9 Jul 2024

ކުޑަ ކަމެއް ރަނގަޅުކޮށްލައިގެން ވެސް ބުރަކަށީގެ ތަދު ލުއިކުރެވިދާނެ

ކުޑަ ކަމެއް ރަނގަޅުކޮށްލައިގެން ވެސް ބުރަކަށީގެ ތަދު ލުއިކުރެވިދާނެ

By: Aishath Mihna Nasih

ބުރަކަށީގައި ރިއްސުމަކީ ވަކި އުމުރަކަށް ނުވަތަ ވަކި މަސައްކަތެއް ކުރާ މީހުންނަށް ކުރިމަތިވާ ކަމެއް ނޫނެވެ. މިއީ އާންމު ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. މި ނުތަނަވަސްކަން ކުރިމަތިވުމުގެ ފުރުސަތު ކުޑަކުރުމަށް ކޮންމެ ދުވަހެއްގެ ރޫޓިންގައި ހިމެނިދާނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.

ރަނގަޅަށް ޕޮސްޗާ ދެމެހެއްޓުން

ބުރަކަށީގައި ރިއްސުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުވަހުގެ ގިނަ ވަގުތު ހަށިގަނޑު ބެެހެއްޓޭ ގޮތެވެ. މޭޒުދޮށުގައި އިށީނދެ އިނަސް، ކޮޅަށް ހުއްޓަސް ނުވަތަ އެއްޗެހި އުފުލިޔަސް، ރަނގަޅަށް ޕޮސްޗާ ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. އިށީނދެ ތިބޭއިރު ކޮނޑު ފަހަތަށް ޖައްސާފައި ފުރަގަހަށް ސަޕޯޓް ކޮށްލާށެވެ. ކޮޅަށް ހުންނައިރު ދެފައިގައި ހަމަހަމަކަމާ އެކު ބަރުދަން ބަހާލާށެވެ. މިކަމުގެ ސަބަބުން ބުރަކަށީގެ މަސްތަކާއި ލިގަމެންޓުތައް ސީދާވެ، ގުދުލާފައި ހުރުމުން ދުރުވެ ބުރަކަށްޓަށް ލުއި ލިބިގެންދާނެއެވެ. ސްލޯޗް ކުރުން ނުވަތަ ހަންޗިން ކޮށްލުމުން ދުރުހެލިވާށެވެ.

ގަވާއިދުން ކަސްރަތު ކުރުން

މަސްތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށާއި ފްލެކްސިބަލް ސްޕައިންއެއް ދެމެހެއްޓުމަށް ގަވައިދުން ކަސްރަތު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ބަނޑާއި ބުރަކަށީގެ މަސްތައް ފަދަ މައިގަނޑު މަސްތައް ވަރުގަދަކޮށްދޭ ކަސްރަތުތަކަށް ހާއްސަކޮށް ސަމާލުކަން ދޭށެވެ. ހިނގާބިނގާވެ އުޅުމާއި، ފެތުން ނުވަތަ ޔޯގާ ފަދަ ހަރަކާތްތަކުގެ ސަބަބުން ވެސް ފްލެކްސިބިލިޓީ ރަނގަޅުކޮށް، ބުރަކަށީގެ އެކި ތަދުތައް ކުޑަކޮށްދެ އެވެ. ހަފްތާގެ ގިނަ ދުވަސްތަކުގައި މަދުވެގެން 30 މިނެޓުގެ މެދުމިނުގެ ކަސްރަތަށް އަމާޒު ހިފާށެވެ.

އެއްޗެހި އުފުލުމުގައި ސަމާލުކަންދިނުން

މަސައްކަތުގައި ނުވަތަ ގޭގައި ބަރު އެއްޗެހި އުފުލިޔަސް، ބުރަކަށްޓަށް ލިބޭ އަނިޔާތަކުން ރައްކާތެރިވުމަށް، އެ އެއްޗެއް އުފުލަންޖެހޭ ގޮތަށް، ރަނގަޅު އުކުޅުތައް ބޭނުންކުރުން މުހިންމެވެ. ބިންމަތިން އެއްޗެހި އުފުލާއިރު ކަކޫ ތިރިކޮށްލުމަށްފަހު ބުރަކަށި ސީދާކޮށް ބަހައްޓާށެވެ. އަމިއްލައަށް ރައްކާތެރިކަމާއެކު އުފުލާލެވޭ ވަރަށް ވުރެ ބަރު އެއްޗެއް ނަމަ އެހީއަށް އެދޭށެވެ. ސަބަބަކީ މާ ބަރު އެއްޗެހި އުފުލުމަކީ ބުރަކަށްޓަށް ހީވެސް ނުކުރާ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމެކެވެ. ނުވަތަ ދިގުދެމިގެންދާ އަނިޔާއެއް ކުރިމަތިވެދާނެ ކަމެކެވެ.

ދުޅަހެޔޮ ބަރުދަނެއް ދެމެހެއްޓުން

ހާއްސަކޮށް ހަށިގަނޑުގެ "ލޯވަ ބޮޑީގައި" ބަރުދަން އިތުރުވުމަކީ ބުރަކަށީގައި ރިއްސުމަށް މަގުފަހިވާ ކަމެކެވެ. މިންހެޔޮކޮށް ކެއުމާއި ގަވާއިދުން ކަސްރަތު ކޮށްގެން ދުޅަހެޔޮ ބަރުދަނެއް ދެމެހެއްޓުމުން މައިބަދައަށް އޮންނަ ލޯޑު ކުޑަވެ، ބުރަކަށީގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ކުޑަވެ އެވެ.

ސްޓްރެޗް ކުރުން

ގިނަ ވަގުތު އިށީނދެ ތިބެން ޖެހޭ ނުވަތަ ކޮޅަށް ހުންނަން ޖެހޭ ވަޒީފާއެއްގައި އުޅޭ ނަމަ، ބްރޭކެއް ނަަގައި ހަށިގަނޑުގެ މަސްތަށް ސްޓްރެޗްކުރުމަކީ ވަރަށް މުހިންމުކަމެކެވެ. ބުރަކަށްޓާއި ހެމްސްޓްރިންގްސް އަދި ހިޕްސްއަށް ބޭނުންވާ އާދައިގެ ސްޓްރެޗްތަކުގެ ސަބަބުން ނުތަނަވަސްކަން ފިލުވައިދީ ލޭ ދައުރުވުން ރަނގަޅުކޮށްދެއެވެ. ސްޓްރެޗިން ކަސްރަތުތައް ކޮންމެ ދުވަހެއްގެ ރޫޓިންގައި ހިމެނުމަކީ ވެސް ފްލެކްސިބިލިޓީ އިތުރުކޮށް، ބުރަކަށީގައި ރިއްސުމަށް މަގުފަހިވާ މަސްތަކުގެ އިމްބެލެންސްގެ ނުރައްކާ ކުޑަކޮށްދޭނެ ކަމެކެވެ.

Popular