5 Mar 2019

By: Ifraz Ali

އަހަރުގެ ބޮޑު ފިލްމުގެ ގޮތުގައި ޕްރޮމޯޓްކުރާ "ފޯޓީ ޕްލަސް" މިރޭ އޮލިމްޕަހުގައި ޕްރިމިއާކުރާނެ އެވެ. މި ފިލްމަކީ މީގެ ދެ އަހަރު ކުރިން ގެނެސްދިން ކޮމެޑީ ފިލްމު "ނޯޓީ ފޯޓީ" ގެ ދެ ވަނަ ބައެވެ. މިފަހަރު މި ގެނެސްދެނީ ދިވެހި ސިނަމާއަށް ވެސް މުޅިން އާ ޖޯންރާއެއް ކަމަށްވާ، ހޮރޯ ކޮމެޑީއެއްގެ ގޮތުގަ އެވެ.

އަނެއްކާވެސް ބޮޑު ކާސްޓަކާއެކު ގެނެސްދޭ މި ފިލްމުގައި ފުރަތަމަ ބައިން ވެސް ފެނިގެންދިޔަ ގިނަ ތަރިންތަކެއް ފެންނާނެ އެވެ. އަދި ދާއިރާއަށް މުޅިން އަލަށް ތައާރަފުވާ އެކްޓަރުންތަކެއް ވެސް ފެންނާނެ އެވެ. މި ފިލްމުގެ ޑައިރެކްޝަންގެ މަސައްކަތްކުރީ ފުރަތަމަ ބައި ވެސް ޑައިރެކްޓުކުރި ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.

ފޯޓީ ޕްލަސްގެ ޕޯސްޓަރެއް --

މިރޭ ފިލްމަށް ދިއުމުގެ ކުރިން މި ބޮޑު ކާސްޓު މި ބުނާ އެއްޗެއް ވެސް ބަލައިލަން ހިނގާށެވެ..

1. "ނޯޓީ ފޯޓީ"އަށް ވުރެ "ފޯޓީ ޕްލަސް" މަޖާވާނެތަ؟

ޔޫއްޕެ: އޭތި ދެނެގަންނާނީ ބެލުންތެރިން އަސްލުގައި. ކުރީ ފަހަރަށް ބަލާފައި، ބޮޑަށް މަޖާ ބަޔަށް ގިނަ މީހުންގެ ޝައުގުވެރިކަން ހުންނާތީ އެބައި ބޮޑުކޮށްފަ އިންނާނީ މި ފިލްމުގައި.

2. ޝޫޓިންގައި ދިމާވި މަޖާކަމެއް ކިޔައިދީބަލަ!

ސީޒަން: ފޯޓީ ޕްލަސްގައި ދިމާވެފައި ހުރީ ހުސް މަޖާ ކަންތައް އިނގޭ. ފާހަގަކޮށްލެވޭ އެއްކަމަކަށް، އިންނާނެ ޝަކިއްތާ އާއި ހުރިހާ މީހުން އުޅޭ ސީންއެއް، ޝަކިއްތަ ވަރަށް ބާރަށް ވަލު ތެރެއިން ހިނގާފަ އަންނަ ސީންއެއް އެއީ. އައިއްސަ ހަމަ ޝަކިއްތަ ފްރޭމަށް ވަނުމާއެކު އެތާ އިންނަ އެއްޗެއްގައި އަޅައިގަނެފަ ޝަކިއްތަ ވެއްޓުނީ. ހަމަ ވެއްޓި ޖެހުމާއެކު ތެދުވެ އަނެއްކާވެސް ހިނގައި ގަނެގެން ކުރިއަށް ހަމަ، ޝޮޓް ކޮންޓިނިއުކުރިއޭ. އަހަރެމެން އެންމެ ތިބީ ހިނި އައިސް ފަޅައިގެންދާ ވަރުވެފަ އެކަމަކު ހަމަ ޝޮޓް ނިމެންދެން އެންމެ ތިބީ ހިނި ހިފަހައްޓާލައިގެން.

"ފޯޓީ ޕްލަސް" ގެ ޓީޒާއެއް.

3. "ނޯޓީ ފޯޓީ"އަށް ވުރެ މި ފިލްމުގައި ދޮން އައްޔަ ދެއްކި އެކްޓިން ރީތި ވާނެތަ؟

ދޮން އައްޔަ: ކޮންމެ ފިލްމެއްގައި ވެސް އައްޔަ އަބަދުވެސް އައްޔަގެ ސައިޑުން ބަލަން ޑައިރެކްޓަރު ބޭނުންވާ އެތި ދެވޭތޯ. އެހެންވީމަ އައްޔަ ދެން އައްޔަގެ މެކްސިމަން. ގޮތް ނިންމާނީ ފިލްމު ބަލާފައި ބެލުންތެރިން.

4. މި ފިލްމު ބިގެސްޓް މޫވީ އޮފް ދަ އިޔާ އަށް ވާގޮތް ކިޔައިދީބަލަ!

ޔޫއްޕެ: އެއީ މަލްޓިކާސްޓް ފިލްމަކަށް ވީމަ. އަދި ބުރަ މަސައްކަތެއް ވީމަ. މިހާރު 'ބިގެސްޓް' ކިޔަނީ ހަމައެކަނި މިހާރު އުއްމީދުތަކެއް ކުރެވޭތީއެއް ނޫން. އޭގައި ވާގޮތަކީ ގިނަ ބުރަ މަސައްކަތްތަކެއް ގިނަ ބަޔަކު ކޮށްފަ ހުރީމަ. މާނައަކީ އަނެއްކާވެސް މި އަހަރު ތެރޭގައި މިވަރުގެ ބޮޑު މަސައްކަތެއް ބަޔަކު ކޮށްފިޔާ އެވެސް ބޮޑުވެގެންދާނޭ. ޓެކްނިކަލް ސައިޑުން ވެސް ބުރަ މަސައްކަތެއް ކޮށްފައި އޮތީމަ މި ފިލްމު ބިގެސްޓް މޫވީ އޮފް ދި އިޔާއަށް މި ވަނީ.

"ފޯޓީ ޕްލަސް" ގެ ޓީޒާއެއް.

5. މި ފިލްމު ސީޒަން އަށް ކިހާ ހާއްސަ ވާނެ؟

ސީޒަން: މިއީ ވަރަށް ވަރަށް އިންޕޯޓެންޓް ފިލްމެއް ޑޭ ވަން އިން ފައްޓައިގެން ވެސް. އެއީ ނޯޓީ ފޯޓީ ނިމިގެން، ދެ ވަނަ ފިލްމެއް ހަދަން ވާހަކަދައްކައި ކޮންސެޕްޓް ފައިނަލްކޮށް، އެ ދުވަހުން ފައްޓައިގެން ވެސް. މީގެ ކޮންސެޕްޓަކީ ވެސް އަހަރެންގެ ކޮންސެޕްޓެއް، ސްޓޯރީއަކީ ޔޫއްޕެގެ އެއްޗެއް. އެހެންވީމަ އެ ދުވަހުން ފަށައިގެން ވެސް ލުކް ފޯވާޑް ކުރަމުން އަންނަ ޕްރޮޖެކްޓެއް.

6. ހޮރޯ ކޮމެޑީއަކަށް ދިވެހި ފިލްމުގެ އޯޑިއަންސް ރެޑީތަ؟

ޔޫއްޕެ: އާނ.. ރެޑީއެއްނުން މިހާރު ހުރިހާ އެއްޗަކަށް ވެސް ދިވެހި އޯޑިއެންސް. މިހާރު މީގައި މި ޖެހެނީ އޯޑިއެންސް ހާނުވަން އަސްލުގައި. އާޓް ފިލްމު ބަޔަކު ތައާރަފުކުރަނީ، މިހާރު އެވެސް ކުރަންޖެހޭ ކަމެކޭ. އެހެންވީމަ އެކަން ވެސް ބަޔަކު ކުރަނީ. ހުރިހާ ވައްތަރެއްގެ ފިލްމެއް ވެސް ރާއްޖޭގައި އުފައްދަންޖެހޭ އުފެއްދެން އޮތިއްޔާމުން. ކުރީގައި އޮތީ އެންމެ އޯޑިއެންސެއް. އެއީ ލޯބީގެ ފިލްމުތަކަށް. އެކަމަކު މިހާރު ތަފާތު ފިލްމުތައް ނިކުންނަން ފެށީމަ މަޑުމަޑުން އެ ދަނީތާ ހޭނެމުން އޯޑިއެންސް.

"ފޯޓީ ޕްލަސް" ގެ ޓީޒާއެއް.

7. މި ފިލްމުން އިރުފާނާއަށް ފުރުސަތު ލިބުނީ ކިހިނެއް؟

އިރުފާނާ: ވަރަށް ކުރިންސުރެ މޮޑެލްކުރަން. ބްރައިޑް މޯލްޑިވްސް އާއި ދިވާސް އެއްޗެހީގައި ވެސް. މޮޑެލްކުރަން އުޅޭއިރުގައި މި ދާއިރާގެ މީހުނަށް ވަރަށް ބޮޑަށް އެނގޭނެ. ފައިސަލް ބުނީ މިހާރު ދެން މޮޑެލް ކުރެވިއްޖެ އެއްނުންހޭ ހިނގާށޭ އަޅެ އެކްޓުކުރެވޭތޯ ބަލަން. އެގޮތަށް ޔޫއްޕެ ކައިރިއަށް ގޮސްގެން ސްކްރީން ޓެސްޓެއް ހަދައިގެން ޔޫއްޕެ ދިން ޗާންސެއް މިއީ.

8. ފިލްމުގައި ތަފާތު މޭކަޕްތައް ފެނިގެން އެބަދޭ. ކާކުތަ މި ފިލްމުގެ މޭކަޕް އާޓިސްޓަކީ؟

ޔޫއްޕެ: ޝިޒޫ. އޭނާއަކީ ހަމަ ޕްރޮފެޝަނަލްކޮށް މޭކަޕް ކުރާ ވަރަށް މޮޅު ކުއްޖެއް.

"ފޯޓީ ޕްލަސް" ގެ ޓީޒާއެއް.

9. އިރުފާނާގެ ފުރަތަމަ ފިލްމު ވީމާ، ކުރެވޭ އުއްމީދަކީ ކޮބާ؟

އިރުފާނާ: ފުރަތަމަ ފިލްމު ވީމަ އެންމެ މޮޅު އެކްޓިން ދެއްކިފަ ނީނދެދާނެ. އެކަމަކު ކުރިއަށް ކުޅެފަ ހުރި އެއްޗެހީގައި ވަރަށް ބޮޑަށް ތަފާތު ދެއްކިފައި ހުންނާނެ. ވަރަށް ގިނަ ޕްރޮޖެކްޓުތައް މިއަހަރު ވެސް އަންނަ އަހަރުގައި ވެސް އެބަހުރި.

10. ވަރަށް ގިނަ އާ އެކްޓަރުން ފެނިގެންދާނެ. އާ އެކްޓަރުންނަށް ޔޫއްޕެ ކުރާ އުއްމީދު ކިޔާދީބަލަ!

ޔޫއްޕެ: އާ ކުދިން އެ ކުދިންގެ ފެންވަރުގައި ވަރަށް ރަނގަޅަށް ޝައުގުވެރިކަމާއެކު މަސައްކަތްކޮށްފަ އެބަހުރި. މީގައި އޮންނާނެ ގޮތަކީ މިސާލަކަށް އެކުދިންނަށް ލިބޭ ރޯލު އެއް ފިލްމަށް ވުރެ އަނެއް ފިލްމުގައި ރީތިވެގެންދިއުން. ތަޖުރިބާއަކީ ވެސް ވަރަށް މުހިންމު އެއްޗެއް. ހަމަ ޓަސްލާފައި ނިކުމެގެން ކެމެރާ ކުރިމާތީގައި މަސައްކަތްކުރުމަކީ ވަރަށް ތަފާތު އެކްސްޕީރިއެންސެއް. އެހެންވީމަ އެޔަށް ހޭނެން ފެށީމަ އެ ކުދިން ވެސް މަޑުމަޑުން ރަނގަޅުވަމުން ދާނެ.

"ފޯޓީ ޕްލަސް" ގެ ޓީޒާއެއް.

11. ފޯޓީ ޕްލަސްގައި ވެސް ސްޓެޕް އައްޔަ ކުޅެނީ މުސްކުޅިއެއްގެ ރޯލުތަ؟

ސްޓެޕް އައްޔަ: ނޫނޭ: ނޯޓީ ފޯޓީގައި އޭނީ ވަރަށް މުސްކުޅި މީހެއްގެ ރޯލު ކުޅެފަ. އެކަމަކު މީގައި އެހާ މުސްކުޅިއެއް ވެސް ނޫން. ގާތްގަނޑަކަށް ތާޓީޒްގައި އުޅޭ މީހެއްގެ ރޯލު.

12. އާނަންދުއަށް މި ފިލްމުން ފުރުސަތު ލިބުނީ ކިހިނެއް؟

އާނަންދު: އެއީ ޔޫއްޕެގެ 'ދެވަންސޫރަ'، އެ ފިލްމު ނިންމާފައި ޔޫއްޕެއަށް ކަމުދިޔައީ އޭގައި ކުޅެފައި އިން ރޯލު. އެހެންވީމަ ފޯޓީ ޕްލަސް ލިޔުނުއިރު އޭގެ ރޯލަކަށް އަޅުގަނޑު ފިޓު ވާތީވެ އެ ރޯލު ދިނީ. ޔޫއްޕެ ދިން ފުރުސަތެއް މިއީ.

"ފޯޓީ ޕްލަސް" ގެ ޓީޒާއެއް.

13. ފުރަތަމަ ވެސް ކޮމެޑީ ފިލްމެއް؟ އިރުފާނާގެ އެކްސްޕީރިއަންސް ކިޔާލަދީބަލަ!

އިރުފާނާ: ކުޑަކޮށް އުނދަގޫވި އެއީ ނޯމަލް ލައިފްގައި އިޓް ޑަޒަންޓް ސޫޓް ވިތު މީ އެކަމަކު ވަރަށް ބޮޑު ކާސްޓަކަށްވެފަ، އެންމެންގެ ވަރަށް ބޮޑު އެހީއެއް ލިބުން. އެންމެންގެ އެހީއާއެކު ބޮޑު ޗެލެންޖެއް ފުރިހަމަ ކުރެވުން ކަހަލަ ހަމަ.

14. ސްޓެޕް އައްޔަގެ ނެށުމެއް ފެންނާނެތަ މި ފިލްމުން؟

ސްޓެޕް އައްޔަ: ނޯޓީ ފޯޓީ އާއި ފޯޓީ ޕްލަސްގައި ވެސް ކޮރިއޯ މި ހެދީ އަހަރެން. އިރާދަކުރެއްވިޔާ މި ފިލްމުގައި ނެށުމެއް ފެންނާނެ، އައްޔަގެ ލަވައެއް ވެސް އިންނާނެ މީގައި.

"ފޯޓީ ޕްލަސް" ގެ ޓްރެއިލާ.

15. އެކި ކަހަލަ ރޯލުތައް ކުޅެމުން އާނަންދު މިފަހަރު ތި ކުޅުނީ ކޮމެޑީ ރޯލެއް. އާ ތަޖުރިބާ ކިހިނެއް ވަނީ؟

އާނަންދު: ފޯޓީ ޕްލަސްގައި އިންނާނީ ވަރަށް ސީރިއަސް ކޮމެޑީ ރޯލެއް ކުޅެފަ. އެވެސް ވަރަށް ތަފާތު ރޯލެއް. ސީރިއަސް މީހެއް އެކަމަކު ފަހުން ހަމަ މަޖާ މީހަކަށް ވެގެންދާނެ.

ދިވެހި ފިލްމް އިންޑަސްޓްރީ ޔޫސުފު ޝަފީއު (ޔޫއްޕެ)

Popular