3 Jul 2023

ނީނާގެ "އަލިފާން" އަށް އިތުރު ޝައުގެއް

ނީނާގެ "އަލިފާން" އަށް އިތުރު ޝައުގެއް

By: Aishath Mihna Nasih

މިވަގުތު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އެއް ފިލްމަކީ އައި ފިލްމްސްގެ ފީޗާ ފިލްމް "ނީނާ" އެވެ. އަންނަ މަހުގެ 6 ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމްގެ ޕްރޮމޯޝަނަލް ލަވަ "އަލިފާން" ވަނީ އާދިއްތަ ދުވަހު ރިލީޒް ކޮށްފަ އެވެ.

އަންދަލާ ހަލީމްގެ ހިތްގައިމު އަޑުން ހުށަހަޅާފައިވާ "އަލިފާން" ލަވައިން ބުނެދެނީ ލޯބިވާ މީހެއްގެ ފަރާތުން ލިބުނު އަނިޔާތަކަށް ރޯން ނުއިދެ އެކަމާ ދެކޮޅަށް "ނީނާ" ތެދުވާ ވާހަކަ އެވެ. ފިލްމް ލިޔެ ޑައިރެކްޓްކުރި އިލްޔާސް ވަޙީދު (އިއްލެ) ބުނި ގޮތުގައި މި ލަވައިން ފެންނަނީ "ނީނާ" ކެރެކްޓާގެ ކުޑަ މަންޒަރެކެވެ.

"ފިލްމްގައި ވެސް ނުޒޫ ފެންނަނީ ފިޓްނަސް އިންސްޓްރަކްޓަރެއްގެ ގޮތުގައި. އެހެންވެ ލަވައިގައި ވެސް އެ ފެންނަނީ އެކަހަލަ ގޮތަކަށް (ބޮކްސިން). އަތުގައި ވްރެޕް އަޅާގޮތް ވެސް ހަމަ ރިސާޗްކޮށްގެން ސީދާ އެގޮތަށް އަޅާފައި ހުންނާނީ." އިއްލެ ބުންޏެވެ.

ނީނާގެ ޕްރޮމޯޝަނަލް ލަވަ-

އިއްލެގެ ލިރިކްސް އާއި މެލޮޑީއަށް މިއުޒިކް ހަދައިދީފައިވަނީ މިސްޓީއެވެ. ލަވައިން ފެންނަ އެންމެ ހާއްސަ އެއް މަންޒަރަކީ ލަވަ ނިމޭއިރު ނުޒޫ ހުޑް ނަގާ މަންޒަރެވެ. މިއީ ފިލްމްގައި ނީނާއަށް ލިބޭ ހުރިހާ އަނިޔާއެއްކަމަށް އިއްލެ ބުންޏެވެ. މި މަންޒަރު ފުރިހަމަވެގެންދަނީ ފިލްމާއި ލަވައިގެ ވެސް މޭކަޕްކޮށްފައިވާ ރުތުބާ އަހްމަދުގެ ހުނަރުންނެވެ.

މީގެ ކުރިން ވެސް ދެ ލަވަ ލިޔެފައިވާއިރު، އިއްލެ ބުނާ ގޮތުން މި މަސައްކަތުގައި އެންމެ ތަފާތު ތަޖުރިބާއެއް ކުރަންޖެހުނީ "ރެޕް" ލިރިކްސްއެއް ލިޔުމަށެވެ. އަދި އެ މަސައްކަތުގައި ސޮއްޕެ ވަރަށްބޮޑަށް އެހީވިކަމަށް އޭނާ ބުންޏެވެ.

ފިލްމުގެ 30 ޝޯ ދެއްކުމަށް ހަމަޖެހިފައިވާއިރު އައި ފިލްމްސްގެ ފުރަތަމަ ފިލްމެކޭ ވެސް އެއްފަދައިން މި ފިލްމަކީ ވެސް ބެލުންތެރިންނަށް ތަފާތު ރަހަތަކެއް ގެނެސްދޭނެ "ސަސްޕެންސް" އަދި "ތްރިލާ" ބައިތައް ހިމެނޭނެ ފިލްމެއްކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުންޏެވެ.

ފިލްމްގެ ޓިކެޓް މި މަހު ވިއްކަން ފަށާއިރު، މިވަގުތު ކުރިއަށްދަނީ ފިލްމްގެ ޕްރޮމޯޝަނަލް މަސައްކަތްތައް ކަމަށް އިއްލެ ބުންޏެވެ.

ފިލްމްގެ ޓީޒާ ޓްރެއިލާ--

މި ފިލްމުގެ ވާހަކަ ލިޔެ ޑައިރެކްޓްކުރީ އިލްޔާސް ވަހީދު (އިއްލެ) އެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ހިތްވަރުގަދަ އަންހެނަކު އޭނާގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާ ކުރިމަތިލާ ގޮތުގެ މައްޗަށެވެ.

ފިލްމުގެ މުހިއްމު ރޯލުތަކުން ފެންނަ ބައެއް މޫނުތަކުގެ ތެރޭގައި ކުރީގެ މަޝްޙޫރު ބަތަލާ މަރިޔަމް ރަޝީދާ، މަރިޔަމް ޝަކީލާ، އާދަމް ރިޒްވީ، ނަތާޝާ ޖަލީލް އަދި އަލީ އިނާޒް ހިމެނެ އެވެ. ހަމައެހެންމެ ފީޗާ ފިލްމަކުން އަލަށް ތައާރަފުވާ ބައެއް މޫނުތައް ވެސް މި ފިލްމުގެ އެކި ރޯލުތަކުން ފެންނާނެ އެވެ.

މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މާލޭގެ އިތުރުން ލ. އަތޮޅުގެ ރަށްތަކުގަ އެވެ. ފިލްމް ޕްރޮޑިއުސްކުރުމުގައި އިލްޔާސްގެ އިތުރުން އާސިމް އަލީ އަދި އަހްމަދު ވަހީދު މަސައްކަތްކޮށްފައިވެ އެވެ. ސިނެމެޓޯގްރަފީގެ މަސައްކަތްތައް ކޮށްފައިވަނީ އިބްރާހީމް ވިސާން (ކަނޑި) އެވެ. އެޑިޓިން އާއި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަށް "ބަވަތި" ގައި ވެސް އެ މަސައްކަތްތައް ކުރި ޓީމުކަމަށްވާ "އޯކޭޒް އިންކް" އިންނެވެ.

Popular