By: Ahmed Nadym
ޖުމައްޔިލް ނިމާލް ރިހި އިސްކިރީނަށް ގެނެސްދިން ފިލްމު އެއް ބަޔަކު ސިފަކޮށްފައި ވަނީ ލޮލާއިބޮލަށް ތުރާކުރުވި އަނިޔާއެއްގެ ގޮތުގަ އެވެ. ކަންދިމާކުރި ގޮތުން އެ ފިލްމުގެ ނަމަކީ ވެސް "އަނިޔާ" އެވެ. އެކަމަކު ޖުމައްޔިލް ވެގެންދިޔައީ އެ ފިލްމުގެ އަނިޔާއިން ވަރަށް ގިނަ ބެލުންތެރިންނާއި ފިލްމުގެ ޑައިރެކްޓަރު ވެސް ސަލާމަތްކޮށްދިން ރީތި ސަބަބަކަށެވެ. ވަކިން ހާއްސަކޮށް އަންހެންކުދިންގެ މެދުގައި ޖުމައްޔިލް ވެގެންދިޔައީ އިންސްޓެންޓް ހިޓަކަށެވެ. ނުވަތަ ބޮޑު އަރާމުގަނޑަކަށޭ ބުންޏަސް އެންމެ ރަނގަޅުވާނެ އެވެ. އޭގެ ފަހުން ޑާކް ރެއިން އެންޓަޓެއިންމަންޓުން ސީދާ ޒުވާން އޯޑިއެންސަކަށް ޖުމައްޔިލް ލައްވައި ކުޅުވަމުންގެންދާ ލޯބީގެ ފިލްމުތައް މިހާރު ވެސް މިކަން ސާބިތުކޮށްދެ އެވެ. ޑާކް ރެއިންގެ ފިލްމުތަކުގެ ވިޔަފާރި ކުއްލިއަކަށް ވިލާތަކަށް ވުރެ އުހަށް އަރައިގެން ދިއުމުގެ ފަހަތުގައި، ހަމަ ހަގީގަތުގައި ވެސް ޖުމައްޔިލްގެ ހިއްސާ ވަރަށް ބޮޑެވެ. އޭނަގެ އެ ލޯބި މޫނާއި ހިނިތުންވުމާއި ރީތިކަން ދެކިލުމަށް ފިލްމަށް ދާ ޒުވާން ވަރަށް ގިނަވެއްޖެ އެވެ.
އެކަމަކު ދެ ތިން ފިލްމުން އޮލިމްޕަސް ފަތަހަކޮށް ބެލުންތެރިންގެ ހިތްތަކަށް ވެރިވެގެންފައިވާ މި ޒުވާނާއަކީ މޮޅު އެކްޓަރެއް ހެއްޔެވެ؟ ޝައުގުވެރިކުރުވަނިވި ސުވާލަކީ އަދި ބޮޑު ވާހަކައަކީ ވެސް މިއެވެ. އަދި މިއަށްވުރެ ބޮޑު ސުވާލަކީ ދިވެހި ސިނަމާގެ ތާރީޚުގައި އުފެދުނު އެންމެ ކުޅަދާނަ އެއް އެކްޓަރު ކަމުގައިވާ އަހުމަދު ނިމާލްގެ ދަރިއެއްގެ ގޮތުގައި ޖުމައްޔިލް އަށް މި ރޭހުގައި ކިހާ ދުރަކަށް ދެވިދާނެތޯ އެވެ؟ ނިމާލް އާއި ދިވެހި ސިނަމާ ފަހުރުވެރިކޮށް، ނިމާލް ވަރުގެ އެކްޓަރަކަށް ދުވަހަކު ވެސް ޖުމައްޔިލް ބަދަލުވެދާނެތޯ އެވެ؟
އެކަމަކު މިހުރިހާ ވާހަކައެއް އިހަށް ދޫކޮށްލާފައި ޖުމައްޔިލްގެ ފެށުމަށް ދަމާ ހިނގާށެވެ.
ފިލްމެއްގެ ލީޑު ރޯލަކުން އަލަށް ފެނި، މީހުންނަށް ކަމުގޮސް، ލީޑް ރޯލުތަކުން ކޮންމެ ދުވަހަކު ފެންނަ މޫނަކަށް ބަދަލުވުމުގެ ކުރިން ޖުމައްޔިލް އަކީ ފިލްމު ސެޓްތަކުގައި ޑައިރެކްޓަރުންނާއި ޕްރޮޑަކްޝަން ޓީމުގެ މެމްބަރުންނަށް އަތްފަސޭހަކޮށްލަ ދޭން އުޅުނު ކުޑަކުޑަ ސޮރެކެވެ. އޭގެ ކުރިން އޭނާ އުޅުނީ އައިލެންޑް އެވިއޭޝަންގައި ޗެކިން ސްޓާފެއްގެ ވަޒީފާގަ އެވެ. އެއީ ސްކޫލް ނިންމާލި ގޮތަށް އޭނާ ނުކުތް ފުރަތަމަ ވަޒީފާ އެވެ. އެހެންވީމަ ރާއްޖޭގެ މަޝްހޫރު އެކްޓަރެއްގެ ދަރިއަކަށް ވިޔަސް މިވަރުގެ މަޝްހޫރުކަމަކާއި ލޯތްބަކާއި ސަމާލުކަމެއް ފަސް ވަރަކަށް އަހަރުގެ ތެރޭގައި ދިރިއުޅުމަށް ބަންޑުންވެދާނެ ކަމަށް ޖުމައްޔިލްގެ ހިތަކަށް ވެސް ނާރާނެކަން އަހަންނަށް ޔަގީނެވެ. އެކަމަކު، ހިތުން، ހިތުގެ އެންމެ ފުންމިނުން އޭނާ އަކީ ހަމަ އަބަދުވެސް ސްޓާރެކެވެ.
"އޭރު ޓީވީ އިން ފެންނާނެ ބައްޕަ. އެގޮތަށް ފެނިފެނި މިކަމަށް އަސްލު ހިތްޖެހުނީ. ވެދާނެ ބައްޕައަކީ އަހަރެންގެ އެންމެ ބޮޑު އިންސްޕިރޭޝަނަށް ވެސް މި ކަމުގައި. އެކަމަކު ފިލްމު ކުޅޭ ހިތްވިޔަސް އެންމެ ފުރަތަމަ އެ ވާހަކަ ދައްކާކަށް ނުކެރޭ. އެކަން އޮތީ ފޮރުވިފައި. ފިލްމު ކުޅެން ބޭނުންވާކަން ބައްޕަ އަށް ވެސް އެނގުނީ ވަރަށް ފަހުން،" ޖުމައްޔިލް ބުނެފައިވެ އެވެ.
އެކަމަކު އެ ސިއްރު، ސިޓީއަކުން ނަގައި ބައްޕަ އަށް ކިޔައިދިން ދުވަހުން ފެށިގެން ދެބަފައިން ބައްދަލުވި ކޮންމެ ފަހަރަކާއި އެރި ކޮންމެ ކޮފީއެއްގައި ދެކެވުނީ ހަމަ އެންމެ ވާހަކައެކެވެ. ޖުމައްޔިލް ކުޅޭނެ ފިލްމަކާއި އެ ފިލްމުގައި އޭނާ ކުޅޭނެ ރޯލެއްގެ ވާހަކަ އެވެ.
"ދެން އެންމެފަހުން ބައްޕަގެ ފިޔަވަޅުމަތިން ގޮސް މި ފިލްމު ކުޅުނީ،" ފިލްމު އަނިޔާ އަށް އިޝާރާތްކޮށް ޖުމައްޔިލް ބުންޏެވެ.
"ބައްޕަ ބޭނުން ނުވީ ކަމަށް ވެދާނެ އާދައިގެ ރޯލަކުން އަހަރެން ދާއިރާ އަށް ނުކުންނަން. އެހެންވީމަ ބައްޕަ އެންމެ ހިތްހަމަޖެހޭ ސްޓޯރީއެއް ލިޔެ ހުރިހާ ތައްޔާރީއެއް ބައްޕަކުރީ."
އެކަމަކު ޖުމައްޔިލް ބުނަނީ ބައްޕަގެ މަސައްކަތުން އޭނަ އެންމެ ބޮޑު ސްޓާރަށް ހަދަން ބޭނުންވިޔަސް ޖުމައްޔިލްގެ ހިތުގައި އެންމެ ބޮޑު ތަރިއަކީ އެ ބައްޕަ ކަމަށެވެ.
ޖުމައްޔިލް ބުނާ ގޮތުން ނަމަ ބައްޕަ އަށް ވުރެ ބޮޑު ސްޓާރަކާ އޭނަ އަށް ބައްދަލެއް ނުވެ އެވެ. އެކަމަކު ޖުމައްޔިލްގެ ފެވަރިޓް މީހާއާ ރަނގަޅަށް ބައްދަލުވީ ފުރާވަރަށް އެރިފަހުންނެވެ. ޖުމައްޔިލް އަށް އަހަރު ނުވަނީސް އޭނާގެ މަންމަ އާއި ބައްޕަގެ ކައިވެނި ރޫޅުމާ ގުޅިގެން ވަރަށް ފަހަކާ ޖެހެންދެން ޖުމައްޔިލް އަށް އޭނާގެ ބައްޕަ އެންމެ އާންމުކޮށް، އެންމެ ގާތުން ފެނުނީ ޓީވީގެ ސްކްރީނުންނެވެ. އެންމެ ފެވަރިޓް ސުޕަސްޓާރަކަށް ނިމާލްވި ސަބަބު އެހެންވީމަ ވަރަށް ވެސް ސާފެވެ.
ޓީވީން ބައްޕަ ފެނުނުއިރު، ފިލްމު ބަލަން ފެށި ހިސާބުން ފެށިގެން ބައްޕަގެ ފިލްމެއް ވައްޓާނުލާކަން ވެސް ފާހަގަކޮށްލެވެއެވެ.
"އެންމެ ކުޑައިރު އެހާ ފިލްމެއް ނުބެލޭ. އެކަމަކު ބައްޕަގެ (ފިލްމު) ޒަލްޒަލާ އިން ފެށިގެން ހުރިހާ ފިލްމަކަށް ވެސް ދަން އަބަދުވެސް،" ޖުމައްޔިލް ބުނެފައިވެ އެވެ.
"ހަގީގަތަށް ބުނަންޏާމު ލައިފްގައި އެންމެ ޕްރައުޑްވާ އެއް ކަންތައް އެއީ، ބައްޕަ ފިލްމު ކުޅުން. ބައްޕަ، އަހުމަދު ނިމާލަށް ވުން އެއީ ވަރަށް އުފާކުރާ ކަމެއް."
އަހަރެމެން އެންމެން ވެސް އެ އުފަލުގައި ބައިވެރިވަމެވެ. އަދި އެހެން އެކްޓަރަކަށް ނުކުރާ އުއްމީދު ޖުމައްޔިލްއާ މެދު ކުރެވޭ އެންމެ ބޮޑު ސަބަބަކީ ވެސް މިއެވެ. ނަމަވެސް ބައްޕަގެ ފިޔަވަޅުމަތިން ފެށި ދަތުރުގައި އެންމެ ފިލްމަކަށް ފަހު ބައްޕައާ އެކު ދެ ވަނަ ފެނިލުމަކަށް މިހާ ދުވަސް ނަގާތީ ބައެއް މީހުންނަށް ހީވެފައިއޮތް ކުށްހީއަކީ ދެ މީހުންގެ ދެމެދުގައި ދުރުމިނެއް އުފެދި ފިލްމުގެ ވާހަކަ ނުދެކެވެނީ ކަމަށެވެ. އަދި ނިމާލްގެ ލެގަސީ ހިފެހެއްޓުމުގައި ޖުމައްޔިލް ފެއިލްވީ ކަމަށެވެ.
ނަމަވެސް ނިމާލް ގަބޫލުކުރާ ގޮތަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ -- އެންމެ ބޮޑު ސްޓާރަކީ މިހާރު ޖުމައްޔިލް ކަމެވެ. އަދި ޖުމައްޔިލް ކުރިއަށް ދަނީ ނިމާލް ވެސް ކުރިއަށް ދިޔަ މަގުން ކަމަށެވެ.
"ނިމާލްމެން ފިލްމު ކުޅެން ނުކުތްއިރަކު މިހާ ގިނަ ފުރުސަތުތަކެއް ނެތް. މިގޮތަށް ގިނަ ފިލްމުތަކެއް ކުޅުމުގެ. އެހެން ނަމަވެސް ދެ ތިން ފިލްމެއް ކުޅުނުއިރު މީހުން ޖުމައްޔިލް ވަރަށް ރަނގަޅަށް ބަލައިގެންފި،" އެކްޓަރެއްގެ ގޮތުގައި ޖުމައްޔިލް ކިހިނެއްތޯ އަހާލުމުން ނިމާލް ފެށީ މިހެންނެވެ.
"އެކައްޗަށް ވުރެ އަނެކަތި ރަނގަޅުވަމުން އަންނަކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ. އެންމެފަހުން ބެލީ ވަކިން ލޯބިން. އެ ފިލްމުގައި ޖުމައްޔިލް އެހެން މީހުންނަށް ވުރެން މާ ބޮޑަށް ވެސް ތަފާތުކަމާއި އެ ކެރެކްޓާ އަށް އޭނާ ހުސްވެފައިވާ މިންވަރު ވަރަށް ބޮޑަށް ފާހަގަކޮށްލެވުނު."
"ޖުމައްޔިލްގެ އަދި އެބައޮތް މުސްތަގުބަލު މިއަށް ވުރެ ރަނގަޅު ލީޑް ރޯލުތަކުން ވެސް ފެނުމުގެ."
ފަހަރެއްގައި ޖުމައްޔިލްއާ އެކު އިތުރު މަސައްކަތެއް ނުކޮށް މި ވަގުތަށް އޭނާ މަޑުކޮށްލައިގެން ހުރީ އެކްޓަރެއްގެ ގޮތުގައި ޖުމައްޔިލް އެންމެ ފައްކާވަންދެނެވެ.
"ފިލްމުތައް ބަލަން ޖުމައްޔިލްގެ. އަދި ރަނގަޅުކުރަން ޖެހޭ ކަންތައްތައް ކިޔައިދެން އަބަދުވެސް. އެގޮތުން ވަރަށް ބޮޑަށް ރަނގަޅުވެއްޖެ މިހާރު. ފަށައިގެން އައިއރިު ޑައިލޮގް ޑެލިވަރީގައި އުޅޭ ރާގުގެ މައްސަލަ. އެކަމަކު ފަހު ފިލްމާ ހަމައިން އެކަން ވަރަށް ބޮޑަށް ރަނގަޅުކޮށްފި."
ނިމާލް ބުނަނީ އޭނާގެ މަސައްކަތް އެގޮތުގައި ނުވަތަ އެއަށް ވުރެން ވެސް ރަނގަޅަށް ކުރިއަށް ގެންގޮސްދޭނެ މީހަކަށް ދަރިފުޅު ވާނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.
"ހީވަނީ އަހަރެން ގެނެސްދިން ކަންކަން ޖުމައްޔިލް އެގޮތުގައި ކުރިއަށް ގެންދާނެ ކަމަށް. ހީވަނީ އެހެން. ވަރަށް އުފާވޭ އޭނަ ކޮންމެ ކޮންމެ ފިލްމެއް ނުކުޅޭތީ ވެސް. އަހަރެން ފިލްމު ކުޅުނުއިރު ވެސް މޮޅު ރަނގަޅު މީހުންގެ ފިލްމާއި ޑްރާމާ ކުޅެވޭތޯ ބެލިން. އެގޮތަށް ޖުމައްޔިލް ވެސް ވަރަށް ބަލައިގެން އުޅޭތީ ވަރަށް އުފާވޭ،" ނިމާލް ބުންޏެވެ.
މިގޮތަށް ތައުރީފު އެއްލަމުން ގޮސް ޖުމައްޔިލް ރަނގަޅުކޮށްލަން ޖެހޭ ކަމަށް ބުނެ ނިމާލް ފާހަގަކޮށްލީ އެންމެ ކަމެކެވެ.
"އަނެއްކާ އޭނަ ދެން ކުޅެންވީ ވެސް ތަފާތު ކެރެކްޓާތަކެއް. މިފަހުން ދެ ތިން ފިލްމެއް އެ ދިޔައީ އެއްކަހަލަ ރޯލުތަކެއް ކުޅެމުން،" ނިމާލް ބުންޏެވެ.
"އެހެންވީމަ ރަނގަޅު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އޭނަ އަށް ތަފާތު ރޯލުތަކެއް ދީފިއްޔާމު އޭނަ ކުރިއަށް ދާނެއޭ. އޭނަ ވެސް ބޭނުންވާ ގޮތަކީ އެއީ. ތަފާތު ރޯލުތައް ކުޅުން. އޭނަގެ އެ ހުނަރު ހުރިކަން އަހަންނަށް ވެސް ފާހަގަކުރެވޭ."
ޖުމައްޔިލްގެ ބައްޕަ މިގޮތަށް ގަބޫލުކުރާއިރު އެހެން އެއްވެސް ބަޔަކު ވެސް ޖުމައްޔިލްގެ ހުނަރުވެރިކަމާ މެދަކު ސުވާލެއް ނުއުފައްދަ އެވެ. އަނެއްކޮޅުން ފިލްމީ ދާއިރާގައި ތިބި ތަޖުރިބާކާރު ނުވަތަ އެންމެ މަޝްހޫރު އެކްޓަރުންނާ ވާދަކޮށް އޭނާ "ވާށޭމަށާއެކީ" އިން ގެންދިޔަ އެންމެ މޮޅު އެކްޓަރުގެ އެވޯޑަކީ ނިމާލްގެ ފިޔަވަޅުމަތިން ގޮސް ޖުމައްޔިލް އަދި އެއަށްވުރެން ބޮޑު ތަރިއަކަށް ބަދަލުވާނެ ކަމުގެ ސިގްނަލެކެވެ.
އެކަމަކު ޖުމައްޔިލް ބުނަނީ ދެ ތިން ފިލްމުން ކިތަންމެ ބޮޑު މަޝްހޫރު ކަމަކާއި ކާމިޔާބީއެއް ލިބުނަސް އޭނާ ހުރީ ހަމަބިމުގައި ކަމަށާއި ހުންނާނީ ވެސް ހަމަބިމުގައި ކަމަށެވެ.
"ކުރިއަށް ވުރެ ރަނގަޅުވާހެން އެބަހީވޭ މިހާރު. އެކަމަކު އަދި ފިލްމީ ދާއިރާގައި މި އުޅެވެނީ ކުޑަކުއްޖަކު ފިރުކޭ ހިސާބުގައި ހަމަ. ވަރަށް ބައިވަރު ކަންތައް އެބަހުރި އަދި ދަސްކުރަން މި ދާއިރާގައި،" ޖުމައްޔިލް ބުނެލި އެވެ.
"މިއީކީ އަދި އެއްވެސް ޓޮޕް އެކްޓަރެއް ނޫން. މިއީ މާކަ މޮޅު އެކްޓަރެއް ވެސް ނޫން. ދެންމެ ބުނިހެން ކުޑަކުއްޖަކު ފިރުކޭ ހިސާބުގައި އަދި މި އުޅެވެނީ ފިލްމީ ދާއިރާގައި."
އެކަމަކު ޖުމައްޔިލް ދޭން އޮތް އުފާވެރި ޚަބަރަކީ ބައްޕައާ އެކު ފަށަން ތައްޔާރުވެފައިވާ އާ ފިލްމުގެ މަސައްކަތެވެ. މިފަހަރުގެ ފިލްމު ލިޔެ ޑައިރެކްޓްކުރުމުގެ އިތުރުން ޖުމައްޔިލްއާ އެކު ނިމާލް ވެސް އިސްކިރީނުން ފެނިގެންދާނެ އެވެ.