5 Mar 2023

By: Aishath Mihna Nasih

އޮމާން އޮމާން "ސިލްކީ" އިސްތަށިގަނޑެއް އެގޮތުގައި ބެލެހެއްޓުމަކީ ފަސޭހަކަމެއް ނޫނެވެ. އަމުދުން ކުލަޖައްސައި ފަންކޮށް، ބުޅިކޮށް އެކި ތަފާތު ސްޓައިލްތައް ކުރާ ނަމަ މިކަން އަދި މާ އުނދަގޫކަމަކަށްވެ އެވެ. ފުނާއެޅުން އުނދަގުލަކަށްވެ، އަބަދުހެން ބޮލުގައި ހުޅިއެއް ޖަހައިގެން އުޅުމަށްވުރެ ފަސޭހަ ދެތިން ކަމެއް ހިމަނާލާނަމެވެ.

ކޮންމެ ހަ ހަފްތާއަކު އިސްތަށިގަނޑުގެ ކޮށާލުން

އިސްތަށިތަކަކީ އޭގެ ޒާތުގައި އަމިއްލައަށް ދިގުވަމުން ދާނޭ އެއްޗެކެވެ. އެއާ އެކު ތަފާތު އެކި ސްޓައިލްކުރުމުގެ ތެރެއިންނާއި، އިސްތަށިތަކުގައި ހާކާ އެކި ވައްތަރުތަކުގެ ޕްރޮޑަކްޓްތަކުން އިސްތަށިގަނޑަށް އެކިކަހަލަ ގެއްލުންވެ އެވެ. އެހެންވެ، އިސްތަށިތަކުގެ ކޮޅު ހިމަވެ ބަލިކަށެވެގެންދާކަށް މާގިނައިރެއް ނުނަގަ އެވެ. މިކަމުން އިސްތަށިތައް ސަލާމަތްކުރުމަށްޓަކައި ކޮންމެ ހަ ހަފްތާއިން ނުވަތަ ހަތް ހަފްތާއިން އިސްތަށިތަކުގެ ކޮޅު ޓްރިމްކޮށްލަންޖެހެއެވެ.

ބޯ ދޮވުމުގެ ކުރިން ބޮލުގައި ފުނާއެޅުން

ގިނަފަހަރު ކިތަންމެ ކުޑަކޮށް އިސްތަށިގަނޑުގައި ގޮށްޖެހިފައި ހުއްޓަސް، ބޯ ދޮވެ ނިމި ހިކޭއިރު އޮންނަނީ އިސްތަށިތައް ގޮށްޖެހި އޮޅިފަ އެވެ. މި އުނދަގުލުން ސަލާމަތްވުމަށްޓަކައި ބޯ ދޮވުމުގެ ކުރިން އިސްތަށިތަކުގެ ބުޑުން ފެށިގެން ކޮޅާ ހަމައަށް ރީތިކޮށް ފުނާއަޅާލުން މުހިންމެވެ. އަދި ގޮށްޖެހިފައި ހުންނަ ގަޑިއެއްގައި ގަދަކަމުން ބާރުބާރަށް ގޮށްތައް ފިލުވަން އުޅުމަށްވުރެ، މަޑުމަޑުން އޯގާތެރިކަމާ އެކު، ގޮށްތަކުން ތިރިން ރަނގަޅަށް ފުނާއަޅަން ފެށުމުން މާ ފަސޭހައިން ގޮށް ފިލައިގެން ދާނެއެވެ. ބޯ ދޮވުމުގައި ވިސްނަންވީ އެންމެ މުހިންމު އެއްކަމަކީ ކޮންމެ ދުވަހަކު ބޯ ނުދޮވުމެވެ. އެންމެ ގިނަވެގެން ބޯ ދޮންނަންވާނީ ކޮންމެ ދެ ދުވަހަކުން އެއް ދުވަހުއެވެ.

ކޮންޑިޝަނާ ލުން މުހިންމު

ބައެއްފަހަރު، އިސްތަށިގަނޑު ދޮންނައިރު އަހަރެމެންނަށް ޝޭމްޕޫއިން އެކަނި ފުއްދާލެވެ އެވެ. ނަމަވެސް ކޮންޑިޝަނާ އާންމުކޮށް ބޭނުންކުރާ ނަމަ އެއީ ދޫކޮށްލާވަރުގެ އެއްޗެއް ނޫންކަން ޔަގީންވާނެ އެވެ. ރަނގަޅަށް ކޮންޑިޝަނާ ކުރެވިއްޖެ ނަމަ އިސްތަށިގަނޑު އޮމާންވެ ލުއިވެ އެވެ. މިހެން މިވަނީ ކޮންޑިޝަނާގައި އެކުލެވޭ މާއްދާތަކުގެ ސަބަބުންނެވެ. ގޮށް ފިލުވަން ބޭނުންކަމުގައިވާ ނަމަ "ޑީޕް ކޮންޑިޝަނާ" އެއް ބޭނުންކޮށްލުން ރަނގަޅެވެ. އަދި ލީވް އިން ކޮންޑިޝަނާއެއް ބޭނުންކުރާކަމުގައިވާ ނަމަ، ޝޭމްޕޫ ކުރުމަށް ފަހު އަދި ފުނާއެޅުމުގެ ކުރިން ބޭނުންކޮށްލަން ސަމާލުކަންދޭންވާނެ އެވެ.

އިސްތަށިގަނޑު ހޫނު ތެލުން މަސާޖުކޮށްލުން

މިތަނުގައި "ހޫނު" މިހެން ބުނިކަމުގައިވިޔަސް އެއީ ބޮކިއަރައަރާ ހުންނަހާ ހޫނެއް ނޫނެވެ. ހަންގަނޑުގައި ހާކާލުމުން އުނދަގޫނުވާ ވަރަށް ތެޔޮކޮޅެއް ހޫނުކޮށްލުމަށްފަހު އިސްތަށިގަނޑުގެ ބުޑުގައި ހާކާ މަޑުމަޑުން މަސާޖުކޮށްލުމަކީ އިސްތަށިގަނޑު ހަލާކުވުމުން ދުރުކޮށްދީ، އަދި ގޮށްޖެހުމުންވެސް ދުރުކޮށްދޭނޭ ކަމެކެވެ. ގިނަ ބަޔަކު ބުނާގޮތުން އެންމެ ރަނގަޅު އެއް ތެލަކީ އާގަން އޮއިލް އަދި ކާށި ތެލެވެ.

ފަލަ ތުނޑުލީ ފުނާ

ދިގު އިސްތަށިގަނޑުގައި ބުރުހެއް ބޭނުންކުރުމުން ބައެއްފަހަރު އިސްތަށިތައް އެ ބުރުހުގައި ހަރުލާ އެކި އުނދަގުލާ ދިމާވެއެވެ. އެހެންކަމުން އެއްބަޔަކަށް ކަމުދަނީ ފުނަލެވެ. ފުނާއަޅާނަމަ އަބަދުވެސް ބޭނުންކުރަންވީ ފަލަ ތުނޑުލީ ފުނައެކެވެ. އަދި އެންމެ ރަނގަޅީ ވަކަރުން ހަދާފައިވާ ފުނަލެވެ. އެއީ މި ބާވަތުގެ ފުނާތަކުން އުފެދޭ ސްޓެޓިކް އެނާޖީ ދަށްވެ، އިސްތަށިތައް ހަލާކުވުމުން ދުރުކޮށްދޭތީއެވެ.

ގެތުން ގެތުން ގެތުން

ކުޑައިރު މަންމަމެން އިސްތަށިގަނޑު ގަތަން އެވަރަށް ބޭނުންވަނީ މިހެންވެއެވެ. ފަހުން ކުރަންޖެހޭ މަސައްކަތް ލުއިކޮށްލުމަށެވެ. ނިދާއިރު ބޯ ގެތުމަކީ އިސްތަށިގަނޑު ގޮށްޖެހުމުން ދުރުކޮށްދޭކަމެކެވެ.

Popular