މަންމަ އާއި ބައްޕަ ވެސް ރަސްލާން އަބްދުއްރައްޒާގަށް ދިނީ ލަފައެކެވެ. އެކަން ގަބޫލުކޮށް ދެ އަހަރުގެ ތެރޭގައި ގުރުއާން ހިތުދަސްކޮށް ނިންމައި، ހާފިޒްކަމުގެ ފަހުރުވެރި ޝަރަފު ހޯދި އެވެ. އެ ހިސާބުން ކާމިޔާބީގެ ލިސްޓެއް ނުނިމެ އެވެ.
މަންމަ އާއި ބައްޕަ ވެސް ރަސްލާން އަބްދުއްރައްޒާގަށް ދިނީ ލަފައެކެވެ. އެކަން ގަބޫލުކޮށް ދެ އަހަރުގެ ތެރޭގައި ގުރުއާން ހިތުދަސްކޮށް ނިންމައި، ހާފިޒްކަމުގެ ފަހުރުވެރި ޝަރަފު ހޯދި އެވެ. އެ ހިސާބުން ކާމިޔާބީގެ ލިސްޓެއް ނުނިމެ އެވެ.
މިދިޔަ އަހަރުގެ މެއި/ޖޫން މަހު އޯލެވެލް ނިންމައި، ގައުމީ ގަދަ 10 ގެ ހަތަރު ވަނައިގައި ވެސް ހިމެނި، އެ ދަރިވަރު ވަނީ އާއިލާއަށް ހިނިތުންވުން ގެނެސްދީފަ އެވެ.
މިއީ އެތައް ދުވަހެއްގެ ގުރުބާނީ އަދި ބުރަ މަސައްކަތުން ކުޑަ މިންވަރެކެވެ.
އުމުރުން 12 އަހަރުގައި ގުރުއާން ހިތުދަސްކުރަން ފެށި ރަސްލާން ބުނީ ސްކޫލުގެ ހުރިހާ ކަމަކާއި ގުރުއާން ދަސްކުރަން އެއް ވަރަކަށް ވަގުތު ދޭން ޖެހުނު ކަމަށެވެ.
ރަސްލާން، އޭނާގެ މަންމަ އަދި ބައްޕައާއެކު ފޮޓޯއަކަށް ހުއްޓިގެން.
އެހެންވެ، ކޮންމެ ރެއަކު ދަންވަރު 3:30 ގައި ހޭލައި ކިޔަވަން ފަށަ އެވެ. އަދި އެ ދުވަހަކު ދަސްވާ އެއްޗެއް މުރާޖައާކުރަން ފަށަ އެވެ.
ފުރަތަމަ 10 ފޮތް ދަސްކުރީ އަމިއްލައަށެވެ. ފަހުން އޮންލައިންކޮށް ލަންކާގެ ގާރީއެއްގެ އެހީ ހޯދައި ބާކީ 20 ފޮތް ދަސްކުރި އެވެ.
ރަސްލާން ބުނީ ކިޔެވުމަށް ވަގުތު ހޯދަން، ހަވީރު ބޭރަށް ދިއުން ހުއްޓާލައި، އެ ގަޑި ކިޔެވުމަށް ހާއްސަކުރި ކަމަށެވެ. އަދި ދެ ނަމާދު ދޭތެރޭގައި ގުރުއާން ކިޔަވައި، އިޝާ ނަމާދަށްފަހު ފިލާވަޅުތައް ދަސްކުރެ އެވެ.
އެ ހުރިހާ ކަމެއް ހުއްޓާލައި ރޭގަނޑު އެންމެ ލަސްވެގެން 9:30 ގައި ނިދަ އެވެ.
"ދެ ކަންތަކަށް އެއް ވަރަކަށް ވަގުތު ދޭން ގުރުބާނީތަކެއް ވާން ޖެހުނު،" ރ. މީދުއަށް އުފަން 17 އަހަރުގެ ރަސްލާން ބުންޏެވެ.
ހާފިޒުކަމުގެ ސަނަދު ހޯދި ރަސްލާނަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ސެޓްފިކެޓު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
"ވަގުތު މެނޭޖުކުރަން އެންމެ އުނދަގޫވީ. ވަގުތު މަދުވެފައި އޮންނަނީ."
މައިންބަފައިން ބުނި ބަހަކަށް ގުރުއާން ހިތުދަސްކުރަން ފެށިއަސް، ވަކި ހިސާބަކުން ގުރުއާން ދަސްކުރުން ފަސޭހަވުމުން އެއީ އަމިއްލަ ނަފްސަށް ކޮށްދޭ ކަމެއްގެ ގޮތުގައި އޭނާ އެކަން ގެންދިޔަ އެވެ.
ކިޔެވުމުގެ މަތީ ރަންވަނައަށް
ގްރޭޑު 6 ގައި އުޅުނުއިރު ވެސް ރަސްލާން އެންމެ ހިތްހަމަޖެހޭ ނަތީޖާއެއް ސްކޫލަކުން ނުހޯދުނެވެ. ނަމަވެސް، ގުރުއާން ހިތުދަސްކުރަން ފެށި ވަރަކަށް އޭނާގެ ހިތް އަލިވެ، ހަނދާން ރަނގަޅުވާން ފެށި އެވެ.
"އެއީ ކަންނޭނގެ އަސްލު ސަބަބަކީ [ކިޔެވުމުގެ ނަތީޖާ ރަނގަޅުވާން]،" އެ ރަށުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ މި އަހަރުގެ ސްކޫލު ކެޕްޓަންކަން ވެސް ކުރަމުން އަންނަ ދަރިވަރު ބުންޏެވެ.
އޯ ލެވެލްގައި ރާއްޖެއިން ހަތަރު ވަނަ ހޯދި ރަސްލާނަށް، ފޮރިން މިނިސްޓަރު އިރުތިޝާމް އެވޯޑު ހަވާލުކޮށްދެއްވަނީ.
އޭނާގެ ވިދުން ގަދަވެ، ކްލާހާއި ސްކޫލުގެ އެންމެ މޮޅު ދަރިވަރުންގެ ލިސްޓަށް އެރި އެވެ. ނަމަވެސް، އޯ ލެވެލްގައި ފަސް މާއްދާއިން އޭ ސްޓާ އަދި ތިން މާއްދާއިން އޭ ލިބޭނެ ކަމަކަށް އޭނާ އެއްވެސް ވަރަކަށް އުއްމީދެއް ނުކުރެ އެވެ.
އެކަމަކު، ޓެސްޓު ހެދިއިރު ވެސް ރަސްލާންގެ އަމިއްލަ ނަފްސަށް އޮތް ޔަގީންކަމަކީ ގުރުއާން ހިތުދަސްކޮށްފައި އޮތުމެވެ. ކެމްބްރިޖަށް ވުރެ ވުރެ އުނދަގޫ ޓެސްޓަކުން އޭނާ ފާސްވެފައި އޮތުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރަކަށް ވި އެވެ.
ރަސްލާން ބުނީ ގްރޭޑު 9 ގައި އުޅެމުން ހިފްޒު ކޮމެޓީއަށް ކިޔައިދިނުމަށް ރަށުން ބޭރުގައި ގިނަ ވަގުތު ހޭދަކުރަން ޖެހުނު ކަމަށެވެ. އެހެންވެ، އޭރު ގެއްލުނު ފިލާވަޅުތައް ވެސް ދަސްކުރީ ގްރޭޑު 10 ގަ އެވެ. ދެ ގްރޭޑުގެ ފިލާވަޅުތައް އެއް ފަހަރާ ދަސްކުރަން ޖެހުމުން އުނދަގޫވި ކަމަށް އޭނާ ބުންޏެވެ.
"ކޮންފިޑެންސް ހުރި ވަރަށް ބޮޑަށް ނަތީޖާ ރަނގަޅުވާނެ ކަމަށް. އެކަމަކު ފަސް އޭ ސްޓާއެއް ލިބޭނެ ކަމަށް ހިއެއްނުކުރަން. ސްކޫލުގައި ލިބުނީ ތިން އޭ ސްޓާ،" ރަސްލާން ބުންޏެވެ.
އޯ ލެވެލްގައި އޭނާއަށް އެންމެ އުނދަގޫވީ ދިވެހި މާއްދާ އެވެ. އެ މާއްދާއިން ޓިއުޝަން ނަގައި، ދިވެހިން ލިޔެފައި ހުންނަ އެއްޗެހި ގިނައިން ކިޔަން ފެށި އެވެ. ނަމަވެސް، އެހެން މާއްދާތަކުން ސްކޫލުގައި ކިޔަވައިދޭ އެއްޗެހި ރަނގަޅަށް ދަސްކޮށް ކިޔެވީ އަމިއްލައަށެވެ.
ރޯދަ މަހު އިމާމުވެ ތަރާވީހާއި ހުކުރު ނަމާދުކުރާ ދަރިވަރު މިހާރު އަންނަނީ ސައިންސް ސްޓްރީމުން އޭ ލެވެލް ކިޔަވަމުންނެވެ. ގްރޭޑު 12 ނިންމައި ސްކޮލަޝިޕެއް ހޯދައި ސިވިލް އިންޖީނިއަރިން ކިޔެވުމަކީ އޭނާގެ މިހާރުގެ އުއްމީދެވެ.
ދަރިވަރުންނަށް ނަސޭހަތް
ކިޔެވުމުގައި މި ހޭދަވި 11 އަހަރުގައި ރަސްލާނަށް ދަސްވި އެންމެ އަގުހުރި ފިލާވަޅަކީ ދީނީ އަޅުކަމުގައި ވަގުތު ހޭދަކުރުމުގެ މުހިއްމު ކަމެވެ. އެކަންކަމާ އެކު، ހަޔާތަށް އަންނާނެ ބަދަލުތަކެވެ.
"ވަގުތުގެ ބޭނުން ވީހާ ހެޔޮގޮތުގައި ހިފައި، ވަގުތު ބޭކާރުގޮތުގައި ދޫނުކޮށްލައި ރަނގަޅު ކަމެއް ކޮންމެ ވަގުތަކު ވެސް ކުރަން ނަސޭހަތްތެރިވާނީ،" މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް، އަމިއްލަ ތަޖުރިބާއިން ނަސޭހަތް ދެމުން ރަސްލާން ބުންޏެވެ.
ރަސްލާން، އިމާމުވެ ހުކުރު ނަމާދުކުރަނީ. އޭނާ ވަނީ ޒުވާން ހަތީބުންގެ ޕްރޮގްރާމް ނިންމާފައި.
މާޒީވާ ކޮންމެ ވަގުތަކީ ވެސް ދިރިއުޅުމަށް ހެޔޮ ބަަދަލުތަކެއް ގެނެވޭނެ ސިކުންތުކޮޅެއްކަން ރަސްލާން ހަނދާންކުރެ އެވެ. މައިންބަފައިން ބުނާ ބަސް އެހުމާއި ދީނީ ކަންކަމަށް ސަމާލުކަން ދިނުން އަދި އަހުލާގު ރަނގަޅުކުރުމަކީ ވެސް ކިޔެވުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމެވެ.
"ފުރަތަމަ ފެށިއިރު ހިއެއް ނުކުރަން އެ ހިސާބަށް ދެވޭނެ ކަމަކަށް ވެސް. ނިންމާލެވުނީމަ ވަރަށް އުފާވި." ރަސްލާން ބުންޏެވެ.