By: Fathimath Ajufan
ދިވެހިން އާންމުކޮށް ދޮލަނގު ބޭނުންކުރަނީ ހަނޑޫ ހޮވާށެވެ. މިހާރު މަދުން ފެނުނު ނަމަވެސް އެއީ ހަނޑުލުގެ އިތުރުން ބިންބި އާއި ދޮނަޅަ ފަދަ ގޮވާމުގެ ބާވަތްތައް ފޮޅައި ސާފުކުރުމަށް ވެސް އިހުގައި ބޭނުންކުރި އެއްޗެކެވެ. ޒަމާނަށް އައި ބަދަލާ އެކު ދޮލަނގުގެ މި ބޭނުންތައް ކެނޑުނީ އެވެ.
އެކަމަކު އަލުން ދޮލަނގުތައް ހޯދަންޖެހިއްޖެ އެވެ. ދޮލަނގުގައި އެކި ކެއުންތައް ހަދައިގެން އެ ދައްކަން އެންމެން ސޯޝަލް މީޑިއަށް ލަނީ އެވެ.
މިއީ ދިވެހި ކެއުން ހިމެނޭ ބަތް ދޮލަނގާއި ހަވީރު ސައި ބޯލާނެ ހެދިކާ ހުރި ދޮލަނގަކުން ފެށުނު ޓްރެންޑަކަށް ވިޔަސް މިކަން މިހާރު ބޮޑު ސަކަރާތަކަށް ވެއްޖެ އެވެ. ދޮލަނގަށް އަޅާނެ ނާޅާނެ އެއްޗެއް މިހާރު ނޭނގެ އެވެ.
މޫދަށް ގޮސް މަޖާކޮށްލަންދާ ނަމަ ބަތް ދޮލަނގެއް ނުހަދާ މިހާރު ކަމަކު ނުދެ އެވެ. ހަވީރު ފިންޏަށް އަތިރިމައްޗަށް ދަންޏާ ސައި ދޮލަނގެކެވެ.
ދިވެހި ކެއުންތައް ހަދާފައި ހުންނަ ދޮލަނގުގެ މެދަށް އަޅަނީ ބަތެވެ. ރީނދޫ ބަތް، ޓޮމާޓޯ ބަތް، ހުދު ބަތް، ރިހާކުރުލީ ބަތް ނުވަތަ އެހެން ކޮންމެވެސް ވައްތަރެއްގެ ބަތެކެވެ. އޭގެ ވަށައިގެން އެ ކެއުމަށް ދެން ބޭނުންކުރާ އެހެން ބާވަތްތައް އަޅަ އެވެ.
މިރުސް، މަސް، ފިޔާ، ފަތް، ތެއްލި ފަތް، ލުނބޯ ކަހަލަ އެއްޗިއްސެވެ. އަދި އޭގެ އިތުރުން ބައެއް ދޮލަނގުތަކުގައި ވަކިން ތައްޓެއްގައި ރިހާކުރު ދިޔަ، ގަރުދިޔަ ނުވަތަ ރިހާކުރު ވެސް ބަހައްޓާފައި ހުރެ އެވެ.
ބަތާއި ހެދިކާއިން ފެށި ދޮލަނގަށް މިހާރު ނާޅާ އެއްޗެއް ނެތެވެ. އެއް ބަޔަކު އަޅަނީ އެއްކޮށްފައި ހުރި ސެންޓު ފުޅި ތަކެވެ. އަނެއް ބަޔަކު އެކި ވައްތަރުގެ ސުޕާރީ އާއި ތެލުލި ލުއި ކާނާތަކެވެ.
މަސްބާނާ މީހުން އެ ޓްރެންޑުގައި ދޮލަނގަށް އެޅީ މަސް ބާނަން ބޭނުންކުރާ އެކި ކަހަލަ އާލާތްތަކެވެ. ރުފިޔާ އާއި ސީފުޑް ދޮލަނގުތައް ވެސް އެބަ ހަދަ އެވެ.
އެ ޓްރެންޑު ވައިރަލް ވެގެން ގޮސް މިހާރު ބައެއް މީހުން ބަރޯ އާއި އަލަފަތާއި ކެޔޮފަތުގައި ވެސް އެ ޓްރެންޑް ހަދައި މިކަން ޖޯކަކަށް ވެސް ބަދަލުކޮށްފި އެވެ.
ކުރިން ގެންގުޅުނު ދޮލަނގު އޮތް ތާކުން ހޯދައިގެން މިކަމާ އުޅޭށެވެ.