By: Ifraz Ali
އާ އަހަރު ފެށި، އެއް މަސް ފާއިތުވެ އެ ދިޔައީ، މިދިޔަ އަހަރު އޮލިމްޕަހުގައި އެންމެފަހުން އެޅުވި ފިލްމަށް ފަހު، އެ ސިނަމާއަށް އައި އަނދިރިކަމުގައި އިތުރު އެއްވެސް ފިލްމެއް ނާޅުވަ އެވެ. ހަތަރު މަސް ވެއްޖެ އެވެ. ފަޅުވެފައި އޮތް އޮލިމްޕަހުގެ އަނދިރިކަމަށް، އަލިކަމެއް ލިބޭނީ މި އަހަރު އެންމެ ފުރަތަމަ ސިނަމާއަށް އަންނަ އަލީ ސީޒަންގެ ފެމެލީ ޑްރާމާ ފިލްމު "އަނދިރިކަން" އިންނެވެ. -- މިހެން ބުންޏަސް މިހާރު ވެސް މިދިޔަ އަހަރުގެ ބައެއް ފިލްމުތައް އަލުން އެބަ ސްކްރީނުކުރެ އެވެ.
މި ފިލްމު އަޅުވަނީ އަންނަ މާޗު މަހު ހަތަރެއްގަ އެވެ.
"އަނދިރިކަން" ގެ ޓްރެއިލާ.
އާންމުކޮށް ނިކުންނަ ދިވެހި ފިލްމުތަކުގެ ޒަމާންވީ ސްޓައިލުގައި، އާއިލީ މައްސަލަތަކެއްގެ ތެރެއަށް ލޯތްބާއި ޖަޒުބާތާއި އަދި ހިތާމާއިގެ މަންޒަރުތަކެއް ލައިގެން ގެނެސްދޭ މި ފިލްމަކީ، އެ ކަހަލަ އަސަރުގަދަ ފިލްމުތަކަށް ލޯބިކުރާ މީހުނަށް ވަރަށް ކަމުދާނެ ފިލްމެއް ކަމަށް އެކި އިންޓަވިއުތަކުގައި ސީޒަން ބުނެފައި އެބަހުއްޓެވެ. އަހްމަދު ޒަރީރްގެ ސްކްރީންޕްލޭއަކަށް ހަދާ މި ފިލްމުގައި އަސަރު ހުންނާނެވަރު، މިހާރު އާންމުކޮށްފައިވާ ފިލްމުގެ ޓްރެއިލާއިން ވެސް ފެނެ އެވެ.
"އަނދިރިކަން" ގެ ޕޯސްޓަރެއްގައި ޒީނަތު އައްބާސް.
ސީޒަން އަމިއްލަ އަށް ޑައިރެކްޓްކޮށް، އަދި ލީޑު އެކްޓަރުގެ ރޯލު ވެސް ކުޅޭ މި ފިލްމުގެ ކާސްޓުގައި ހިމެނޭ އިތުރު ތަރިންނަކީ ޝީލާ ނަޖީބް، އައިމިނަތު ރިޝްފާ، ޒީނަތު އައްބާސް، އަހުމަދު ސައީދު، މަރިޔަމް ޝަކީލާ އަދި މުހައްމަދު ރަޝީދު (ދަރާ) އެވެ.
"އަނދިރިކަން" ގެ މަންޒަރެއްގައި ސީޒަނާއި ޝީލާ އަދި ދަރާ.
ސީޒަންގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، އެސް ފިލްމްސް އާއި ކެމެރާމަން އަބްދުﷲ ޝިވާޒް (މާސްކޭ) ގެ މާސްކޭ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ މި ފިލްމު ފުރަތަމަ އަޅުވަން އުޅުނީ މިދިޔަ އަހަރު އޮކްޓޯބަރު މަހު އެވެ. ޓިކެޓް ވެސް ވިއްކި އެވެ. އެކަމަކު ފިލްމުގެ ފައިލަށް މައްސަލަތަކެއް ދިމާވެގެން ކަމަށް ބުނެ އެ ފަހަރު ކެންސަލްކުރީ އެވެ. ޓިކެޓް ނެގި މީހުނަށް އެފަހަރު ރީފަންޑް ވެސް ދިނެވެ.