30 Jan 2018

މަލަކަށް ދޫކުރާނެ މަލެއް ނެތް

މަލަކަށް ދޫކުރާނެ މަލެއް ނެތް

By: Aishath Maaha

ޝީލާ ނަޖީބާއި ނިއުމާ މުހައްމަދުމެން ފަދަ ތަރިންނަށް ފަހު މިއަދު ފިލްމީ ދާއިރާގެ އެންމެ ޒުވާން ރާނީންގެ މަގާމަށް ވާދަކުރަނީ މި ތަރިންނެވެ. މަރިޔަމް އައްޒަ، ފާތިމަތު އާޒިފާ އަދި މަރިޔަމް މަޖުދާ އެވެ. ދާއިރާގައި ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެފައިވާ ތަރިންތަކެކެވެ. ކުޅުނު ފިލްމުތަކާއި ލަވަތަކުން ދާއިރާގެ އެންމެ އުހަށް މިސްރާބު ޖަހައިފަ އެވެ.

އެންމެ ގިނަ ފިލްމުތަކުން ފުރުސަތު ހޯދައި ފިލްމީ ދާއިރާގައި އެންމެ ކުރީގައި އުޅޭ ތަރިންނަކީ މިއީ އެވެ. މި ތިން ތަރިންގެ ތެރެއިން ވެސް އެންމެ މޮޅީ ކޮން ތަރިއެއް ހެއްޔެވެ. އެންމެ ކުރިން އައްޒަގެ ނަން ގެނައި ނަމަވެސް އެއީ އެހެން ތަރިންނަށް ވެވޭ ބޭއިންސާފަކަށް ވާނެ ހެނެއް ހިއެއް ނުވެ އެވެ. މިހާތަނަށް އެންމެ ގިނަ ފިލްމާއި ލަވަ ކުޅެފައިވަނީ ވެސް އައްޒަ އެވެ. އެހެން ތަރިންނާ އަޅާބަލާއިރު އައްޒަ މި ދާއިރާގައި ހޭދަކޮށްފައިވާ މުއްދަތު ވެސް ދިގެވެ. މިދިޔަ އަހަރުވެސް ތިން ފިލްމެއްގެ ލީޑު ރޯލުން އައްޒަ ފެނުނެވެ. އަދި މިހާރުވެސް ގިނަ ފިލްމުތަކެއް ލިބިފައިވާއިރު އައްޒަ މިހާރުވެސްވީ ބޮޑު ފިލްމެއްގެ ޝޫޓިންގައި އއ. އުކުޅަހުގަ އެވެ. އޭގެ އިތުރަށްވެސް ގިނަ ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ.

އައްޒަ

އައްޒަ އަކީ ހަމަޔަގީނުންވެސް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ ފަސްޓް ޗޮއިސް އެކެވެ. ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އައްޒަ ސިފަކުރަނީ ވަރަށް ވާސަޓައިލް އަދި ދާއިރާއިން ކުރިއަށް ދިއުމަށް މަސައްކަތްކުރާ ތަރިއެއްގެ ގޮތުގަ އެވެ. އަދި އައްޒަ އަކީ ރިސްކު ނަގަން ކެރޭ ތަރިއެއްގެ ގޮތުގައިވެސް ބައެއް ޑައިރެކްޓަރުން ސިފަ ކުރެ އެވެ. ރާއްޖޭގެ އެންމެ މޮޅު ބަތަލާއަށް ވެވިދާނެ ތަރިއެއް ކަމަށް ބުނެ އެވެ. މަރިޔަމް މަޖުދާ އަކީވެސް މިއަދު އެންމެ ބާރަށް ފިޔަޖަހަމުން އަންނަ އެއް ތަރި އެވެ. ޑާކްރެއިން އެންޓަޓެއިންމަންޓާއެކު ފިލްމީ ދުނިޔެއަށް ނުކުމެ މިހާތަނަށް ތިން ފިލްމެއްގެ ލީޑް ރޯލުން މަޖޫ ވަނީ ފެނިފަ އެވެ. މި އަހަރު ޑާކްރެއިނުން ގެނެސްދޭ "ވަކިން ލޯބިން"ގައި ވެސް މަޖޫ ފެނިގެންދާނެ އެވެ. މިއީ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ފެންނަ ފުރަތަމަ ފަހަރެވެ.

މަޖޫ

މަޖޫގެ ހަތަރު ވަނަ ފީޗާ ފިލްމު ނުކުންނަން ތައްޔާރުވެފައިވާއިރު މިދިޔަ ޑިސެމްބަރު މަހު ބޭއްވި އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި އޭނާ ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑް ހާސިލްކޮށްފަ އެވެ. އެ އެވޯޑް މަޖޫ ހާސިލްކޮށްފައިވަނީ "ވާށޭ މަށާ އެކީ"ގައި އޭނާ ދައްކާފައިވާ އެކްޓިން އިންނެވެ. އޭގެ އިތުރުން މަޖޫ ވަނީ ކޮސްޓިއުމް، މޭކަޕް އަދި އެންމެ މޮޅު ކޮރިއޮގްރަފީގެ އެވޯޑް ވެސް ހާސިލްކޮށްފަ އެވެ. އަދިި އެންމެ މޮޅު ނިއު ކަމާގެ އެވޯޑް ވެސް ހޯދި އެވެ. ފިލްމީ ދާއިރާގައި ހަތަރު ވަރަކަށް އަހަރުގެ ތަޖުރިބާއާ އެކު މަޖޫ ސިފަކުރަނީ ފިލްމީ ދާއިރާގެ ދެވަނަ ނިއުމާ މުހައްމަދުގެ ގޮތުގަ އެވެ. ފާތިމަތު އާޒިފާ ނުވަތަ އަޒޫ ސިފަވަނީ ނުފޫޒު ގަދަ ނުވަތަ ރުޅިގަދަ ރޯލުތަައް ނިކަން މޮޅަށް ދައްކާލާ ތަރިއެއްގެ ގޮތުގަ އެވެ. އަޒޫގެ އެންމެ މޮޅު އެކްޓިންތައް ފެނިގެންގޮސްފައިވަނީ ވެސް އެފަދަ ރޯލަކުންނެވެ. މިދިޔަ އަހަރު އެޅުވި "ބޮސް"ގައި އަޒޫ ދައްކާފައިވާ އެކްޓިން ގިނަ ބަޔަކަށް ކަމުދިޔައީ ވެސް އެހެންވެ އެވެ.

ފާތިމަތު އާޒިފާ

މާގިނަ ލީޑްރޯލުތަކުން ނުފެނުނު ނަމަވެސް އަޒޫގެ ޖާދޫ ވަނީ ނިކަން ގަދައަށް ފިލްމީ ދާއިރާއަށް ދައްކާލައިފަ އެވެ. އަޒޫ ގިނައިން ފެނިފައި ހުރީ ސަޕޯޓިން ރޯލުތަކުންނެވެ. ކުދިކުދި ފިލްމުތަކުގެ ލީޑް ރޯލުން އަޒޫ ފެނިފައި އެބަހުއްޓެވެ. އަޒޫއަކީ ވެސް ދާއިރާގެ އެއް ނަންބަރުކަން އޭނާ ސާބިތުކޮށްދެނީ ހޯދާފައިވާ އެވޯޑްތަކުންނެވެ. ހަތް ވަނަ ގައުމީ ފިލްމު އެވޯޑްސްގައި އޭނާ ކުޅެފައިވާ "ލޫދިފާ" އިން ބެސްޓް ސަޕޯޓިން އެކްޓްރެސް އަދިި މިދިޔަ އަހަރު ބޭއްވި އަށް ވަނަ ފިލްމު އެވޯޑްސްގައި ވެސް ދެ އެވޯޑެއް ވަނީ އުފުލާލައިފަ އެވެ. އެއީ ބެސްޓް ސަޕޯޓިން އެކްޓްރެސްގެ އެވޯޑް އަދި ކުރު ފިލްމު ބައިން އެންމެ މޮޅު ބަތަލާގެ އެވޯޑެވެ. މިއަހަރުވެސް އަޒޫގެ ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އެ ފިލްމުތަކުގައި އޭނާ ފެންނާނީ ތަފާތު ރޯލުތަކަކުންނެވެ.

މީގެ ތެރޭގައި މަލަކަށް ދޫކުރާނެ މަލެއް ނެތެވެ. އެންމެން ވެސް މޮޅެވެ. އެންމެ މޮޅީ ކާކުހެއްޔެވެ؟

ދިވެހި ފިލްމް އިންޑަސްޓްރީ

Popular