12 Jun 2019

ޔޫއްޕެގެ ދައުވަތަށް ދާންވީތަ؟

ޔޫއްޕެގެ ދައުވަތަށް ދާންވީތަ؟

By: Aishath Maaha

ޔޫސުފް ޝަފީއު (ޔޫއްޕެ) އަށް ދިވެހި ފިލްމު އޯޑިއަންސް ކުރާ އިތުބާރަށް މާބޮޑު ބަދަލެއް އައި ހެނެއް ހިއެއް ނުވެ އެވެ. ފިލްމެއް އިއުލާނުކޮށް އެ ފިލްމުގެ ނަމާއެކު ޔޫއްޕެގެ ނަން ކިޔާލިޔަސް އެ ފިލްމެއް ބަލަންދާނެ ކިތަންމެ ބަޔަކު އެބަތިއްބެވެ. އަހަރުތަކެއް ވަންދެން ފިލްމު ޕްރޮޑިއުސަރުން ޔޫއްޕެގެ ފަހަތުން ދުވި އެއް ސަބަބަކީ އެއީ އެވެ.

ކެމެރާގެ ކުރިމަތީ އެކްޓްކޮށް، ނެށުމުގައި އެތައް އަހަރެއް ހޭދަކޮށް މިހާރު ޔޫއްޕެ ވެސް ބޮޑަށް ހަރަކާތްތެރިވަނީ ކެމެރާގެ ފުރަގަހުން ޕްރޮޑަކްޝަނުގަ އެވެ. ގިނަ ފަހަރަށް ފުރަނީ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރުގެ ގޮނޑި އެވެ. ޔޫއްޕެ އަށް ކުރާ އިތުބާރު މިކަމުގެ ސަބަބުން ބަދަލުވެފައި އޮވެދާނެ ހެއްޔެވެ؟

މިރޭ ރިލީޒްކުރާ "ދައުވަތު" ވެސް ހާއްސަވާ އެއް ސަބަބަކީ އެއީ އެވެ. ވީމީޑިއާ އިން ޕްރޮޑިއުސްކުރާ އެ ފިލްމު ލިޔެ، ޑައިރެކްޓްކޮށްފައިވަނީ ޔޫއްޕެ އެވެ. މި ފަހަކަށް އައިސް އެންމެ ގިނަ ދިވެހި ފިލްމު ގެނެސްދޭ އެކަކީ ވެސް ޔޫއްޕެ އެވެ.

މި ފިލްމުގެ މުހިންމު ރޯލަކުން ޔޫއްޕެ ފެންނާނެ އެވެ. އެކަމަކު ޔޫއްޕެ އަކީ "ދައުވަތު" ބަލަން ދާންޖެހޭ އެންމެ މުހިންމު ސަބަބެއް ނޫނެވެ.

ޔޫއްޕެ އަށް އެންމެ ތަފާތު ތަޖުރިބާ

ފިލްމީ އުދަރެހުގައި ޔޫއްޕެ ފިޔަޖާހާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ. ކުޅެވުނީ ކިތައް ފިލްމު ހެއްޔޭ ޔޫއްޕެ ގާތު އަހައިފި ނަމަ ހަމަ ހުރެފަ ޖަވާބުދޭކަށެއް ވެސް ނޭނގެ އެވެ. ނަމަވެސް ޔަގީން ކަމާއެކު ބުނަން އެނގޭ އެއް ކަމެއް އެބައޮތެވެ. ޔޫއްޕެގެ ތަޖުރިބާ އެންމެ ބޮޑީ ލޯބީގެ ފިލްމުތަކުގަ އެވެ. ޔޫއްޕެ އުފައްދާ ފިލްމުތަކުގައި ލޯބީގެ ވާހަކައެއް ކިޔައިދޭ އެއް ސަބަބަކީ އެއީ ކަމަށް ވެދާނެ އެވެ.

އަހަރުތަކެއް ވާންދެން "މެލޯޑްރާމާ" ތަކުގައި ރަސްކަންކުރަމުން އައިސް ޑައިރެކްޓަރުގެ ގޮނޑީގެ އިށީނުމާ އެކު ޔޫއްޕެ ވަނީ ފިލްމުތަކުގެ މިސްރާބު މަޑުމަޑުން ބަދަލުކޮށްލައިފަ އެވެ. ހަމައެކަނި ތިނެސްކަން ލޯބީގެ ވާހަކަ ކިޔައިނުދީ އޭގެތެރެއަށް ޝައުގުވެރިކަން ދަމައިގަންނަ އެހެން ރަހަތަށް މަޑުމަޑުން އިތުރުކޮށްފަ އެވެ.

އެގޮތުން މަރެއްގެ ހަގީގަތް ހޯދަން ބަޔަކު ކުރާ މަސައްކަތެއް ދައްކައިދޭ ފިލްމެއް މިިދިޔަ އަހަރު ގެނެސްދިނެވެ. ކޮމެޑީ ފިލްމުތަކެއް ގެނެސްދީފި އެވެ.

"ދައުވަތު" އަކީ ސިހުރުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ސިހުރުގެ ސަބަބުން ދެމަފިރިއެއްގެ ދިރިއުޅުން ހަލަކުވެގެންދާ މަންޒަރު ދައްކާނެ އެވެ. އަދި އެ ދެމަފިރިންގެ ދިރިއުޅުމަށް ސިހުރު ޖެހެނީ ކީއްވެގެން ކަން ވެސް ކިޔައި ދޭނެ އެވެ. އެހެންވީމާ މި ފިލްމަކީ ބިރުން ފިތްކަނޑައިގެންދާނެ ފިލްމަކަށް ވެސް ވެދާނެ އެވެ. އެކަން ޔަގީންވާނީ މިރޭ ފިލްމު ބަލައިލީމަ އެވެ. ކޮންމެ ދުވަހަކު ހެނދުނު 10 އަކުން ރޭގަނޑު 10 އަކަށް އޮލިމްޕަހުން ޓިކެޓް ވިއްކާނެ އެވެ.

މި ފިލްމަކީ ޔޫއްޕެ ހަމަ ހުރެފަ ލިޔެލި ވާހަކައެއް ނޫނެވެ. މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. އެތައް ދުވަހެއް ވަންދެން ކުރި ބޮޑު ދިރާސާއެއްގެ ނަތީޖާ އެވެ. ބޮޑު ގޮންޖެހުމެއް ވެސް މެ އެވެ. އެއް ސަބަބަކީ ހުރިހާ ގޮތަކުން ވެސް ދިވެހި ސްކްރީން މިހާރު ނިކަން ބޮޑަށް ކުރިއަށް ޖެހިލައިފަ އޮތުމެވެ. ދިވެހި ފިލްމުތަކަށް ކުރާ އުންމީދު ވެސް އެހާ ބޮޑުވުމެވެ.

ބިރުވެރި ފިލްމަށް ކުރާ އުންމީދު ބޮޑު

ޑައިރެކްޓަރު ފާތިމަތު ނަހުލާ އާއި އަހްމަދު ޝިނާން ގެނެސްދިން ބިރުވެރި ފިލްމު "4426" އާއެކު ދިވެހި ބިރުވެރި ފިލްމުތައް ވަނީ އެހެން ހަރުފަތަކަށް ޖެހިލައިފަ އެވެ. މުޅި އޮލިމްޕަސް ބިރުން ފިތްކަނޑުވާލި އެ ފިލްމު އެތައް ފަހަރަކު ބެލި މީހުން އެބަ އުޅެ އެވެ. ބިރުވެރި ފިލްމެކޭ ބުނެފިނަމަ ކޮންމެ މީހަކު ވެސް މިހާރު ބޭނުންވަނީ އެ ފެންވަރުގެ ނުވަތަ އެއަށް ވުރެ ވެސް މޮޅު ބިރުވެރި ފިލްމެއް ބަލައިލާށެވެ.

"ދައުވަތު"ގެ މަންޒަރެއް: މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް އުފައްދާ ފިލްމެއް. --

އެކަމަކު އޭގެކުރިން ހަނދާންކޮށްލަދޭނަމެވެ. ނަހުލާގެ ވާހަކަ ލިޔުންތެރިކަމުގެ ހުނަރާއި ޔޫއްޕެ އާ އަޅާކިޔައިފި ނަމަ ފަހަރުގައި އެއީ އިންސާފަކަށް ނުވެދާނެ އެވެ. ނަމަވެސް "4426"ގައި ޔޫއްޕެ ވެސް ވަނީ މުހިންމު ރޯލެއް ކުޅެފަ އެވެ. އެހެންވީމާ މިއީ މުޅިން އާ ތަޖުރިބާއަކަށް ވެސް ނުވާނެ އެވެ.

ރަތް ހެދުން ލީ ހަންޑިއެއް ނޫން، އައްޒަ

ސިހުރު ޖެހި ނުވަތަ ޖިންނި ޝައިތޯނުން އަވަލައިގެން ތެޅިފޮޅޭ މަންޒަރު އެންމެ ފުރިހަމައަށް ދައްކާލައިގެން ފިޔަޖަހާ ބަތަލާއަކީ މަރިޔަމް އައްޒަ އެވެ. "4426" ގައި އައްޒަ ލެވި ހަޅޭކާއި ޖިންނި އަވަލައިގެން އެ ޖެއްސި ވައްތަރުތަކާއެކު އައްޒަ ފިލްމު އިންޑަސްޓްރީގައި ވެސް އަރައިގެން ދިޔައީ އެވެ.

އައްޒަގެ އެ އެކްޓިން އަށް މުޅި ދިވެހި ފިލްމު އޯޑިއަންސް އޮތީ ފަސް ތަރި ދީފަ އެވެ.

އެހެންވީމަ ރަތް ހެދުން ލީ ހަންޑިއާ ނުލައި ވެސް ދިވެހިން ބިރުގެންނެވިދާނެ ކަމުގެ ޔަގީންކަމެއް މިއޮތީ މާކުރިން ލިބިފަ އެވެ.

"ދައުވަތު" ގެ މަންޒަރެއް. --

ނަމަވެސް ޔޫއްޕެ އަށް އައްޒަގެ ފަރާތުން އެވަރުގެ އެކްޓިން އެއް ނެރެވިދާނެ ހެއްޔެވެ؟ ޖަވާބަކަށް ޔޫއްޕެ ބުނީ މިއީ މި ފިލްމުގެ ކާސްޓު މިހާތަނަށް ދައްކާ އެންމެ މޮޅު އެކްޓު ކަމަށެވެ. މިއީ ޔޫއްޕެ ދޭ ޖަވާބެވެ. ޔޫއްޕެ ބުނަނީ ހުރިހާ ތަރިންގެ ފަރާތުން އާދަޔާ ހިލާފު މޮޅު އެކްޓިން އެއް ފެނިގެންދާނެ ކަމަށެވެ.

މި އަހަރު ޔޫއްޕެ ގެނެސްދިން "40 ޕްލަސް" އަދި "ނަފްރަތުވުމުން" އަށް ބެލުމުން ޔޫއްޕެގެ ވާހަކަ ގަބޫލުކުރަން ފަސޭހަ އެވެ.

ޔޫއްޕެ އާއި އައްޒަ އާއެކު މި ފިލްމުން އަލީ (ދޮންއައްޔަ) އާޒިމް، މުހައްމަދު ފައިސަލް އަދި އަހުމަދު (އީސަ) އާނަންދު ވެސް ފެންނާނެ އެވެ.

ޔޫސުފު ޝަފީއު (ޔޫއްޕެ)

Popular