17 Apr 2025

މި ކުދިންނާ އެކު އޮތީ ދިގު ދަތުރެއް، ފަހަތަށް ނުޖެހޭތި

މި ކުދިންނާ އެކު އޮތީ ދިގު ދަތުރެއް، ފަހަތަށް ނުޖެހޭތި

By: Asima Nizar

ދަރިފުޅަށް ކިޔަވައިދީ މޮޅު ކުއްޖަކަށް ހެދުމަކީ ކޮންމެ ބެލެނިވެރިއެއްގެ ވެސް އެންމެ ބޮޑު އުންމީދެވެ. މައިންބަފައިންގެ އެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސޭނެ ދުވަހަކަށް ޓީޗަރުން އިންތިޒާރުކުރެ އެވެ. އެކަމަކު ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ މައިންބަފައިންނާއި އެ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންގެ މިކަމުގައި އަދި މާ ތަފާތެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމުގެ ތަޖުރިބާކާރު ޓީޗަރު، ރަހުމާ އީސާ ބުނި ގޮތުގައި އާ އަހަރަކަށް ކިޔެވުން ފެށިފައި ވާއިރު ޓީޗަރުންނާއި ބެލެނިވެރިން ބައްދަލުކޮށް ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެއްކަން ސްކޫލު ލެވެލްގައި ބުނެދޭން ޖެހެ އެވެ.

އިމާދުއްދީގައި ގިނަ އަހަދުތަކެއް ވަންދެން މަސައްކަތްކުރުމަށް ފަހު ހުޅުމާލޭގެ ކާމިލް ދީދީ ޕްރައިމަރީ ސްކޫލަށް ބަދަލުވި ޓީޗަރު ބުނި ގޮތުގައި އެކި ކުދިންނަށް ކަންކަން ނަގައިގަނެވޭ ގޮތް ތަފާތުވުމުން، އެ ކުއްޖެއްގެ ކިބައިގައި ހުރި ހުނަރު ދެނެގަނެ، އެކަން ކުރިއަރުވަން ސްކޫލުގައި ޓީޗަރުން އަދި ގޭގައި ބެލެނިވެރިން ވެސް އަދާކުރަންޖެހޭ ދައުރު ބޮޑުވެފައި ތަފާތެވެ.

ރަހުމާ، ކްލާސްރޫމެއްގައި ކުއްޖަކަށް ކިޔަވައިދެނީ.

ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ބެލުމަކީ އުނދަގޫ ކަމަކަށް ވިޔަސް، ރަހުމާ އެދެނީ އެފަދަ ކުދިން ވެސް ގަވައިދުން ސްކޫލަށް ފޮނުވައިދިނުމަށެވެ. އެއީ ކުއްޖާއަށް ހަގީގީ ފައިދާ ލިބެނީ ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތުން ކަމަށް ވާތީ އެވެ.

"ގަވައިދުން ކުއްޖާ ސްކޫލަށް ގެނެސްދޭށޭ. ގެނެސްދިނީމާ ކުއްޖާއަށް ބޭނުންވާ އިންޓަވެންޝަންތައް ކުރިއަށްގެންދެވޭނީ. ބައެއް ކުދިން އުޅޭނެ ތެރަޕީއަށް ގެންދާ ކުދިން ވެސް. އެހެންވީމާ ވަރަށް ބޮޑަށް ޓީޗަރާ ޕޭރެންޓު ވަރަށް ބޮޑަށް ވާހަކަ ދެކެވިގެން ކުއްޖާއަށް އެއް އުސޫލަކުން އަމަލުކުރަންޖެހޭ،" ރަހުމާ ބުންޏެވެ.

"ސްކޫލުގައި ވަކި ގޮތަކަށް ކޮށްފައި، ގޭގައި ވަކި ގޮތަކަށް، ތެރަޕީގައި ވަކި ގޮތަކަށް. އެއް ކަމެއް ތަފާތު ތިން ގޮތަކަށް ގެންދަންވެއްޖިއްޔާ ވަރަށް އުނދަގޫ ވެސް ވާނެ. އޭގެ ބަދަލުގައި ކުއްޖާ ގޮވައިގެން ކުރިއަށް ދިޔައީމާ ކުރިއެރުން ފެނިގެންދާލެއް އަަވަސް."

ކްލާސްރޫމުގައި ހަމައެކަނި ބޯޑުން ކިޔަވައިދިނުމުގެ ބަދަލުގައި ތަފާތު ތަކެތި ބޭނުންކޮށްގެން ކިޔަވައިދިނުން މުހިއްމު ކަމަށާއި އަދި ކްލާސް ރޫމުގައި އިތުރު އެހީ ބޭނުންވާ ކުއްޖެއް ހުރި ނަމަ އެ ކުއްޖަކު ބައިވެރިކޮށްގެން ގްރޫޕު މަސައްކަތް ހެދުމަކީ، އެ ކުދިންނަށް ލިބޭނެ ބޮޑު އުފަލެއް ކަމަށް، ކިޔަވައިދިނުމުގައި 31 އަހަރު ހޭދަކޮށްފައިވާ ޓީޗަރު ބުންޏެވެ.

އޭނާ ބުނީ ގޭގައި ވެސް ބެލެނިވެރިންނަށް އެގޮތަށް މަސައްކަތްކުރެވިދާނެ ކަމަށެވެ.

"އެ ކުއްޖާއަށް ސްޕެޝަލީ ފޯކަސްކޮށްގެން ތަފާތު އޭނާއަށް ދަސްކުރަން ފަސޭހަ، ނޫނީ އޭނާ ލައިކްވާ ގޮތަކަށް ބޮޑަށް ކުރިއަށް ގެންދަންވާނީ،" ރަހުމާ އޭނާގެ ތަޖުރިބާ ހިއްސާކުރި އެވެ.

ސެން ޓީޗަރަކަށް 2004 ވަނަ އަހަރު ރަހުމާ ބަދަލުވިއިރު، ނުކުޅެދުންތެރިކަން ހުންނަ ކުދިން ސްކޫލަށް ގެންދިއުމަކީ އެހާ އާއްމު ކަމެއް ނޫނެވެ. އެއީ "މޮޔަ ކުދިން" ގެ ގޮތުގައި އޭރު އޮންނަނީ ވަރަށް ބޮޑަށް ލޭބަލްވެފަ އެވެ.

ރަހުމާ ބުނީ އެ ކުދިން ގޮވައިގެން ދާއިރު "މޮޔަ" ކުދިން ގޮވައިގެން ކުރެވޭނީ ކޮން ކަމެއްތޯ ވެސް މީހުން ސުވާލު އުފެއްދި ކަމަށެވެ. އެކަމަކު، މިހާރު ނުކުޅެދުންތެރިކަން ހުންނަ ކުދިން ގޮވައިގެން އުޅޭއިރު އެފަދަ ބަސްތައް އަމާޒުވުން މަދުވެއްޖެ ކަމަށާއި އެއީ މި ކަންކަމުގައި އޮތް ހޭލުންތެރިކަން ކުރިއަށްވުރެ ބޮޑުވީމާ ކަމަށް ރަހުމާ ގަބޫލުކުރެ އެވެ.

މި ހުރިހާ ކަމެއްގެ ތެރެއިން ބެލެނިވެރިންގެ މާޔޫސްކަން ބޮޑުވެ އެވެ. އެކަމަކު، ރަހުމާ ގަބޫލުކުރަނީ ރަނގަޅު ވިސްނުމެއްގައި ނޫނީ ކުރިއަށް ނުދެވޭނެ ކަމެވެ.

"މިއީ ދަތުރެއް. އެންމެން ދަސްކޮށްގެން ކުރިއަށް ދިޔައީމާ ރަނގަޅުވާނެ. ގިވްއަޕްނުކޮށް. ވަރަށް ބޮޑަށް ޕޮޒިޓިވް މައިންޑްސެޓެއްގައި ވޯކް ކޮށްގެން ނޫނީ ނުދާނެ. ކުރާ ހިތުން ކުރަން ޖެހޭނީ،" އޭނާ ބުންޏެވެ.

ސެންގައި ކިޔަވައިދޭއިރު ދަރިވަރަށް ކިތަންމެ ކުޑަ ކަމެއް ދަސްވިޔަސް ލިބޭ ހިތްހަމަޖެހުން އެތައް ގުނައަކުން ބޮޑެވެ. މި ދިގު ތާރީހުގައި މިހާތަނަށް ލިބުނު އެންމެ ބޮޑަށް ހިތްހަމަޖެހުމަކީ އިމާދުއްދީން ސްކޫލުގައި މަސައްކަތްކުރިއިރު ސެންގެ ދަރިވަރުން ސެޓްފިކެޓު ލެވެލް 3 ހާސިލްކުރި ދުވަހެވެ. އެއީ ވަރަށް ބުރަ އަދި ދިގު ދަތުރެކެވެ.

ޓީޗަރުން ދަރިން ތަރުބިއްޔަތުކުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުން

Popular