By: Asima Nizar
އަލަތު ދަރިފުޅާ އެކު އާމިނަތު ޝިފްރާ (ޝިފޫ) ބޭނުންވީ އޭނާގެ ފިރިމީހާއަށް ވަރަށް ހާއްސަ އަދި ތަފާތު ކަމެއް ކޮށްދޭށެވެ. އެހެންވެ، ކުއްޖަކު ލިބުނު ފަހުން 2022 ވަނަ އަހަރު ބައްޕައިންގެ ދުވަހަށް ވަރަށް ލޯބިން، އަމިއްލައަށް ކާޑެއް ހަދަން ފެށި އެވެ. އެއީ "ކޮއްކޮގެ ބައްޕަ" އަކީ ފޮތުގެ ފެށުމެވެ.
އެއް އަހަރުގެ މަސައްކަތަށް ފަހު ޖެނުއަރީ، 2023 ގައި ޕަބްލިޝްކުރި އެ ފޮތުގައި ކިޔައިދެނީ ކުދިންނާއި މައިންބަފައިން، ހާއްސަކޮށް ބައްޕައާ އެކު އޮންނަ ގުޅުމެވެ.
ފުރަތަމަ ފޮތުގެ ކާމިޔާބީއަށް ފަހު، ދެ ވަނައަށް ފޮތެއް ލިޔުމުގެ ހިޔާލު އައީ، ޝިފޫ ބުނި ގޮތުގައި، އޭނާގެ ގާތް ރަހުމަތްތެރިއެއްގެ ދަރިފުޅަށް ދިމާވި ނިދުމުގެ މައްސަލައިންނެވެ. އެންމެ ކުޑައިރުއްސުރެ ވެސް ނިދުމުގައި އުނދަގޫތައް ހުންނަ އެ ކުއްޖާއަށް ނިދޭތޯ ތަފާތު އެކި ކަންކަން ކުރި އެވެ. "މަޔިލްގެ ނިދި ފިލައިފި" ފޮތުގައި ގެނެސްދީފައިވަނީ އެ ދަތުރެވެ.
އެންމެ ފަހުން، މި އަހަރުގެ ތެރޭގައި ޝިފޫގެ ތިން ވަނަ ފޮތް، "ކިހާ ލޯބިވޭ" ވަނީ ޕަބްލިޝްކޮށްފަ އެވެ. އޭގައި ގެނެސްދީފައިވަނީ ދަރިފުޅާއި މަންމަގެ ހާއްސަ ވަގުތުތަކަށެވެ.
އޭނާ ބުނީ ސޯޝަލް މީޑިއާގައި އަމިއްލައަށް ހިންގާ "ހިޔާލީ ފޮލާ" ޕޭޖުން އެ ފޮތްތަކަށް އޯޑަރު ކުރެވޭނެ ކަމަށެވެ. އަދި ދެބެއިންގެ ދެދަރި އަރޫޝާ އަހުމަދާ އެކު ފޮތުގެ ވިޔަފާރި ފުޅާކޮށް އެ ޕޭޖުގައި ވަނީ އަރޫޝާގެ ދެ ފޮތެއް ވެސް އިސްތިހާރުކޮށްފަ އެވެ.
އޭގައި ﷲގެ 99 ނަންފުޅުގެ ތެރެއިން 33 ނަންފުޅު ހިމަނައިގެން ހަދާފައިވާ ފޮތަކާއި "އަޅުގަނޑު ހެއްދެވީ ﷲ" ގެ ނަމުގައި، ހިއްސުތައް ކިޔައިދޭ ފޮތެއް ވެސް ނެރެފައިވެ އެވެ.
އޭގެ އިތުރުން، ގުރުއާނުގެ ވާހަކަތައް ލިޔެފައި ހުރި ފޮތެއް ވެސް މިހާރު އަންނަނީ ކޮއްކޮއާއެކު ލިޔަމުންނެވެ. އެ ފޮތަށް އެއްކޮށް މަސައްކަތްކުރާތާ ހަތަރު އަހަރުވެއްޖެ އެވެ. އަދި މި އަހަރު އެ ފޮތް ޕަބްލިޝްކުރެވޭނެ ކަމަށް، އިންޓަނޭޝަނަލް ރިލޭޝަންސް އިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ޒުވާނާ ބުންޏެވެ.
އޭނާ ބުނީ ދިވެހި ބަހުން ލިޔެފައިވާ ކުދިންގެ އެ ފޮތްތަކަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ.
"ހީކުރި ވަރަށް ވުރެ ސަޕޯޓު ލިބޭ. ވަރަށް ކުޑައިރުއްސުރެ ކުދިންނަށް ފޮތް ކިޔައިދީގެން [ފޮތް ކިޔުމުގެ ހުނަރު ދިރުވަން އުޅޭ]. ވަރަށް ބޮޑު ސަޕޯޓެއް ލިބޭ [ބެލެނިވެރިންގެ ފަރާތުން]،" ޝިފޫ ބުންޏެވެ.
އޭނާ ބުނީ ވަރަށް ގިނަ މީހުން ފޮތް ގަތުމަށް ފަހު ޕޭޖަށް ވަކިން މެސެޖުކުރާ ކަމަށެވެ. އޭގެ ތެރެއިން ވެސް ހަނދާނުން ފިލައިގެން ނުދާނެ ދުވަހަކީ، 4-5 އަހަރުގެ ފިރިހެން ކުއްޖެއް، ސްކޫލެއްގައި އޮތް ޓެލެންޓު ޝޯއަކަށް "ކޮއްކޮގެ ބައްޕަ" ފޮތް ހިތުދަސްކުރުމަށް ފަހު، ސަޕްރައިޒަކަށް އެ ކުއްޖާގެ ބައްޕައަށް އެ ފޮތް ކިޔައިދިނުމެވެ.
ފޮތެއް ޕަބްލިޝްކުރުމަށް އެހީއެއް
ރާއްޖޭގައި ދެ ގޮތަކަށް ފޮތެއް ޕަބްލިޝްކުރެވިދާނެ އެވެ. އެއީ އަމިއްލައަށް ނުވަތަ ޕަބްލިޝާއެއް މެދުވެރިކޮށެވެ.
އަމިއްލައަށް ޕަބްލިޝްކުރާ ނަމަ، އެންމެ ފުރަތަމަ އެ ފޮތެއް ލިޔެ އިލުސްޓްރޭޓް ކުރުމަށްފަހު، އެ ފޮތުގައި ބަހުގެ މައްސަލައެއް އުޅޭތޯ ބަލަންޖެހެ އެވެ. އެކަން ކުރަން ޖެހޭނީ ޕަބްލިޝްކުރާ ދިވެހި ފޮތްތައް ޕްރޫފްރީޑްކުރުމުގެ ހުއްދަ އޮންނަ މީހުންގެ ތެރެއިން މީހެއް ލައްވަ އެވެ. އެ މަރުހަލާ ނިންމުމަށް ފަހު، ކްލެސިފިކޭޝަން ބިއުރޯއަށް ހުށަހަޅައި، އެ ފޮތް އެކަށީގެންވާ އުމުރު ކަނޑައެޅިގެންދެ އެވެ. އެ ހިސާބުން ފޮތް ޕަބްލިޝްކުރަންވީ އެވެ.