24 Apr 2024

ދިވެހިންގެ ތާރީހުގެ ތެރެއަށް ވަދެލަން މައުރަޒެއް

ދިވެހިންގެ ތާރީހުގެ ތެރެއަށް ވަދެލަން މައުރަޒެއް

ދުނިޔޭގެ ތަރިކައިގެ ދުވަހާ ގުޅުވައި، ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގައި، ދިވެހިންގެ ތަރިކަ ރައްކާތެރިކޮށް ހޭލުންތެރިކުރުމުގެ ބޭނުމުގައި މައުރަޒެއް އެބަ ކުރިޔަށް އެބަ ގެންދެ އެވެ. ވަނުން ހިލެ އެވެ.

ދިރިހުރި އާސާރުގެ ހިމޭން ބަސްމަގު، މި ނަމުގައި މި މަހު 18 ފެށިގެން 27 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި މައުރަޒުގައި ބަހައްޓާފައި ހުރި ތަކެތީގައި ޝައުގުވެރި އެތައް މައުލޫމާތެއް ހިމަނާފައި އެބަ ހުއްޓެވެ.

މައުރަޒަށް ވަދެގެން ދިޔައިރު، އެތައް ބައިވަރު ތަކެއްޗެއްގެ މައުލޫމާތު ފަސޭހައިން ފެންނާނެ ކަމަށް ހީކުރީމެވެ. އަހަރެމެންގެ ތަރިކަތަކާއި ޒަމާންތަކަށް އައިސް ހުރި ބަދަލުތައް އިހުސާސްވެދާނެ ފަދަ ތަކެތި ފެންނާނެ ކަމަށް ބެލެވުނަސް އެހެންނެއް ނުވި އެވެ. ނަމަވެސް ހުރި މަދު ތަކެތިން ވެސް "ހިމޭން ބަސްމަގު" ގެ އަޑު ގަދަޔަށް އިވެ އެވެ.

ފިލާ ފަތްކޮޅު

މައުރަޒުގައި ފެންނަން ހުރި ތަކެތީގެ ތެރޭގައި އެންމެ ފާހަގަކޮށްލެވުނީ އައްސުލްތާން އިބްރާހީމް އިސްކަންދަރު 1 (1648މ.، - 1058ހ. - 1098ހ.) އައްޑު އަތޮޅު ގަމު ރައްހިތުންނަށް ދެއްވި މަޝްހޫރު ގަމު ފިލާފަތްކޮޅެެވެ. މި ފަތްކޮޅު ލިޔެފައި ވަނީ ބަނބުކެޔޮ ފިލައެއްގަ އެވެ. މީގެ އިތުރުން ދާރުލް އާސާރަށް ހަދިޔާއެއްގެ ގޮތުގައި ލިބުނު ރާއްޖޭގެ އެންމެ ބޮޑު ހަތިމުގެ ކޮޕީއެއް ވެސް ހުޅުވާލާފައި އޮތެވެ.

ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ގުރުއާން ހަތިމު

މީގެ އިތުރުން އައްޑޫ މީދޫ ކޯގަންނު ގަބުރުސްތާނުގައި ހުރި ރާއްޖޭހެ އެހެން އެއްވެސް ރަށެއްގައި ނެތްވަރުގެ އާދަޔާ ހިލާފު ބޮޑު ދެގަލުގެ މައްޗަށް އެކުލެވިގެންވާ 7 ފޫޓު 10 އިންޗީގެ މަހާނަގަލުގެ ކޮޕީއެއް ހަދާފައި ހުއްޓެވެ.

ދިވެހި ރާއްޖޭގެ އެންމެ ބޮޑު މަހާނަގާ

ގައުމެއްގެ ތާރީހާއި އެތައް ވާހަކަތަކެއް އެނގިގެން ދަނީ އެ ގައުމެއްގެ ދުވަސްވީ އާސާރީ ތަރިކަތަކުންނެވެ. މިތަނުން ފެނުނު މަދު ތަކެތިން ވެސް އެތައް ބައިވަރު ވާހަކައެއް ކިޔައިދެ އެވެ. މި ކަންކަން ދެން އަންނަ ޖީލުތަކާ ހަމައަށް ގެންގޮސް ދިނުމަށާއި އަހަރެމެންގެ ވާހަކަތައް ތާރީހުގައި ރައްކާކުރުމަށް ދިވެހިންގެ ކުރީގެ ދިރިއުޅުމާއި މަންޒަރުތައް ފެންނަ ތަންތަނަށް ޒިޔާރަތްކުރާއިރު ސޯޝަލް މީޑިއާގައި "އެންމެންގެ ތަރިކަ" ހޭޝްޓެގްގައި ޕޯސްޓްކުރުމަށް ވަނީ އެދިފަ އެވެ.

ތާރީހް ދާރުލްއާސާރު

Popular