By: Ifraz Ali
ޝެފް މުހައްމަދު އާދިލް، އޭނާގެ އަމިއްލަ ސްޓައިލްގައި، ހަމައެކަނި ދިވެހި އުފެއްދުންތައް ބޭނުންކޮށްގެން ކެއުމެއް ތައްޔާރުކުރެވިދާނެ ކަމަކަށް ފުރަތަމަ ހިއެއް ވެސް ނުކުރެ އެވެ. އެކަމަކު އާދިލް މިހާރު އެކަން ކާމިޔާބުކޮށްފި އެވެ. ތިން ވައްތަރެއްގެ ކެއުމެއް ތައްޔާރުކުރީ 100 ޕަސެންޓް ދިވެހި އުފެއްދުންތައް ބޭނުންކޮށްގެންނެވެ. -- މިއީ އައިލެންޑާސް އެޑިއުކޭޝަންގެ އިނީޝިއޭޓީވްއެއް ކަމަށްވާ "ވަން އާތު އެކަޑެމީ" އިން މިހާރު ފަށައިގެން އުޅޭ "ވަން އާތު ޗެލެންޖު"ގައި ޝެފް އާދިލް އަށް ކުރި ޗެލެންޖެވެ. އެއީ ރާއްޖެއަށް އިމްޕޯޓްކުރާ އެއްވެސް ބާވަތެއްގެ އުފެއްދުމެއް ބޭނުން ނުކޮށް، ހަމައެކަނި ދިވެހި އުފެއްދުންތަކުން ކެއުމެއް ތައްޔާރުކުރުމެވެ.
"މި ޗެލެންޖު ކުރީމަ ފުރަތަމަ ވެސް ވަރަށް އެގްޒައިޓްވި. އަބަދުވެސް އާ ކަންކަން ކުރަން ވަރަށް ޝައުގުވެރިކަން ހުރޭ. މިއީ އަނެއްކާ ވަރަށް ތަފާތުކަމެއް، އާންމުކޮށް އަހަރެން މި ކުރާ މަސައްކަތާ ބަލާފަ. ހުސް ލޯކަލް އިންގްރީޑިއެންޓްސް މި ބޭނުންކުރީ،" މި ޗެލެންޖު ކުރުމުން ފުރަތަމަ ވެސް ބޮލުތެރޭގައި އެނބުރުނު ހިޔާލުތައް އާދިލް ކިޔައިދިނެވެ.
ވަން އާތުން މި ޗެލެންޖު ފެށީ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށް، އެ ދާއިރާއަކާ ގުޅޭގޮތަށް، މި ކަހަލަ ތަފާތު ޗެލެންޖުތައް ކުރުމަށެވެ. އާދިލް އަކީ މި ޗެލެންޖުގެ ފުރަތަމަ ބައިވެރިޔާ އެވެ. އޭނާއަށް ކުރި ޗެލެންޖަކީ ރާއްޖެ އަށް އިމްޕޯޓްކުރާ އެއްޗިއްސަށް ބަރޯސާނުވެ، ހަމައެކަނި ދިވެހި އުފެއްދުންތަކުން، އޭނާގެ ސްޓައިލްގައި ތަފާތު މޮޅު ކެއުމެއް ތައްޔާރުކުރުމެވެ.
ވަން އާތުގެ މަގުސަދަކަށްވީ ރާއްޖޭގައި އުފައްދާ ބާވަތްތަކުން ވެސް ތަފާތު ވައްތަރުގެ ކެއުންތައް ތައްޔާރުކުރެވިދާނެކަން އާންމުންނަށް އަންގައިދިނުމާއި ބޭރުން އިމްޕޯޓްކުރާ އެއްޗެހި ރާއްޖޭގައި އުފެއްދުމަށް އާ ވިޔަފާރިވެރިން ޝައުގުވެރިކުރުމާއި ހިތްވަރުދިނުމެވެ. އަދި އާންމުކޮށް އިމްޕޯޓްކުރާ ބައެއް އެއްޗެހި މިހާރު ވެސް ރާއްޖޭގައި އުފައްދާކަން އަންގައިދިނުމެވެ. އަދި ކަލްނަރީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް މި ހިޔާލުތައް ފޯރުކޮށްދިނުމެވެ.
ޕޭސްޓްރީ ޝެފް މަހާ ނާސިރް: މި ކެއުންތައް ތައްޔާރުކުރުކުރީ މަހާގެ އެހީއާ ވެސް އެކު.
ތިން ކެއުމަށް ބޭންނުންކުރި އެއްޗެހި
އާދިލް ތައްޔާރުކުރި މި ތިން ވައްތަރުގެ ކެއުމަށް ކިޔާ ނަންތަކަކީ "ޑީކޮންސްޓްރަކްޓެޑް އޮކްޓޯ ޓޭކޯސް" އާއި "ޑްރައުނިން އިން މޯލްޑިވްސް" އަދި ޑެސާޓެއްގެ ގޮތުގައި "ސުވީޓް ސިޑައިވްސް" އެވެ. މި ކެއުންތައް ތައްޔާރުކުރީ ޕޭސްޓްރީ ޝެފް މަހާ ނާސިރްގެ އެހީއާ ވެސް އެކު އެވެ.
ޑީކޮންސްޓްރަކްޓެޑް އޮކްޓޯ ޓޭކޯސް އަށް ބޭނުންކުރި އެއްޗެހި
- ޓާކޯސް ޓޯޓިއާ ތައްޔާރުކުރީ ބިންބި ފުށާއި ހިތްތަލަ ފުށުން / ހދ.ނޮޅިވަރަންފަރު (މާރުކޭޓުން)
- ހިއްކާފައި ހުރި ކާށި ހުނި، ކާށި ފުއް، ލޮނު، ކާށި ހަކުރު، ދިޔާ ހަކުރު / އައިލެންޑް ވޯކްސް އިން
- ކާށި ހުނި / ރ.ހުޅުދުއްފާރު (މާރުކޭޓުން)
- ބަޓާ ނަޓް، ކިއުކަންބާ، ޓޮމާޓޯ / އއ.ތޮއްޑޫ (މާރުކޭޓުން)
- ބޯވާ / މަސްވެރިންގެ މާރުކޭޓުން
- ގިތެޔޮ މިރުސް / ތ.ކަނޑޫދޫ (މާރުކޭޓުން)
- ރާހުތް / ކ.ކާށިދޫ (މާރުކޭޓުން)
- މުރަނގަ ފަތް / އއ.މަތިވެރިން
ޑްރައުނިން އިން މޯލްޑިވްސް އަށް ބޭނުންކުރި އެއްޗެހި
- އޮޅުއަލަ / ޏ.ފުވައްމުލަކު
- ކަންކުން ފަތް / އއ.ތޮއްޑޫ (މާރުކޭޓުން)
- ކާށި ބަޓާ / އައިލެންޑް ވޯކްސް އިން
- ރާހުތް / ކ.ކާށިދޫ (މާރުކޭޓުން)
- ގިތެޔޮ މިރުސް / ތ.ކަނޑޫދޫ (މާރުކޭޓުން)
ސުވީޓް ސިޑައިވްސް އަށް ބޭނުންކުރި އެއްޗެހި
- ހިއްކާފައި ހުރި ކާށި ހުނި، ކާށި ފުއް، ކާށި ބަޓާ، ކާށި ހަކުރު، ކާށި ތެޔޮ، ލޮނު / އައިލެންޑް ވޯކްސް އިން
- ހިތްތަލަ ފުއް / ހދ.ނޮޅިވަރަންފަރު (މާރުކޭޓުން)
- ލައިމް ލީވްސް / ކ.ބޮޑުހުރާއިން
- ލެމަން ގްރާސް / ނ.ކުޑަފަރިން
- ފަޅޯ / އއ.ތޮއްޑޫ (މާރުކޭޓުން)
- މައިކްރޯ ގްރީންސް / ހެބިޓަސް ފްރެޝް އިން
އެންމެ ބޮޑު ޗެލެންޖު: އެއްޗެހި ހޯދުން
"ހުސް ދިވެހި އިންގްރީޑިއެންޓްސް ބޭނުންކޮށްގެން އެއްޗެއް ހަދާށޭ ބުނީމަ ގިނަ މީހުން ތައްޔާރުކުރާނީ އާންމުކޮށް ދިވެހިން މި ކައި އުޅޭ ދިވެހި ކެއުންތައް. އެހެންވެ، ތަފާތުކޮށްލަން އަހަރެން ބޭނުންވީ އަހަރެން އާންމުކޮށް މި ހަދާ އުޅޭ ލެވަލްގެ ކެއުންތައް، ދިވެހި އިންގްރީޑިއެންޓްސް ބޭނުންކޮށްގެން ތައްޔާރުކުރަން،" މި ކެއުންތައް ހިޔާރުކުރުމުގައި ވިސްނި ގޮތް އާދިލް ބުންޏެވެ.
އާދިލް ބުނީ އަބަދު މާލެ އައިސް، ގޮސް ހެދި ނަމަވެސް ކުރިން ދަތުރުވެރިންގެ މާރުކޭޓަށް ނުދެވޭ ކަމަށެވެ. އެކަމަކު ރިސޯޓް ބަންދުކުރުމުން މާލެ އައިސް ހުރި ދުވަސްވަރު، އަދި މި ޗެލެންޖު ވެސް ކުރުމާ އެކު މާލޭގައި އޭނާ ނުވަންނަ މާރުކޭޓެއް މިހާރު ނުހުންނާނެ ކަމަށެވެ. އެއީ ލިސްޓެއް ހަދައިގެން، މި ތިން ކެއުން އޭނާ ބޭނުންވާ ގޮތަށް ތައްޔާރުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށެވެ.
"މިހާރު މާލޭގައި ނުހުންނާނެ ނުވަންނަ މާރުކޭޓެއް. ވާހަކަ ނުދައްކާ ބޭބެއެއް ވެސް މަދުވާނެ. އެމީހުން އެ ގެންނަނީ ކޮންތާކުންތޯ، އެ ރަށުން ލިބެނީ ކޯއްޗެއްތޯ، ހަމަ އެ ހުރިހާ އެއްޗެއް ނޯޓްކުރަމުން ދިޔައީ. ދެން އުފައްދަނީ ކޯއްޗެއްތޯ އާއި މާލެ ނުގެންނަނީ ކޯއްޗެއްތޯ ވެސް ބެލިން،" އެންމެ ފުރަތަމަ މާރުކޭޓަށް ދިޔަ ދުވަހު އެއްޗެހި ބަލަން އެކަނި ވެސް ހަތް ގަޑިއިރު ހޭދަކުރި އެވެ.
ކުރީގައި ދިވެހިން އާންމުކޮށް ބޭނުންކޮށް އުޅުނު، އެހެން ނަމަވެސް މިހާރު ވަރަށް މަދު އެއްޗެއް ތައްޔާރުކުރުމަށް ނޫނީ ބޭނުންނުކުރާ ބައެއް އެއްޗެހީގެ ބޭނުން ހިފިދާނެ ތަފާތު ގޮތްތައް ދަސްވި ކަމަށާއި އަދި ބޭރު ގައުމުތަކުން އިމްޕޯޓްކުރާ، އެހެން ނަމަވެސް ރާއްޖޭގައި އުފައްދާ ކަމަށް ކުރިން ހީނުކުރާ ވަރަށް ގިނަ އެއްޗެހި ވެސް ފެނުނު ކަމަށް ބުންޏެވެ.
ކުރެވުނު ތަފާތު ތަޖުރިބާއެއް
"ރާހުތް އެއްޗެއްސަކީ ވެސް ވަރަށް ކުރީ ޒަމާނުއްސުރެ މީހުން ބޭނުން ކުރަމުން އަންނަ އެއްޗެހި، އެކަމަކު ވަރަށް މިނިމަން ދޯ އޭތި ބޭނުންކުރާ މިންވަރު. ކައްކަން ވެސް ވަރަށް މަދުން މި ބޭނުންކުރަނީ. އަސާރައެއް ކަހަލަ އެއްޗެއް ހަދާލަން،" އެކަމަކު އޭގެން ވަރަށް ބައިވަރު ކަންތައް ކުރެވޭނެކަން މިހާރު އެނގޭ ކަމަށް އާދިލް ބުންޏެވެ.
"ދެން މިސާލަކަށް ހިތްތަލަ ފުށް. ކުރިން ދުވަހަކު ވެސް އަހަންނެއް ބޭނުމެއް ނުކުރަން އެޔެއް. އޭގެ ވާހަކަ އަޑުއަހަނީ. އެ ވިއްކާ މީހުން ކައިރީގައި އަހަން މި ހަދާ ގޮތް. ހަމަ ވަރަށް ރަނގަޅަށް ކިޔައިދިން. މި ހަދާނެ ގޮތާއި، މީގެން ހެދޭނީ ކޯއްޗެއްތޯ ވެސް އޮޅުންފިލުވިން. މިއީ އެއްޗެހި ސެޓްކުރަން ވަރަށް ރަނގަޅު ފުށެއް..."
"...ފުރަތަމަ ކޮޅުގައި ވަރަށް އުނދަގޫވި. ޓޯޓިއާ ހަދަންޏާއި ފްލާ ބޭނުންވޭ. ދެން މި ޖެހުނީ ފްލާގެ ސަަބްސްޓިޗޫޓެއް ހޯދަން. އެގޮތުން ހިތްތަލަ ފުށް ބޭނުންކުރީ. އެ ކަހަލަ އެކްސްޕެރިމެންޓަލް ކަންކަން ކުރަންޖެހުނު،" އާދިލް ބުންޏެވެ.
"ރާހުތް ހޯދިއިރު ވެސް ބައިވަރު މީހުން ވިއްކާ އެއްޗެހި ރަހަ ބަލާ، ޓެސްޓުކޮށްފައި ބޭނުންކުރީ. އެގޮތުން ކާށީދޫގެ ރާހުތް ވަރަށް ފާހަގަކޮށްލެވޭ،" އާދިލް ބުންޏެވެ.
ބޭނުންވާ ގޮތަށް މި ކެއުންތައް ތައްޔާރުކުރުމަށް، އެކި ކަހަލަ ބާވަތްތައް ބޭނުންކޮށްގެން އެކްސްޕެރިމެންޓް ވެސް ކުރި އެވެ. އެކަމަށް ހަފުތާއެއް ހޭދަކުރި އެވެ.
"އަހަރެމެން މި ދާއިރާގައި އުޅޭ މީހުން އެބަޖެހޭ މި އެއްޗެހި ބޭނުންކޮށްގެން ތަފާތު އެެއްޗެހި ހަދަން. އަހަރެމެން އެ ހެދީމަ، އާންމުންނަށް ވެސް އެނގޭނެ ހަމަ އެގޮތަށް މި އެއްޗެހި ހަދަން،" އާދިލް ބުންޏެވެ.