3 Sep 2024

ފޮނިތޮށީގެ ހިތް ސަވަޑޯ އަށް ހުސްވި ގޮތް

ފޮނިތޮށީގެ ހިތް ސަވަޑޯ އަށް ހުސްވި ގޮތް

By: Aishath Mihna Nasih

ކޮންމެ ދުވަހަކު ބަލައިލިޔަސް އިންސްޓަގްރާމުގައި "ފޮނިތޮށި އެމްވީ" ޕޭޖުން ކޮންމެވެސް ކަހަލަ ޕާނެއް ތައްޔާރުކުރާތަން ފެނެ އެވެ. ބައެއްފަހަރު މިކްސަރުގައި ފުށްގަނޑެއް މޮޑެލާ ތަނެވެ. ނޫން ނަމަ އަތުން ފޯލްޑް ކޮށްލާ މަންޒަރެވެ. ކުޅު ދިޔާވާނެހެން ދެންމެ ފިހެލައިގެން އަވަނުން ނެރުނު ތާޒާ މީރު ޕާނެކެވެ. ފުޑް ބްލޮގަކުން ފަށައި، ހަފްތާގެ ފަސް ދުވަހު، ރަސްމީ މަސައްކަތަކަށް މިހާރު އައިމިނަތު ރުޚުސާ (ތޫތަ) ކުރާ މަސައްކަތަކީ އަހަރެމެންނަށް ރަހަމީރު ސަވަޑޯ އާއި މެކަރޫން ތައްޔާރުކުރުމެވެ.

ތޫތަގެ ފޮނިފޮނި މެކަރޫންގެ ވާހަކަ އާއި ކެއްކުމަށް އޮތް ލޯބި މި ފާއިތުވި އަހަރުތަކުގައި އަހަރެމެންނަށް އެނގި ފެނި ކިޔާލެއްވިއްޖ އެވެ. ނަމަވެސް ލިބޭ ހުސްވަގުތުތަކުގައި، އަމިއްލަ ބަދިގެއިން ކުޅި، ފޮނި އެކި ބާވަތްތައް ތައްޔާރުކޮށް މީހުންނަށް ވިއްކައި، ހިއްސާކުރަމުންދިޔަ މީރު ރެސިޕީތައް ވައިރަލްވެ ކޮންމެދުވަހެއްގެ ނާސްތާ ނުވަތަ ސުފުރާ ފޮނިތޮށީގެ މީރު ސަވަޑޯއެއް ނުލައި ފުރިހަމަ ނުވާ ހިސާބަށް މި ދިޔައީ ކިހިނެއްތޯ އަދިވެސް ގިނަ ބަޔަކު އެނގެން ބޭނުންވެ އެވެ. އަހަރެމެން މިފަހަރު ތޫތަ އަށް ކުރީ އެންމެ ސުވާލެކެވެ؛ ތޫތަގެ ހިތް ސަވަޑޯ އަށް ގޮސް ހުސްވީ ކިހިނެއް ހެއްޔެވެ؟

View this post on Instagram

A post shared by Aminath Rukhsa Ahmed (@fonithoshi.mv)

ތޫތަ މި ވާހަކަފެށީ މީގެ ހަތަރުވަރަކަށް އަހަރުގެ ކުރީގެ ހަނދާނަކުންނެވެ. ކޮވިޑް19ގެ ބަލިމަޑުކަމުގައި ފުރަބަންދުވެ ތިބެ، ރޯދަމަސް ފެށުނުއިރު، އެންމެންހެން ތިބީ "ޕާނަށް" ޖެހިފަ އެވެ. ގޮސްހުސްނުވެ ތޫތަ އޭރު ވެސް ހިއްސާކުރަމުންދިޔައީ އޭނާގެ ބަދިގޭގައި ނިކަން ހަމަޖެހިލައިގެންހުރެ ޕާން ފިހެމުން އައި ތަނެވެ. ނުވިތާކަށް، މިއީ އެކުވެރި ހަނާންއާ އެކު ދެމީހުން ފެށި ކުޑަ ޕްރޮޖެކްޓެކެވެ. ފުރަބަންދުގައި މާލެ ކައިރި ދިއްފުށީގައި ހުރިއިރު ވެސް، މުޅި ރަށަށްވާވަރަށް ޕާން ފިހެ ފިހާރައަށް ލައި ވިއްކުނެވެ.

މި ވާހަކަ އާންމުވި ހިސާބުން ފޮނިތޮށީގެ ޕާނާއި، ޕިއްޒާ ފުށްގަނޑާއި، މި ބާވަތްތަކުގެ ރެސިޕީތައްވީ ރަނަށެވެ. އެ ފޯރީގައި ފިހަން ފެށި ޕާންތަކަށް މަޑުޖެހުމެއް އަދިއެއް ނާދެ އެވެ.

"ހުރިހާ އެންމެން ކޮވިޑް ތެރޭގައި ދެން ވަގުތު ގިނަވެގެންނާއި، ދެން އަމިއްލައަށް ތައްޔާރުކުރަންވެގެންނާ އެކީ ގޭގައި ޕާންކަހަލަ އެއްޗެހި ހަދައިގެން ބޭނުންކުރީ. ދެން ބްރެޑް ރެސިޕީ އޭރު ޝެއާކުރީމާ ވަރަށް ތަރުހީބު ލިބުނު. ލޮކްޑައުންތެރޭ ދިއްފުށީގައި ހުރެގެން އަސްލު ފުރަތަމަ ސަވަ ޑޯ ސްޓާޓައެއް ތައްޔާރުކުރީ،" ދެކުދިންގެ މަންމަ ބުންޏެވެ.

ސަވަޑޯގެ ފުރަތަމަ ސްޓާޓާގެ މަސައްކަތް ވެސް ކުރިއަށްދިޔައީ އިންސްޓަގްރާމުގައި ތިބި އޭނާގެ ފޮލޯވަރުންނާއެކުގަ އެވެ. ކޮންމެ ދުވަހެއްގެ ވެސް އަޕްޑޭޓް އަހަރެމެންނާ ހިސާބަށް އާދެ އެވެ. އޭރު ގިނަބަޔަކަށް ސަވަޑޯ އަކީ ކޯއްޗެއްކަން ނުވަތަ ސަވަޑޯ ތައްޔާރުކުރަނީ ކިހިނެއްކަން މާ ތަފްސީލުކޮށް ނޭނގޭތީ، ނިކަން ފަސޭހައިން ތޫތަގެ ސްޓޯރީތަކާއި ޕޯސްޓްތަކަށް ޝައުގުވެރިކަން ހުއްޓެ އެވެ. އެހެންވެ ތޫތަހެން އޭނާގެ ފޮލޯވަރުން ވެސް ތިބެނީ ސްޓާޓާ ފުފިފައި ހުންނާނެ ވަރާއި އެ ދުވަހު އެއަށް ފީޑްކުރާ މިންވަރު ބަލަން އިންތިޒާރުގަ އެވެ.

ފޮނިތޮށީގެ ބައެއް އުފެއްދުންތައް --- ފޮޓޯ:ފޮނިތޮށި.އެމްވީ

އަސްލު ސަވަޑޯ މިއީ ކޯއްޗެއް؟

އާންމުކޮށް އަހަރެމެން ބޭކަރީތަކުން މި ގަންނަ ޕާނާއި ސަވަޑޯ އަކީ މުޅިން ތަފާތު ގޮތަކަށް ތައްޔާރުކުރާ، ތަފާތު ސިއްހީ ފައިދާތަކެއް ހިމެނޭ ޕާނެކެވެ. ބޭކަރީތަކުން މި ލިބޭ ޕާނަކީ މާ ބޮޑު އުނދަގުލެއް ނެތި އާދައިގެ ޔީސްޓް ބޭނުންކޮށްގެން އަވަހަށް ތައްޔާރުކުރެވޭ ޕާނަކަށް ވިޔަސް ސަވާޑޯ އަކީ ގިނަ ދުވަސްތަކެއް ހޭދަވާ، އަދި ބުރަ މަސައްކަތެކެވެ.

" ކޮމާޝަލީ މި ބޭނުންކުރާ ޔީސްޓް ތައާރަފްވުމުގެ ކުރިން އަސްލު ޕާން ހަދަން ބޭނުންކުރާ ޓެކްނިކް ބޭނުންކޮށްގެން ސަވާޑޯ މި ހަދަނީ. މާނައަކީ ޔީސްޓް ނުލައި، ފުށްކުނިކޮށްގެން (ފާމެންޓްކޮށްގެން) ޒިލޭބި އެއްޗެހި ވެސް ދިވެހިން ކުރިން ހަދައި އުޅުނުތާ... އެކަހަލަ ގޮތަކަށް ސަވާޑޯ މި ތައްޔާރުކުރަނީ."

ސަވާޑޯ ބްރެޑަކީ ޔީސްޓް ބޭނުންނުކޮށް ގުދުރަތީ ފާމެންޓޭޝަންގެ ޕްރޮސެސްއަކުން ތައްޔާރުކުރެވޭ އެއްޗަކަށް ވާތީ ވަރަށް ގިނަ ސިއްޚީ ފައިދާތައް ވެސް އެހެން ބާވަތްތަކުގެ ޕާނާއި ބަނަހަށްވުރެ މި ބާވަތުގައި ގިނަ އެވެ. ދުޅަހެޔޮ ބެކްޓީރިއާ، ވިޓަމިން، މިނަރަލް އަދި އެންޓި އޮކްސިޑަންޓްސް ސަވާޑޯގައި ގިނައިރު، އާދައިގެ ޕާނަށްވުރެ މި ދުޅަހެޔޮ މާއްދާތައް ހަށިގަނޑަށް ލިއްބައިދޭ މިންވަރު ވެސް މި ޕާނުގައި އިތުރެވެ.

ހަމައެޔާ އެކު ގްލޫޓަން އެލާޖީ އާއި އެކި ކަހަލަ އިންޓޮލަރެންސް ހުންނަ މީހުން އަދި ޑައިބެޓީސް ހުންނަ ފަރާތްތަކަށް ވެސް ސަވާޑޯ އަކީ ސިއްހީގޮތުން ރަނގަޅު ޗޮއިސްއެކެވެ. ގިނަބަޔަކަށް މިއީ "ހުތް" ރަހަދޭނެ ޕާނެއްގެ ގޮތުގައި ސިފަވިޔަސް ތޫތަ ބުނަނީ އޭނާގެ ސަވަޑޯގައި އެފަދަ ހުތްކަމެއް ނުހުންނާނެކަމަށެވެ. ތޫތަ އެންމެ ފުރަތަމަ ވިއްކަން ސަވާޑޯ ހަދަން ފެށީ އެންމެ 2 ކަސްޓަމަރުންނާއެކުގަ އެވެ. ނަމަވެސް، އެއްވެސް ފޫހިކަމެއް މަޑުޖެހުމެއް ނެތި ކޮންމެ ހަފްތާއަކުން ވެސް، ސަވާޑޯ ތައްޔާރުކުރަމުން އެ ދަތުރުގައި އޭނާގެ އެތައްހާސް ފޮލޯވަރުން ބައިވެރިކޮށް އަދި ނުވިތާކަށް، މީހުންނަށް ސަވާޑޯ ކިޔާދެމުން ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކީ މިހާރު މި ޕްރޮޑަކްޓަށް އޮތް ޑިމާންޑެވެ. ތޫތަ ބުނިގޮތުގައި ކުރިއަށް އޮތް ހަފްތާ ވެސް އޮތީ އެއްކޮށް ބުކްވެފަ އެވެ.

ތޫތަ މަސައްކަތުގައި --- ފޮޓޯ:ފޮނިތޮށި.އެމްވީ

ބެލެންސް ކުރަނީ ކިހިނެއް؟

އެކި ބާވަތުގެ ފޮނިތަކެއްޗާއި އަދި ބައެއްކަހަލަ ސޭވަރީ ތަކެތި މީގެކުރިން ތޫތަ ތައްޔާރުކުރަމުން އައި ނަމަވެސް މިވަގުތު ފޮނިތޮށިން ވިއްކަނީ ހަމައެކަނި ބްރެޑް އަދި ސަވާޑޯގެ ބާވަތްތަކާއި، ބްރައުނީ، ކުކީސް، ސިނަމަން ރޯލް އަދި މެކަރޯންސް އެކި ފްލޭވާތަކެވެ. ބައެއް ކަހަލަ އޯޑާރުތަކުގައި ސަތޭކައަށްވުރެ ގިނަ މެކަރޯންސް ހަދައި، ކަސްޓަމް ޑިޒައިންތަކަށްވެސް ތައްޔާރުކޮށްފައި ހުރެއެވެ.

ނުވިތާކަށް، ސަވާޑޯ ސްޓާޓާއަކީ ވަކި ކަހަލަ މާހައުލެއްގައި އެހާ ފަރުވާތެރިކަމާ އެކު، ގަޑިން ގަޑިއަށް ފީޑްކޮށްގެން ބަލަހައްޓަންޖެހޭ އެއްޗަކަށްވާއިރު، ސަވާޑޯ ތައްޔާރުކުރާއިރު ވެސް ކޮންމެ 45 މިނިޓަކުން ފޯލްޑްކޮށް ކޮންމެ ފިޔަވަޅަކަށް ވެސް އެހާމެ ފަރުވާތެރިވާންޖެހެ އެވެ. އަދި ކަސްޓަމަރާއި ހިސާބަށް ސަވާޑޯ މި ފޮނުވެނީ އެއް ރޭ ފްރިޖްގައި ބެހެއްޓުމަށް ފަހު އެވެ. މި ނޫނަސް، ކޮންމެ ދުވަހަކު އަންނަ އޯޑަރުތަކާއި، އަދި ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބުދިނުމަކީވެސް މިފަދަ ވިޔަފާރިއެއް ކުރިއަށްގެންދާއިރު، ވަގުތު ހުސްކޮށްގެން ކުރަންޖެހޭނެ ކަމެކެވެ. އެހެންކަމުން ދެކުދިންގެ މަންމަ ތޫތަ ކައިރި ދެން އަހާލެވުނީ މި ހުރިހާ ކަމެއް މެނޭޖްކުރަނީ ކިހިނެއް ހެއްޔެވެ.

"މިހާރު މިދަނީ އެއްވެސް ބެލެންސް އެއް ނެތި!" ވަރަށް ކުރުކޮށް ތޫތަ ޖަވާބުދިނެވެ.

ތޫތައަށް މުޅި ވިޔަފާރީގެވެސް އެންމެ މުހިންމު ކަމަކީ އޭނާގެ ޕްރޮޑަކްޓްތަކުގެ ކޮލިޓީ ހިފެހެއްޓުމާއި، ސާފްތާހިރުކަން ކަށަވަރުކުރުމެވެ. އެހެންކަމުން އޭނާގެ ބަދިގެއިން ތައްޔާރުކުރާ ކޮންމެ ބާވަތަކީވެސް ތޫތަގެ އަތުން އެކަނި ތައްޔާރުކުރެވޭ އެއްޗެއްކަމުގެ ޔަގީންކަން އޭނާދެއެވެ. ސާފުކުރުމުގައި އެހީތެރިއެއް ހުރެއެވެ. އަދި ޕޭޖުގެ މެސެޖްތަކަށާއި ޕޯސްޓްތަކަށް ހާއްސައީ ހުރިހާ މަސައްކަތެއް ނިމި ތާޒާވުމަށްފަހު އެ ލިބޭ ވަގުތެވެ. ކުރިއަށް އޮތްތަނުގައި މަސައްކަތްތައް މާ ބޮޑަށް ފުޅާވެ، ޝެޑިއުލްކުރެވި ބެލެންސް ކުރެވިގެންދާނެކަމަށް ތޫތަ އުންމީދުކުރެއެވެ.

View this post on Instagram

A post shared by Aminath Rukhsa Ahmed (@fonithoshi.mv)

ތޫތަ މަސައްކަތުގެ ތެރެއިން--

"އަސްލު ކަންމަތީ ފިހާރައިން ޕާނެއް ގަނެލާއިރު ހިތަށް މި އަރަނީ މިއޭ ހަމައެކަނި މި ހުންނަ ޕާނަކީ. އެކަމަކު ޕާނަކީ އެކި ރަހަތައް ބޭނުންކުރެވޭ، ވަރަށް ތަފާތު ގޮތްގޮތަށް ތައްޔާރުކުރެވޭ އެއްޗެއް. ހޮޓެލް ސްކޫލްގެ ތެރެއިން އަސްލު މިކަން ރިއަލައިޒްވި.. އޭރު މި މޮޑިއުލް ކިޔަވައިދިން ލެކްޗަރާ އެއީ ވަރަށް ބޮޑު އިންސްޕިރޭޝަނެއް" ތޫތަ ކިޔައިދިނެވެ.

ފޮނިތޮށީގެ ބައެއް ޕްރޮޑަކްޓްސް --- ފޮޓޯ:ފޮނިތޮށި.އެމްވީ

ތޫތަ ތައްޔާރުކުރާ އެކި ޕާނުގެ ބާވަތުގެ ތެރޭގައި ފޮކާޗާ، ހޯލް ވީޓް، ބޭގަލްސް ހިމެނެ އެވެ. އަދި އެންމެ މަގުބޫލު ސަވާޑޯ އަކީ ފްލޭވާޑް ސަވަޑޯ އެވެ. މި ފްލޭވާތަކުގެ ތެރޭގައި ޓޮމާޓޯ، އިޓާލިއަން ހާބް، ހަލަޕީނޯ އަދި ޗެޑާ ހިމެނެއެވެ.

ސަވާޑޯ ސްޓާޓާ ލިބިދާނެތަ؟

ރަނގަޅު ސަވާޑޯ ސްޓާޓާއަކީ ސަވާޑޯއެއްގެ އެންމެ މުހިންމު އިންގްރިޑިއަންޓެވެ. އަދި މިއީ އެންމެ ސަމާލުކަންދޭންޖެހޭ އަދި ގިނަބަޔަކަށް ސަވާޑޯއެއް ތައްޔާރުކުރަން އެންމެ އުނދަގޫވާވެސް އެއް ސަބަބެވެ. އެހެނަސް ތޫތަ ބުނާގޮތުން މީހެއްގެ ސަވާޑޯ އެއް ބޭނުންކޮށްގެން ޕާން ހެދުމަށްވުރެ، އަމިއްލައަށް، ސްޓާޓާއެއް ހެދުން މާ ރަނގަޅެވެ.

" ސްޓާޓާއަކީ ހަމަ ދަރިއެއްބަލާހެން ތައްޔާރުކުރާއެއްޗެއް. ވަރަށް ބޮޑަށް އިމޯޝަނަލީ ކަނެކްޓްވެފައި އިންނަނީ. އަނެއްކޮޅުން ކޮންމެ ސްޓާޓާއަކީވެސް އެ ހަދާ މާހައުލަކާ، އެއަށް ދޭ ފުށާ މި ހުރިހާ ކަމަކާ ގުޅިފައި އިންނަ އެއްޗެއް. އެހެންވީމަ އަދި ސްޓާޓާއެއް ނަގައިންގެން ގޮސް އެހެން މީހަކު އެ ތައްޔާރުކުރިއަސް ގަވާއިދުން އެ ބަލަހައްޓަންވެސް އުނދަގޫވެ. އެ އާދަ އަށަގަންނުވަންވެސް އުނދަގޫވޭ" ސަވަޑޯ ސްޓާޓާ ހެދުމަށް ހިތްވަރުދެމުން ތޫތަ ކިޔައިދިނެވެ.

View this post on Instagram

A post shared by Aminath Rukhsa Ahmed (@fonithoshi.mv)

ސަވަޑޯ ސްޓާޓާއެއް ތައްޔާރުކުރަނީ--

އެނޫނަސް، މީރު ރަނގަޅު ސަވާޑޯ އެއް ހެދެނީ ކޮންމެހެން ގިނަ ދުވަސްވީ ސްޓާޓާއަކުން ނޫންކަން ތޫތަ ބުންޏެވެ. އޭގެ ބަދަލުގައި ބައެއްފަހަރު ތާޒާކޮށް ތައްޔާރުކުރާ ހަފްތާއެއްގެ ސްޓާޓާއަކުންވެސް މާ ރަނގަޅު ކޮލިޓީއެއްގެ ޕާން ފިހެވިފައި އެބަހުރިކަމަށް ތޫތަ ބުންޏެވެ. އެންމެ މުހިންމީ ސްޓާޓާ ބެލެހެއްޓުމާއި ގަވާއިދުން އެއަށް ފީޑްކުރުން ކަމުގައިވެސް އޭނަ ބުންޏެވެ.

ފާއިތުވި ހަތަރު އަހަރުތެރޭ އަމިއްލަ މަސައްކަތުގެ އުކުޅުތަކަށާއި، މިކަމުގެ ތަޖުރިބާއާއެކު، ސަވަޑޯތަކުގެ ކޮލިޓީއަށް އައި ބަދަލުތައްވެސް އުފަލާއެކު ފާހަގަކުރަމުން ތޫތަ ބުނީ، މި ކަމުގައި ދެމިހުރެވުނު އެންމެ ބޮޑު ސިއްރަކީ އޭނާގެ ކަސްޓަމަރުން ކަމަށެވެ. މިގޮތުން މެދުކެނޑުމެއްނެތި ތިން އަހަރުވެސް ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަސް ސަވަޑޯ އޯޑަރު ނަގާ ފަރާތެއްވެސް ހިމެނޭކަން އޭނާ ފާހަގަކުރި އެވެ.

View this post on Instagram

A post shared by Aminath Rukhsa Ahmed (@fonithoshi.mv)

"އަދިވެސް ގިނަ މީހުންނަށް ނޭގެނީ ޕްރީ އޯޑަރަށްކަން ސަވަޑޯ މި ތައްޔާރުކުރަނީ. އެންމެންވެސް ބޭނުންވަނީ އެވަގުތެއްގައި ގަނެލަން. އެކަމަކު މިވަގުތު ޖާގަ ހުރިގޮތުންވެސް އެއްފަހަރާ ހެދެން އޮތް ފުލް ކެޕޭސިޓީގަ މި ހަދަނީ. ޕޭޖުން އެ ދުވަހަކު މި ވިއްކަނީ މީހެއް މާލޭގަ ނެތިގެން ނޫނީ އެނޫންވެސް ސަބަބަކާހެދި އޯޑަރު ކެންސަލްވެގެން "

ފޮނިތޮށީގެ ޕްރޮޑަކްޓްތައް ކަމުދާ މީހުންނަށް އޮތް އެންމެ އުފާވެރި ހަބަރަކީ ވަރަށް އަވަހަށް މާލޭގައި އަމިއްލަ ބޭކަރީއެއް ހުޅުވާނެ ހަބަރެވެ.

ކަލިނަރީ

Popular