14 Mar 2019

ލަމް "ކަރުހަކުރު"ގެ ފޮނި ހެޔޮވަރުކޮށްފި

ލަމް "ކަރުހަކުރު"ގެ ފޮނި ހެޔޮވަރުކޮށްފި

By: Aishath Maaha

ބޭރުގެ ސިޓްކޮމްތައް ބަލައިގެން ދިވެހިން ހީހީ އަވެދިވެފައިވަނިކޮށް ބައިސްކޯފާއި އޯކޭޒުން ގެނެސް މި ވައްޓާލީ ދިވެހި ސިޓްކޮމް އެކެވެ. މުހައްމަދު މުންތަސިރު (މުންކޮ)ގެ ސިކުނޑީގައި މީގެ އެތައް އަހަރެއް ކުރިން ފެށިގެން ކައްކަމުން އައި "ހަކުރުގަނޑެއް" މަހުދީ އަހްމަދުގެ ސްކްރީންޕްލޭ އަކާއެކު ކަރުހަކުރު ގަނޑަކަށް ހަދައި ބައިސްކޯފަށް އޮއްސާލީ އެވެ.

ކަރުހަކުރުގެ ނަމުގައި ފުރަތަމަ ދިވެހި ސިޓްކޮމް މިހާރު ބައިސްކޯފް އެޕުން ބެލޭނެ އެވެ.

ކަރުހަކުރުގެ ފުރަތަމަ އެޕިސޯޑު ދޫކޮށްލިތާ 24 ގަޑިއިރުގެ ތެރޭގައި 3،000 އަށްވުރެ ގިނަ މީހުން އެ އެޕިސޯޑު ބަލައިފި އެވެ. އެވަރަށް ތައުރީފު ވެސް އަންނަނީ އޮއްސަމުންނެވެ.

އަލީ އާޒިމް (ދޮން އައްޔަ) ފިޔަވައި، އެކްޓިން ދާއިރާއަށް މުޅިން އާ ތަރިންތަކެއް ހިމަނައިގެން އުފެއްދިޔަސް ބެލުންތެރިންނަށް ކަރުހަކުރުގެ ރަހަގަނޑު ކަމުގޮސްފި އެވެ. ދޮން އައްޔަގެ އިތުރުން އެ ޝޯއިން ދެން ފެންނަނީ ރައުފަތު ސޯދިގު، އައިޝަތު އަލީ، ލަމްހާ ލަތީފް އަދި ހުސެން ނާޒިމް އެވެ.

މި ޝޯއިން މިހާތަނަށް އެންމެ ގިނަ ބަޔަކަށް ކަމުގޮސް އެންމެ ގިނައިން ދައްކަން ފެށީ ލަމްގެ ވާހަކަ އެވެ. އެއްގޮތަކަށް ވެސް އެއީ މާކުރިން ފެށިގެން ލަމް ލަވަ ކިޔަން ފަށައި މަޝްހޫރުކަން ހޯދާފައިވާތީއެއް ނޫނެވެ. ނުވަތަ މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަންގައި މޫސާ ވަސީމާއެކު އެ ޝޯ ހުށަހަޅައިދޭން ސްޓޭޖަށް އަރައިގެން ދެއްކި ހުނަރުވެރިކަމަކުން ވެސް ނޫނެވެ. އެންމެން ވެސް ބުނީ ލަމް ހަމަ މޮޅީ ކަމަށެވެ.

ލަމް އަދި ނާޒިމް ކަރުހަކުރު ޕްރިމިއާ ހަފްލާގައި. --

"ކަރުހަކުރު"ގައި ލަމްގެ ރޯލަކީ ރައުފަތު ސޯދިގު (ނާއިފް)ގެ އަނބިމީހާ ލިއުޝާގެ ރޯލެވެ. އެންމެ އެޕިސޯޑަކުން ލަމް ބެލުންތެރިންގެ ހިތްތަކަށް މިވަނީ ވެރިވެގަނެފަ އެވެ. ލަމްގެ އެކްޓިންގެ މޮޅުކަމާއި ނެޗުރަލް ކަމުންނެވެ. ލަމްގެ "ތުއި"ކަން މާބޮޑަށް ފެނިގެން ނުދިޔަ ނަމަވެސް ލަމަގެ އެކްޓިން މިވަނީ ބަލައިގެންފަ އެވެ.

ރައުފަތުގެ އެކްޓިންގެ ވާހަކަ ވެސް ދައްކަން އެބަޖެހެ އެވެ. މުޅިން އަލަށް އެކްޓުކުރަން ނުކުތް ނަމަވެސް އެކަން ފާހަގަވިޔަކަ ނުދެ އެވެ. ޑައިލޮގް ޑެލިވަރީގައި ވެސް މާބޮޑު އޮޑުކަމެއް ފާހަގައެއް ނުވެ އެވެ. ކޮމެޑީ ރޯލަކަށް އެއީ އެއް ވަނައިގެ ތަރިއެއް ކަން ދައްކާލައިފި އެވެ. އޭގެ އިތުރުން ލަމް އާއި ރައުފަތުގެ އޮން ސްކްރީން ކެމިސްޓްރީ ވެސް ފާހަގަކުރެވެ އެވެ.

ރައުފަތު: ރައުފަތުގެ އެކްޓިން ގިނަ ބަޔަކަށް ކަމުދިޔަ

ނާޒިމްގެ އެކްޓިން އެންމެ ރަނގަޅަށް ނުދެއްކުނު ނަމަވެސް މިހާތަނަށް ދެއްކި އެކްޓިން ވެސް ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ. ޒުވާން ދެ ދަރިންގެ ބައްޕަގެ ރޯލު، ނާޒިމް ކުޅޭއިރު އެކްޓިން އިތުރަށް ރަނގަޅުކުރަން ޖެހެ އެވެ. ޑައިލޮގް ޑެލިވަރީ ވެސް ރަނގަޅުކޮށްލައިފި ނަމަ ނާޒިމްގެ އެކްޓިން އިތުރަށް ފުރިހަމަވެގެންދާނެ އެވެ.

ދޮން އައްޔަ: އަބަދުވެސް އެންމެ މޮޅު އެކްޓިން ދައްކާ އެއް ރޯލަކީ ކޮމެޑީ ރޯލުތައް. --

ސީރިއަސް ރޯލުތަކަށްވުރެ ގިނައިން ކޮމެޑީ ރޯލުތަކުން މިހާރު ވެސް ގިނައިން ފެންނަ ދޮން އައްޔަގެ ހުނަރުވެރިކަން އަނެއްކާ ވެސް މިވަނީ ދައްކާލާފަ އެވެ. ގިނަ ބަޔަކަށް ކަމުދަނީ ވެސް އައްޔަ ކޮމެޑީ ރޯލުތައް ކުޅުނީމަ އެވެ.

އައިޝާ: ކެމެރާ ކުރިމައްޗަށް މުޅިން އާ މޫނެއް. --

ލީޒްގެ ރޯލު ކުޅޭ އައިޝަތު އަލީގެ އެކްޓިން ވެސް އިތުރަށް ރަނގަޅުކުރަންޖެހޭ ކަމަށް ފާހަގަކުރެވެ އެވެ. އަދި ޑައިލޮގް ޑެލިވަރީ ވެސް ވަރަށް ބޮޑަށް ރަނގަޅުކުރަން އެބަޖެހެ އެވެ. ފަހަރުގައި ފުރަތަމަ އެކްޓިން އަށް ވާތީ އެހެން ވެދާނެ އެވެ.

ކުރިއަށް ހުރި އެޕިސޯޑުތަކުގައި ކުރިއެރުން ފެންނާނެ ކަމަށް ބަލަމާ ހިނގާށެވެ.

Popular