19 Aug 2025

By: Fathimath Ajufan

ސްޕޯޓްސް ފިޝިންގެ، ރޮޑް އެންޑް ރީލްގައި ރާއްޖޭގައި މިހާތަނަށް ބޭނި އެންމެ ބޮޑު މަސް ކަމަށް ބެލެވޭ މަސް މިދިޔަ ހޮނިހިރު ދުވަހު ވަނީ ބާނައިފަ އެވެ. އެއީ ދިގުމިނުގައި 13 ފޫޓު ހުރި ހިބަރެކެވެ.

ރާއްޖޭގެ ސްޕޯޓްސް ފިޝިންގައި އުޅޭތާ އެތައް އަހަރެއް ވެފައިވާ މުހައްމަދު އަލްމަސް، މަސްވެރިކަމަށް ޝައުގުވެރިކަން ބޮޑު ޓޫރިސްޓަކާ އެކު ގޮސް މި މަސް ބޭނީ ވެސް ވީހާ ވެސް ބޮޑު ހިބަރެއް ބޭނުމަށް ތައްޔާރުވެ ކުރި ދަތުރެއްގަ އެވެ. އެ ޓޫރިސްޓަކީ ވެސް ރާއްޖޭގައި އެންމެ ބޮޑެތި ހިބަރު ބޭނޭ ސަރަހައްދުތައް ބަލައި، ދިރާސާކޮށްގެން އައި މީހެކެވެ.

ސްޕޯޓްސް ފިޝިންގައި އުޅޭ އެ ޓޫރިސްޓަކީ ދުނިޔޭގެ އެކި ގައުމުތަކަށް ގޮސް މަސްދަތުރުތައް ކުރާ މީހެކެވެ. އެހެންވެ އަލްމަސް އާއި އޭނާގެ ޓީމުން ވެސް ތައްޔާރުވީ އެ ޓޫރިސްޓު މީހާ ބޭނުންވާ ޓާގެޓް ހާސިލްކޮށްދޭށެވެ.

"އޭނާ އައުމުގެ ކުރިން އެކަހަލަ މަސްތައް އުޅޭ ސަރަހައްދު ބަލައިފައި ރާއްޖެ އައީ. އަހަރުމެން ވެސް ކުޑަކޮށް ބައެއް ސަރަހައްދުތައް އެކްސްޕްލޯކުރަން ނުކުތިން. އޭގެ ތެރެއިން އެންމެ ރަނގަޅު އޭރިއާތައް ފައިނަލް ކޮށްފައި ދިޔައީ،" އަލްމަސް ބުންޏެވެ.

ޓޫރިސްޓު މީހާ ބޭނި މަސް ލޯންޗަށް އަރުވައި އައްސާފައި

އެ ޓޫރިސްޓު މީހާ ބޭނީ ހިބަރު ވީ ރާއްޖޭގެ ސްޕޯޓްސް ފިޝިން ތާރީހުގައި ވެސް ބޭނި އެންމެ ބޮޑު މަހަށެވެ.

"އެ މަސް ބޭނި ގެސްޓު މީހާ ފޮޓޯ ނަގާފައި، ބޮޑު ސެރެމަނީއެއް ބޭއްވި. އޭނާގެ ހުރިހާ ރައްޓެހިންނާއި ބައިވަރު ގެސްޓުންނާ އެކު. އޭނާ ރާއްޖެއިން ފުރީ އެ ހިބަރު އޭނާގެ ގައުމަށް ޝިޕްކޮށްފައި، މަސް އިންގޮތަށް،" އަލްމަސް ބުންޏެވެ.

އަލްމަސް ބުނީ އެ މަސް ބޭނީ ބ. އަތޮޅު ސަރަހައްދަކުން ކަމަށާއި އެ މަސް ބޭނި ވަގުތަކީ ޓޫރިސްޓު މީހާގެ ހަޔާތުގައި ވެސް އައި އެންމެ އުފާވެރި ވަގުތުކޮޅު ކަމަށް އޭނާ ބުނި ކަމަށެވެ. އޭނާ ބުނި ގޮތުގައި އެ ހިބަރު މަސްލޯންޗަށް އެރުވުނީ ތިން ގަޑިއިރުގެ މަސައްކަތުން ކަމަށެވެ.

މަސް ބޭނުމުގައި އެކި ޓާގެޓް ހާސިލްކުރަން މަސައްކަތްކުރާ އެ ޓޫރިސްޓް މީހާގެ ރާއްޖެއިން ފުރައިގެން ދިޔައީ ވަރަށް އުފަލުންނެވެ.

މަސްވެރިކަން ގޭމް ފިޝިން

Popular