31 Aug 2022

By: Ahmed Jaishan

ކުރީގެ ފެޝަން ސްޓައިލްތައް އެނބުރި އައުމަކީ އާ ވާހަކައެއް ނޫނެވެ. މި ފަހަކަށް އައިސް އެންމެ ބޮޑު މަގުބޫލުކަމެއް ލިބެމުން އައި އެއް ސްޓައިލަކީ 1990ގެ އަހަރުތަކުގައި މީހުން ހެދުންއެޅި ސްޓައިލްތަކެވެ.

މީގެ ކުރިން 90 ފެޝަންގައި ބޭނުންކޮށް އުޅުނު ބޫޓާއި ޖީންސް އަދި ފަޓުލޫނުތައް ވަކިން ބޮޑަށް މަގުބޫލު ވެފައިވެ އެވެ. ނަމަވެސް އެއާ ހިލާފަށް މިހާރު މަގުބޫލު ވެގެން އުޅެނީ 90ގެ އަހަރުތަކުގައި މީހުން ހެދުން އަޅައި އުޅުނު ލުކްތައް ހުރި ގޮތަށެވެ.

މިހާރު މަގުބޫލުވަމުން އަންނަ ލުކްތަކަކީ އާންމުކޮށް 90ގައި މީހުން ހެދުން އަޅައި އުޅުނު ގޮތަށް ވުރެ ބޮޑަށް ޕޮޕް ކަލްޗާ އިން ފެންނަ ވަރުގަދަ ލުކްތަކެވެ. މި ލުކްތަކުގެ ތެރޭގައި ވެސް މިހާރު މަގުބޫލު ވަމުން އަންނަނީ 90ގެ ކުރީ ކޮޅުގައި ބޭނުންކުރި ލުކްތަކެވެ. މިއަށް ކިޔަނީ ރެޓްރޯ ފެޝަނެވެ.

ރެޓްރޯ ފެޝަން އަށް ބޮޑެތި އާޓްވޯކް ހިމެނޭ ޓީޝާޓަކާއެކު ލުކެއް

ނުވަދިހައިގެ އަހަރުތަކުގައި އެންމެ ގިނައިން ފެނުނު އެއް ލުކަކީ ގަޔަށް ހެޔޮވަރު ނަމަވެސް ބާރު ނޫން ޖީންސާ އެކު ލާ ޓީޝާޓުތަކެވެ. އާންމުކޮށް ލައި އުޅުނު ޓީޝާޓުތަކަށް ވުރެ ބޮޑަށް މި ޓީޝާޓުތައް ހީވާނީ ޕްރޮޑަކްޓް ޕްލޭސްމެންޓެއް ހެނެވެ. މި ޓީޝާޓުތަކުގައި ބޮޑެތި ލޯގޯ އާއި ބްރޭންޑުތަކުގެ ނަންތައް ހިމެނޭނެ އެވެ.

މީގެ ލުކެއް ފުރިހަމަކުރަން ވިސްނާ ނަމަ އެންމެ ފުރަތަމަ ބަލަންވީ އެއް ކަމަކީ ސްކިނީ ޖީންސްތައް އުކާލުމެވެ. ސްކިނީ ޖީންސްގެ ބަދަލުގައި އެންމެ ރަނގަޅުވާނީ ގަޔަށް ބާރު ނުވާނެ ފަދަ ދޫކޮށް އެއްވަރަށް ހުންނަ ޖީންސް އެކެވެ. އެއާއެކު އަދި ރެޓްރޯ ޓީޝާޓު ލާއިރު ވަކި ކުލަ އަކާ މެދު ވިސްނާނެކަމެއް ނެތެވެ. ކޮންމެ ކުލައެއްގެ ޓީޝާޓަކާ އެކު ވެސް ލުކް ފުރިހަމަ ކޮށްލެވޭނެ އެވެ. އަދި ވީހާ ވެސް ގަދަ އަދި "ބޯލްޑް" ކުލަ ބޭނުން ކުރުން ރަނގަޅު ވާނެ އެވެ.

.

މުޅި ލުކް ފުރިހަމަ ކޮށްލުމަށް ސުއޭޑް ސްނީކާއެއް ރަނގަޅު ވާނެ އެވެ. ނުވަތަ ކޮންވާސް އަކީ ވެސް 90ގެ އަހަރުތަކުގެ ތެރޭގައި މަގުބޫލު ބޫޓެކެވެ. ބޫޓު ވެސް ވީހާ ވެސް ގަދަ ކުލައެއް ވެއްޖެ ނަމަ ރަނގަޅު ވާނެ އެވެ.

ފެޝަން

Popular