By: Maaidha Mohamed Rashad
އަލަތު ދަރިފުޅަށް ބަލިވެ އިނުމާ އެކު ވެސް އައިމިނަތު ނިއުލީނާ އާއި އޭނާގެ ފިރިމީހާ، އާއިލާގެ ގާތުގައި އެދުނީ އެ ކުއްޖާއާ ދިވެހި ބަހުން ނޫން ގޮތަކަށް ވާހަކަ ނުދެއްކުމަށެވެ. މިހާރު ގިނަ ކުދިންނަށް އެ ކުދިންގެ އަމިއްލަ ބަހުން ވާހަކަ ދައްކަން ނޭނގުމަކީ އެހެން ބުނަން ޖެހުނު ސަބަބެވެ.
މިހާރު އުމުރުން ހަ އަހަރުގެ ހައިރާ ޔޫލީ ޔަމާން ދިވެހި ބަހަށް ފަރިތަވެ ގޭގައި އަދި ރައްޓެހިންނާ އެކު ވެސް ދިވެހި ބަހުން ނޫނީ ވާހަކަ ނުދައްކަ އެވެ. ހަމަ މިކަން އިތުރަށް ފުޅާކުރަން "ހައިރާގެ ދަތުރު" ގެ ނަމުގައި އިންސްޓަގްރާމްގައި ޕޭޖެއް ހަދައިގެން ހައިރާ މިހާރު ގެންދަނީ ކުދިންނަށް ދިވެހި ބަސްތައް އެހެން ކުދިންނަށް ކިޔައިދެމުންނެވެ.
ހައިރާ.
އެކި އެއްޗިއްސަށް ދިވެހިން ކިޔާ ނަން ބުނެދޭ ވީޑިއޯތައް ހަދައި މިދިޔަ ރޯދަ މަހުގެ ތެރޭގައި ކޮންމެ ދުވަހަކުހެން ހައިރާ ދިޔައީ އިންސްޓަގްރާމް މެދުވެރިކޮށް ކިޔައިދެމުންނެވެ. އެކި ކަންކަމުގައި ބޭނުންކުރާނެ ބަސްތަކާއި އެއްގަމާއި ކަނޑު އަޑީގެ ދިރުންތަކަށް ކިޔާ ދިވެހި ނަންތައް ބުނެދެ އެވެ.
ހައިރާގެ ވީޑިއޯތަކުގައި އެކި ކަހަލަ މެސެޖުތައް ވެސް ދީފައިވެ އެވެ. އޭގެ ތެރޭގައި ކުދިންނަށް ގަނާ ނުކުރުމަށް ވެސް ނަސޭހަތްދީފައިވެ އެވެ.
ހައިރާގެ މަންމަ ބުނީ އެންމެ ކުޑައިރުން ފެށިގެން ވެސް ހައިރާ ވަރަށް ގިނައިން "ހިއްސާކޮށްލާށޭ" ކިޔާ ކަމަށާއި އެކަމަކު އެ ބަހުގެ މާނަ ހައިރާއާ އެކީ އުޅޭ ކުދިންނަށް ނޭނގޭ ކަމަށެވެ. މިހާރު ދެ ހާހާ ގާތްކުރާ އަދަދަކަށް ފޮލޯވަރުން ތިބި އިންސްޓަގްރާމް އެކައުންޓު އުފަންވީ އެ ބަހުގެ މާނަ ކިޔައިދޭން ކުރި މަސައްކަތުގެ ތެރެއިންނެވެ.
ހައިރާ، އޭނާގެ ކޮއްކޮއާ އެކު.
"ހިއްސާކޮށްލާށޭ ބުނީމާ، އެކީގައި އުޅޭ ބައެއް ބޮޑެތި މީހުންނާއި ކުދިންނަށް ވެސް ނޭނގުނު މި ބުނަނީ ކީކޭ ކަމެއް. އެހެންވެ ދެން ހިތަށް އެރީ މި ބަސްތައް ކިޔައިދޭން ވީޑިއޯ ހަދަން،" އިންސްޓަގްރާމް އެކައުންޓު ބަލަހައްޓަމުންދާ އޭނާގެ މަންމަ ބުންޏެވެ.
"އެހެން ހުއްޓާ ހައިރާ ބުނެފި މި ރޯދަ މަހު ހިނގާށޭ ވީޑިއޯ ހަދަން ފަށަން،"
ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑު 1 ގައި ކިޔަވަމުން އަންނަ ހައިރާގެ ވީޑިއޯތަކާ އެކު އާ ބަސްތައް ދަސްވެގެން ބައެއް ކުދިން ބުނާ ކަމަށް ވެސް ހައިރާގެ މަންމަ ބުންޏެވެ.
ހައިރާ ގްރޭޑް އެކެއްގައި ކިޔަވަން ފެށި ފުރަތަމަ ދުވަހު ފޮޓޯއަކަށް ހުއްޓިލައިގެން.
ދިވެހި ބަހަށް މި އާއިލާ އިން ހާއްސަ އިސްކަމެއް ދޭން ފެށީ ބައެއް ކުދިން ކާޓޫނުތަކުގައި ފެންނަ އެކި ކެރެކްޓާ އިން ވާހަކަ ދައްކާ ގޮތަށް ވާހަކަ ދައްކާ މަންޒަރު އާންމުވީމަ އެެވެ. އެހެންވެ، އެމީހުންގެ އަޒުމަކަށްވީ ދަރިފުޅު ސްކްރީނާ ވީހާވެސް ބޮޑަށް ދުރުކުރާށެވެ.
ހައިރާގެ މަންމަ ބުނި ގޮތުގައި ހައިރާއަށް ދެ އަހަރު ބައި ވި އިރު ވެސް އެއްގޮތަކަށް ވެސް ޓީވީ ނުދައްކަ އެވެ. ކުއްޖާއަށް ދޭން ޖެހޭ އެކި މައުލޫމާތުތައް ފޯރުކޮށްދިނީ ވާހަކަ ފޮތްތަކުންނެވެ.
ހައިރާ ދުވުމެއްގައި ބައިވެރިވެ ފޮޓޯއަކަށް ހުއްޓިލައިގެން.
"އަޅުގަނޑުމެން 2.5 އަހަރު ވަންދެން އެއްގޮތަކަށް ވެސް ނުދައްކަން ޓީވީއެއް ވެސް ހައިރާއަށް. ދެން ހަމަ ޑިޒްނީ ކެރެކްޓާސްއާ އެއްޗެހި ވެސް އެނގޭނީ ހަމައެކަނި ވާހަކަތަކުން އޭނާއަށް ކިޔައިދީފައި ހުރީމާ. އެ ހުރިހާ އެއްޗެއް ވެސް އެނގޭނެ. ޓީވީއަކުން، ކާޓޫނަކުން ނޫން،" ކުޑަކުދިންގެ އެއްޗެހި ވިއްކާ ފިހާރައެއް ކަމަށްވާ ޕްލޭޑެން ކިޑްސްގެ އެމްބެސެޑާ ހައިރާއާ ބެހޭ ގޮތުން އޭނާގެ މަންމަ ބުންޏެެވެ.
ޑައިވަރަކަށް ނުވަތަ މެރިން ބަޔޮލިޖިސްޓަކަށް ވުމުގެ އުއްމީދުގައި ހުރި ހައިރާ ބޭނުންވަނީ ކުދިންނަށް މިހާރު ދިވެހި ކިޔައިދޭ ވަރަށް ވުރެ އިތުރަށް ކިޔައިދޭށެވެ. ދިވެހި ބަހުން އެކި ކަހަލަ ވާހަކަތައް ގެނެސްދިނުމަކީ އޭނާ މިހާރު ކުރަން ބޭނުންވާ ކަމެކެވެ.