ ރިސޯޓަކަށް ދާން ނައްޓާލަނީ ކަމުގައި ސަލީނާ ގާތު ބުނަމުން ދަބަސް ނެގިއެވެ.

"އެއްފަހަރަކުން ވާނެ ދައްތަ ވެސް ގެންދަން ތިހެން ދާ ދަތުރެއްގައި... އެކަމަކު ދައްތަ ދާނީ ލިޔުޝާ މެންނާއި އެކީ!" އިއްމަ އާނއެކޭ ބުނަމުން ބޯ ޖަހާލީއެވެ. އަދި ޓީވީއަށް ގެއްލިފައި އިން ނޫރާ ކައިރިއަށް ގޮސް އޭނާއަށް ދޮނެއް ދީފައި ދަނީ އޭ ބުނަމުން ބޭރަށް ނުކުތެވެ. އޭރު އެ މަންޒަރުތައް ވަރަށް ފަރުވާ ތެރިކަމާއި އެކު ސަލީނާ ބަލަމުން ގެންދާކަން އަހަންނަށް ފާހަގަވިއެވެ. އަހަރެން އިއްމައާއި އެކީގައި ބޭރަށް ނުކުތީމެވެ. އޭނާ ރިސޯޓުތައް ކަހަލަ ތަންތަނަށް ދާއިރު އަރަން ބޭނުންކުރާ ނައިކީ ބޫޓު ފޮރުވާފައިވާ ކޮތަޅުން ނަގައިދިނީމާ އޭނާ ބޫޓަށް އަރަން ފެށިއެވެ.

" އެގެއަށް ވަދެފަ ތަ ދާނީ؟" ސަލީނާ ދޮރުކައިރިއަށް އައިސް އަހާލިއެވެ.

އެޔާއިއެކު އިއްމަ ނުތަނަވަސްވި މަންޒަރު އަހަންނަށް ފެނުނެވެ. އެއީ އަހަރެން ހުރީމަ ކަންނޭނގެޔޭ ހިތަށް އެރިއެވެ.

"ސަލީނާ ދައްތަ ގެއަށް ދާން ވީތަ؟" އޭނާ ކޮށްލީ ސުވާލެކެވެ.

"އުހޫ، އެހިސާބަށް ދަންޏާ މި ކޮތަޅު ގެންގޮސް ވައްޓާލަ ދޭށޭ ބުނަންވެގެން... !" ސަލީނާ ބުނެލިއެވެ.

އިއްމަ ނުކުމެގެން ދިޔައީ ސަލީނާގެ ކޮތަޅު ހިފައިގެންނެވެ. އޭނާ ރަށުން ފުރައިގެން ދިޔުމުގެ ކުރިން ސަޖުނާ ކައިރިއަށް ދާނެކަން އަހަންނަށްވެސް އިނގެއެވެ. އެކަމަކު ސަލީނާ އެ ހެދި ގޮތަކުން އެކަން އަހަރެންގެ ސިކުނޑިއަށް މާބޮޑަށް ވަދެގެން އުދަނގޫވާން ފެށިއެވެ. އަހަރެންގެ ހަރަކާތްތަކަށް ސަލީނާ ފަރުވާތެރިކަމާއިއެކު ބަލާކަން އެނގުނީމާ އަދި ވަކިން އުނދަގޫވާން ފެށިއެވެ.

"ދަރިފުޅު ކޯޗެއްތަ ތި ބަލަނީ؟" އަހަރެން ނޫރާ ކައިރީގައި އިށީނީމެވެ. އޭރު އަރިމަތީގައި ވަކިން ހުރި ގޮނޑީގައި ސަލީނާ، ޓީވީ އާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. ޓީވީ އިން ދައްކަނީ ކޮންމެވެސް ސްކޫލެއްގެ ކުދިންތަކެއް ނަށާ މަންޒަރެވެ. ދައްކަނީ ހަވީރު ކުޑަކުދިންނަށްޓަކައި ދައްކާ ސްޓޭޖް މަތިން ކިޔާ ޕުރޮގްރާމްއެވެ.

"ނޫރައަށް މިހާރު އެގިއްޖެތަ އޭނާ އަށް ކޮއްކޮއެއް ލިބެން އުޅޭކަން؟" އެހެން އިދެލާފައި ސަލީނާ އަހާލިއެވެ. އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ.

"އޯ.... ލިޔުޝާ އަކަށްވެސް އަދި ނޭނގޭތަ؟" އެހެންބުނަމުން އޭނާ އަނގަމަތީގައި އަތްއެޅިއެވެ. "އަޅެ، ވަރަށް ބޮޑަށް ސޮރީ އަހަރެން ހީކުރީ އިއްމަ ބުނެފައި ކަމަށް އޮންނާނީ" އިރުކޮޅަކަށް ފަހު އަނެއްކާވެސް ސަލީނާ ވާހަކަ ދައްކަން ފެށިއެވެ.

"ކޮންމެސް ކޮންމެސް ލިޔުޝާއަށް ދައްތަގެ ފަރާތުން އެނގުނު ކަމަށް ނަހަދާތި އަޅެ!" ސަލީނާ ވަރަށް ކަންބޮޑުވިއެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: އިންތިޒާރުގައި

Popular