30 Jun 2021

By: Ahmed Jaishan

ރާއްޖޭގައި އިޖުތިމާއީ މައްސަލަތައް ގިނަ އެވެ. ނަމަވެސް އެ މައްސަލަތަކަށް އަދިވެސް ވާހަކަ ދައްކާ މިންވަރު މަދެވެ. އެފަދަ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަން ފެށުމަށް ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) މިހާރު ތައްޔާރު ވަނީ އެވެ. އޭނާގެ ފިލްމު ޕްރޮޑަކްޝަން އައި ފިލްމްސް އާއި އިތުރު ޕްރޮޑަކްޝަނެއް ގުޅިގެން ނެރޭ ސީރީޒް "މަޒްލޫމް" އަކީ އިޖުތިމާއީ މައްސަލަތަކަށް އަލިއަޅުވާލާނެ ސީރީޒެކެވެ.

އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން ތައްޔާރުކުރާ މަޒްލޫމް އަކީ އިޖުތިމާއީ ތަފާތު ވާހަކަތައް ދައްކައިދޭ އެންތޯލޮޖީ ސީރީޒެކެވެ. ކުރު ފިލްމުތަކެއްގެ ގޮތުގައި ކޮންމެ އެޕިސޯޑެއްގައި ދައްކާނީ ތަފާތު އިޖުތިމާއީ މައްސަލަތަކެކެވެ.

އިއްލެ ބުނި ގޮތުގައި ހަތަރު ކުރު ފިލްމު ހިމެނޭ އެ އެންތޯލޮޖީގައި ކޮންމެ ފިލްމެއްގައި ވެސް ތަފާތު އިޖުތިމާއީ މައްސަލަތައް ހިމެނޭނެ އެވެ. އޭގެތެރޭގައި ރޭޕާއި އެބިއުސް ފަދަ މައްސަލަތައް ހިމެނެ އެވެ.

"އިއްލެގެ ހުރިހާ ފިލްމެއްގައި ވެސް މަސައްކަތް ކުރަނީ ކޮންމެވެސް ކަހަލަ އިޖުތިމާއީ ކޮންމެވެސް މައްސަލައަކަށް އަލިއަޅުވާލައި އެކަމަށް އެވެއަނެސް އިތުރު ކުރުން،" އިއްލެ ކިޔައިދިނެވެ.

އިއްލެ ނެރުނު ފުރަތަމަ ފިލްމު "ނީނާ"ގައި ވެސް އަލި ދައްކަނީ އެބިއުސް ފަދަ އިޖުތިމާއީ މައްސަލަ އެވެ.

މަޒްލޫމްގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އެ އެންތޯލޮޖީގެ ޝޫޓިން ނިންމާލީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެވެ. އެ އެންތޯލޮޖީ އިން ފެންނާނީ ނުޒުހަތު ޝުއައިބު އާއި ޝަރަފް އަބްދުﷲ އާއި އަހުމަދު އިފްނާޒް އަދި ވާޝިޔާ މުހައްމަދެވެ.

ވާޝިޔާ ބުނިގޮތުގައި ފިލްމުގެ ޝޫޓިން އަށް ނެގީ ގާތްގަނޑަކަށް ތިން ދުވަހެވެ.

"ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމާލީ ޝޫޓިން. އަސްލު ކުރިން ބައި ތައްޔާރު ވެގެން ތިބީ ވަރަށް ބޮޑަށް. އިއްލެ އޮތީ ކުރިން ބައި ސްކްރިޕްޓް ވެސް ދީފައި،" އޭނާ ބުންޏެވެ.

އެންތޯލޮޖީއާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަމުން ވާޝިޔާ ބުނީ މުޅި ޓީމުން ވެސް ވަރަށް ރަނގަޅު އެކްސްޕީރިއެންސެއް ލިބުނު ކަމަށެވެ. އަދި މަޒްލޫމް އަކީ އިޖުތިމާއީ އެކި މައްސަލަތަކަށް އަލި އަޅުވާލާ އެއްޗަކަށް ވުމުން އޭގެ ސަބަބުން ހޭލުންތެރިކަން އިތުރުވެ އެފަދަ މައްސަލަތަލަށް ވާހަކަ ދައްކާނެ މަގެއް ފަހިވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވާޝިޔާ ފާހަގަކުރިއެވެ.

މަޒްލޫމްގެ ޕޯސްޓް ޕްރޮޑަކްޝަން ކުރިއަށްދާއިރު އެ ނެރޭނެ ސީދާ ދުވަހެއް އަދި ނޭނގެ އެވެ. ނަމަވެސް އެ އެންތޯލޮޖީ ފެންނާނީ ރާއްޖޭގެ ސްޓްރީމިން ސާވިސް ބައިސްކޯފުންނެވެ.

ދިވެހި ފިލްމް

Popular