29 Apr 2024

އަހަރެމެންގެ ސްކޫލު ދަބަހާއި ބޭރަށް ދާއިރު ގެންގުޅޭ ކުދި ޕާސްތަކުގައި އޭތި މީތި އެލުވައިގެން އުޅުނު ހަނދާން އެބަހުރި ހެއްޔެވެ؟ ދަބަސްތަކުގައި އެއްޗެހި އެލުވާނެ ތަންތަން ހުސްވުމުން ތަޅުދަނޑީގައި ވެސް މި އެއްޗެހިތައް އެލުވައިގެން އެއްބަޔަކު އުޅުނެވެ. މި އެއްޗިއްސަށް ކިޔާނަަމަކީ ޗާމް އެވެ.

ދަބަހުގައި އެލުވާ ނަމަ އެއީ "ބޭގް ޗާމް" އެވެ. މިއަހަރު މިއުޅެނީ އަނެއްކާވެސް މީގެ ޗާމްތަކުގެ ދަބަސް ވައިގައި ހިފައިގެންނެވެ. ހާއްސަކޮށް، ޓިކްޓޮކުގައި މި ޓްރެންޑަށް 2.2 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ.

މީގެ ބޭނުމަކީ އެ މީހަކު އުފާވާ ކޮންމެ އެއްޗެއް ދަބަހުގައި ފެންނަ ހިސާބުގައި އެލުވާލާފަައި ބެހެއްޓުމެވެ.

މިގޮތަށް ދަބަހުގައި އެލުވައިގެން އުޅޭކަަށް ވަކި ވައްތަރެއްގެ ޗާމްތަކެއް ނެތެވެ. ދެހާހުގެ އަހަރުތަކުގައި، އަތުގައި އަޅަން ގެންގުޅުނު އެކި ކުލަކުލައިގެ ޕެކިންތައް ވެސް ދަަަބަހުގެ ޒިބުގައި ހަރުކޮށްގެން އުޅުތަން އަހަރެމެންގެ ތެރެއިން ފެނުނެވެ. މީގެ ތެރެއަށް ކޮރެއާ އަދި ޖަޕާނުގެ ސްޓައިލްތައް އިތުރުވެ އެކި ކަހަލަ ކާޓޫނާއި ކޭ ޑްރާމާތަކަށް ނިސްބަތްވާ ކުރެހުންތައް ހުންނަ ޗާމްތަކަކީ ދަރިވަރުންގެ މެދުގައި މިހާރު މަޝްހޫރު ވައްތަރުތަކެވެ.

ބޮޑެތި މީހުންނަށް ވެސް މި ޓްރެންޑުގައި އުޅެވިދާނެކަން ސޯޝަލް މީޑިއާގައި އުޅޭ އެކި އިންފްލުއެންސަރުންގެ ޕޯސްޓުތަކުން ނިކަން ރީތިކޮށް ދައްކަ އެވެ. އަތްދަބަހުގައި ހަރުކޮށްލާނެ ޗާމްތަކަށް ބަލާއިރު، ބޭނުން ނުކުރެވި އޮތެއް އެކަމަކު އެއްލާލަން ބޭނުން ނުވާ ގަހަނާތައް ހިމެނެ އެވެ.

ރީތިކޮށް ހުންނަ ތަޅު އަދި އެކި ކަހަލަ ޗޭނުތަކާއި ސްކާފް ވެސް މީގެ ތެރޭގައި ހިމެނެ އެވެ. ތަޅުދަނޑީގައި އެލުވަން ހަދާލާފައި ހުންނަ އެމީހަކަށް ކަމުދާ އެއްޗެއް ފެނިއްޖެ ނަަމަ އެވެސް ބޭނުންކޮށްލެވިދާނެ އެވެ. އަދި ހާއްސަ މީހެއްގެ ހަނދާނުގައި ބާއްވާފައި އޮންނަ މީގެ އެއްޗެއް ވެސް ދަބުހައި އެލުވާލަން ރަނގަޅުވާނެ އެވެ. މިއީ އައުޓްފިޓަށް އިތުރު ދިރުމެއް ގެނެސްދޭ މަޖާ އަދި އުފާވެރި ސްޓައިލެކެވެ.

Popular