By: Ahmed Nadym
މިދިޔަ އަހަރު ރިހި އިސްކިރީނުގައި ހިޓުވެ، ރިކޯޑް މުގުރި އެއް ފިލްމަކީ "ހައްދު" އެވެ. އެއީ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި ތަދާއި ވޭނާއި ހައްދުތަކުގެ ވާހަކަ ކިޔައިދިން ފިލްމެކެވެ. އެކަމަކު ދިރިއުޅުމުގެ ހައްދުތަކާއި އިމަކީ ކޮބައިކަން މިފަހަރު ޒުވާން ފޯރި އާއި ޖޯޝުތަކަށް ކިޔައިދޭނީ އިތުރު ތައާރަފެއް ބޭނުމެއް ނުވާ ކުޅަދާނަ ބަތަލާ، ނިއުމާ މުހައްމަދެވެ. އޭނާގެ ފިލްމީ ހަޔާތާއި އަސްލު ދިރިއުޅުން ވެސް ވަނީ އިބުރަތުން ފުރިފަ އެވެ.
މިފަހަރު ވެސް އަހަރެމެން ފަށާނީ ހިތް ބަންޑުންވި ހިސާބުންނެވެ.
1- ރައްޓެހިވެގެން އުޅޭ މީހާއާ އަވަހަށް ކައިވެނިކުރުންތަ މީގައި ރަނގަޅީ ނުވަތަ ދެ މީހުން ރަނގަޅަށް ދަސްވާހާ ދުވަސް އެކުގައި ހޭދަކޮށްފަތަ އިންނަން ޖެހެނީ؟
ނިއުމާ: ތީގަ އަސްލު ދެގޮތަށް ވެސް ވާހަކަ ދެއްކިދާނެ. މަގޭ ހިޔާލުގައި ރައްޓެހިވެގެން ގިނަ ދުވަހު އުޅެފައި މެރީ ކުރީމަ އެ ސްޓާޓްކުރެވެނީ މުޅިން އެހެން ލައިފެއް. ދެ މީހުން ރައްޓެހިވެގެން އުޅޭއިރު އެއީ އަދި މުޅިން އެހެން ލައިފެއް. އެހެންވީމަ މެރީކޮށްގެން އާ ލައިފެއް ފެށޭ ހިސާބުން އަނެއްކާވެސް ޖެހޭ މައްސަލަތަކެއް އެބަހުރޭ. އެއީ އެ ދެ މީހުން ކިތަންމެ ދަސްވެފަ ތިއްބަކަސް. ދެން އަނެއްކޮޅުން ވަރަށް ކުރު މުއްދަތަކަށް ރައްޓެހިވެގެން އުޅެފައި އިންނަ މީހުން އެބަތިބި ވަރަށް ގިނަ ދުވަސްވަންދެން އެކީގައި އުޅެފަ ވެސް. އެހެންވީމަ ވަކި ކޮޅަކަށް ބުރައެއް ނުވެވޭނެ.
ބަތަލާ ނިއުމާ މުހައްމަދުގެ ނުފޫޒު އޮފް ސްކްރީނުގައި ވެސް ގަދަ. --ފޮޓޯ: މަސްްރަހް
2- ރައްޓެހިވެގެން ގިނަ ދުވަހު އުޅެފައި ކައިވެނިކުރީމަ އަވަހަށް ވަރިވާ ވާހަކަ ނިއުމާ ގަބޫލުކުރަންތަ؟ ކޮބައިތަ އަމިއްލަ ހިޔާލާއި ތަޖުރިބާއަކީ މިކަމުގައި؟
ނިއުމާ: މަގޭ އެކްސްޕީރިއަންސްގައި ރަނގަޅު ވާހަކައެއް އެއީ. އެކްސްޕީރިއަންސޭ މި ބުނަނީ އެއީ ކައިރީގައި އުޅޭ ރައްޓެހިންގެ ފަރާތުން ވެސް އިވިފައި ހުންނަ ވާހަކަތަކަށް ބަލާއިރު ވަރަށް ގިނަ ދުވަސްވަންދެން ރައްޓެހިވެގެން އުޅެފައި އިންނަ މީހުން އެބަހުރި ވަރަށް އަވަހަށް ވަރިވެފަ ވެސް. ގާތްގަނޑަކަށް މަންތެއްގެ ތެރޭގައި ޑިވޯސްވެފައި ވެސް.
3- ކައިވެންޏަކަށް ރަންކީ ގޮތް ކިޔައިދީބަލަ؟
ނިއުމާ: މީހަކާ އިންނަން ރަން ކިޔާ ވަގުތަކީ އަސްލު ވަރަށް އެހެން ކަހަލަ ފީލިންސްއެއް އަންނަ ވަގުތުކޮޅެއް. ވަރަށް އެކްސައިޓިން މޮމެންޓެއް އަސްލު އެއީ. ރަނުގެ ގޮތުގައި އަހަރެން މިހާތަނަށް ކީ އެންމެ ރީތި އަދަދަކީ 786. އެއީ ބިސްމިން ސްޓާޓްކުރަން ވެގެން 786 ކިޔާފައި އެ އިނީ.
4- ކައިވެނި ޕާޓީއަށް ބޮޑުކޮށް ހޭދަކުރުންތަ މުހިންމީ ނުވަތަ ހަނީމޫނަށް ބޮޑުކޮށް ހޭދަކުރުންތަ މުހިންމީ؟
ނިއުމާ: މަގޭ ހިޔާލުގައި އެހާ ބޮޑު ސްޕެންޑެއް ކުރުމުގެ ބަދަލުގައި ޕާޓީއެއްގެ ގޮތުގައި ފެމިލީއާ އެކު ކުޑަކުޑަ ގެޓްޓުގެދާއެއް ހަދާލާފައި ދެ މީހުން ހަނީމޫނަށް ނައްޓާލުންކަން ނޭނގެ ބުއްދިވެރީ. ޕާޓީއަކަށް ހޭދަކުރަންޏާމު ދާނެކަން ނޭނގެ ދެ ކަންތައް ވެސް ކުރެވޭނެހާ ލާރި. އެހެންވީމަ އަހަރެން ނުބާއްވާނަން ބޮޑު ސިންގާ ޕާޓީއެއް. އެންމެ ގާތް މީހުންނަށް ކުޑަކުޑަ ސައެއް ދީފައި ދެ މީހުން އެކުގައި ހަނީމޫނަށް ފުރައިގެން ދިއުން މަގޭ ޗޮއިސް އަކީ.
5- ޒަމާނީ ލޯބީގައި ޖެހޭ އެންމެ ބޮޑު މައްސަލައަކީ ކޮބައިތަ؟
ނިއުމާ: މަށަށް ހީވަނީ އެ އުޅެނީ ބޮޑަށް އަންޑަސްޓޭންޑިންގެ މައްސަލައެއް ހެން. މިސާލަކަށް ފިރިހެން ކުއްޖާ އަންހެން ރައްޓެހިން ގެންގުޅުމާއި އަންހެން ކުއްޖާ ފިރިހެން ރައްޓެހިން ގާތްކޮށް ގެންގުޅުމުގެ މައްސަލަ ކަހަލަ މައްސަލަތައް.
6- އެކުގައި އުޅޭ ބައިވެރިޔާއާ މައްސަލަ ޖެހޭހެން ހީވާ ނަމަ ނުވަތަ މައްސަލައެއް ޖެހިއްޖެ ހާލަތެއްގައި އަމަލުކުރާ ގޮތް ކިޔައިދީބަލަ؟
ނިއުމާ: ވާހަކަ ދެއްކުން އެންމެ ރަނގަޅު ގޮތަކީ. މިސާލަކަށް މައްސަލައެއް ޖެހުނީ. މައްސަލައެއް ޖެހިގެން ޒުވާބުކުރާ ގަޑީގައި ދެ މީހުން ވެސް ތިބޭނީ ވަރަށް ރުޅިއައިސްފަ ދޯ. ރުޅި އައިސްގެން ތިބެ އެއްވެސް ކަމެއް ހައްލެއް ވެސް ނުވާނެ. ހައްތައާ ގޯސް ޑިޒިޝަން މޭކް ކުރެވޭނީ. އެހެންވީމަ ވާހަކަ ދެއްކުން އެންމެ މުހިންމީ.
7- މައްސަލަ ހައްލުނުވެއްޖެ ނަމަ ދެން އިހްތިޔާރުކުރަނީ ކޮން ގޮތެއް؟
ނިއުމާ: އިތުރު ފަރާތެއް. ތިން ވަނަ ފަރާތެއް.
8- ޒަވާޖީ ހަޔާތުގައި ކަންކަން ނިންމައި ބަސް ބުނުމުގެ އިހްތިޔާރާއި ބާރު އަމިއްލަ އަށް އޮންނަނީ ކިހާ ވަރަކަށްތަ؟
ނިއުމާ: ކައިވެނީގެ ކަންކަމުގައި ރާވައި ޕްލޭންކުރުމުގައި 50 ޕަސެންޓް އިނދޭ. ދެން ކައިވެނި ކުރުމަށް ފަހު ވެސް އެ 50 ޕަސެންޓްގެ ބާރު އިނދޭ.
ބަތަލާ ނިއުމާ މުހައްމަދުގެ ހަޔާތުގެ ކުލަތައް ވަރަށް ގިނަ. --ފޮޓޯ: މަސްރަހް
9- ވަރިވުމުގެ ވިސްނުން އަންނަން ޖެހޭ ހިސާބަކީ ކޮބައި ކަމަށް ގަބޫލުކުރަނީ؟
ނިއުމާ: މިސާލަކަށް އިނދެގެން އުޅޭ މީހާ އެހެން ގުޅުމެއް ހިންގުން. މިސާލަކަށް އަނބިމީހާ އަށް ކޮށްދޭން ޖެހޭ ކަންތައްތަ ނުކޮށްދިނުން. ދަން ތިބި ނަމަ ދަރިންނަށް ކޮށްދޭން ޖެހޭ ކަންތައްތައް ނުކޮށްދިނުން. އެކަހަލަ މައްސަލަތަކުގައި.
10- ބޭވަފާތެރި، އަނިޔާ ލިބޭ ރިލޭޝަންޝިޕްތަކުގައި ބައެއް މީހުން އުމުރު ދުވަސް ހޭދަކުރާތަން ވެސް ފެނޭ. ސަލާމަތްވާން އުނދަގުލީތަ ނުވަތަ ނުކުންނަން ބޭނުންނުވަނީތަ؟
ނިއުމާ: އަސްލު ވެސް އުނދަގޫކަމެއް އެއީ އެފަދަ ރިލޭޝަންޝިޕަކުން ނުކުތުމަކީ. ވާގޮތަކީ ފިއާ. އެކަހަލަ މީހަކާ އެކީ އުޅޭ ނަމަ ހުންނާނެތާ ބިރުވެރިކަމެއް އެ މީހަކު ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ކަމުގެ. އެހެންވީމަ އެފަދަ ހާލަތެއްގައި ބަލަން ޖެހޭނީ އެންމެ ރަނގަޅު ޓައިމަކަށް ސަލާމަތްވާން ބޭނުން ނަމަ. ޓައިމް ނަގާނެ އެކަހަލަ މީހެއް ކައިރިން ސަލާމަތްވާން. ސަލާމަތް ނުވެވޭނެއެކޭ ނުބުނާނަން.
11- ވަރިވުމަށް ފަހު ނުވަތަ ލޯބިވެރިޔަކާ ރުޅިވުމަށް ފަހު ގެޓްއޯވާވާން ކިހާ ވަގުތެއް ބޭނުންވާ މީހެއްތަ ތިއީ؟
ނިއުމާ: ވަރަށް ދުވަސް ނަގާ. ހަމަ ވަރަށް ދުވަސް ނަގާނެ.
12- ރުޅިވުމަށް ފަހު ނުވަތަ ވަރިވުމަށް ފަހު އަލުން މީހަކާ ރައްޓެހިވެ ހަމަޖެހިލަން ކިހާ ދުވަހެއް ނަގާތަ އާންމުކޮށް؟
ނިއުމާ: ބަލާނީ އެމީހަކީ އެކުގައި އުޅެވޭވަރުގެ މީހެއް ތޯ އާއި އެމީހަކަށް އަހަރެން އަންޑަސްޓޭންޑް ވަނީ ކިހާ ވަރަކަށްތޯ އާއި އަހަރެން ކުރާ މަސައްކަތް އަންޑަސްޓޭންޑްވަނީ ކިހާވަރަކަށްތޯ. ދަރިއަކު ހުރި ނަމަ ދަރިއަށް އަޅާލަނީ ކިހާވަރަކަށްތޯ. އެކަހަލަ ކަންތަކަށް.
13- އަވަހަށް ކުދިން ހޯދައިގެން ކުދިންނަށް ވަގުތު ދޭންތަ ބޭނުންވަނީ ނުވަތަ އަމިއްލަ ކެރިއަރަށް ވަގުތު ދީފައި ކުދިން ހޯދަންތަ ބޭނުންވަނީ؟
ނިއުމާ: އަވަހަށް ކުދިން ހޯދައިގެން ދަރިންނާ އެކު ޓައިމް ސްޕެންޑްކުރުމުން އޭގައި އެންމެ ރަނގަޅު ގޮތަކީ.
ނިއުމާގެ ކެރިއަރުގެ ކުލަތައް ވަރަށް ގަދަ. --ފޮޓޯ: މަސްރަހް
14- ދަރިން ލިބުނީމަ ލޯބި މަރުވެ ދިރިއުޅުން އެއްކޮށް ބަދަލުވެގެން ދާ ވާހަކަ އަކީ ހަގީގަތެއް ކަމަށް ގަބޫލުކުރަންތަ؟
ނިއުމާ: އަހަރެން ގަބޫލުކުރަން ތީގައި ދެގޮތަކަށް. މިސާލަކަށް ދެ މީހުން ރައްޓެހިވެގެން ނުވަތަ އިނދެގެން އުޅޭއިރު ދެ މީހުން އެކަނި އުޅޭނީ. އެހެންވީމަ ދެ މީހުންގެ ހުރިހާ ޓައިމެއް ވެސް ހުންނާނީ ދެ މީހުންނަށް ހުސްވެފަ ދޯ. އެކަމަކު ދަރިއަކު ލިބުނީމަ މިވާ ގޮތަކީ އަންހެން މީހާގެ ގިނަ ވަގުތު މި ދޭން ޖެހެނީ ދަރިއަށް. ދަރިފުޅު ބަލަން ގޭގައި ގިނަވަގުތު ހުންނާނީ ވެސް އަންހެން މީހާ ދޯ. އެހެންވީމަ ވާގޮތަކީ ކުރިން ލިބުނު ވަގުތު ދެ މީހުންނަށް ނުލިބުނީމަ ބައެއް މީހުންނަށް މި ހާލަތު އަންޑަސްޓޭންޑް ނުވަނީ. ބައެއް މީހުން ބުނަނީ ފިރިމީހާ ޓައިމެއް ނުދެއޭ. ނުވަތަ ކުއްޖަކު ލިބުނީމަ އަނބިމީހާ އެއްކޮށް ބަދަލުވެއްޖެއޭ.
15- ކުދިން ލިބުނީމަ އެންމެ ރަނގަޅު ގޮތަކީ މަންމަ ވަޒީފާއަކަށް ނުގޮސް ގޭގައި މަޑުކޮށްލުންތަ ނުވަތަ ކުއްޖާގެ މާމައަކާ ނުވަތަ މެއިޑަކާ ދަރިފުޅު ހަވާލުކޮށްފައި ޖޮބުގައި އުޅުންތަ؟
ނިއުމާ: މިހާރު ތީގައި އެކަނިވެރި މައިންނަކަށް ނުހުންނާނެ އިތުރު އެއްވެސް ގޮތެއް. މިސާލަކަށް ދަރީގެ ބައްޕަ ހަރަދުނުކުރާ ނަމަ އެ އެކަނިވެރި މައަކު ޖެހޭނީ ކޮންމެ ގޮތަކަށް ވެސް ވަޒީފާއަށް ދާން. ވަޒީފާ އަކަށް ގޮސްދެން ދަރިން ބަލައި ކަންތައް ކުރަން. އެހެންވެއްޖެ ނަމަ ދަރިފުޅު ކޮންމެވެސް ތަނެއްގައި ބަހައްޓާފަތާ ދާން ޖެހޭނީ. އެކަމަކު މި ގޮތަށް ނޫން، ރަނގަޅު ދިރިއުޅުމެއްގައި އުޅޭ މީހަކަށް އެންމެ ރަނގަޅު ގޮތަކީ ގޭގައި ހުރެގެން އަމިއްލަ އަށް ދަރިފުޅު ބެލުން. މަ ނަމަ މަށަށް އިތުރު ގޮތެއް އޮތް ނަމަ މަށެއް ނުދާނަން ދަރި އެގޮތަށް ބަހައްޓާފައި ވަޒީފާއެއް އަދާކުރާކަށް.