By: Aishath Maaha
"އެހެނަސް އަދި ލޯބިވެޔޭ" އަކީ އެ ވާހަކަ ކީ އެންމެންގެ މެދުގައި ވެސް ބޮޑު ހިޓެކެވެ. އެތައް އަހަރެއް ފަހުން އެ ވާހަކަ އަށް، "އެހެނަސް" ގެ ނަމުގައި، ވާހަކަ ލިޔުންތެރިޔާ އަހްމަދު އިގުބާލު (އައިކިއު) ސީރީޒެއް ހަދަން ނިންމުމުން އެކަމަށް ކުރި އިންތިޒާރު އިއްޔެ ވަނީ ނިމުމަކަށް އައިސްފަ އެވެ.
އޮލިމްޕަހުގައި ބޭއްވި ހާއްސަ ރެޑްކާޕެޓް ހަފުލާއަކާ އެކު އެހެނަސްގެ ފަސް އެޕިސޯޑުވަނީ ދައްކާފަ އެވެ. ގިނަ ބަޔަކު ޓިކެޓު ގަނެގެން އެ ޝޯ އަށް ދިޔަ އެވެ.
ބޮޑު ކާސްޓެއް ހިމެނޭ އެ ސީރީޒްގެ ފަސް ތަރިން ފިޔަވައި ދެން ތިބީ މުޅިން އަލަށް ފިލްމީ ދާއިރާ އަށް ނުކުތް ޒުވާނުންނެވެ. އެ ތަރިންގެ ތެރޭގައި ހިމެނެނީ މަރިޔަމް ހަލީމް، ޝީލާ ނަޖީބް، މުހައްމަދު މަނިކު، އަލީ ނަދީހް އަދި މުހައްމަދު ޔުނާން އެވެ. ޔުނާން ފިލްމީ ދާއިރާ އަށް އާ ނޫނަސް ކުޅެފައިވަނީ އެންމެ ފިލްމެކެވެ. ނަމަވެސް އޮފީސް ޑްރާމާތަކުން ޔުނާން ވަނީ މަގުބޫލުކަން ހޯދައިފަ އެވެ. ކުދިކުދި ރޯލްތަކުން ނަދީހް ވެސް މީގެކުރިން ފެނުނެވެ.
އެހެނަސް ޕްރިމިއާ ހަފްލާގައި ރިޝްމީ އަދި ރަވީ. -- ފޮޓޯ: ހުސެން ވަހީދު / ދޯ
- މުހައްމަދު ވިޝާލް (ނިޔާޒް)
- އަހްމަދު ޝާރިފް (ޝިނާޒް)
- މުހައްމަދު ޔާމިން އަލީ (ޝާމިން)
- އަހްމަދު މަސީހް (ރަޔާން)
- ޑައިރެކްޝަން: ރަވީ ފާރޫގު
- ވާހަކަ / ސްކްރީންޕްލޭ: އަހްމަދު އިގުބާލް
- އެޑިޓިން: ރަވީ، އައިޝަތު ރިޝްމީ
ނިޔާޒްގެ ރޯލު ކުޅުނު ވިޝާލް "އެހެނަސް" ގެ ޕްރިމިއާ ހަފުލާގައި. -- ފޮޓޯ: ހުސެން ވަހީދު / ދޯ
"އެހެނަސް" އުފައްދާފައިވަނީ މުޅިން އާ ވާހަކައަކަށް ކަމަށް ނުވާތީ ސީރީޒްގެ ވާހަކަ މާބޮޑަށް ކިޔައިދިނުން މުހިންމެއް ނޫނެވެ. އެ ސީރީޒްގައި ދައްކަނީ ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ފިރިހެން ކުއްޖަކަށް ދިމާވާ ކަންތައްތަކެކެވެ. ނަމަވެސް ސީރީޒްގެ އިތުރު ވާހަކަތަކެއް ދައްކަން އެބަޖެހެ އެވެ. ހާއްސަކޮށް އެކްޓިންގެ ވާހަކަ އެވެ.
ވާހަކައާ ތަފާތުކޮށް "އެހެނަސް" އަށް ވަނީ މުޅިން އާ ކެރެކްޓާއެއް ތައާރަފްކޮށްފަ އެވެ. ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ރަޔާންގެ ކެރެކްޓާ ވާހަކައިގެ ކެރެކްޓާތަކާ ގުޅިގެން ދާ ގޮތް ކުރިއަށް ހުރި އެޕިސޯޑުތަކުން އެނގޭނެ އެވެ.
މުޅިން އާ ތަރިންތަކެއް ގޮވައިގެން ނުކުމެ ރަވީ ގެނެސްދިން މި ޕްރޮޑަކްޓް އޯވަރޯލްކޮށް ވަރަށް ރަނގަޅެވެ. އާ ގިނަ ތަރިންގެ އެކްޓިން ހީކުރިވަރަށް ވުރެ ބޮޑަށް ރަނގަޅެވެ. އެންމެ ހާއްސަކޮށް ނިޔާޒް އަދި މަންމަގެ ރޯލް ކުޅޭ ޝީލާގެ ގޮސިޕްތައް ރިއަލިސްޓިކް ވެފަ ނެޗުރަލް އެވެ. ޝީލާ ވަނީ އަބަދުވެސް ދައްކަމުން އަންނަ ބެސްޓް ޕާފޯމަންސް މި ސީރީޒްގައި ވެސް ދައްކާފަ އެވެ.
ނީނާގެ ތުއި ގޮތްގަނޑާއި ސޯބިގެ ރޯލު ކުޅުނު މަރިޔަމް ހަލީމް ފަރޭ އަށް ތުއި ދެއްކެން އުޅޭ މަންޒަރުތަކުން ގިނަ ބަޔަކު ހެއްވާލި އިރު ބައެއް މަންޒަރުތަކުން އޯޑިއަންސް ފެންކަޅިކޮށްލައި ރޮއްވާލި މަންޒަރުތަކެއް ވެސް ފެނިގެން ދިޔަ އެވެ. ނިޔާޒާ ދިމާލަށް ބުނެލާ ބައެއް ބަސްތަކުން ހިތުގައި ޖެހެ އެވެ.
އެހެނަސް ޕްރިމިއާ ހަފްލާގައި، ޝަޒޫގެ ރޯލު ކުޅުނު ޝަރާ. -- ފޮޓޯ: ހުސެން ވަހީދު / ދޯ
ޝަފާނާ، ޝާރިހް، ޝަރާ، މަސީހް، ރިހޫ، މަރިޔަމް ވަހީދާ އަދި ވިޝާލްގެ އެކްޓިން މުޅިން އަލަށް ފިލްމީ ދާއިރާއަށް ނުކުތް ތަރިންތަކަކާއި ބަލާފައި ވަރަށް ބޮޑަށް ރަނގަޅެވެ. ނަމަވެސް އިނގިރޭސި ޑައިލޮގްތައް ޑެލިވަ ކުރުމުގެ މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވެ އެވެ.
ލީޒާގެ ރޯލު ކުޅުނު ސިލްނާ އަށް އެންމެ ރަނގަޅަށް އެ ކެރެކްޓާ ދެއްކިފައެއް ނުވެ އެވެ. ތަފާތު އެކްޓިންއެއް ސީރީޒްގެ ދެން ހުރި އެޕިސޯޑުތަކުން ފެންނާނެ ކަމަށް ބަލަމާ ހިނގާށެވެ.
ކުދިކުދި ރޯލުތަކުންނާއި ވީޑިއޯ ލަވަތައް މީގެ ކުރިން ނަދީހް ކުޅެފައި ވިޔަސް މާބޮޑު އިމްޕްރޫވްމަންޓެއް މި ސީރީޒުން ވެސް ނުފެެނެ އެވެ. ނަމަވެސް ޔުނާންގެ އެކްޓިން އަށް ކުރިއެރުން ލިބިފައިހުރި ކަމަށް ފާހަގަކުރެވެ އެވެ.
ސީރީޒްގެ ފަސް އެޕިސޯޑް އިއްޔެ ދެއްކިއިރު ފުރަތަމަ އެޕިސޯޑް މިހާރު ބައިސްކޯފުން ބަލައިލެވޭނެ އެވެ.