20 Apr 2024

ރައްޓެހިންގެ މި ރެޑް ފްލެގްތަކަށް ސަމާލުވޭ

By: Aishath Jazlee

ރެޑް ފްލެގަކީ ސަމާލުވާންވީ ޓޮކްސިކް ބިހޭވިއާތަކެވެ. އާއްމުކޮށް އަހަރެމެންނަށް ދެއްކެނީ ލޯބިވެރިންގެ ރެޑް ފްލެގްތަކުގެ ވާހަކަ އެވެ. އާއްމުކޮށް ލޯބިވެރިންގެ ހުންނަ ޓޮކްސިކް ބިހޭވިއާތަކުން އަހަރުމެންނަށް މާ ބޮޑަށް ނޭދެވޭ އަސަރުތައްކުރާތީ ކަމަށް ވެދާނެ އެވެ.

ލޯބިވެރިންގެ ފަރާތުން ނޫނަސް އާއިލާ މެމްބަރުންގެ ފަރާތުންނާއި އޮފީސްމޭޓުންނާއި ރައްޓެހިންގެ ފަރާތުން ވެސް ޓޮކްސިސިޓީއާ ޑީލް ކުރަން ޖެހުމަކީ އަހަރުމެންނަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަންކަމެވެ. އަދި މިއީ އަހަރުމެންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބުރޫއަރާނެ ކަމެކެވެ. ހާއްސަކޮށް ރައްޓެހިންގެ ފަރާތުން މިކަން ފެންނަ ނަމަ އެވެ.

1. ބުލީކުރުމާއި މަލާމާތްކުރުމާއި ބިލިޓްލްކުރުން

ރައްޓެހިންގެ މެދުގައި އެކަކު އަނެކަކަށް ދިމާކޮށް ސަކަރާތްޖެހުން އޮވެ އެވެ. މި ދައްކަނީ އެ ވާހަކައެއް ނޫނެވެ. މި ދައްކަނީ އަންކޮންފޮޓަބަލް ވާ މިންވަރަށް އެކި ކަންކަމުގައި ބެހި މަލާމާތްކުރުމާއި ހުންނަ އުނި ސިފައަކަށް ނުވަތަ ސެލްފް ކޮންޝަސްވާ ކަމަކާ ބެހި ދިމާކޮށް ބުލީކޮށް ހަދާ ވާހަކަ އެވެ. އަމުދުން އެހެން މީހުން ތިބޭ ތިންތަނުގައި މި ފަދަ ކަންތައްތައް ކުރާ މީހުންގެ ވާހަކަ އެވެ. މިއީ ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް މީހާ ކުޑަކޮށްލައި, ބިލިޓްލްކޮށް, މަލާމާތްކުރާ މީހުންނެވެ. މިއީ ފްރެންޑްޝިޕެއްގައި ފެންނާނެ އެންމެ ބޮޑު އެއް ރެޑް ފްލެގެވެ.

2. ސެލްފް އޮބްސެސްވެ އަމިއްލަ ވާހަކަ ނޫން ވާހަކައެއް ނުދެއްކުން

ރައްޓެއްސެއްގެ ކިބައިން ފެންނާނެ އެންމެ ޓޮކްސިކް އެއް ސިފަ އަކީ ދުވަހަކު ވެސް ތިމާގެ އެއްވެސް ވާހަކައެއް ނޭހުމެވެ. ހާލު އަހައިނުލުމުގެ އިތުރުން, ދިރިއުޅުމުގައި ބޮޑު ކަންތައްގަނޑެއް ހިނގައިގެން އުޅުނަސް އެކަމުގެ އެއްވެސް ވާހަކައެއް އެހުމެއް ނެތި އަބަދު އަމިއްލަ ވާހަކަ ދެއްކުމެވެ. އަދި ތިމާ އަމިއްލަ އަށް ވާހަކައެއް ޝެއާކުރަން މަސައްކަތްކުރި ނަމަވެސް އެ ވާހަކައެއް އަޑު ނޭހުމާއި އެ ވާހަކަ އަކީ މުހިންމު ނޫން ކަމަކަށް ހެދުމެވެ.

މި ކަހަލަ ރައްޓެހިންނާ ވާހަކައެއް ޝެއާކުރަން މަސައްކަތް ކުރިއަސް އެ ވާހަކަ ނިމޭނީ އެ މީހުންނާ ހަމައިން އެ މީހުންގެ ކޮންމެވެސް ކަމަކުންނެވެ.

3. ގޮސިޕްކުރުން

މި ކަމަކީ މާ ބޮޑު ކަމެއްގެ ގޮތުގައި ހީނުވެ ދާނެ އެވެ. އަހަރުމެން އެންމެންނަކީ ވެސް ކޮންމެވެސް ސިފައެއްގައި ގޮސިޕް ކުރާ ބައެއްކަށް ވާތީ ކަމަށް ވެދާނެ އެވެ. އެކަމަކު އަބަދު ހުއްޓާނުލައި އެކި މީހުންގެ ގޯސް ވާހަކަތައް ދެއްކުމަކީ ރެޑް ފްލެގެކެވެ. ހާއްސަކޮށް ފްރެންޑް ގްރޫޕެއްގައި އެކި މީހުންގެ ގޯސް ވާހަކަތަކާއި ޝެއާކޮށްފައި ހުރި ސިއްރު ވާހަކަތައް އެ ބަޔަކު ނެތް ތަނެއްގައި ދައްކައި, ގޮސިޕް ކުރުމަކީ ވަރަށް ބޮޑު ރެޑް ފްލެގެކެވެ.

4. ކޮމްޕީޓުކުރުމާއި ޖެލަސީ

ބައެއް ރައްޓެހިންނަކީ ތިމާއަށް ކަންކަމުގައި ހިތްވަރުދީ ސަޕޯޓުކުރުމުގެ ބަދަލުގައި ތިމާއާ ކޮމްޕީޓުކުރާ މީހުންނެވެ. މި ފަދަ ރައްޓެހިން ތިމާއަށް ލިބޭ އެއް ވެސް އުފަލެއް, ކާމިޔާބީއެއް ފާހަގައެއް ނުކުރާނެ އެވެ. މި ފަދަ ރައްޓެހިންނަކީ ތިމާއަށް އުފަލެއް ލިބިއްޖެ ނަމަ އެ ކަމެއްގެ ނެގަޓިވް ކަމެއް ހޯދައި, ފާޑު ކިޔައި, އެ ކަމުގެ އުފާވެރިކަން ގެއްލުވާލާނެ މީހުންނެވެ.

5. ބައުންޑްރީއެއް ނެތުމާއި ބައުންޑްރީޒްއަށް ރެސްޕެކްޓް ނުކުރުން

ބައެއް ރައްޓެހިންނަކީ ތިމާގެ ބައުންޑްރީތަކަށް އެއްވެސް ރެސްޕެކްޓެއް ނެތް މީހުންނެވެ. މި ފަދަ މީހުންނަކީ އަބަދުވެސް ތިމާ އަންކޮމްފޮޓަބަލްވާ ކަންތައްތައް ކުރުމަށް ވެސް ޕްރެޝާކުރާ މީހުންނެވެ. އަދި މި ފަދަ މީހުން ތިމާގެ ހުރިހާ ކަމަކަށް ފާޑުކިޔައި, އެ މީހުން ބޭނުން ގޮތަކަށް ތިމާގެ ކަންތައްތައް ބައްޓަންކޮށް ބެހެއްޓުމަށް ވެސް ޕްރެޝާކޮށްފާނެ އެވެ.

Popular