By: Asima Nizar
ކުއްލިއަކަށް ވަރަށް ބޮޑަށް ބަލިވެ، ހޭނެތިގެން ވެއްޓުނެވެ. ވާނުވާއެއް ނޭނގުނެވެ. އިތުރު ފަރުވާއަށް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ ވެސް އޮކްސިޖަން ގުޅައިގެންނެވެ. ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންޖައިޓިސްގެ ޝިކާރައަށް ދެ ކުދިންގެ މަންމަ، އާމިނަތު ނަޝީދާ ވެފައިވާކަން އެނގުނީ މާލެ ގެނެސް ސީޓީ ސްކޭން ހެދި ފަހުންނެވެ.
އެ އިންފެކްޝަނަށް ފަރުވާ ލިބުން ލަސްވެއްޖެ ނަމަ ފުރާނަ ސަލާމަތްނުކުރެވޭނެ ކަމަށް ޑޮކްޓަރުން އޭރު ބުންޏެވެ. އެހެންވެ، ވަގުތުން ފަރުވާ ފަށައި ވަރުގަދަ އެންޓިބަޔޮޓިކްތައް ދޭން ފެށި އެވެ. އޭގެ ވަރުގަދަ އަސަރުން، ބޮލާއި ބުމަ އާއި އެސްފިޔައިން އިސްތަށި ފައިބަން ފަށައި ހަންގަނޑު ނޮޅެން ފެށި އެވެ. ނިޔަފަތިތަކަށް ވެސް ހުރީ ލޭ އަރައިފަ އެވެ.
ނަޝީދާ ބުނީ ހޮސްޕިޓަލުގައި ފުރަތަމަ ހަފުތާ އޮތީ ކޯމާގައި ކަމަށެވެ. ހަތް ދުވަސް ފަހުން ހޭވެރިކަން ވިއިރު އިނގިލި ހަރަކާތެއް ނުކުރެވެ އެވެ. އެކަމަކު، އިންފެކްޝަން ރަނގަޅުވުމުން 21 ދުވަސް ފަހުން ހޮސްޕިޓަލުން ދޫކޮށްލި އެވެ. އޭރު ވެސް އޭނާއަށް އެއްވެސް ވަރަކަށް ނުހިނގޭތީ އުޅެން ޖެހުނީ ފުރޮޅުލީ ގޮނޑީގަ އެވެ. ރަނގަޅަށް އެއްޗެއް ނުކެވޭތީ ގައިގައި އެއްވެސް ވަރެއް ނެތެވެ. އިތުރު ފަރުވާއަށް އަވަހަށް އިންޑިއާއަށް ދިޔަ އެވެ.
"ޑޮކްޓަރު ބުނި އޭރު ވެސް 48 ގަޑިއިރުގެ ތެރޭގައި ފަރުވާ ނުލިބިއްޖެއްޔާ މީހާ މަރުވާނެ ކަމަށް. ސާޅީސް އަށްގަޑިއިރުގެ ތެރޭގައި ފަރުވާ ލިބިގެން ރަނގަޅު ވިއަސް ހުންނާނެއޭ ކޮންމެ ވެސް ކަހަލަ ނުކުޅެދުންތެރިކަމެއް،" 40 ގެ އަހަރުތައް ގުނަމުންދާ ނަޝީދާ ބުންޏެވެ.
އެ ބަލި ޖެހިފައިވާކަން 2007 ވަނަ އަހަރު އެނގުނުއިރު ނަޝީދާ އިނީ އޭނާގެ ތިން ވަނަ ދަރިފުޅަށް ބަލިވެ އެވެ. އެކަމަކު، މެނިންޖައިޓިސް އިން ރަނގަޅުވާން ކެއި ބޭސްތަކުގެ ސަބަބުން ތުއްތު ދަރިފުޅަށް ކުރި އަސަރަށް ބަލައި އިންޑިއާގެ ޑޮކްޓަރުން އެބޯޝަން ހެދީ އެވެ.
ށ. ފުނަދުއަށް އުފަން ނަޝީދާ ބުނި ގޮތުގައި މީހެއްގެ އެހީގައި ވެސް ކިރިޔާ ވެސް ހިނގެން ފެށީ އިންޑިއާއިން ފަރުވާ ނިންމާފައި ރާއްޖެ އައި ހިސާބުން ކަމަށެވެ. އެއާޕޯޓުން އޭނާ ނުކުތީ ދެ ފަރާތުން ދެ މީހުން ހިފަހައްޓައިގެން ތިބެ އެވެ. އެކަމަކު، ރަނގަޅަށް ބެލެންސް ނުކުރެވޭތީ އަމިއްލައަށް ހިނގަން އޭގެ ފަހުން ބިރުގަންނަން ފެށި އެވެ.
އެ ބޮޑު ބަލީގެ ނުރައްކަލުން ސަލާމަތްވިއަސް ރަނގަޅު އެއްޗެއް ނުކެވެ އެވެ. ކުޑަކުދިން ކާ ގޮތަށް "ބަކުން" ހަދައިގެން މަޑުމަޑުން ކާން ދަސްކޮށް، ހިނގަން ވެސް ޖެހުނީ ފަރިތަކުރާށެވެ.
އެ ބަލިން ދެ އަހަރު ފަހުން އަރައިގަނެވުނުއިރު ކައިވެނި ރޫޅިއްޖެ އެވެ.
އަބަދުވެސް ހިތް އޮތީ ކަސްރަތުގައި
ކައިވެނި ރޫޅުމުން މީހާއަށް ކުރިމަތިވި އުނދަގޫތަކާއި ހިތްދަތިކަމުން އަރައިގަނެވޭނެ ގޮތްތައް ދިޔައީ ބަލަމުންނެވެ. އެގޮތަށް ހުއްޓައި، ނަޝީދާއަށް ފެނުނީ ރަށްރަށުގައި ހުންނަ ޔޫތު ސެންޓަރުތަކުގައި މަސައްކަތްކުރާނެ ފިޓްނަސް އިންސްޓްރަކްޓަރުން ހޯދަން 2013 ވަނަ އަހަރު ކުރި އިއުލާނެވެ. ނެށުމަށް އަބަދުވެސް ޝައުގުވެރިކަން ހުންނާތީ ނަޝީދާއަށް ގަބޫލުކުރެވުނީ މިއީ ފައިދާވާނެ ކަމެއް ކުރަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ.
އެކަމަކު، އޭނާ ބުނީ "ޖިމް އެންޑް އެރޮބިކްސް" އިންސްޓްރަކްޓަރުން ތަމްރީނުކުރާ ކޯސް ފެށިއިރު ވެސް މެނިންޖައިޓިސްގެ ސަބަބުން އޭނާގެ ހަށިގަނޑުގެ ބެލެންސް ރަނގަޅު ނުވާ ކަމަށެވެ. ރީއްޗަށް ބޯ ބިންމަތީގައި ޖައްސަން ވީ އުނދަގޫ ކަމަކަށެވެ. ނަމަވެސް، އިންސްޓްރަކްޓަރުން އެންގީ ކަސްރަތުކުރާ ވަރަކަށް ހާލަތަށް ކުރިއެރުން ލިބޭނެ ކަމަށެވެ.
އެ ތަމްރީނު ނިންމާފައި ނަޝީދާ ރަށުގެ ޒުވާނުންގެ މަރުކަޒުގެ ވަޒީފާއާ ގުޅުނެވެ. އެ ހިސާބުން އޭނާ ދިޔައީ ގަވައިދުން ކަސްރަތުކޮށް، ކެއުމުގެ ކަންކަން ރަނގަޅަށް ބަލަަހައްޓަމުންނެވެ. އޭގެ ބަދަލުތައް މީހާ ހަށިގަނޑުން ފެންނަން ފެށި އެވެ. ހަމުގެ ކުލަ އިހު ހުރި ގޮތަށް ރީތިވި އެވެ. ނަފްސާނީ ގޮތުން ވަމުން ދިޔަ އުނދަގޫތަކުން އަރައިގަނެވުނެވެ.
އެކަމަކު ދެން ކުރިމަތިވީ ނަޝީދާގެ ހަޔާތުގައި ދިމާވި އެންމެ ހިތްދަތި ހާދިސާއާ އެވެ. ރަނގަޅު ސިއްހަތެއްގައި ހުރި ހަގު ދަރިފުޅު، ގެ ކައިރީގައި ކުޅެން އުޅެނިކޮށް ކަރަންޓުގައި ޖެހިގެން 2016 ވަނަ އަހަރު ނިއާވީ އެވެ. އެ ހިސާބުން، ރަށުގައި ހުންނަން ނަފްސާނީ ގޮތުން އުނދަގޫވި ކަމަށް ނަޝީދާ ބުންޏެވެ.
"ދޮށީ ދަރިފުޅު ވެސް ސްކޫލު ނިންމާފައި ހުރީމާ ރަށުގައި އުޅެން ބޭނުން ނުވީ ހަމަ. އެހެންވެ، 'ހެލްތީ ލައިފްސްޓައިލް' ކިޔާފައި ރަށްރަށަށް ދަތުރުކުރަން ފެށީ ކަސްރަތު ޕްރޮގްރާމް ހިންގަން،" ޕާސަނަލް ޓްރެއިނަރެއް ކަމަށްވާ ނަޝީދާ ބުންޏެވެ.
"އަޅުގަނޑުގެ ލައިފްގައި މި ދިމާވި ކަންތައްތަކުގެ އެހީގައި، ތަޖުރިބާގައި އަޅުގަނޑު މީހުންނަށް [ކިޔައިދެނީ] ކަސްރަތުގެ މުހިއްމުކަމާއި އަޅުގަނޑަކީ ވީލްޗެއާގައި އިންނަން ޖެހުނު މީހެއްކަމާއި ވަރަށް ބަލިވެގެން ދިޔަ މީހެއްްކަން. ނަފްސާނީގޮތުން ވެސް ބަލިކަށިކަން އަންނާނެތާ ވަރަށް ބޮޑަށް. އެ ހުރިހާ ކަމަކުން އަރައިގަނެވުނީ އިރާދަކުރެއްވިއްޔާ ދުވަހަކު ވެސް ސެޝަނެއް ނުނަގަން،"
"އެންޒައިޓީގައި ވެސް އެންމެ ގޯސް ހިސާބަށް ދިޔަ އޭރު ލައިފްގައި. ހޮސްޕިޓަލުގައި ދެތިން ދުވަހުން އެއް ދުވަހު އެޑްމިޓުކޮށްފައި، ވާގޮތެއް ނޭނގި، މަރުވާން އުޅެނީއޭ ހީވޭ އަނެއްކާ. އެކަމަކު ވެސް ހިތަށް އެރީ ބޭސް ކައިގެން ހައްލުކުރާކަށް މަސައްކަތެއް ނުކުރާނަމޭ،"
އެ ދަތުރުގައި މިހާތަނަށް 15 އަށްވުރެ ގިނަ ރަށަށް ވަނީ ގޮސްފަ އެވެ. އޭގެ ތެރެއިން ބައެއް ތަންތަނަށް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ގޮސްފައިވެ އެވެ.
ނަޝީދާ ބުނި ގޮތުގައި އޭނާއަށް ދިރިއުޅުމުގައި ދިމާވި އެ ހުރިހާ ކަމަކުން ވެސް ބޭނުންވީ ބޭހާ ނުލައި ރަނގަޅުވާނެ ގޮތް ހޯދާށެވެ. އެންމެ ރަނގަޅު ގޮތަކަށް ވީ ޒުމްބާ ކަހަލަ ކާޑިއޯ ވޯކްއައުޓެވެ. އެހެންވެ، ރަށްރަށަށް ކުރާ ދަތުރުތަކުގައި ވެސް ބޭހާ ނުލައި ޖިސްމާނީ އަދި ނަފްސާނީ ގޮތުން މީހާ ވަރުގަދަވުމަށް މަސައްކަތް ކުރެވޭނެ ގޮތްތައް ކިޔައިދޭން ފެށި އެވެ. ނަފްސާނީ ގޮތުން އުނދަގޫވުމުން ބަރޯސާ ވެވެނީ ޑޮކްޓަރީ ބޭހަށް ކަމަށާއި އެކަމަކު އެއީ، ނަޝީދާ ބުނި ގޮތުގައި، ދާއިމީ ހައްލެއް ނޫނެވެ.
21 ދުވަހުގެ ޗެލެންޖު: ވަރަށް ކާމިޔާބު
ރައްޓެއްސެއްގެ ފަރާތުން އެނގުނީ 21 ދުވަހުގެ ޗެލެންޖުގެ ނަމުގައި ބަޔަކު ހިންގާ ޕްރޮގްރާމުން 5،000-6،000ރ. ނަގައިގެން އުޅޭ ކަމެވެ. އެކަމަކު، ކަސްރަތުގެ ދުނިޔެއެއްގައި އުޅޭ ނަޝީދާ ބުނީ އެއީ އެއަށް ވުރެ މާ އަގުހެޔޮކޮށް ހިންގޭނެ ހަރަކާތެއް ކަމަށެވެ. އެހެންވެ، އެކަމަށް ޝައުގުވެރިވާނެ ބަޔަކު ހޯދަން މީގެ ދެ އަހަރު ކުރިން އޭނާގެ ފޭސްބުކުގައި އިއުލާނުކުރުމުން 40 މީހުން ބައިވެރިވި އެވެ.
ނަޝީދާ ބުނީ ތިން ހަފުތާގެ ތެރޭގައި މަދުވެގެން ފަސް ކިލޯ ދުއްވާލުމަކީ އޭގެ ފުރަތަމަ ޕްރޮގްރާމަށް އޭނާ ކަނޑައެޅި ޓާގެޓު ކަމަށެވެ. އަދި އެ މީހަކު ދުއްވާލި ވަރަށް ބަލައި ފައިސާގެ އިނާމު ދޭން ހުށަހެޅި އެވެ. އެ ޗެލެންޖުގައި ބައިވެރިވި ދެ ބައިކުޅަ އެއްބައި މީހުން ފަސް ކިލޯ ލުއިކޮށްލި އެވެ.
"ދެ ކިލޯ ލުއި ކުރި މީހުންނަށް 200ރ. ތިން ކިލޯ ލުއިކުރި މީހުންނަށް 300ރ.، ހަތަރު ކިލޯ ލުއިކުރި މީހުންނަށް 400ރ. އަދި ފަސް ކިލޯ ލުއި ކުރި މީހުންނަށް 500ރ. ދިނިން،" ނަޝީދާ ބުންޏެވެ.
ފުރަތަމަ އެ ޗެލެންޖު ހިންގީ 500ރ. އަށެވެ. އޭރު ހަފުތާގެ ފަސް ދުވަހު އޮންލައިންކޮށް ސެޝަން ވެސް ނަގައިދެ އެވެ. އެކަމަކު، ވަކި ހިސާބަކުން، ކްލާހުގައި ބައިވެރިވާން މީހުންނަށް އުނދަގޫވުމާއި ނަޝީދާ ވެސް ރަށްރަށަށް ދަތުރުކުރަން ޖެހޭތީ އެ ފީ 350ރ. އަށް ކުޑަކޮށް، ވައިބާގައި ގްރޫޕު ހިންގަން ފެށި އެވެ.
މިހާރު ވެސް މަހަކު އެއް ފަހަރު ހިންގާ 21 ދުވަހުގެ ޗެލެންޖުގައި ކޮންމެ ބުރަކު ވެސް މަދުވެގެން 100 މީހުން ބައިވެރިވެ އެވެ. އެ ޗެލެންޖު ކާމިޔާބެވެ. ކޮންމެ ސީޒަންގައި ރިޕީޓްކޮށް ތިބޭ ބައެއް ވެސް އުޅެ އެވެ. އަދި ބަރުދަން ހުންނަންޖެހޭ ވަރަށް ގެނައުމަށް އެއްވެސް އަގަކާ ނުލައި 2-3 މަސް ވަންދެން އެ މީހުންނަށް އިތުރަށް ކިޔައިދެ އެވެ.
ނަޝީދާ، ރަށެއްގައި ކްލާހެއް ހިންގައިދިނުމަށް ފަހު ފޮޓޯއަކަށް ހުއްޓިލައިގެން.
އެ ޗެލެންޖުގައި ނަޝީދާ ކިޔައިދެނީ ގޭގައި ފަސޭހައިން ކުރެވިދާނެ ކަސްރަތުތަކާއި ރަށުގައި ނުވަތަ ގޭގައި ފަސޭހައިން ލިބެން ހުންނަ ތަކެތިން ތައްޔާރުކޮށްލެވޭނެ ސިއްހަތަށް ފައިދާ ހުރި ކެއުންތަކެވެ.
"އެއްވެސް ސަޕްލިމެންޓެއް ނުދެން. އެއްވެސް ކަހަލަ މި ހުންނަ ޑްރިކްސް އެއްޗެހި ނުދެން. ގޭގައި އަމިއްލައަށް ކައްކާ އެއްޗެހި، ރަށްރަށުގައި އާއްމުކޮށް ލިބެން ހުންނަ އެއްޗެހި ތައްޔާރުކޮށްގެން މި ކެއުންތައް މި ގެންދަނީ. އެންމެންނަށް ވެސް ފަސޭހަ ގޮތަކަށް ވީ،" ނަޝީދާ ބުންޏެވެ.
"ވަރަށް ކާމިޔާބު ހަމަ. ސީޒަންތަކުގައި ބަރުދަން ލުއިކޮށްފައި އެބަހުރި. ހުންނަންވާ ބަރުދަނަށް 4-5 މަސް ތެރޭގައި ގެނެވިފައި ހުންނަ މީހުން ވެސް. ހެލްތީކޮށް ކެއުމާއި ހަރަކަތާކުރުމާއި ގެންގުޅެމުން އައީމަ ފަލަވެފައި ހުންނައިރު ހުންނަ ހެލްތު އިޝޫސްތައް ވެސް އާދޭ ނޯމަލްވެގެން. އެކަންކަމަށް ބޭސް ކާ މީހުން ވެސް، ބޭސްތައް ކޮންޓްރޯލް ވީމަ ވެސް އުފާވާނެ ތާ،"
އޭނާގެ ރެސިޕީގައި ޗެލެންޖުގެ ބައިވެރިވިން ހަދާ މީރު ކެއުންތައް ނަޝީދާގެ "ފިޓް ނަޝް ލައިފު" ގައި އޭނާ އަންނަނީ ހިއްސާކުރަމުންނެވެ.
ނަޝީދާ ބުނީ މި މަސައްކަތުގައި އެންމެ އުފާވަނީ ހަކުރު ބައްޔާއި ކޮލެސްޓްރޯލް ހުންނަ މީހުންގެ ހާލަތު ނޯމަލް ކަމަށް ބުނުމުންނެވެ. އަދި ޕީސީއޯއެސްގެ ސަބަބުން ކުއްޖެއް ނުލިބި، ނަޝީދާގެ ފަރާތުން އެނގުނު ރަނގަޅު ޑައިޓާއި ކަސްރަތުގެ ސަބަބުން ހާލަތު ރަނގަޅުވެ، ކުއްޖެއް ލިބުނު ކަމަށް ބުނާ ވާހަކަތަކަކީ މިކަން ކުރިއަށް ގެންދިއުމުގައި އޭނާއަށް ލިބޭ އެންމެ ބޮޑު އުފަލެވެ.
"އަޅުގަނޑަށް އެ ކަހަލަ ތަޖުރިބާއެއް ކުރަން ޖެހިފައި، އެ ހުރިހާ ކަމަކުން ބޭހާ ނުލައި ކަސްރަތާއި ކެއުން މެއިންޓެއިންކޮށްގެން ހެލްތީ ލައިފްސްޓައިލަކަށް އުޅެގެން މިގޮތަށް ރަނގަޅުވީމަ ދެން އަޅުގަނޑު ބޭނުންވަނީ އެހެން މީހުންނަށް ވެސް އޭތި އެ ގޮތަށް ކިޔައިދެން." ނަޝީދާ ބުންޏެވެ.
މި ފަހުން ގއ. މާމިގިލީގައި ކަސްރަތު ކްލާހެއް ހިންގައި ނިމުނުތަނާ ނަޝީދާއަށް އުފަން ރަށުން ވަޒީފާއެއް ލިބިއްޖެ އެވެ. އޭރު އޭނާ ވިސްނައިގެން ހުރީ 4-5 ރަށަކުން ދައުވަތު ލިބިފައި އޮތުމުން ރޯދަ ނިންމާފައި އެ ރަށްރަށަށް ދާށެވެ. އެކަމަކު، މި ވަގުތު އަދި މަޑުކޮށްލައިގެން ހުރީ ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުން ލިބުނު ވަޒީފާއަށް ވަގުތު ދޭށެވެ.
ނަޝީދާ ބުނީ ރަށްރަށަށް ގޮސް އެ ތަނެއްގައި ފަސޭހައިން ކުރެވެން ހުންނަ ކަސްރަތުތައް ކުރާ ކަމަށެވެ. ހަފުތާ ބަންދުގައި ފަތިހު މޫދުގައި ކަސްރަތުކޮށްފައި އައުޓްޑޯގައި ވޯކްއައުޓު ނިންމުމަށްފަހު 15-20 މިނެޓު ހޭދަކުރަނީ ނަފްސާނީ ދުޅަހެޔޮކަމަށް ރަނގަޅު ކާނާ ކެއުމުގެ މުހިއްމު ކަމާއި މީލް ޕްލޭންތައް ހަދާނެ ގޮތްތައް ކިޔައިދޭށެވެ.
ހެލްތީ ލައިފްސްޓައިލް ޕްރޮގްރާމުން އެކަނި ވެސް މިހާރު 1،500 އަށްވުރެ ގިނަ އަންހެނުންނަށް ކަސްރަތުކުރާނެ ގޮތްތައް ކިޔައިދީފި އެވެ. އޮންލައިކޮށް 2000 އެއްހާ މީހުން އަހުލުވެރިކޮށްފި އެވެ. ކަސްރަތުކުރުމާއި ދުޅަހެޔޮކަމުގެ މުހިއްމުކަން އެނގި އަދި ދިރިއުޅުމަށް ނެގި ބިޔަ ރާޅުތަކުން ސަލާމަތްވި ގޮތްތައް ކިޔައިދިނުމަށް އޭނާ ވަނީ ހިލޭ ސާބަހަށް ވެސް ރަށްރަށަށް ދަތުރުކޮށް، މި މަސައްކަތް ކޮށްދީފަ އެވެ.
"ރަށްރަށަށްގޮސް ވަރަށް ގާތުން މީހުންގެ ހާލުއަހުވާލު ފެނި، ވާހަކަތައް އަޑުހަައި އެނގޭ މިންވަރަކުން އެހީތެރިވެދިނުމަކީ އަދި އެ ރަށްރަށުގެ ގުދުރަތީ ރީތިކަން ދެކިލުމަކީ ވެސް އަޅުގަނޑު ވަރަށް ޝައުގުވެރިކަން ހުންނަ ކަންކަން." އޭނާ ބުންޏެވެ.