8 Nov 2018

އާ އަހަރުގެ ފެށުން ގަދަކޮށްލާނީ މޫމިން ފުއާދު

އާ އަހަރުގެ ފެށުން ގަދަކޮށްލާނީ މޫމިން ފުއާދު

By: Ifraz Ali

ކުޅަދާނަ ދިވެހި ފިލްމު ޑައިރެކްޓަރުންގެ ލިސްޓެއް ހަދާނަމަ، ލިސްޓުގެ ވަރަށް ކުރިއަށް މޫމިން ފުއާދުގެ ނަން ކޮންމެހެންވެސް ލާންޖެހެ އެވެ. އަބަދުވެސް ތަފާތު ދައްކަމުން އަންނަ މޫމިން، މޮޅީ ހަމައެކަނި ޑައިރެކްޝަނަަކަށް ވެސް ނޫނެވެ. ފިލްމުތަކަށް ވާހަކައާ ސްކްރީންޕްލޭ ލިޔެ، އެކަމުގައި ވެސް އެންމެމަތީ ފަޑީގަ އެވެ.

ސިނަމާގައި ފްލޮޕްވިޔަސް "ހެޕީ ބާތުޑޭ" އާއި "ލޫދިފާ" އަކީ މޫމިންގެ ލިޔުންތެރިކަމާއި ޑައިރެޝަނުގައި ގާތްގަނޑަކަށް މާސްޓަޕީސްތަކެކެވެ. އެ ދެ ފިލްމުން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑުވެސް އޭނާ އުފުލި އެވެ.

އަންނަ އަހަރަށް ތާވަލުކުރާ ފިލްމުތައް އިއުލާނުކުރަމުން އަންނައިރު، އެންމެ ފުރަތަމަ ވެސް އޮތީ މޫމިންގެ ދެ ފިލްމެކެވެ. އެއީ ޖެނުއަރީ ތިނެއް ގައި ނެރެން ހަމަޖެހިފައިވާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު އަދި މޫމިންގެ ޑައިރެކްޝަން "ނިވައިރޯޅި" އާއި، ހަތަރެއް ފެބްރުއަރީ ގައި ނެރޭ ޑާކް ރެއިންގެ "ގޮށްރާޅު" އެވެ. "ގޮށްރާޅު" އަކީ މޫމިންގެ ސްކްރީންޕްލޭއެކެވެ.

ގާތްގަނޑަކަށް ހަތް ވަރަކަށް އަހަރު ފަހުން މޫމިންގެ މަސައްކަތްތަކެއް ސްކްރީނަށް އަންނަނީ އެވެ. އޭނާއަށް ސަޅި ގޮތާއި، ފިލްމީ ހަޔާތާއި ގުޅޭ ތަފާތު ވާހަކަތައް ހިއްސާކުރި މި އިންޓަވިއުގައި، އެ ދެ ފިލްމަށް ކުރާ ފޮނި އުއްމީދުތައް ވެސް ކިޔައިދިނެވެ. މޫމިނަކީ އާންމުކޮށް ވެސް ވާހަކަ ވަރަށް ގިނަ އާޓިސްޓެކެވެ. އެހެންކަމުން މި އިންޓަވިއު ފަހަރުގައި ދިގުވެސް ވެދާނެ އެވެ.

1. އެންމެ ކަމުދާ ޑައިރެކްޓަރު

"އެމެރިކާގެ ޑައިރެކްޓަރު ފްރާންސިސް ފޯޑް ކޮޕޯލާ. އޭނާގެ ހުރިހާ މަސައްކަތްތަކެއް ވެސް ވަރަށް ސަޅި."

2. އެންމެ ކަމުދާ އެންމެ ސަޅި ފިލްމު

"ފްރާންސިސްގެ ފިލްމު 'ދި ގޯޑް ފާދާ'. އެ ފިލްމަކީ ހަމަ އިންސްޓިޓޫޝަނެއް ކަހަލަ ފިލްމެއް. އޭގެ ދަސްވި އެއްޗެހި، މުޅި އޭތި ބެލުނުކަމުން، ވަރަށް ބޮޑަށް މަސައްކަތުގެ ކަންކަމަށް އިތުރު ހޭލުންތެރިކަމެއް ލިބުން ހަމަގައިމުވެސް. އެގޮތަށް ހުންނާނެ ހަމަ އަދި ބައިވަރު ފިލްމުތައް."

3. މޫމިންއަށް އެންމެ ކަމުދާ މިއުޒިކް

"މިއުޒިކަށް ވަރަށް އިންޓްރެސްޓް ހުރޭ. ޔާނީގެ މިއުޒިކް ވަރަށް ކަމުދޭ. ދެން އޭގެ އިތުރުން މޮޒާޓް މިއުޒިކްއަށް ވެސް ވަރަށް ސަޕޯޓުކުރަން އަދި ބޮބްމާލޭގެ ލަވަތަކަށް. ބޮބްމާލީއަކީ މިއުޒީޝަނެއްގެ އިތުރުން ސޯންގް ރައިޓާއެއްގެ ގޮތަށް ވަރަށް ކަމުދާ އާޓިސްޓެއް. އަދި ދި ބީޓްލްސް ވެސް ވަރަށް ކަމުދޭ، ހާއްސަކޮށް ޖޯން ލެނޮން ފާހަގަކޮށްލެވޭ. އަދި ރޮކް ބޭންޑް، ކުއީންވެސް."

4. ފިލްމީ ކެރިއަރުގައި ކާމިޔާބުވުމަށް ކުރި މަސައްކަތް

"މި ހިސާބަށް އައުމަށްޓަކައި، މިކަމަށް ވެވުނު އެންމެ ތެދުވެރިކޮށް، އެންމެ އިހުލާސްތެރިކޮށް މަސައްކަތް ކުރީ. އެއީ ކަންނޭނގެ މި ހިސާބަށް ވެސް މި އާދެވެނު ސަބަބަކީ،"

"މި މަސައްކަތް މި ކުރަނީކީ އަމިއްލަ އެދުމެއް އޮވެގެނެއް ނޫން. އަމިއްލަ އެދުމެކޭ މި ބުނީ ފޭމް އާއި އެއްޗެހި ހޯދާކަށެއް ނޫނޭ. ބޮޑަށް ވިސްނީ މަސައްކަތުގެ އިތުރުން މީގެ އާޓިސްޓިކް ވެލިއުސްއަށް،"

ޑައިރެކްޓަރު މޫމިން ފުއާދު --

"މި ބުނި ކަންކަމަށް ވިސްނައިގެން މަސައްކަތްކުރީ. އެކަމަކު ރާއްޖޭގައި ކަންކަން މި ހުންނަ ގޮތުން ވަރަށް ގިނަ ކަންކަން ކޮމްޕްރޮމައިޒް ކޮށްފަ ހުންނާނެ. ބޭނުން ނުވާ ކިތައްމެ ކަންކަމެއް ވެސް ކުރެވިފައި ހުންނާނެ."

5. މޫމިންގެ ކާބިޔާބީގެ ސިއްރު ސިފަކޮށްދޭނީ ކިހިނެއް؟

"އަދި އަމިއްލަ މީހާ މާ ކާމިޔާބު ކަމަކަށް ނުދެކެން. އެކަމަކު މިހާތަނަށް ލިބިފައި އޮތް ކާމިޔާބީއެއް ވިއްޔާ، އޭގެ ޝުކުރު އަދާކުރާނެ އެކަކަށް ވާނީ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ). އެއީ ފުރަތަމަވެސް މަގޭ ހުނަރުވެރިކަމެއް ހުރިކަން ރެކޮގްނައިޒްކުރި މީހަކީ"

"ކުރީގައި މީހަކު ގަބޫލެއް ނުކުރާނެ އަހަރެން ބުނާ ވާހަކައެއް، މިކަހަލަ ކަމެއް ކުރާހިތްވެޔޭ، ކުރެވިދާނެޔޭ ބުންޏަސް. އެކަމަކު ޗިއްޕެއަކީ އެކަން ގަބޫލުކޮށް، ފުރަތަމަ އަހަންނަށް އެކަހަލަ ފުރުސަތެއް ދިން މީހާ. ތާއަބަދަށްވެސް ގްރޭޓްފުލް ވާނެ މީހެއް ޗިއްޕެއަކީ."

6. މި ދާއިރާއިން މިހާރު ހާސިލުކުރަން ބޭނުންވާ ކަމަކީ ކޮބާ؟

"އަމިއްލަ މާ ބޮޑު ގޯލްތަކެއް ނުހުރޭ. އެކަމަކު އަބަދުވެސް ގަބޫލުކުރަން ދިވެހިންނަކީ ވަރަށް އާޓިސްޓިކް ބައެއްކަން. ދިވެހިންގެ ތެރޭގައި އާޓް އެބައޮތް ވަރަށް ބޮޑަށް، ދިވެހިންގެ ލޭގައި. އެހެންވީމަ މިކަމަށް އެފޯޓެއް ލައިފިއްޔާ ވަރަށް މޮޅެތި އާޓިސްޓުން މި ދާއިރާއިން ވެސް ރާއްޖޭގައި އުފެއްދިދާނެ. ހަމަ ރައިޓަރުން ވެސް، ޑައިރެކްޓަރުން ވެސް، އެކްޓަރުން ވެސް، ދެން އަދި ހާއްސަކޮށް ހަމަ ޓެކްނިކަލް ކަންތައްތައް މިސާލަކަށް ސިނަމަޓޯގުރާފީ އާއި އެޑިޓިން ކަހަލަ ކަންތައްތަކަށް ވަރަށް ފަސޭހައިން ދިވެހިންގެ ހޭލުންތެރިކަން ބޮޑުކޮށްލެވޭނެ. މި ހުރިހާ މީހުން އުފެދި، ފެންވަރު ރަނގަޅު، މުޅި ދުނިޔެވެސް ބަލައިގަންނަ ފެންވަރުގެ ދިވެހި ފިލްމުތައް އުފެއްދުން އަހަރެން އެންމެ ދެކެން ބޭނުންވާ ދުވަހަކީ."

7. ހިތްހަމަޖެހިން ކުރެވުނު އެންމެ ސަޅި މަސައްކަތް

"ހިތްހަމަޖެހޭ ކުރެވޭ ހުރިހާ މަސައްކަތްތަކާއި މެދުގައި ވެސް. ހިތްހަމަނުޖެހޭ ހާލަތްތަކުގައި ވެސް، ހިތްހަމަޖެހޭނެ ގޮތަށް އެކަމެއް މެދުވެރިކުރުމަށް މަސައްކަތްކުރަން. އެ ހިތްހަމަނުޖެހޭ ކަމެއް ހިތްހަމަޖެހޭ ގޮތަށް ބަދަލުކޮށްލުމަށް. ހިތްހަމަޖެހޭ ކަހަލަ ސިޗުއޭޝަނެއް ކްރިއޭޓްކުރެވޭތޯ،"

"އެންމެ ފުރަތަމަ ހެދި ފިލްމު 'ހޭލާ' އާއި 'ލޫދިފާ' އެއީ ވަރަށް ހިތްހަމަޖެހިގެން، ހިތުގެ އެންމެ އަޑީގައި އޮތް ދެ ފިލްމޭ ބުނެވިދާނެ. އެ ފިލްމުތަކުގައި އެކީގައި މަސައްކަތްކުރި ޓީމާއި، ހުރިޙާ އެންމެންވެސް މަސައްކަތްކުރީ އެއް ގޯލެއް ހާސިލުކުރުމަށް. އެކަން ހާސިލުވެސްވި، އެހެންވީމަ."

މޫމިން ފުއާދު ލިޔެ، ޑައިރެކްޓުކުރި "ނިވައިރޯޅި" ޓްރެއިލާ.

8. ދިވެހި ފިލްމުތަކުގައި މިހާރު މަދުވަނީ ކޮން ކަންކަމެއް؟

"އެންމެ ބޮޑަށް ލެކުވާ ކަމަކީ ފައިނޭންސަރުން، ޕްރޮޑިއުސަރުން އެމީހުނަށް އާޓިސްޓިކް ވެލިއުސް ފެންނަ ގޮތް ތަފާތުވުން. ފިލްމު ޑައިރެކްޓު ކުރާ މީހާ އާއި ފިލްމަށް ފައިނޭންސް ކުރާ މިހާ، އެ ދެމީހުންގެ މެދުގައި ކޮންފްލިކްޓުތަކެއް އުފެދޭނެ. އެއީ މިސާލަކަށް ޑައިރެކްޓުކުރާ މީހާ، އޭނަ ވިސްނާނީ އޭތި އެންމެ ރަނގަޅަށް، އެންމެ ކްރިއޭޓީވްކޮށް ދެއްކޭތޯ. އެކަމަކު ފައިނޭންސްކުރާ މީހުންނަށް ބައެއް ފަހަރު އޭތި އަންޑަސްޓޭންޑުވުން ތަންކޮޅެއް ދަތި ކަމަކަށްވޭ. އެއީ އެންމެ ބޮޑު އެއް މައްސަލަ."

"އަނެއް ކަމަކީ ރާއްޖޭގައި ފިލްމެއް އުފައްދާއިރު، ބޭނުންވާ އެއްޗެހި ހޯދުމަށްޓަކައި ވަރަށް ދަތިވޭ. އަމިއްލައަށް ސެޓު ހަދައިގެން ކުރުމުގެ ކަންތައްތަކެއް ނެތް. އެކަންތައްތައް ދިވެހި ފިލްމުތަކުގެ ބަޖެޓުގައިވެސް ނުހިމަނާ. އެހެންވީމަ ވާގޮތަކީ އަސްލު ދައްކަން ބޭނުންވާ އެއްޗެއް ނުދެއްކޭ ގޮތް ވަނީ. މިސާލަކަށް ބުނާނަމަ، ސީންއެއްގައި ކުރީ ޒަމާނުގެ ގަނޑުވަރެއް ދައްކަން ބޭނުންވަނީ. އެ އެއްޗެއް މިހާރު ނުވެއް ދެއްކޭނެ. ނުއެއް ހުންނާނެ. އެ އެއްޗެހި ޖެހޭނީ އުފައްދަން. އެ އުފެއްދުން އުނދަގޫކަމަށް ވަނީ. އެކަހަލަ މަސައްކަތެއްކޮށް ނިމޭއިރު އިންނަނީ ފިލްމުގެ ބަޖެޓުގެ ދެބައިކުޅަ އެއްބައި ގޮސްފަ. އެކަމަކު އެކަން ނުކުރީމަ ފިލްމު ފުރިހަމައެއްވެސް ނުވޭ،"

9. ދިވެހި ފިލްމީ ދާއިރާ ކުރިއަރަމުން އަންނަ ކަމަށް ގަބޫލުކުރަންތޯ؟ ދާއިރާގެ މުސްތަގުބަލާއި މެދުގައި ދެކެނީ ކިހިނެއް؟

"އަހަރެން ގަބޫލުކުރާ ގޮތުގައި ކޮންމެ ތަނެއްގެ ފިލްމެއް ކަމުގައި ވިޔަސް، ދިވެހިން ބަލާނީ ދިވެހިންނަށް އޭގެން ސެޓިސްފެކްޝަން ލިބޭތީވެ. ބޭރު ފިލްމެއް ކަމުގައި ވިޔަސް އަދި ދިވެހި ފިލްމެއް ކަމުގައި ވިޔަސް. ދިވެހި ފިލްމު ނުބަލަންޔާ ނުބަލާނީ ދިވެހިން ބޭނުންވާ ވަރަށް އޭގެން ދިވެހިން އެންޓަޓެއިންޓް ނުވާތީ ނޫނީގެ އެގެން އެމީހުންނަށް އެމީހުން އެކްސައިޓުވާ ކަހަލަ، އިމްޕްރެސްވާ ކަހަލަ ކަމެއް ނެތީމަ. ކޮންމެހެން ދިވެހިން ކުރާ މަސައްކަތެއް ވީމަ ބަލައިނުގަންނާކަށް ނޫން. ދިވެހިން ކުރާ މަސައްކަތްތައް ދިވެހިން ބަލައިގަނޭ،"

"އިންޑަސްޓްރީ ކުރިއަރައިގެންވެސް އެބަ އާދޭ. އެކަމަކު ވަރަށް ލޯ ސްޕީޑެއްގައި އަންނަނީ. އެންމެ ބޮޑު މައްސަލައަކީ މިކަން ކުރާ ހިތްވާ މީހުން، އެމީހުން ތަންކޮޅެއް ކަންނެތީ. ދެން އެހެންވީމަ މީހުން މޯޓިވޭޓް ވާން ބޭނުންވާ ވަރަށް އެއްޗެހި އެބަހުރޭ، އެކަމަކު އެއްޗެއް ނެތިއްޔާ އެމީހުން ގުޑައެއް ނުލާ. އެމީހުން ތިބެނީ އެ އެއްޗެހި ލިބުނީމަ ގުޑާލާން. އެހެން ތިބެގެން އުމުރު ހުސްވާއިރު ވެސް ގިނަ ފަހަރަށް އޮންނަނީ އެކަން ނުކުރެވިފަ. އެބަތިބި ވަރަށް މޮޅެތި މީހުން. އެ ކަންނެތްކަން ގޮސްގެން މިކަން ވާނީ،"

މޫމިން ފުއާދު ސްކްރީންޕްލޭ ތައްޔާރުކުރި "ގޮށްރާޅު" ގެ ޓްރެއިލާ.

10. އަންނަ އަހަރު އެންމެ ފުރަތަމަ މި އޮތީ މޫމިންގެ ދެ ފިލްމު. އެ ދެ ފިލްމަށް ކުރާ އުއްމީދަކީ ކޮބާ؟

"ވަރަށް އުއްމީދުކުރަން ދެ ފިލްމަށްވެސް. 'ނިވައިރޯޅި' އަށް ބަލާނަމަ އެއީ ނިއުމާގެ ވަދާއީ ފިލްމު. ނިއުމާއަކީ ދިވެހި ފިލްމީ ދާއިރާގައި އުފެދުނު އެންމެ މަޝްހޫރު އަދި އެންމެ ގިނަ މީހުން ސަޕޯޓުކުރާ މީހާ ހަމަގައިމުންވެސް. އެހެންވީމަ ހީވަނީ ނިއުމާގެ ފަހު ފިލްމަށް ވީމަވެސް ވަރަށް ގިނަ މީހުން ފިލްމަށް ދާނެހެން. މި ފިލްމުގެ ފެންވަރުވެސް ވަރަށް ރަނގަޅުވާނެ،"

"ރިޖެކްޓް ކެޓަގަރީއަށް މި ދެ ފިލްމު ވެސް ވެއްޓިދާނެހެން ހިޔެއްނުވޭ. 'ގޮށްރާޅު' އަށް ވެސް ވަރަށް އުއްމީދު ބޮޑު. އެއީ ޑައިރެކްޓަރު ޝިނާންއަކީ ވަރަށް މޮޅު ކުއްޖެއް ހަގީގަތުގައި. އޭނައަކީ މި ދާއިރާގައި ފިއުޗާއެއް ވެސް އޮތް ކުއްޖެއް. އޭނާގެ މަސައްކަތް ވެސް ފެނިއްޖެ. ވަރަށް ފުރިހަމައަށް ކޮށްފަ ހުރީ،"

މޫމިން ފުއާދު

Popular