15 Apr 2025

ނިކޮޓިންގެ ދެވި ފިލުވަން ގިނައިން ފެން ބުއިމާއި ރަނގަޅު ކާނާ

ނިކޮޓިންގެ ދެވި ފިލުވަން ގިނައިން ފެން ބުއިމާއި ރަނގަޅު ކާނާ

By: Asima Nizar

ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ ގެއްލުންތަކާއި އޭގެ ނުރައްކާ ވެސް އެނގެ އެވެ. އެކަމަކު، ދެވިހިފާފައި ހުންނަ ވަރުން ކިތަންމެ ބޮޑެތި ބަލިތަކަކަށް މަގު ފަހިވިޔަސް އެކަމުން ސަލާމަތްވުމަކީ ފަސޭހަ ކަމެއް ނޫނެވެ. ވަކި އުމުރެއް ނޫނެވެ. އެންމެ ޅަފުރައިން ފެށިގެން އުމުރުން ދުވަސްވީ މީހުންގެ ހާލަތަކީ ވެސް މިއީ އެވެ.

އެކަން އެންމެ ބޮޑަށް އެނގުނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގައި ޒިންމާ ހަވާލުކޮށްފައިވާ އެޗްޕީއޭއިން 2020-2021 ގައި ހެދި ސްޓެޕް ސާވޭއިންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި އެމްއެންޔޫ އިން ވެސް ބައިވެރިވެގެން ހެދި ދިރާސާއިން ދައްކަނީ ރާއްޖޭގެ އާބާދީގެ ކޮންމެ ހަތަރު މީހަކުން އެކަކަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހެއް ކަމެވެ.

އޭގެ ތެރެއިން އެންމެ ޒުވާން އުމުރު، 15-29 އަހަރާ ދެމެދުގެ 20.1 ޕަސެންޓު މީހުން ދުންފަތުގެ އިސްތިއުމާލުކުރެ އެވެ.

ފިހާރައަކުން މީހަކު ދެ ސިނގިރޭޓު ގަންނަނީ. --- ފައިލް ފޮޓޯ: މިހާރު

އެކަމަކު، ދުޅަހެޔޮ ޖީލެއް ބިނާކުރަން، އެ އުމުރު ވެސް ހިމެނޭގޮތަށް ސަރުކާރުން ވަނީ "ޖެނެރޭޝަން ބޭން" އަކަށް ދާން ނިންމައިފަ އެވެ. ޖީލަކަށް ދުންފަތް މަނާކުރަނީ އެވެ. ސަރުކާރުން ނިންމާފައިވަނީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރާށެވެ. އެހެންވެ ދުންފަތުން ސަލާމަތްވާން މިހާރުން ފެށިގެން މަސައްކަތް ފެށުމަށް ވުރެ ބުއްދިވެރި ގޮތެއް ނެތެވެ.

އެޗްޕީއޭއިން ބުނީ ނިކޮޓިކް އެޑިކްޝަން އިން ދުރުހެލިވުމަށް އަމިއްލައަށް، ފަސޭހައިން ކުރެވޭނެ ބައިވަރު ކަންތައްތައް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ގިނަގިނައިން ފެން ބުއިމާއި ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުން އަދި އާއިލާއާ އެކު ހޭދަކުރާ ވަގުތު އިތުރުކުރުމަކީ ވެސް، އެޑިކްޝަނުން ދުރަށް ދެވޭނެ ކަންތައްތައް ކަމަށް ބުންޏެވެ.

އޭގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ސެޒޭޝަން ކްލިނިކަށް ޒިޔާރަތްކުރުމާއި ނިކޮޓިކް ޕެޗު ފަދަ ތަކެތި ބޭނުންކުރަން ފަށައިފި ނަމަ މިކަމުން ސަލާމަތްވުމަކީ އުނދަގޫ ކަމެއް ނޫނެވެ. އެ ފަރުވާތަކާއި ބޭސްތައް އާސަންދައިން ލިބެ އެވެ.

ސިޒޭޝަން ކްލިނިކްތައް މި ވަގުތު މާލޭގެ ފަސް ތަނަކާއި ށ. ފުނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ލިބެ އެވެ.

އެ ކްލިނިކްގެ ހިދުމަތް ލިބެން ނެތް ނަމަ ނުވަތަ އަމިއްލައަށް ދުންފަތް ބޭނުންކުރުން ހުއްޓާލަން ބޭނުންވާނަމަ "ކުއިކްސްޓާޓް" އެޕް ބޭނުންކުރުމަކީ ވެސް ބޮޑު އެހީއެކެވެ. ނޫނީ އެޗްޕީއޭގެ ހޮޓްލައިން، 1676 އަށް ގުޅައިގެން ވެސް އެހީތެރިކަން ހޯދިދާނެ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ދުންފަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ

Popular