29 Jun 2025

ލިލީ އަކީ ފިލްމެއް؛ އޭގެ ކުރިން 400 ލިލީ ބަހާލި!

ލިލީ އަކީ ފިލްމެއް؛ އޭގެ ކުރިން 400 ލިލީ ބަހާލި!

By: Asima Nizar

ފާއިތުވި ހަފުތާގައި ސޯޝަލް މީޑިއާ ފުރާލީ ލިލީ މަލުންނެވެ. އިތުރު އެއްޗެކޭ ނުބުނެ އެވެ. ހޭޝް ޓެގަގާ އެކު އެންމެން ވެސް ބުނީ އެ ރީތި މާ ލިބިއްޖެ ކަމަށެވެ. އެހެންވެ، މިއީ ކޮން ލިލީއެއްތޯ އެތައް ބަޔަކު ސުވާލުކުރި އެވެ.

އެ ސުވާލުގެ ޖަވާބު ކްރިއޭޓިވް ނެޓްވޯކް އިން މިހާރު ވަނީ ދީފަ އެވެ.

މިއީ، އެ ޕްރޮޑަކްޝަންގެ އަލަތު ފިލްމަށް ކިޔާ ނަމެވެ. ސޯޝަލް މީޑިއާގައި މާ ބެހީ ފިލްމުގެ ނަން އިއުލާންކުރުމަށް ކުރިއަށް ގެންދިޔަ ކެމްޕެއިނަކަށެވެ.

އެ ކުންފުނިން ވާހަކަދެއްކި އޮފިޝަލަކު ބުނީ ލިލީ އަކީ ކްރައިމް ތްރިލާ ޖޯންރާގެ ފިލްމެއް ކަމަށެވެ. އޭގައި ދައްކުވައިދެނީ ކުށުގެ ވެށިން މުޖުތަމައުގައި އުފެދޭ ގިނަ މައްސަލަތަކެވެ.

ހަގީގީ ހާދިސާއަކަށް ބިނާކޮށްފައިވާ ލިލީ ޕްރޮޑިއުސްކުރަނީ މުހައްމަދު އަރީހެވެ. އަޒްހާން އިބްރާހިމް ލިޔެ، ޑައިރެކްޓުކުރާ މި ފިލްމު މި އަހަރުގެ ތެރޭގައި ރިލީޒްކުރަން ވަނީ ހަމަޖައްސައިފަ އެވެ.

ފިލްމުގެ ޝޫޓިންގެ ބޮޑު ބައި ޅ. ހިންނަވަރު އަދި ލ. ގަމުގެ ހިތްގައިމު މަންޒިލްތަކުގައި ވަނީ މިދިޔަ ޖެނުއަރީ އަދި ފެބްރުއަރީ މަހުގެ ތެރޭގައި ނަގައި ނިންމައިފަ އެވެ.

އޮފިޝަލް ބުނީ ނަން އިއުލާންކުރުމަށް ގެންދިޔަ ކެމްޕެއިންގެ ތެރެއިން މާލެ ސަރަހައްދުގައި 400 އެއްހާ ލިލީ ބަހާފައިވާ ކަމަށެވެ.

"މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު ފަހާ ހަމައަށް ގެންދިޔަ ކެމްޕެއިނާ އެކު ކްރިއޭޓިވް ނެޓްވޯކްގެ ސޯޝަލް މީޑިއާ ޕްލެޓުފޯމުތައް ވަނީ 2.3 މިލިއަން ވިއުވާޒަށް ރީޗުވެފައި. އެއީ އިންސްޓަގްރާމުގައި 1.3 މިލިއަން އަދި ފޭސްބުކްގައި އެއް މިލިއަން ވިއުވާޒް،" އެ ޕްރޮޑަކްޝަންގެ އޮފިޝަލް ބުންޏެވެ.

ލިލީ ފިލްމުގެ ލީޑު ތަރިންގެ ތެރޭގައި އައިޝާ އަލީ، އަހުމަދު ޝަރީފު، މުހައްމަދު އިޝްފާން އަދި މަރިޔަމް ޝިމާ ހިމެނެ އެވެ. އޭގެ އިތުރުން އަހުމަދު ނިމާލް، މަރިޔަމް ހަލީމް، އަލީ ފާރޫގު، އައިޝަތު އާރިފާ އަދި މުހައްމަދު ވަހީދު ވެސް މުހިއްމު ރޯލުތަކުން ފެންނާނެ އެވެ.

މި ފިލްމުން، ފިލްމީ ދާއިރާއަށް މުޅިން އަލަށް ދެ ތަރިއަކު ވެސް ފެންނާނެ އެވެ. އެއީ އެލީޝާ ސަނީމް އަދި ހަދީޖާ އަބޫބަކުރެވެ.

ފިލްމުގެ މޭކަޕް އާޓިސްޓަކީ ޖަސްޓިން އެވެ. ފޮޓޯގްރަފީގެ މަސައްކަތްތައް ކުުރީ ސަމާހު އިބްރާހިމެވެ. ދިގު ފިލްމުގެ އެނިމޭޝަންގެ މަސައްކަތްތައް ކޮށްފައިވަނީ ހުސެއިން އިހުސާނެވެ. ފިލްމުގެ ނަން ކުރެހީ އަބްދުﷲ ޝަފީއު (އަބޯ) އެވެ. ތޭރަވާގެ ހިތްގައިމު ޅެންތަކާއި ހުސެއިން ތައުފީގުގެ ރީތި މިއުޒިކުތައް އެ ފިލްމުން އިވިގެންދާނެ އެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ

Popular