"މިހާރު ލައިޓް" އަށް ދައުވަތު ދިނުމުން މަރިޔަމް ނިޝާ އެންމެ ފުރަތަމަ ވެސް ކުރީ މި ސުވާލެވެ؛ އޭނާއާ އެކު ދެން ފެންނާނީ ކޮން ތަރިއެއް ހެއްޔެވެ؟ އެއަށް ފަހު ބުނީ މިހެންނެވެ؛ ރީކޯ މޫސަ ގެންނަންވީ ނޫން ހެއްޔެވެ؟
"މިހާރު ލައިޓް" އަށް ދައުވަތު ދިނުމުން މަރިޔަމް ނިޝާ އެންމެ ފުރަތަމަ ވެސް ކުރީ މި ސުވާލެވެ؛ އޭނާއާ އެކު ދެން ފެންނާނީ ކޮން ތަރިއެއް ހެއްޔެވެ؟ އެއަށް ފަހު ބުނީ މިހެންނެވެ؛ ރީކޯ މޫސަ ގެންނަންވީ ނޫން ހެއްޔެވެ؟
އެހިސާބުން "މިހާރު ލައިޓް" ގެ "ސްޓާރިން" ސެގްމަންޓްގެ ފުރަތަމަ އެޕިސޯޑްގެ ގެސްޓުންގެ ގޮތުގައި މަރިޔަމް ނިޝާ އާއި އޭނާގެ ޒަމާންވީ އޮންސްކްރީން ބައިވެރިޔާ، ރީކޯ މޫސަ ހަމަޖެހި ނިމިގެން ދިޔައީ އެވެ. އަދި މި ސެގްމަންޓްގައި ރީކޯ ހިމަނަން ނިޝާ ދައުވަތު ދިން ސަބަބު އެނގުނީ ޝޫޓިން ނިމުނު ފަހުންނެވެ.
ފިލްމީ ދާއިރާގައި ދެ މީހުން އެކުގައި ކޮށްފައިވާ މަސައްކަތްތަކުގެ ހައިލައިޓެއް ނިންމާލުމަށް ފަހު މޫސަގެ ކިބައިން ނިޝާ އެދުނީ ހަމަ އެންމެ ކަމަކަށެވެ؛ އާނއެކެވެ.
ނިޝާގެ ޓިކްޓޮކްގައި އިއްޔެ ޕޯސްޓްކުރުމާ އެކު ވައިރަލް ވެގެން މި އުޅޭ ޓިކްޓޮކެވެ. މޫސައާ އެކު "ގޮވިއްޖެ ނަދުރު" ލަވަ އަށް ކުޅުނު ޓިކްޓޮކް ބައި ލައްކަ ވިއުސްއާ އަރައި ހަމަކުރާއިރު މިއީ ރީކޯ އާއި ނިޝާގެ އިންޓަވިއުއެއް ނިންމަން ހަމަ އެންމެ "ހައްގު" ގޮތް ކަން މި އޮތީ އެނގި ކަށަވަރުވެފަ އެވެ.
"ގޮވިއްޖެ ނަދުރު" ލަވަ އަކީ ނިޝާ ކުޅެފައިވާ ވީޑިއޯ ލަވަތަކުގެ ތެރެއިން ދިވެހިންގެ މެދުގައި ވަރަށް ބޮޑަށް މަގްބޫލުވެ މުޅި ރާއްޖޭގައި އެ ދުވަސްވަރު މަޝްހޫރުވެގެން ދިޔަ ލަވައެކެވެ. އެ ލަވައިގެ އަސްލު ވީޑިއޯގައި ނިޝާ ފެނިގެންދިޔައީ މަޝްހޫރު ބަތަލް ޔޫސުފް "ޔޫއްޕެ" ޝަފީއުއާ އެކުގަ އެވެ. އެކަމަކު "ގޮވިއްޖެ ނަދުރު" އަށް ރީކޯއާ އެކު ނިޝާ ކުޅެފައިވާ މި ޓިކްޓޮކް ބަލާ މީހުން ބުނަނީ ނިޝާ އާއި ރީކޯގެ ޖޯޑުގެ "ނަދުރު" މާ ބޮޑަށް ވެސް ސަޅި ކަމަށެވެ.
"ތިއީ ހަމަ ލެޖެންޑުން. ބަލައި ފޫހިނުވޭ. އަދިވެސް އިތުރަށް ބަލަން ބޭނުންވަނީ. ތި ދެ މީހުން އެކުގައި ފެނުނު ދުވަސްތައް ވަރަށް ބޮޑަށް މިސްވޭ،" ނިޝާގެ ޓިކްޓޮކަށް މީހަކު ކޮމެންޓްކޮށްފައިވެ އެވެ.
'ގޮވިއްޖެ ނަދުރު' ލަވަ އަކީ މޫސަ ބުނިގޮތުން ނަމަ، ނިޝާ ކުޅެފައިވާ ލަވަތަކުގެ ތެރެއިން އޭނާ އަށް ވެސް އެންމެ ކަމުދާ އެއް ލަވަ އެވެ. އެ ލަވަ އޭނާ އަށް ކަމުގޮސްފައިވީ ވަރު، ނިޝާގެ މި ޓިކްޓޮކަށް އޭނާއާ އެކު ފައިހެޔޮވަރުކޮށްލި ގޮތުން ވެސް ސާބިތުވެ އެވެ.
ނިޝާ އާއި ރީކޯ މޫސަ އެކުގައި "މިހާރު" ގެ "ސްޓާރިން" ސެގްމަންޓުން ފެނިގެން ދިއުމުން އެންމެ ގިނަ ބަޔަކަށް އާވެގެން ދިޔައީ މި ދެތަރިންގެ އޮން ސްކްރީން ކެމިސްޓްރީ އެވެ. "މިހާރު" ނޫހަށް ދެ ތަރިން ދިން މި އިންޓަވިއު އަކީ ފިލްމާއި ލަވައިގެ ދުނިޔެ ފިޔަވައި މިގޮތަށް ދެ މީހުން އެއްތަންވެ ބައްދަލުވެ ދިން ފުރަތަމަ އިންޓަވިއު އެވެ.
ދެ މީހުން އަލުން ފެނުމުން އަނެއްކާވެސް މި ދެ ތަރިންގެ ފޭނުން ކުރަން ފަށާފައިވާ ސުވާލަކީ މި އެވެ. ނުވަތަ ކުރަން ފަށާފައިވާ އާދޭހަކީ މިއެވެ؛ މި ދެ ސުޕަސްޓާރުން އަލުން ރިހި ސްކްރީނަށް ގެންނާށެވެ. ގެނެސްދޭށެވެ.
ނިޝާ އާއި ރީކޯ މޫސަ އެކުގައި ބޮޑު ސްކްރީނުން އެންމެފަހުން ފެނިގެން ދިޔައީ 2003 ވަނަ އަހަރު އީސަ ޝާރީފު ޑައިރެކްޓްކުރި 'ގިނިހިލަ' އިންނެވެ. ދެ މީހުން ލީޑް ރޯލުން ފެނިގެން ދިޔަ އެންމެ މަޝްހޫރު ފިލްމަކީ ޔޫސުފް ރަފީއުގެ 'ހައްގު' އެވެ. އަދި ފާތިމަތު ނަހުލާގެ 'ނާއުއްމީދު' އަކީ ވެސް ދެ މީހުންގެ ސްޓާ ކޮލިޓީ އޮލިމްޕަހުގެ ބޮކްސް އޮފީހުގައި ވަރަށް ރަނގަޅަށް ފެނިގެން ދިޔަ ފިލްމެކެވެ.
ދެ މީހުން އަލުނ ފިލްމަކުން ފެނިދާނެތޯ ސުވާލުކުރަމުން އަންނައިރު ދެ މީހުން ވެސް ތިބީ ރަނގަޅު ސްކްރިޕްޓެއް ލިބިއްޖެ ނަމަ އަލުން ބޮޑު ސްކްރީނަށް އައުމަށް ތައްޔާރަށެވެ.