މިކަމުގެ ވޭން އެނގޭނީ ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) ހުންނަ މީހަކަށެވެ. އެކަމުގެ ސަބަބުން އަންހެނުންނަށް އެކި މައްސަލަތަކާ ދިމާވެ އެވެ. އެކި ގޮތްގޮތަށް އަސަރުކުރެ އެވެ.
މިކަމުގެ ވޭން އެނގޭނީ ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) ހުންނަ މީހަކަށެވެ. އެކަމުގެ ސަބަބުން އަންހެނުންނަށް އެކި މައްސަލަތަކާ ދިމާވެ އެވެ. އެކި ގޮތްގޮތަށް އަސަރުކުރެ އެވެ.
ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި، ޕީސީއޯއެސްއަކީ ދަރިމައިވާ އުމުރުގެ 6-13 ޕަސެންޓު އަންހެނުންނަށް ދިމާވާ މައްސަލައެއް ކަމަށެވެ. ނަމަވެސް، އެ ހާލަތާ މެދު މީހުންނަށް އަދިވެސް މައުލޫމާތު ނޭނގޭތީ، ޕީސީއޯއެސް ހުންނަ 70 ޕަސެންޓް އަންހެނުން އަދި ވެސް ދެނެގަނެވިފައިނުވާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.
އަންހެނުންގެ ހަށިގަނޑަށް އަންނަ ބަދަލުތަކުގެ އިތުރުން ޕީސީއޯއެސްއަކީ ޖިސްމާނީގޮތުންނާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ އަދި ދިގު މުއްދަތަކަށް ސިއްހީ މައްސަލަތަކާ ގުޅިފައިވާ ކަމެކެވެ.
ޕީސީއޯއެސްގެ އަލާމާތްތައް
ޕީސީއޯއެސްގެ އަލާމާތްތައް އެކި މީހުންގެ މެދުގައި ތަފާތުވެދާނެ އެވެ.
އާއްމުކޮށް ދިމާވާ ކަންކަމުގެ ތެރޭގައި؛
- މައްސަރު ދުވަސްވަރު ގިނައިން ލޭ އައުން އަދި އެ ދުވަސްވަރު ދެމިގެން ދިއުން. ނުވަތަ އަންދާޒާ ނުކުރޭ ގޮތަށް ހާލަތު ބަދަލުވުން އަދި ޕީރިއަޑްނުވުން
- ދަރިމައިވުމުގައި މައްސަލަ ހުރުން
- މޫނުގައި ބިހި ނެގުމާއި ތެޔޮވުން
- މޫނާއި ހަށިގަނޑުގައި ގިނައިން އިސްތަށި ފެޅުން
- އިސްތަށިގަނޑު ތުނިވުމާއި ބޮލަށް އާދަޔާ ހިލާފަށް ގިނައިން އިސްތަށި ފޭބުން
- ބަރުދަން އިތުރުވުން
ޑަބްލިއުއެޗްއޯއިން ބުނީ ޕީސީއޯއެސް ހުންނަ މީހުންނަށް ސިއްހީ އިތުރު މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެކަންކަމުގައި؛
- ޓައިޕް 2ގެ ހަކުރު ބަލި
- ލޭގެ ޕްރެޝަރު މަތިވުން
- ކޮލެސްޓްރޯލް މަތިވުން
- ހިތުގެ ބަލި
- އެންޑޯމެޓްރިއަލް ކެންސަރު
ފަރުވާ
ސިއްހީ ގޮތުން ބޮޑެތި ކުރިއެރުންތައް ލިބުނަސް ޕީސީއޯއެސް އަށް ވަކި ފަރުވާއެއް އަދި ވެސް ނުހޯދެ އެވެ. އެކަމަކު، އެ ހާލަތުގައި ކުރިމަތިވާ އަލާމާތްތައް ކުޑަކުރުމަށް ތަފާތު ފަރުވާތައް ލިބެން ހުރެ އެވެ.
އެގޮތުން، ގަވާއިދުން ޕީރިއަޑް ނުވާނަމަ ނުވަތަ ދަރިމައިވުމަށް އުނދަގޫވާނަމަ ނުވަތަ މޫނުގައި ބިހި ނަގައި ގިނައިން އިސްތަށި ފަޅާނަމަ ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުން މުހިއްމެވެ. އެއާއެކު، ދިރިއުޅުމަށް ގެންނަ ބަދަލުތަކުން ވެސް ޕީސީއޯއެސް އާ ގުޅުން ހުރި ބައެއް އަލާމާތްތަކަށް ލުއެއް ހޯދިދާނެ އެވެ.
"ބެލެންސް ޑައިޓެއް ގެންގުޅެ، ގަވައިދުން ކަސްރަތު ކުރުމަކީ ބަރުދަން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދީ އަދި ޓައިޕް2 ގެ ހަކުރު ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭނެ ކަމެއް. ދޭތެރެ ދުރުކުރާ ބޭހަކީ ވެސް ޕީރިއަޑް ސައިކަލް ރަނގަޅުކުރުމަށާއި އަލާމާތްތައް ކުޑަކުރުމަށް އެހީވެދޭ ބޭހެއް،" ސިއްހަތާ ބެހޭ އދ. ގެ ޖަމިއްޔާއިން ބުންޏެވެ.
ޕީސީއޯއެސްގެ ސަބަބުން މޫނުގައި ބިިހި ނެގުމާއި ގިނައިން އިސްތަށި ފެޅުން ފަދަ ކަންކަމަށް ވެސް ފަރުވާ ހޯދަންޖެހެ އެވެ. ދަރިމައިނުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމާއި ބޭސް ބޭނުންކުރުން ނުވަތަ އޮވިއުލޭޝަން ރަނގަޅުކުރުމަށް ސާޖަރީ ކުރުން ހިމެނެ އެވެ. އައިވީއެފް އަކީ ދަރިމައިވުމުގައި މައްސަލަ ދިމާވާ ގިނަ މީހުން ހޯދާ އެއް ފަރުވާ އެވެ.