5 Mar 2020

By: Ifraz Ali

ފިލްމު އުފެއްދުންތެރިޔާ ޖޭމްސް ކެމެރަންގެ "އެވެޓާ"، ބޮކްސް އޮފީހުގެ ރަން ތާޖު އަޅުވައިގެން އޮންނަތާ ދިހަ އަހަރުވީ ފަހުން، އެ ތާޖު އަތުލީ މާވެލްގެ "އެވެންޖާސް: އެންޑްގޭމް" އިންނެވެ. އެކަމަކު މިކަމަކާ ކެމެރަން މާ ކަންތައް ބޮޑެއްނުވެ އެވެ. ހުރީ އުފަލުންނެވެ. އެއީ ފިލްމު ބަލަން ސިނަމާ އަށް ދިއުމުގެ ފޯރި، އަދިވެސް މީހުންގެ މެދުގައި އޮތް ކަމުގެ ހެއްކަކަށް އެކަން ވާތީ އެވެ. އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަ "އެވެޓާ" ގެ ސީކުއެލް އަށް ތަރުހީބު ލިބޭނެ ކަމުގެ އުއްމީދު އާވީމަ އެވެ.

އެވެޓާގައި ދައްކާ، ޕެންޑޯރާގެ ދުނިޔެ އަށް އަނބުރާ ދިއުމަށް ކެމެރަން އަބަދު ވެސް ބޭނުންވި އެވެ. އޭނާ އެ ވާހަކަ ދައްކަމުން އަންނަތާ ވެސް ޒަމާންގަނޑެއް ވެއްޖެ އެވެ. އެވެޓާގެ އިތުރު ހަތަރު ފިލްމެއް އުފައްދަން މިހާރު އޮތީ ރާވާފައި އެވެ. އަދި ސީރީޒެއްގެ ގޮތުގައި ގެނެސްދޭ އެ ހުރިހާ ފިލްމުތަކެއް ދައްކާ ނިމޭނީ 2027 ވަނަ އަހަރު އެވެ. އެވެޓާގެ ފުރަތަމަ ސީކުއެލްގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށް ކެމެރަން ވަނީ ބުނެފަ އެވެ. އެ ފިލްމާ ބެހޭގޮތުން އަދި އެނގެނީ މި ވަރަށެވެ؛

ފިލްމު އަޅުވާ ތާރީހު

ކުރިން މި އަހަރު ޑިސެމްބަރުގައި އަޅުވާ ގޮތަށް އޮތް ނަމަވެސް، މިހާރު ތާރީހު ވަނީ ޑިސެމްބަރު 17، 2021 އަށް ބަދަލުކޮށްފަ އެވެ. މީގެ މަސައްކަތް 2017 ވަނަ އަހަރު ފެށިގެން އަންނަނީ ކުރަމުންނެވެ. ފިލްމު ގެނެސްދިނުން ލަސްވަމުންދާތީ ވެސް ކެމެރަން އެހާ ހާހެއް ނުވެ އެވެ. އެކަމާ ގުޅޭގޮތުން އޭނާ ދިން ޖަވާބު ވެސް ވަރަށް ކުރެވެ.

"އެވެޓާ" ފުރަތަމަ ފިލްމުގެ ޓްރެއިލާ.

"ޓާމިނޭޓާ ގެ ދެ ވަނަ ބައެއް ހަދަން ވެސް، އެ ދެމެދުގައި ހަތް އަހަރު މުއްދަތެއް ހޭދަވި. އޭލިން އާއި އެ ފިލްމުގެ ދެ ވަނަ ބައެއް ހަދަން ވެސް، އެ ދެމެދުގައި ހަމަ ހަތް އަހަރު ހޭދަވި،" އޭނާ ޖަވާބަކީ މި އެވެ.

އެވެޓާގެ ޓައިޓަލް

ސީކުއެލް ފިލްމުތަކުގެ ޓައިޓަލް އަދި ހާމައެއް ނުކުރެ އެވެ. ބީބީސީން ރިޕޯޓްކުރި ގޮތުގައި އެ ފިލްމުތަކުގެ ޓައިޓަލް އަށް ވާނީ "އެވެޓާ: ދި ވޭ އޮފް ވޯޓާ"، "އެވެޓާ: ދި ސީޑް ބިއަރާ"، "އެވެޓާ: ދި ޓުލްކުން ރައިޑާ" އަދި "އެވެޓާ: ދި ކުއެސްޓް ފޯ އެއިވާ" އެވެ. މި ޓައިޓަލްތައް އަސްލު ޓައިޓަލްތަކާއި ވަރަށް ގާތްކުރާ ކަމަށް ކެމެރަން ވަނީ ބުނެފަ އެވެ.

ކާސްޓް: އެނބުރި އަންނާނީ ކޮން ބައެއް؟

އެވެޓާގެ ފުރަތަމަ ފިލްމުގެ މެއިން ކާސްޓް އޮތީ ސީކުއެލްތައް ކުޅެން ކޮންޓްރެކްޓުގައި ސޮއިކޮށްފަ އެވެ. ނެއިތުރީގެ ގޮތުގައި ޒޯއީ ސެލްޑާނާ އަދި ޖޭކް ސްކަލީގެ ގޮތުގައި ސޭމް ވޯތިންޓަން ވެސް ފެންނާނެ އެވެ. ފުރަތަމަ ފިލްމުގައި މަރުވި، ސިޖޯނީ ވީވާ އަދި ސްޓެފެން ލޭންގްގެ ވެސް ސީކުއެލްގައި ފެންނާނެ އެވެ. އެކަމަކު އެ ދެމީހުންގެ ކެރެކްޓާ ދެން ގެނެސްދޭނީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ.

"އެވެޓާ" ސީކުއެލްގެ ފޭން ޓްރެއިލާ.

އާ ތަރިންގެ ތެރޭގައި "ގޭމް އޮފް ތުރޯންސް"ގައި އުޅުނު އޫނާ ޗެޕްލިން އާއި "ފިއާ ދި ވޯކިން ޑެޑް"ގައި އުޅުނު ކުލިފް ކާޓިސް އާއި "ނާސް ޖެކީ"ގައި އުޅުނު އެޑީ ފެލްކޯ އަދި ކެމެރަންގެ "ޓައިޓޭނިކް" ގެ ލީޑު ރޯލު ކުޅުނު އެކްޓްރެސް، ކޭޓް ވިންސްލެޓް ވެސް އުޅޭނެ އެވެ. މީގެ އިތުރުން "ސްޓާ ޓްރެކް: ޑިސްކަވަރީ"ގައި އުޅުނު މިޝޭލް ޔޫ އަދި ވިން ޑީސެލް ވެސް ފެންނާނެ އެވެ.

ހޮލީވުޑް އެވަޓާ ސިލްސިލާ ޖޭމްސް ކެމަރޯން އެވަޓާ

Popular