12 Apr 2018

ނިއުމާ އާއި ޔޫއްޕެ ފަހު ފަހަރަށް އެކުގައި

ނިއުމާ އާއި ޔޫއްޕެ ފަހު ފަހަރަށް އެކުގައި

By: Aishath Maaha

އޮންސްކްރީނުގައި މިހާރު އެންމެ ލޯބި ޖޯޑަށް މުހައްމަދު ޖުމައްޔިލް ނިމާލާއި މަރިޔަމް މަޖުދާ ވެގެން އުޅުނަސް ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި ނިއުމާ މުހައްމަދުގެ ލޯބި ޖޯޑު އަދިވެސް ދެކިލަން ބޭނުންވެގެން އުޅޭ މީހުން އެބައުޅެ އެވެ. އެ ދެ ތަރިންގެ އުމުރު 40 އަހަރުން މައްޗަށް އެރިޔަސް ފަރުވާލެއް ނެތެވެ.

ނަމަވެސް 2010 ވަނަ އަހަރުގެ ފަހުން މި ޖޯޑު އެކުގައި ފެނިފައެއް ނުވެ އެވެ. އެންމެފަހުން ނިއުމާ އޭނާގެ ފަހު ފިލްމާ އެކު ރިޓަޔާމެންޓް އިއުލާނު ކުރީ އެވެ. އަދި "ނިވައިރޯޅި"ގެ ނަމުގައި ހަދާ އެ ފިލްމުގެ ލީޑް ރޯލުން ފެންނާނީ އާ ތަރިއެއް ކަމަށްވެސް އިއުލާނު ކުރީ އެވެ. ނަމަވެސް އެތަރިއާ ބެހޭ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

މި މަހުގެ 25 ގައި ޝޫޓިން ފަށަން ހަމަޖެހިފައިވާއިރު ފިލްމުގެ ތަރިން ވެސް އިއުލާނުކޮށްފި އެވެ. ނިއުމާ ބުނީ އެ ފިލްމުގައި ނިއުމާއާ އެކު ފިލްމުގެ ލީޑް ރޯލުން ފެންނާނީ ޔޫއްޕެ ކަމަށެވެ. ނިއުމާ ބުނީ އާ ތަރިއެއްގެ ބަދަލުގައި ޔޫއްޕެ އެ ރޯލަށް ހަމަޖެއްސީ ނިއުމާގެ ފިލްމީ ކެރިއަރުގައި ހޭދަވި 23 އަހަރު އެންމެ ގިނަ ފިލްމު ކުޅެވިފައި ހުރީ ޔޫއްޕެއާ އެކުގައި ކަމަށް ވާތީ ކަމަށެވެ.

"އަހަރެން ވިސްނި ވިސްނުމުގައި އަހަރެންގެ ފަހު ފިލްމުވީމަ ހިތަށް އެރީ އަހަރެން އެންމެ ގިނަ ފިލްމު ކުޅެވިފައި ހުންނާނީ ޔޫއްޕެއާ އެކީގައޭ. އެހެންވީމަ އަހަރެން ހިތަށް އެރީ މާ ރަނގަޅުވާނޭ ފަހު ފިލްމު ޔޫއްޕެއާ އެކީގައި ކުޅެލަން. ދެން އަނެއްކާ ކުރީގައި އަހަރުން ދެމީހުންނަކީ މީހުންނަށް ވަރަށް ކަމުދާ ޖޯޑެއްވީމަ ވަރަށް ގިނަ ގޮތްގޮތަށް ވިސްނާފައި ޔޫއްޕެ ހަމަޖެއްސީ،" ފިލްމުގެ ތަރިންނާ ބެހޭގޮތުން "ދޯ" އާ ވާހަކަ ދައްކަމުން ނިއުމާ ބުންޏެވެ.

ޔޫއްޕެ އާއި ނިއުމާ އެކުގައި ފެނިފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި ޔޫސުފް، ކަލާޔާނުލާ، ދިންވޭނުގެ ހިތާމައިގައި، ހެޕީ ބާތު ޑޭ، ހިތްހަލާކު، ވީރާނާ އަދި ނިއުމާ ހިމެނެ އެވެ.

"ނިވައިރޯޅި" ގައި ހިމެނޭ އެހެން ތަރިންގެ ތެރޭގައި ހިމެނެނީ އައިމިނަތު ރިޝްފާ، އަހްމަދު ޒިޔާ، އަހްމަދު ސައީދު، އަހްމަދު އަޒްމީލް (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އާސިމް، އައިމިނަތު އިޝާލް ރަޝީދު، އަޖްނާޒް އަލީ، އިސްމާއިލް ޒާހިރު ، އައިމިނަތު ރަޝީދާ (އައިންތު)، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް އަދި ފާތިމަތު ޒީނަތު އެވެ.

ރ. އަތޮޅުގައި އިންޑޯ މަންޒަރުތައް ނަގަން ހަމަޖެހިފައިވާ މިި ފިލްމު ލިޔެ، ޑައިރެކްޓް ކުރާނީ މޫމިން ފުއާދެވެ. ބޮޑު ސްކްރީނުން ނިއުމާ ފެންނާނެ އެންމެ ފަހު ފިލްމްގެ ގޮތުގައި ގެނެސްދޭ "ނިވައިރޯޅި" ރިލީޒް ކުރަން ބޭނުން ވަނީ ނިއުމާގެ އުފަން ދުވަސް ކަމަށްވާ އޮކްޓޯބަރު މަހުގެ 21 ގަ އެވެ. އެހެން ނަމަވެސް ސިޔާސި މަސްރަހަށް ބަލާފައި ފިލްމު އަޅުވާ ތާރީހަށް ބަދަލެއް އަތުވެދާނެ ކަމަށް ނިއުމާ ބުންޏެވެ.

ނިއުމާ މުހައްމަދު ޔޫސުފު ޝަފީއު (ޔޫއްޕެ)

Popular