By: Ahmed Jaishan
އަންނަ ހަފުތާ ބަންދުގައި އެއްވެސް ކަމެއް ނެތިއްޔާ، ހަމަޖެހިލައިގެން ބަލާނެ ބައިވަރު ފިލްމުތައް އެބަހުއްޓެވެ. އެކަމަކު ޗޮއިސްތައް ގިނަވެގެން ބަލާނެ އެއްޗެއް ނޭނގޭ ނަމަ އެ ކަން ފަސޭހަކޮށްލަން މި އޮތީ ކުޑަ ލިސްޓެކެވެ. މި ހަފުތާގެ އެންމެ ބޮޑު ރިލީޒަކަށް ވާނީ ޑިޒްނީ އާއި ޕިކްސާގެ އާ އެނިމޭޝަން ފިލްމު "ލޫކާ" އެވެ. ލޫކާގެ އިތުރުން ލިސްޓަށް އިތުރު ކޮށްލާނީ ބިރުވެރި ފިލްމަކާއި ތުރިލާއެކެވެ.
ޑިޒްނީ އާއި ޕިކްސާ އެނިމޭޝަންގެ އާ ފިލްމު "ލޫކާ"ގެ ޓްރެއިލާ ނެރުމާ އެކު ގިނަ ބައެއްގެ އުއްމީދުތަކެއް އާވި އެވެ؛ ޑިޒްނީގެ ތަފާތު ވާހަކައަކާއި ރީތި އެނިމޭޝަންތަކެއް ބަލައިލަން ލިބުނެވެ. ލޫކާ ހަމަ ވަރަށް ރީއްޗެވެ.
ލޫކާ ގައި ފެންނަނީ "ސީ މޮންސްޓާ"ތަކެއްގެ ދިރިއުޅުމެވެ. އޭގެ ތެރެއިން ވެސް މެއިން ރޯލުން ފެންނާނީ ލޫކާގެ ވާހަކަ އެވެ. ކަމިން އޮފް އޭޖް ޑްރާމާއެއްގެ ގޮތުގައި ނެރުނު ލޫކާ އަށް އެއްގަމު ދިރިއުޅުމުގެ އެއްވެސް ކަމެއް ނޭނގެ އެވެ. އޭނާ އަށް އެނގޭހާ ވެސް އެއްޗަކީ އިންސާނުންނަށް ނުފެންނަ ގޮތަށް އުޅުމަށް އާއިލާ އިން އަބަދު ދޭ ނަސޭހަތެވެ.
އެ ހުރިހާ ކަމެއް ބަދަލުވަނީ ލޫކާއާ އަލްބާޓޯ ބައްދަލުވާ ހިސާބުންނެވެ. ލޫކާ އާއި އަލްބާޓޯ އެކުވެރިންނަށްވެ، އެއްގަމަށް ގޮސް މުޅިން އާ ދުނިޔަކަށް ވަދެ އެވެ. އަލްބާޓޯ އުޅެނީ އެއްގަމުގަ އެވެ. އެމީހުންގެ ހަގީގަތް ފޮރުވައިގެން، އިންސާނުން އުޅޭ އަވަށަކަށް ދެ ކުދިން ދެ އެވެ. އެ އަވަށުގައި އޮތް ހާއްސަ މުބާރާތެއްގައި ދެ ކުދިން ބައިވެރިވެ އެވެ.
ޑިޒްނީގެ ސްޓްރީމިން ސާވިސް ޑިޒްނީ ޕްލަސް އިން ލޫކާ ސްޓްރީމް ކުރެވޭނެ އެވެ.
މި އަހަރު ނެރެފައިވާ ފިލްމު ސެންސާ އަކީ 80ގެ ތީމަށް ސެޓުކޮށް ތައްޔާރުކޮށްފައިވާ ބިރުވެރި ފިލްމެކެވެ. ފިލްމުގައި ލީޑުން ފެންނާނީ އީނިޑް ކިޔާ ޒުވާން އަންހެނެކެވެ. އީނިޑް މަސައްކަތް ކުރަނީ ސެންސާ ބޯޑަށް ލިބޭ ފިލްމުތައް ބަލައި އެ އެޕްރޫވް ކުރުމަށެވެ. އީނިޑް އާންމުކޮށް އުޅެނީ ހުރިހާ އެންމެނާ ވެސް ދުރުން އެއްވެސް ބަޔަކަށް ނޭނގޭ ގޮތަށެވެ. ނަމަވެސް އޭނާ އެޕްރޫވް ކުރާ ފިލްމަކާ ގުޅިގެން އީނިޑް މީޑިއާގެ ސަމާލުކަން ހޯދަ އެވެ. އޭނާ އެޕްރޫވް ކުރި ފިލްމަކާ ސީރިއަލް ކިލާއަކާ ހުރި ގުޅުމާ އެކު އީނިޑް ހޫނުފެނަށް ވެއްޓެ އެވެ. ނަމަވެސް އެހާ ހިސާބުން އަދި ކަންތައް ގޯސްވާން ފެށީ އެވެ. އެ ފިލްމާއި އީނިޑް އާ ވެސް ގުޅުމެއް އޮތްކަން އޭނާ އަށް އިނގެ އެވެ. އޭނާގެ ކޮއްކޮގެ މަރާއި އެ ފިލްމާ ގުޅުމެއް އޮތް ކަން ފަޅާއަރާ ހިސާބުން އީނިޑް އެ ފިލްމުގެ މައުލޫމާތު އިތުރަށް ހޯދަން ފަށަ އެވެ.
ސެންސާ ބަލަން ބޭނުންވާ މީހުންނަށް މިހާރު އެ ފިލްމު ވީޑިއޯ އޮން ޑިމާންޑްކޮށް ގަނެލެވޭނެ އެވެ.
ފްރެޑީ ހައިމޯ އާއި އެސްޓްރިޑް ބާގެސް އެކީގައި ފެންނަ ތުރިލާ، ދަ ވޯލްޓް އަކީ މުޅި ވަގުތު ސަމާލުކަން ދަމާލާނެ ފިލްމެކެވެ. ފިލްމުގެ މައިގަނޑު ޕްލޮޓުގައި ފެންނާނީ ބޭންކް އޮފް ސްޕެއިންގެ ވޯލްޓުން ހާއްސަ އެއްޗެހިތަކެއް ވަގަށް ނަގަން އުޅޭ މިޝަނަކަށެވެ. އެ ވޯލްޓުގައި ހުންނަނީ ތާރީހީ ޓްރެޝާތަކެއް ކަން އެނގެނީ އެތަނަށް ދާން އުޅެނިކޮށެވެ. އެ ޓްރެޝާ އަކީ ސްޕެއިންގެ މެރީން އާކިއޯލޮޖިސްޓަކަށް ފެންނަ އެއްޗެކެވެ. އޭނާއަށް އެ ފެނިފައިވަނީ ކަނޑަށް ފެތިފައިވާ ބޮޑު ނަވެއްގެ ތެރެއިންނެވެ. ނަމަވެސް ސްޕެއިންގެ ސަރުކާރަށް އެ މައުލޫމާތު ލިބުމުން އެ ޓްރެޝާ އަތުލުމަށް ފަހު ވަނީ ވޯލްޓަށް ލާ ފޮރުވައިފަ އެވެ. ހާއްސަ ވިޔަފާރިވެރިއެއް އުފައްދާ ޓީމުން މަސައްކަތް ކުރާނީ އެ ޓްރެޝާ ނަގާށެވެ.
ދަ ވޯލްޓް ވެސް ބަލަން ބޭނުންވާ މީހުންނަށް ވީޑިއޯ އޮން ޑިމާންޑް ކޮށް ފިލްމު ގަނެލެވޭނެ އެވެ.