16 Oct 2024

ގޭސްލައިޓިންގައި އަނދާއިރު ވެސް ނޭނގި ހުރެދާނެ

ގޭސްލައިޓިންގައި އަނދާއިރު ވެސް ނޭނގި ހުރެދާނެ

By: Aishath Mihna Nasih

ގޭސްލައިޓް ކުރުމަކީ ނަފްސާނީގޮތުން މީހެއްގެ ވިސްނުމާ ކުޅެލައި، އެމީހެއްގެ އަމިއްލަ ވިސްނުމާއި، ހަނދާނާއި އިހުސާސްތަކާއި ދޭތެރޭ ޝައްކުއުފެއްދުމެވެ. ގޭސްލައިޓިންގެ މި ލަފްޒު އެންމެ ފުރަތަމަ ބޭނުންކުރެވުނީ 1944 ވަނަ އަހަރު ނެރުނު ފިލްމް " ގޭސްލައިޓް" ގަ އެވެ. ފިލްމުގައި ދައްކުވައިދެނީ ފިރިއެއް އޭނާގެ އަނބިމީހާގެ ވިސްނުމާ ކުޅެ އޭނާއަކީ މޮޔައެއްކަމުގައި ގަބޫލުކޮށްދޭން ކުރާ މަސައްކަތެވެ. ގޭސްލައިޓްކުރުމަކީ އެކިކަހަލަ ގުޅުންތަކުގައި ތަފާތު ގޮތްގޮތަށް މީހުން ކުރާ ނަފްސާނީ އަނިޔާއެކެވެ. ހާއްސަކޮށް، ހަޔާތުގެ ބައިވެރިޔާގެ ފަރާތުން ދިމާވާ ގޭސްލައިޓްކުރުމުގެ ސަބަބުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި، ރައްކާތެރިކަމަށް ބުރޫއަރާ އެ ގުޅުމެއްގެ ދުޅަހެޔޮކަން ގެއްލިދެ އެވެ.

ގޭސް ލައިޓް ކުރާކަން ދެނެގަންނާނީ ކިހިނެއް؟

މީހަކު ތިމާއަށް ގޭސްލައިޓްކުރަނީކަން ދެނެގަތުމަކީ އުނދަގޫކަމަކަށްވެދާނެ އެވެ. ހާއްސަކޮށް، ހަޔާތުގެ ބައިވެރިޔާ ނުވަތަ އެނޫންވެސް ހާއްސަ ގާތް ގުޅުމެއް ހިއްސާކުރާ މީހެއްގެ ފަރާތުން ގޭސްލައިޓްކުރަމުންދާކަން ފަރަގުކުރަންދަތިވެ އެވެ. އެކަމަކު މިއީ މިފަދަ ކަމެއް ހިނގާ ނަމަ ފާހަގަވެދާނެ ބައެެއް ނިޝާންތަކެވެ.

ދޮގުކުރުން: ބައިވެރިޔާ ގާތުގައި ތިމާގެ ހިޔާލާއި، ކުރީގެ ހަނދާންތަކާއި، ތިމާގެ އިހުސާސްތައް ހިއްސާކުރާ ކޮންމެ ފަހަރަކު ނުވަތަ ގިނަފަހަރު އެކަން ދޮގުކުރުމަކީ ނުވަތަ އެއީ އަސްލުކަން ހިނގައިދިޔަ ގޮތް ނުވަތަ ނޫންކަމަށް ބުނެ ސުވާލުކުރުމަކީ ގޭސްލައިޓްކުރުމުގެ ވަރަށް އާންމު ނިޝާނެކެވެ. މީގެ ސަބަބުން ތިމާގެ އަމިއްލަ ވިސްނުމާއި، ފިކުރާއި އިހުސާސްތަކާ މެދު ޝައްކުކުރެވެ އެވެ.

ކަން ހިނގާދިޔަ ގޮތް ނޫން އެހެން ގޮތަކަށް ގަބޫލުކުރުވަން މަސައްކަތްކުރުން: ހާއްސަކޮށް، ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާއެއް ނުވަތަ ހާނިއްކައެއް ކުރުވުމަށްފަހުގައި ވެސް އެކަންވީ ގަސްތުގައި ނޫންކަމާއި، ތިމާގެ އަމަލު ހުރިގޮތުން ކަމަށްބުނެ ހަގީގަތް އޮޅުވާލައި އެހެން ގޮތަކަށް ވިސްނައިދޭން މަސައްކަތްކުރަން އުޅުމަކީވެސް ގޭސްލައިޓް ކުރުމެވެ. މި ނޫނަސް، ކުރީގެ އެކި ހާދިސާތަކުގެ ވާހަކަ ދެކެވޭއިރުވެސް، ނުވަތަ ތިމާ ބައިވެރިޔާ ވަކިކަމެއް ކުރާކަމަށް ޝައްކުކުރެވިގެން ވާހަކަ ދައްކާ ފަހަރުތަކުގައިވެސް މުޅިން އެހެން ގޮތަކަށް ކަން ހިނގައިގެން ގޮސްއުޅޭކަމަށް ބުނެ ވާހަކަދައްކާ އުޅޭނެއެވެ.

މިނިމައިޒްކުރުން: ގޭސްލައިޓްކުރާ މީހުން އެންމެ ގިނައިން ކުރާނެ އެއް ކަމަކީ މިއީ އެވެ. ތިމާގެ އިހުސާސްތަކާއި ވިސްނުމާއި ފިކުރަށް ވީހާ ވެސް އަޅާނުލައި ދޫކޮށްލުމެވެ. ނުވަތަ އެއީ ކުޑަކަމެއްކަމަށް ބުނުމާއި، އަބަދުވެސް މާ ކަންތައް ބޮޑުކުރަނީ ކަމުގައި ބުނުމެވެ. އަދި ތިމާ ކަންކަމަށް އިޖާބަދޭގޮތަކީ ގޯސްގޮތެއްކަމުގައި ތަކުރާރުކޮށް ބުނުމެވެ.

އެކަހެރިކުރުން: ބައިވެރިޔާއަކީ ގޭސްލައިޓްކުރާ މީހެއް ނަމަ، ވަރަށް ބޮޑަށް ތިމާގެ ސަޕޯޓް ސިސްޓަމުން އެކަހެރިކުރެވޭތޯ ބަލާނެ އެވެ. ހާއްސަކޮށް، ތިމާގެ ވާހަކަތައް އަޑުއަހައި، ސަޕޯޓް ދީ، ހިތްވަރުދޭ މީހުންނަކީ ގޯސްބައެއް ކަމުގައި ބުނުމާއި، ނުވަތަ ދިމާވެ ގުޅުމަށް ހުރަސްއެޅުމާއި މަނާކުރުން ފަދަ ކަންކަން ކުރެއެވެ. މިފަދައިން އަމަލުކުރުމުގެ ބޭނުމަކީ އެހެންމީހުންނާ ދުރުކޮށް، ނަފްސާނީގޮތުންނާއި، އަދި އެހީތެރިކަމާއި ހިތްވަރަށް ހަމައެކަނި އޭނާއަށް ބަރުސާކުރުވުމެވެ.

ކުށްވެރިކުރުން: މިފަދަ މީހުންނަަށް އަބަދުވެސް ގޯސްވާނީ ތިމާއެވެ. ހާއްސަކޮށް އެމީހަކު ކަންތައް ކުރިގޮތް ގޯސްކޮށްފި ނަމަ އޭގެ ޒިންމާ އަންނާނީ ތިމާގެ ބޮލަށެވެ. އެއީ އަބަދުވެސް ތިމާ ކުރިކަމަކުން، އުޅުނު ގޮތަކުން، ބުނި އެއްޗަކުން ވީކަމެއްކަމުގައި ބުނާނެއެވެ.

މަސްލަހަތު އިންތިހާއަށް ގޯސްވުން: ގޭސްލައިޓް ކުރާ މީހުން ބޭނުންކުރާ އެންމެ ނުރައްކާތެރި އެއް އުކުޅަކީ މިއެވެ. ވަކިކަމަކާއި ގުޅޭގޮތުން އޭނާއާއި ކުރިމަތިލައިފިނަމަ ވަރަށް ބޮޑަށް ރުޅިގަދަވެ، އޭނާ ކުރި ކަންތައްތައް ދިފާއިކޮށް، ބިރުވެރިކަމާއި ނުތަނަވަސްކަން އެ މާހައުލެއްގައި އުފެއްދުމަށް މަސައްކަތްކުރެ އެވެ. މިކަމުގެ ބޭނުމަކީ ދެވަނަ ފަހަރަށް ތިމާއަށް އެފަދައިން ކަންތައް ކުރުމަށް ފަސްޖެހުމާއި، އޭނާގެ ބާރުގެ ދަށަށް ގެނައުމާއި އޭނާގެ ކޮންޓްރޯލްގެ ދަށުގައި ބެހެއްޓުމެވެ.

ގޭސްލައިޓްކުރާ ނަމަ ދެން ހަދާނީ ކިހިނެއް؟

ތިމާގެ އިހުސާސްތައް ގަބޫލްކުރުން: އަބަދުވެސް ތިމާގެ އަށް ހީވާ ހީވުން (އިންސްޓިންކްޓް) ބަލައިގަންނާށެވެ. އިހުސާސްތަކާއި ވިސްނުން އެއީ ކުށްހީ އެއްކަމުގައި ނުދެކޭށެވެ.

ތަޖުރިބާތައް ނޯޓްކުރޭ: މިފަދަ ގުޅުމެއްގައި އުޅޭނަމަ ޖޯނަލް ކުރުމަކީ ވަރަށް ބޮޑު އެހީއެކެވެ. ހިނގާ ހާދިސާތަކާއި، ދެކެވޭ ވާހަކަތަކާއި ތިމާގެ އިހުސާސްތައް ލިޔެ ރައްކާކުރާށެވެ. ބައިވެރިޔާގެ އަމަލުތަކުގައި ވަކި ޕެޓާނެއް ނުވަތަ ވަކި ތަރުތީބެއް ފާހަގަވާނަމަ ޔަގީންކުރުމަށް މި ޖޯނަލްގެ ބޭނުން ހިފޭނެ އެވެ.

އެހީ ހޯދާ: މިފަދަކަމެއް ހިނގާނަމަ އަބަދުވެސް އާއިލާއާއި ގާތް ރަހުމަތްތެރިން ނުވަތަ އެހީތެރިކަން ފޯރުކޮށްދޭ އެކި ހެލްޕްލައިންތަކުގެ ބޭނުން ހިފާށެވެ. އަދި މިފަދައިން ބައިވެރިޔާ ބޭނުންކުރާ އުކުޅުތަކާއި އެއިން ކުރާ އަސަރުތަކާއި ގުޅޭ ސައްހަ މައުލޫމާތު ހޯދާށެވެ. މާ ގިނަދުވަސްވަންދެން މިފަދަ ކަމެއް ތަހައްމަލުކުރާ ނަމަ ކައުންސިލަރެއް ނުވަތަ ތެރަޕިސްޓެއްގެ އެހީ ހޯދުން ރަނގަޅެވެ.

އެ ގުޅުމެއްގެ ކުރިމަގާމެދު ވިސްނާލުން: ކޮންމެ ގުޅުމެއްގައިވެސް ތިމާއަކީ އިހްތިރާމް ލިބޭ މީހަކަށް ވާންޖެހޭނެ އެވެ. ބައިވެރިޔާގެ ފަރާތުން ރައްކާތެރިކަމާއި ސަލާމަތްކަން އިހުސާސްކުރެވެން ޖެހޭނެ އެވެ. އެ އިހުސާސް ނުލިބޭނަމަ އެއީ ކުރިމަގެއް އޮތް ގުޅުމެއްތޯ ވިސްނާލުން ވަރަށް މުހިންމެވެ.

Popular