By: Niumathullah Idhurees
މި މަހުގެ 17 ވަނަ ދުވަހު ފާހަގަކުރި "ވޯލްޑް އިމޯޖީ ޑޭ" ގައި އެޕަލްގެ ސީއީއޯ ޓިމް ކުކް ވަނީ ބުރުގާ އެޅި ފުރަތަމަ އިމޯޖީ ތައާރަފްކުރާނެކަން އިއުލާނުކޮށްފަ އެވެ. ބުރުގާ އެޅި އިމޯޖީއެއް ތައާރަފްކުރާތީ އެޕަލް އަށް އެކަމުގެ ޝުކުރު އަދާކުރި ނަމަވެސް މި އިމޯޖީގެ މޭސްތިރި އަކީ ސައޫދީ އަރަބިއްޔާގެ އަންހެން ކުއްޖެއް ކަމަށްވާ ރަޔޫފް އަލްހުމައިދީ، 16، އެވެ.
ބުރުގާ އެޅި އިމޯޖީއެއް ނެތްކަން އަލްހުމައިދީ އަށް ފާހަގަވީ މިދިޔަ އަހަރު އޭނާ އެކުވެރިންތަކަކާ އެކު ހެދި ވަޓްސްއެޕް ގްރޫޕެއްގައި، އޭނާއަށް ނިސްބަތްވާ ސިފަޔަކަށް އިން އިމޯޖީއެއް ހޯދަން ކުރި މަސައްކަތުގަ އެވެ.
"ބުރުގާ ނާޅާ އެކުވެރިން އެ މީހުންނާ ގުޅޭ އިމޯޖީތައް ލިބުނު. އަހަރެން ބުރުގާ އަޅާތީ އަހަންނާ ގުޅޭ އިމޯޖީއެއް ނުލިބިގެން ބޭނުންކުރީ އެހެން އިމޯޖީއެއް. އެއީ ގުޅޭ އިމޯޖީއެއް ނުލިބިގެން،" ވޮޝިންޓަން ޕޯސްޓަށް ދިން އިންޓަވިއުއެއްގައި އަލްހުމައިދީ ބުނެފައިވެ އެވެ.
ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި އަލްހުމައިދީ ބުނީ ބުރުގާ އެޅި އެތައް މިލިއަން ބަޔަކު އުޅޭއިރު އެ މީހުން ރަމްޒުކޮށްދޭ އިމޯޖީއެއް ނެތުމަކީ ވަރަށް ބޮޑު ސުވާލެއް ކަމަށެވެ.
އަލްހުމައިދީ އާއި އޭނާގެ އިމޯޖީ
"މި އިންނަންވީ ކިހިނެއް ކަމެއް އަހަރެންގެ ހިތަކު ނެތް. އެކަމަކު ބޭނުންވީ އެކި ނަސްލުގެ މީހުންނަށް ވެސް ބޭނުންކުރެވޭ ގޮތަށް، ހަމުގެ އެކި ކުލަތަކުން މި އިމޯޖީ ބޭނުންކުރެވޭ ގޮތެއް ވުން،" އިމޯޖީ އުފެދިގެން އައި ގޮތާ ބެހޭ ގޮތުން އަލްހުމައިދީ ބުންޏެވެ.
އިމޯޖީ އަކީ މިހާރު އެންމެ ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ "ލޭންގުއޭޖް" ކަމަށް ވާއިރު އޭގައި ބުރުގާ އިމޯޖީއެއް ނެތުމަކީ ހަގީގަތުގައި ކުޑަ ކަމެއް ނޫނެވެ. މިކަމަށް ހައްލެއް ހޯދަން އަލްހުމައިދީ އެންމެ ފުރަތަމަ މަސައްކަތްކުރީ އެޕަލްއާ ވާހަކަ ދައްކައިގެންނެވެ. އެކަމަކު އެންމެފަހުން ކާމިޔާބުވީ އިމޯޖީ ހަދާ ޔުނިކޯޑް ކޮންސޯޓިއަމްއާ ގުޅިގެންނެވެ.
މި އިމޯޖީ އަލްހުމައިދީއާ ވައްތަރެވެ. އެތައް މިލިއަން ބަޔަކު އެދެމުން އައި މި އިމޯޖީ މި އަހަރު ފަހުކޮޅު އެޕަލްގެ ޑިވައިސްތަކަށް ލިބޭނެ އެވެ.